Advertisement

ހަރަދު ކުޑަނުކޮށް ޓެކްސް ބޮޑުކުރުމުގެ މާނައެއް ނެތް: އަމީރު

15 އޮކްޓޯބަރު 2024 - 09:41 1

އަމަން ހަލީމް

އަމަން ހަލީމް

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ޓެކްސް ބޮޑުކޮށްގެން އާމްދަނީ ދަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ހަރަދު ކުޑަނުކޮށް ޓެކްސް ބޮޑުކުރުމުގެ މާނައެއް ނެތް: އަމީރު

15 އޮކްޓޯބަރު 2024 - 09:41 1

ސަރުކާރުގެ ހިންގުމުގެ ހަރަދުތައް، ހާއްސަކޮށް ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދުތައް ކުޑަ ނުކޮށް ޓެކްސްތައް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރަން ޓޫރިޒަމް ދާއިރާގެ ޓެކްސްތައް އިތުރުކުރަން ސަރުކާރުން ނިންމުމާ ގުޅިގެން "އަދަދު" އާ ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ޓެކްސް ބޮޑު ކުރަން ވާނީ ހަރަދު ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހުގައި ކަމަށެވެ. އެކަމަކު މިއަދާ ހަމައަށް ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ބޮޑު ބައި އޮތީ ކަރުދާހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން އެބަ ޖެހޭ ސިޔާސީ މުވައްޒަފުންގެ އަދަދު ކުޑަކުރަން. އަދި ޓެކްސް ފައިސާ ހަރަދު ކުރާ ގޮތް ޓްރާންސްޕޭރެންޓު ވާން އެބަ ޖެހޭ. ސަރުކާރު ކުންފުނިތަކުގެ އެފިޝަންސީ މަތިކުރަން އެބަ ޖެހޭ. ސިޔާސީ ބޭނުންތަކަށް ދަތުރުތައް ކުރުން މަދުކުރަން އެބަ ޖެހޭ. ބޭނުމެއް ނެތް ވެނިޓީ ޕްރޮޖެކްޓުތައް ހުއްޓާލަން އެބަޖެހޭ." އަމީރު ވިދާޅުވި އެވެ.

އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކާ މެދު އަމީރުގެ ކަންބޮޑުވާ އެހެން ކަމެއްގެ ގޮތުގައި ފާހަގަކުރީ މެދު ރާސްތާގެ އާމްދަނީގެ އިސްތިރާޖު (މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓަޖީ) ގައި ނުހިމެނޭ ކަންތައްތަކެއް ކުރަން ހުށަހަޅާފައިވާތީ އެވެ. މިއީ ގާނޫނެއްގެ ދަށުން ގާނޫނީ ބާރުވެރިކަން ލިބިފައިވާ ލިޔުމަކަށްވީއިރު، އެއާ ހިލާފަށް ކަންކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ޓޫރިޒަމް ސިނާއަތަށް އަސަރުކުރާ ގޮތަށް އަނެއްކާ ވެސް ޓެކްސްތައް ބޮޑުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އަމީރު ފާހަގަކުރެއްވި އެވެ. އަދި ކުރިން ޓެކްސްތައް ބޮޑުކުރީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާއެކީ، ރިކަރަންޓު ހަރަދުތައް ފޫބެއްދޭނެ ގޮތަށް ނަމްބަރުތައް ޖަހައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ، މި ބަދަލުތަކަކީ ޓޫރިޒަމް ސިނާއަތުގެ މިހާރުގެ ހާލަތާ ނުބައްދަލު ބަދަލުތަކެއް ކަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން ކުރީ ސަރުކާރުގައި ޓެކްސްތައް ބޮޑުކުރި އިރު ވެސް، ޓޫރިޒަމް ސިނާއަތުގެ މައިގަނޑު ކަންބޮޑުވުމަކަށްވީ އާމްދަނީއަށް ކުރާނެ އަސަރާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ޖަމިއްޔާ، މަޓީއިން މިފަހުން ހިއްސާކޮށްފައިވާ ބައެއް އަދަދުތަކަށް ބަލާއިރު ޓޫރިސްޓުން ރާއްޖޭގައި ތިބޭ ދުވަސްތަކާއި ހަރަދު ކުރާ އަދަދު (އެވެރެޖު ޑެއިލީ ރޭޓު) ދަނީ ދަށަށެވެ. އަދި ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެ، ގެސްޓުހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

މިކަންކަމާ ގުޅުވާ އަމީރު ވިދާޅުވީ ފަހަރުގައި ޓެކްސް އިތުރުކުރުމުން އާމްދަނީ އިތުރުވުމުގެ ބަދަލުގައި ޓެކްސް އާމްދަނީ ދަށްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ސަބަބަކީ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމާއެކީ، އެ ތަންތަނުގެ އާމްދަނީއަށް ކުރާނެ ނުރަނގަޅު އަސަރެވެ. އަދި ރިސޯޓުތައް އަގު ބޮޑުވާ ވަރަކަށް އެއަށް ވުރެ އަގު ހެޔޮ ގެސްޓުހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވިޔަސް، އާމްދަނީ އިތުރު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ޓީޖީއެސްޓީ ބޮޑުކުރުމަށް، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަދި ގްރީން ޓެކްސްއަށް ބަދަލު ގެނައުމަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލު ހުށަހަޅާފަ އެވެ.