Advertisement

މަޖިލީހުގެ މެޖޯރިޓީ ލިބުމުން ރައީސްގެ "މިސްޓޭކުތައް" ވަރިހަމަވެއްޖެ!

7 މޭ 2024 - 08:44 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


މަޖިލީހުގެ މެޖޯރިޓީ ލިބުމުން ރައީސްގެ "މިސްޓޭކުތައް" ވަރިހަމަވެއްޖެ!

7 މޭ 2024 - 08:44 2

އެއީ ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓިފައި ހުރި ބޭފުޅެކެވެ. އެއީ އޭނާގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލައި ކުރިން ހުރި އިސް މަގާމަކުން ވަކިކޮށްފައި ހުރި ބޭފުޅެކެވެ. ވަކި ކުރީ ހުތުރު މައްސަލައެއްގަ އެވެ. އޭނާގެ ދަށުން ހުރި މުވައްޒަފެއްގެ ގައިގައި އަތްލައި، ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގަ އެވެ.

އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ތިން ދުވަހުގެ ތެރޭގައި މުހައްމަދު ފަހުމީ ހަސަން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި އެވެ. ނަމަވެސް އާންމުންގެ ފަރާތުން ފާޑުކިޔުން އޮހެން ފެށުމާއެކު އެންމެ ހަތަރު ދުވަހުގެ ތެރޭގައި އޭނާ މަގާމުން ވަކި ކުރި އެވެ.

ފަހުމީ މަގާމަށް އައްޔަން ކުރުން އަދި ވަކި ކުރުމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން، ރައީސް މުއިއްޒު އެކަމަށް ސާފު ޖަވާބެއް ދެއްވި އެވެ. ވިދާޅުވީ އެއީ ސަރުކާރުގެ "މިސްޓޭކެއް ގޮތުގައި" އެމަނިކުފާނު ބައްލަވައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު އައްޔަންކުރި ދެތިން ބޭފުޅަކު، ވަޒީފާއިން ވަކިކުރިން. އާދެ، ދެން އެއީ އިދާރީ ގޮތުން، އަޅުގަނޑުމެންނަށް ހެދިފައި އޮތް ގޯހެއް. އައްޔަން ކުރިއިރުގައި، ބައެއް ކަންތައްތައް ޗެކް ނުކުރެވި، އައްޔަން ކުރެވުނު ކުރުން އެއީ، ރަނގަޅަށް ކުރެވުނު ކަމެއް ނޫން. އަޅުގަނޑު އެކަން، އަޅުގަނޑުމެންގެ މިސްޓޭކެއް ގޮތުގައި ބަލައިގަންނަން ހަމަ. އެއަށްވުރެ ރަނގަޅަށް އެކަން ބެލެންވާނެ،" ޑިސެމްބަރު 5، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވި އެވެ.

ފަހުމީ ސަރުކާރުގެ އިސް މަގާމަކަށް އައްޔަން ކުރުމަކީ "މިސްޓޭކެއް" ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ލިބުމުން، އަނެއްކާ ވެސް ސަރުކާރުގެ އިސް މަގާމެއް ފަހުމީއަށް ދީފި އެވެ. މިފަހަރު ދިން މަގާމަކީ ފޮރިން މިނިސްޓްރީގެ އެމްބެސަޑާ އެޓް ލާޖްގެ މަގާމެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، ސަރުކާރުން ހެދި، ރައީސް މުއިއްޒު އިއުތިރާފުވެވަޑައިގެންނެވި ގޯސް ރަނގަޅު ކަމަކަށްވީތޯ އެވެ؟ ނޫން ނަމަ، އޭޕްރީލް 21، ގައި ނެގި ވޯޓުން ސަރުކާރަށް ލިބުނު ބޮޑެތި ބާރުތަކާއެކު ރައްޔިތުންގެ ދެކޭ ގޮތާއި ހިޔާލު ބޭކާރު ކަމަކަށްވީތޯ އެވެ؟ ފަހުމީ ވަކި ކުރުމާއި އަލުން އައްޔަން ކުރުމާ ދޭތެރޭގައި ތަފާތުވީ ކޮންކަމެއްތޯ އެވެ؟

ފަހުމީ: އިތުބާރު ގެއްލި، އަގު ވެސް ވެއްޓިފައި

ފަހުމީއަކީ މީގެ ކުރިން ދިވެހިރާއްޖޭގައި ގަދަރުވެރި މީހެކެވެ. އިނގިރޭސިވިލާތުން މާސްޓާސް ޑިގްރީއަށް ކިޔަވާވިދާޅުވުމަށްފަހު، މެލޭޝިޔާއިން ޕީއެޗްޑީ ހާސިލް ކުރެއްވި ފަހުމީ އޭނާގެ ކެރިއަރު ފެށީ ބްރޯޑްކާސްޓިން އިންޑަސްޓްރީންނެވެ. އޭނާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ތައުލީމީ ދާއިރާގަ އެވެ. ގާތްގަނޑަކަށް 11 ސްކޫލެއްގައި އިސް މަގާމުތަކެއް އޭނާ އަދާ ކުރެއްވި އެވެ.

ފަހުމީގެ މައްސަލަ ފަޅައިގެންދިޔައީ އޭނާ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނަވާ 2012 ވަނަ އަހަރު އެތަނުގެ އަންހެން މުވައްޒަފެއްގެ ގަޔަށް އަތްލައި ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބަލަން ފެށުމުންނެވެ.

އެ މައްސަލަ އެންމެ ބޮޑުވި ދުވަސްވަރު، ފަހުމީގެ ފުރައްސާރަ އަމާޒުވި ސިވިލް ސާވިސް ކޮމިޝަނުގެ މުވައްޒަފު، ނޫހަކަށް އިންޓަވިއުއެއް ވެސް ދިނެވެ. އެ އިންޓަވިއުގައި ކަން ހިނގައިދިޔަ ގޮތް ވަރަށް ސާފުކޮށް އޭނާ ކިޔައިދިނެވެ.

"ފަހުމީ ގޮވީމަ ގޮސް ހުއްޓުނީ ސޯފާއާ ތިން ފޫޓު ވަރު ދުރުގައި. ހުއްޓުނީމާ ފަހުމީ ބުނީ ކައިރިއަށް އައިސް ބަލާށޭ ސިއްރު ވާހަކައެކޭ. ހަގީގަތުގައި ނޮޓް އެޕްރޮޕިރޭޓް [އެކަށީގެނެއް ނުވޭ] އެހާ ކައިރިއަށް ދާކަށް ވެސް. އެހެންވީމަ ފަހުމީގެ ސައިޑަކަށް ދިޔައީ. ދެން އަޅުގަނޑު ބުނިން ވިދާޅުވާށޭ. ދެން އަތުގައި އެ ބޭފުޅުންނަށް [ކޮމިޝަންގެ ބައެއް މުވައްޒަފުން] ނުފެންނަ ގޮތަށޭ ކިޔާފައި އަޅުގަނޑުގެ އަތުގައި ހިފައިގަތީ،" އެއިރު އުމުރުން 31 އަހަރުގެ ޝަހުމާ ހަލީމް އިންޓަވިއުގައި ބުންޏެވެ.

ޝަހުމާ ބުނީ އޭނާގެ ބަނޑުގައި ފަހުމީ އަތް ކާތަމުން، "ތި ކަހަލަ ރީތި ހުސްހަށި ބައި އަންހެންކުދިން ފަލަވީމާ ކަމަކު ނުދާނެއޭ" ވިދާޅުވި ކަމަށެވެ. އެ ވާހަކަތައް ޝަހުމާ ސިއްރެއް ނުކުރެ އެވެ. އޭނާގެ އާއިލާގެ ބައެއް މެންބަރުންނާ އެ ވާހަކަ ހިއްސާ ކުރި އެވެ. އޭގެ ފަހުން ޝަހުމާގެ އާއިލާގެ ބައެއް މީހުން ފަހުމީއަށް ގުޅި އެވެ. ޖަވާބުގައި ފަހުމީ ފޮނުވީ އެސްއެމްއެސް މެސެޖެކެވެ. އޭގައި ޖަހާފައި އޮތީ "ވެރީ ސޮރީ އިނގޭތޯ" އެވެ.

އަންހެނުންގެ ހައްގުތަކަށް ގޮވާލާ ކުރި މުޒާހަރާއެއްގައި ފަހުމީއާ ދެކޮޅަށް މީހަކު އަޑު އުފުލަނީ: އޭނާގެ މައްޗަށް ދައުލަތުން ދައުވާއެއް ނުކުރޭ -- ފޮޓޯ: ދިވެހި ސިޓީ


އެ މައްސަލަ ބަލައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ފުލުސް އޮފީހަށް ވެސް އެ ފުރައްސާރަ އަމާޒުވި އަންހެން މުވައްޒަފު ހުށަހެޅި އެވެ. އެ މައްސަލައިގައި ފުލުސް އޮފީހުން ވެސް ބަޔާންތަކެއް ނެގި އެވެ. އެކަމަކު މައްސަލަ ކުރިއަށްދިޔަކަމެއް ނޭނގެ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމީ ފަހުމީ ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުނުވާ ކަމަށެވެ.

ނަމަވެސް ފަހުމީ ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައި ނިންމީ އޭނާ މަގާމުން ވަކި ކުރުމަށެވެ. އެ މައްސަލަ ބެލި ކޮމެޓީން ފުރަތަމަ އެންގީ 14 ދުވަހުގެ ތެރޭގައި ފަހުމީ އިސްތިއުފާ ދިނުމަށެވެ. ނަމަވެސް އޭނާ ނިންމެވީ އިސްތިއުފާ ނުދިނުމަށެވެ.

"އަޅުގަނޑުގެ ހައްގުތައް ނިގުޅައިގަނެ އަޅުގަނޑާ މެދު އެއްވެސް ހައްގަކައި ނުލައި އަނިޔާވެރިވުމުގެ މަގުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުހައްސަސާތަކާއި ބެހޭ ކޮމެޓީއަށް މީހަކު ހުށައަޅާފައިވާ އެއްވެސް އަސާސެއް ނެތް ދޮގު ދައުވާއެއްކަން އަޅުގަނޑު ފާހަގަ ކުރަން. އަދި އަޅުގަނޑުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސަތަކާއި ބެހޭ ކޮމެޓީން ފިޔަވަޅުއެޅުން ވެގެންދާނީ އަލަށް ގާއިމްކުރެވޭ ޕްރެސީޑެންޓަކަށް،" ޖުލައި، 2012، ގައި މަޖިލީހުގެ ކޮމިޓީއަށް ފަހުމީ ފޮނުވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އޭގެ ހަތަރު މަސް ދުވަސް ފަހުން ނޮވެމްބަރު، 2012، ގައި މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓަކުން ފަހުމީ މަގާމުން ވަކި ކުރި އެވެ. އޭނާ މަގާމުން ވަކި ކުރީ އެ ދުވަހު މަޖިލީހަށް ހާޒިރުވި 74 މެންބަރުންގެ ތެރެއިން 38 މެންބަރުންގެ ވޯޓުންނެވެ. އޭނަ ވަކި ކުރަން ނުފެންނަ ކަމަށް 32 މެންބަރަކު ވޯޓު ދިނެވެ.

ފަހުމީ ވަކި ކުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ އޭނާ ވަނީ އެ މައްސަލައިގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފަ އެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައި އޮތީ އޭނާ ވަކި ކުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އެ މައްސަލައިގައި ބަދަލު ހޯދަން ވެސް ފަހުމީ ދައުވާ ކުރި އެވެ. ސިވިލް ކޯޓުން ނިންމީ އޭނާއަށް ބަދަލުގެ ގޮތުގައި 421،733ރ. ސަރުކާރުން ދައްކަންޖެހޭނެ ކަމަށެވެ.

އާ ސަރުކާރާއެކު ފަހުމީ އަނެއްކާ ވެސް މުހިންމު މަގާމަކަށް

މި ސަރުކާރުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ފަހުމީ އައްޔަން ކުރީ ނޮވެމްބަރު 20، 2023، ގަ އެވެ. އެއާއެކު ވަރަށް ގިނަ އާންމުން އެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް، ފާޑުކިޔަމުންދިޔަ އެވެ.

ނަމަވެސް މިއީ ޖިންސީ ފުރައްސާރައިގެ މައްސަލަ ފެންމަތިވިފަހުން ފަހުމީ މުހިންމު މަގާމަކަށް އައްޔަން ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ސިވިލް ސާވިސް ކޮމިޝަނުން ފަހުމީ ވަކި ކުރިތާ އަހަރެއް ފަހުން ނޮވެމްބަރު، 2013، ގައި މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވި އެވެ. އަދި އޭގެ ދެ އަހަރު ފަހުން ނޮވެމްބަރު، 2015، ގައި މެލޭޝިޔާގެ ހައި ކޮމިޝަނަރުގެ މަގާމަށް އޭނާ އައްޔަން ކުރި އެވެ.

މެލޭޝިޔާގެ ހައި ކޮމިޝަނަރުގެ މަގާމުން އޭނާ ވަކިވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއެކު އެވެ. ރައީސް ސޯލިހުގެ ދައުރުގައި ފަހުމީ ސަރުކާރުގެ މަގާމަކަށް ނާދެ އެވެ. އަނެއްކާ ވެސް އޭނާ މަގާމަށް މި އައްޔަން ކުރީ މިހާރު ހިނގަމުންދާ ސަރުކާރާއެކީގަ އެވެ.

މެލޭޝިޔާގައި ހުންނަ އެމްބަސީގެ ޑެޕިއުޓީއަކަށް ފަހުމީ އައްޔަން ކުރުމަށްފަހު ފަތްކޮޅު އަރުވަނީ: ކުރީގެ ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމަށް އަންނަން ދެން އޭނާ ހުންނެވީ މެލޭޝިޔާގައި -- ފޮޓޯ: ރައީސް އޮފީސް


ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ފަހުމީ އައްޔަން ކުރުމަށްފަހު، އަމާޒުވި ފާޑުކިޔުންތަކާއެކު އޭނާ ހަތަރު ދުވަހުގެ ތެރޭގައި ވަޒީފާއިން ވަކި ކުރި އެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ވަނީ ފަހުމީއާ ގުޅޭ ގޮތުން ރައީސް މުއިއްޒުއާ ސުވާލު ކުރައްވައިފަ އެވެ. ފަހުމީ ހިމެނޭ ގޮތަށް ސަރުކާރުގެ އިސް މަގާމުތަކަށް އެމަނިކުފާނު އައްޔަން ކުރެއްވި ބައެއް އިސް ބޭފުޅުން މަގާމުން ވަކި ކުރީ ކީއްވެތޯ ނޫސްވެރިއަކު އެހުމުން ރައީސް ވިދާޅުވީ، އެ ބޭފުޅުން ފުރަތަމައިނުން ވެސް އައްޔަން ކުރެވުނީ ބަލަންޖެހޭ މިންވަރަށް ނުބަލައި ކަމަށެވެ.

"އަޅުގަނޑު އެކަން، އަޅުގަނޑުމެންގެ މިސްޓޭކެއް ގޮތުގައި ބަލައިގަންނަން ހަމަ. އެއަށްވުރެ ރަނގަޅަށް އެކަން ބެލެންވާނެ. ދެން އެ އައްޔަން ކުރެވުނު ބޭފުޅުންގެ މައްސަލައެއް ނޫން އެއީކީއެއް. ދެން އެކަން އަޅުގަނޑުމެން ރަނގަޅު ކުރާނަން، ކުރިއަށް އޮތް ތާނގައި. މިހާރު ދެން ދިމައެއްނުވާނެ އެކަހަލަ ކަމެއް. ބައެއް މައުލޫމާތު ޗެކްނުކުރެވި ހުރީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް އޭގެ ހަތަރު މަސް ފަހުން ރައީސް މުއިއްޒު ވަނީ އަނެއްކާ ވެސް ފަހުމީ ފޮރިން މިނިސްޓްރީގެ މަގާމަކަށް އައްޔަން ކުރައްވައިފަ އެވެ. މިފަހަރު އޭނާ ހަމަޖެއްސެވީ އެމްބެސަޑާ އެޓް ލާޖްގެ މަގާމަށެވެ. އޭނާ އައްޔަން ކުރިކަން ނޫސްތަކަށް އެނގުނީ، އޭޕްރީލް 21، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު އޭނާ އޮފީހަށް ނުކުންނަން ފެށުމުންނެވެ.

ފާޑުކިޔުން ގިނަ ނަމަވެސް ސަރުކާރަށް މައްސަލައެއް ނެތް

ސަރުކާރުގެ އިސް މަގާމަކަށް ދެ ވަނަ ފަހަރަށް ފަހުމީ އައްޔަން ކުރީ ކޮން ކަމެއް ބަދަލުވެގެން ކަމެއް ނޭނގެ އެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ނިންމުން ދިފާއު ކުރައްވައިފަ އެވެ.

ފަހުމީ ހިމެނޭ ގޮތަށް ބައެއް ބޭފުޅުން މަގާމުތަކަށް އައްޔަން ކުރެވުނީ ބަލަންޖެހޭ މިންވަރަށް ނުބަލައި ކަމަށް ކުރިން ރައީސް ވިދާޅުވި ނަމަވެސް މިފަހަރު އޭނާ އައްޔަން ކުރީ "ބަލަންޖެހޭ ހުރިހާ ކަމެއް" ބަލާފައި ކަމަށް ސަރުކާރުން ބުނެ އެވެ.

"ރައީސް އެ ވިދާޅުވީ އޭރު އެކަން އޮތް ގޮތް. ފަހުން ރީއެޕޮއިންޓް ކުރައްވާފައިވަނީ ބައްލަވަންޖެހޭ ހުރިހާ ކަމެއް ބެއްލެވުމަށްފަހު،" ފަހުމީީ އަލުން އައްޔަން ކުރުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ބަލަންޖެހޭ ހުރިހާ ކަމެއް ބަލާފައި ނަމަވެސް ފަހުމީ އަލުން މަގާމަށް އައްޔަން ކުރުމުން ވަރަށް ގިނަ މީހުން ފާޑުކިޔުން އަނެއްކާ ވެސް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން، އެކަމާ އެންމެ ކަންބޮޑުވުން ފާޅުކުރި އެއް ބޭފުޅަކީ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރައްވާ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް އެންޑް އެޑްވޮކަސީ މެނޭޖަރު ސާރާ ނަސީމެވެ.

"ޖިންސީ އަނިޔާގެ އަމަލުތައް ހުއްޓުވުމަށްޓަކައި އަނިޔާގެ އަމަލުތައް ރައްދުވާ ފަރާތްތަކަށް އިންސާފު ގާއިމްކޮށްދީ، އިންސާފު ގާއިމްކޮށްދޭ ތަން ފެނުމަކީ ވަރަށް މުހިންމު ކަމެއް. ނަމަވެސް ތަކުރާރުކޮށް ފެނިގެން މި ދަނީ މިފަދަ އަމަލުތައް ރައްދުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނުގެންދެވޭތާ އިތުރު ބާރާއި ނުފޫޒު އެ ފަރާތްތަކާ ހަވާލުވެގެންދާ ތަން،" ފަހުމީގެ މައްސަލައިގައި މި ނޫހާ ވާހަކަ ދައްކަވަމުން ސާރާ ވިދާޅުވި އެވެ.

ފަހުމީ ފަދަ ބޭފުޅުން ބާރާއި ނުފޫޒާއެކު ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރުމުން އެހެން މައްސަލަތަކެއް ކުރިމަތިވާ ކަމަށް ސާރާ ވިދާޅުވި އެވެ. އޭނާ ދެކޭ ގޮތުގައި އެފަދަ މީހުން އައްޔަން ކުރުމުން ޖިންސީ އަނިޔާ ލިބޭ އަންހެނުންނަށް އިންސާފު ލިބުމަށް ހުރަސް އެޅެ އެވެ.

"މިފަދަ މައްސަލަތަކުގައި އިހުމާލުވާ ފަރާތްތައް ޒިންމާދާރު މަގާމުތަކުގައި ތިބުމަކީ އިންސާފު ލިބުމަށް އޮތް ހުރަހެއް އަދި އަންހެނުންގެ ރައްކާތެރިކަން ވަޒީފާގެ މާހައުލުގައި ވެސް ސިޔާސީ މަޝްރަހުގައި ވެސް ޔަގީން ކުރުމަށް ފަހަތަށް އެޅިގެންދާ ފިޔަވަޅެއް،" ސާރާ އޭނާގެ ހިޔާލު ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ނޮވެމްބަރު، 2023، ގައި ފަހުމީ އައްޔަން ކުރުމަށްފަހު ލިޔުން ދެނީ: ސަރުކާރުން ބުނީ ދެ ވަނަ ފަހަރަށް ފަހުމީ މަގާމަކަށް އައްޔަން ކުރީ ބަލަންޖެހޭ ހުރިހާ ކަމެއް ބަލާފައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ފަހުމީއަށް ދެ ވަނަ ފަހަރަށް ސަރުކާރުގެ މަގާމަކަށް އައްޔަން ކުރުމުން ސޯޝަލް މީޑިއާގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް އާންމުން ފާޑުކިޔެވެ. ބައެއް މީހުން އެކަން ގުޅުވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީއަށް ލިބުނު ސުޕަ މެޖޯރިޓީ އެވެ.

"މަޖިލިސް ސުޕަ މެޖޯރިޓީއާއެކު ރައްޔިތުން ރުހޭތޯ، ރަނގަޅުތޯ، ނުރަނގަޅުތޯ ބަލާކަށް ނުޖެހޭ ދެން،" ފަހުމީ މައްސަލައިގައި ހިޔާލުފާޅު ކުރި މީހަކު އެކްސްގައި ބުނެފައި އޮތެވެ.

އެހެން މީހަކު ފާޅު ކުރި ހިޔާލެއްގައި ބުނީ އަބުރު ގެއްލިފައިވާ ތިބޭ މީހުންނަށް "ގޮތެއް ހޯދައިދޭންޖެހުމަކީ" ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށެވެ.

"މިކަހަލަ މީހުންނަށް ވަޒީފާ ދެނީ ބަލަދު އަރައިގެންބާ؟ ރައްޔިތުން ކުރިމަތީ އަބުރު ގެއްލިފަ ތިބޭ މީހުންނަށް 'ގޮތެއް' ހޯދައި ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް މަށެއް ނުދެކެން. ހެޔޮފުޅު ވުމުގެ ލިމިޓެއް އޮންނަން ވާނެ،" އޭނާ ބުނެފައި އޮތެވެ.

ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި އެހެން މީހަކު ބުނީ ފަހުމީ މަގާމަށް އައްޔަން ކުރުމަކީ ސަރުކާރު ހޮވަން ވޯޓު ދިން ރައްޔިތުންގެ ހިޔާލާއި އިހުސާސްތައް ބޮލައިލާޖެހުން ކަމަށެވެ.

"މިއީ ވޯޓު ދިން މީހުންގެ ހިޔާލާއި ސަރުކާރަށް އޮތް އިތުބާރު އެއް ފަރާތް ކުރުމަށްފަހު ނިންމި ނިންމުމެއް. މީގެން އެނގެނީ އެ ބަޔަކަށް ސަރުކާރުން ހިދުމަތް ކުރާ ރައްޔިތުންނަށް ޖަވާބުދާރީނުވާން ބޭނުންވާ މިންވަރު،" އެހެން މީހަކު އިނގިރޭސިބަހުން ކުރި ޕޯސްޓެއްގައި ބުންޏެވެ.

---

ފަހުމީއަށް ފުރަތަމަ ފަހަރު މި ސަރުކާރުން ވަޒީފާ ދިނުމަށްފަހު ވަކި ކުރި ސަބަބު ނުބުންޏަސް ކޮންމެވެސް މައްސަލައެއް އުޅޭތީކަން ކަށަވަރެވެ. އޭނާއަށް އަލުން މަގާމު ދިން އިރު ބަދަލުވީ ކޮން ކަމެއްކަން ނޭނގެ އެވެ. ފެންނަ ފެނުމަށް ބަދަލުވީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ލިބިފައި އޮތް މެޖޯރިޓީ އެވެ. އެ ނޫން އެއްޗެއް ބަދަލުވިތަނެއް ނުފެނެ އެވެ.