Advertisement

ދެ ރައީސުންގެ އޮއްސުން: ޕީއެންއެފާއި ޑެމްސްއަށް ތާއީދެއް ނެތް

21 އޭޕްރީލް 2024 - 21:42 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީން އަދި ރައީސް މުހައްމަދު ނަޝީދު: މަގުބޫލު ކަން ކުރިން އޮތް މި ދެ ލީޑަރުންގެ ތާއީދު ފަނޑުވެއްޖެ


ދެ ރައީސުންގެ އޮއްސުން: ޕީއެންއެފާއި ޑެމްސްއަށް ތާއީދެއް ނެތް

21 އޭޕްރީލް 2024 - 21:42 1

ހަނދާނަށް އަންނަނީ މީގެ 11 އަހަރު ކުރި އެވެ. އޭރު އެއީ ރިޔާސީ އިންތިހާބުގެ ދެވަަނަ ބުރުގައި ވާދަކުރާ ދެ ރިޔާސީ ކެންޑިޑޭޓުންނެވެ. އޭރުން ފެށިގެން މިވީ ދަހަރަށް ވުރެ ދިގު މުއްދަތުގައި ރާއްޖޭގެ ސިޔާސީ މަސައްކަތުގައި، އާންމުންގެ ތެރޭގައި އެއީ އެންމެ މަގުބޫލު ދެ ސިޔާސީ ލީޑަރުންނެވެ.

އެންމެ މައި ދެ ސިޔާސީ ޕާޓީގެ ސަޕޯޓަރުންގެ ގޮތުގައި އޭރު ތިބީ ވެސް ހަމަ ސީދާ އެ ދެ ލީޑަރުންގެ ސަޕޯޓަރުން ގޮތުގައި ކަމަށް ހަމަ ބުނެވިދާނެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޯލިޝަން ހެދުމެއް ވެސް ނެތި އޭރު ގިނަ އަދަދަކަށް ވޯޓު ނަގަ އެވެ.

އެ ބޭފުޅުންނަށް އޮތް ތާއީދު، "ސަޕޯޓާ ބޭސް" އެއް ލައްކައާ ގާތް ކުރާނެ އެވެ. މިހެން މި ބުނަނީ 2013، ގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ވެސް ބަލައިފަ އެވެ. އަދި 2018، ގައި ޔާމީނަށް އަދި ނަޝީދު ތާއީދުކުރި ކެންޑިޑޭޓަށް ލިބުނު ވޯޓަށް ވެސް ބަލައިފަ އެވެ.

އެކަމަކު 11 އަހަރު ފަހުން ދެ ބޭފުޅުން ވެސް ބާރު އޮތް ސިޔާސީ ޕާޓީ ނުވަތަ ޖަމާއަތުން ބާރު ގެއްލުމުން، މިއަދު އެ ދުވަހު އޮތް މަގުބޫލު ކަމެއް ނެތެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ނަޝީދުގެ ލީޑާޝިޕުން އުފެއްދި ޑިމޮކްރެޓްްސްއަށް ގޮނޑިއެއް ކާމިޔާބެއް ނުވެ އެވެ. މި އިންތިހާބަށް ޑިމޮކްރެޓްސްއިން 40 ގޮނޑިއަށް ވާދަކުރާއިރު، މިހާތަނަށް ނަތީޖާތަކުން ޔަގީންވާ ގޮތުގައި އެންމެ ގޮނޑިއެއް ވެސް ނުލިބޭ ކަމަށެވެ. އޭގެ ތެރޭގައި މީގެ ކުރިން އެ ދާއިރާއެއްގެ ގޮނޑި އަބަދުވެސް ފުރުއްވާ މެންބަރުން ވެސް ހިމެނެ އެވެ.

ޔާމީންގެ ލީޑާޝިޕުން އުފެއްދި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ތާއީދާއެކު އަމިއްލަ ގޮތުން ނުކުތް ކެންޑިޑޭޓުންގެ ތެރެއިން ކުރީގައި އެންމެ ކެންޑިޑޭޓަކު ވެސް ނެތެވެ. ޔާމީންގެ ތާއީދު ލިބިގެން 34 ކެންޑިޑޭޓަކު އިންތިހާބަށް ނުކުތެވެ. އެކަމަކު މިހާތަނަށް ނަތީޖާތައް ދައްކަނީ ޔާމީނަށް ތާއީދު ކުރާ އެންމެ ކެންޑިޑޭޓަކު އެކަނި ރަނގަޅު އަދަދަކަށް ވޯޓު ހޯދަމުންނެވެ. އޭގެ ނަތީޖާ ވެސް އަދި ޔަގީނެއް ނޫނެވެ.

ޓްރައިބަލް ޕޮލިޓިކްސް އަދި ވެރިކަމުގެ ބާރު

މީގެ ދަހަރެއް ކުރިން ގިނަ ބަޔަކަށް ބެލެވިފައި އޮންނަނީ ރާއްޖޭގެ ސިޔާސީ މަސައްކަތް އެތުރިފައި ވަނީ މީހެއް ވަށައިގެނެވެ. ނަޝީދާއި ޔާމީނަކީ އެ ގޮތަށް އެތައް ހާސް ސަޕޯޓަރުންތަކެއް އެނބުރޭ ލީޑަރުންނެވެ.

ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން މިހާރު ދެކޭ ގޮތުގައި ރާއްޖޭގައި މި އޮންނަނީ "ޓްރައިބަލިޒަމް ޕޮލިޓިކްސް" އެކެވެ.

"ޓްރައިބަލް ޕޮލިޓިކްސް" ހިނގާ ގޮތަކީ، މުޖުތަމައުގެ ވަކި ބަޔަކު އެހެން މީހުންނަށް ވުރެ ހާއްސަ ކަމަށް ދެކި އެ ބަޔަކު ސިޔާސީ ހަރަކާތް ލީޑު ކުރުމެވެ. އެއިން ކޮންމެ "ޓްރައިބް" އަކަށް ތަބާވާ ގިނަ އަދަދެއްގެ އާންމު މީހުން އުޅޭނެ އެވެ. އެ މީހުންގެ ނަޒަރުގައި ހައްގު މަގުގައި ތިބީ އެ މީހުނެވެ. ދެން ތިބި މީހުން ތިބީ ހައްގު ގޮތް ދޫކޮށްލައިގެނެވެ.

އެ ގަބީލާއެއް ނުވަތަ ސިޔާސީ ޖަމާއަތެއް، އެ މީހުންގެ ވެރިމީހާ ދޫކޮށްލުމުން ވަށައިގެން ދެން ތިބޭ ސަޕޯޓަރުން ދާނީ އާ ވެރިމީހާގެ ފަހަތަށެވެ. ހާއްސަކޮށް ވެރިކަމަށް އާ ވެރިޔަކު އެ މީހުންގެ ތެރެއިން އައިސްފިނަމަ ހުރިހާ ސަޕޯޓަރުން ވެސް އެނބުރޭނީ އާ ވެރިމީހާ ފަހަތުންނެވެ.

ބޭނުމަކަށް އޮންނާނީ އެ ޖަމާއަތަށް ސިޔާސީ ބާރުވެރިކަމާއި ދައުލަތުގެ ބާރުވެރިކަން ހޯދައިގެން އޭގެ ފައިދާތައް އިސް ލީޑާޝިޕް ހޯދާއިރު އާންމު މެންބަރުންނަށް ވެސް ކޮންމެ ވެސް ފައިދާތަކެއް ފޯރުކޮށްދިނުމެވެ. އޭގެ ތެރޭގައި ކުންފުނި ވަޒީފާތަކާއި، ދައުލަތުން ސިޔާސީ މަގާމުތަކާއި، އެ މެންބަރުން ނިސްބަތްވާ ރަށުން ސަރުކާރުގެ ވަޒީފާތަކާއި އަދި ތަރައްގީގެ ބައެއް މަޝްރޫއުތައް ވެސް ހިންގުމެވެ.

އަހުމަދު ފާރިސް މައުމޫންގެ ނަޒަރުގައި ރާއްޖޭގައި ވެސް ފެންނަނީ އެފަދަ ސިޔާސީ ސަގާފަތެކެވެ. އޭނާ މީގެ ކުރިން މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި މި ކަންކަން ސިފަކުރައްވާފައިވަނީ ސިޔާސީ ޕާޓީތަކުގެ ވެރީންގެ މަސްލަހަތަށް ހިންގާ ސަގާފަތެއްގެ ގޮތުގަ އެވެ.

"އަނެއް ޕާޓީގައި ގައުމަށް ހެޔޮ އެދޭ ބަޔަކު ނެތް، ދީނަށް އިހުތިރާމް ކުރާ ބަޔަކު ނެތް، ހައްގު ގޮތުގައި ތިބީ ތިމަންނަމެންގެ ޕާޓީ އެކަނި، މިއީ ދެން ކޮންމެ ޕާޓީއެއްގެ ސަޕޯޓަރުން ވެސް ގަބޫލު ކުރަން ޖެހިފައި އޮތް ގޮތަކަށް މި ކަންތައް މި ހިނގަނީ،" ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ވިދާޅުވެފައިވެ އެވެ.

ފާރިސްގެ އެ ނުކުތާއަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ތާއީދު ކުރައްވަ އެވެ.

"ހައްގުން ވިޔަސް، ނުހައްގުން ވިޔަސް، އިދިކޮޅު ޕާޓީގެ ލީޑަރެއް، ނޫނީ ލީޑަރުންތަކެއް، އެބަ ހުރޭ ޖަލުގައި، ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް، ރައީސް ސޯލިހުގެ ވެރިކަމުގައި ވެސް، އެ ވާހަކައިން އަރައިނުގަނެވިގެން ކޮންމެ ފަހަރަކު ވެސް ދެން މި ދަނީ،" ޑީއާރުޕީ އާއި ޕީޕީއެމްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އުމަރު ވިދާޅުވި އެވެ.

ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމިޓީގެ މުގައްރިރު އަދި އިސްމާއީލް (އިބްރާ) ވެސް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޒަމާނުއްސުރެން ރާއްޖޭގައި އޮންނަނީ ހުދުމުހުތާރު ވެރިކަންތަކުގެ ސިފަތައް ކަމަށާއި ފެހި ގާނޫނު އަސާސީއަށް ފަހު ވެސް ފެންނަނީ އެ ސިފަތަކަށް ވެރީންނާއި ދިވެހީން ވެސް ހޭނިފައިވާ ކަމެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ސަރުކާރުގައި ދަންނަވައިގެން އަހަރުމެންގެ ރަށުގައި ބަނދަރު ހެދުމުގެ ކަންތައް، ރަށުގައި އެ ޕްރޮޖެކްޓް ހިންގަން، ޒާތީ މިވެނި ކަންކަން ހަމަޖައްސަން މެދުވެރިއަކަށް ހުންނަ މީހާއޭ، އެއީއޭ މަޖިލީހުގެ ފަންކްޝަންއަކީ، މީހުންގެ ވިސްނުމަކަށް ބަދަލެއް ނާދޭ،" އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާ ވިދާޅުވި އެވެ.

އެހެންކަމުން ނަޝީދަށް ވެރިކަމުގެ ބާރު ގެއްލި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ބާރު ލިބުމާއި، ޔާމީނަށް ވެރިކަމުގެ ބާރު ގެއްލި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބާރު ލިބުމަކީ ކުރިން މަގުބޫލު ކަން އޮތް ދެ ލީޑަރުންގެ ސިޔާސީ ކެރިއަރު ނިމުމަކާ ދިމާއަށް ދާން ޖެހި ސަބަބު ކަން ސާފެވެ.

ޕީއެންސީގެ އާންމު މެންބަރުން ވެސް ވެރިކަމުން ލިބެން ހުރި ފައިދާގެ ބަދަލުގައި "މަގުމަތި" ވުން އިހުތިޔާރު ކުރަން ޖެހިދާނެ ކަމަށް ދެކޭ ދެކުމަކީ އޭގެ އޮތް ސަބަބު ކަމަށް ބެލެވެ އެވެ.