Advertisement

ކަރަންޓުގެ ވައުދު: ފާޅުކަން ބޮޑު އޮޅުވާލުމެއް

2 މޭ 2024 - 12:36 5

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އޭދަފުށީގައި ރައީސް ވާހަކަ ދައްކަވަނީ. މި ރަށުގައި ރައީސް އިއުލާނުކުރި ގޮތަށް ކަރަންޓު ބިލުތަކަށް ލުއި ނުލިބޭ ކަމަށް ބުނެ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި --- ފޮޓޯ: ރައީސް އޮފީސް


ކަރަންޓުގެ ވައުދު: ފާޅުކަން ބޮޑު އޮޅުވާލުމެއް

2 މޭ 2024 - 12:36 5

މިދިޔަ ރޯދަ މަހު ހޭދަ ކުރި ކަރަންޓުގެ ބިލު ލިބުމުން ގިނަ މީހުން އަންތަރީސްވެ، އަތް ގޮސް ޖެހެނީ ނިތްކުރީގަ އެވެ. ވަރަށް ގިނަ މީހުންގެ ބިލު އޮތީ އިންތިހާއަށް ބޮޑުވެފަ އެވެ.

އާންމުން ހީކޮށްގެން ތިބީ މި ރޯދަ މަހުގެ ބިލު ވާނީ ކުޑަ ކަމަށެވެ. އެގޮތަށް ހީކުރަންޖެހުނު ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ ހެދި އެވެ. ރައްޔިތުންގެ ފަރާތުން އެކަމަށް ޑިމާންޑެއް ނެތީސް، މިދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނުގެ ތެރެއިން ރައީސް ވައުދުވެވަޑައިގަތީ ރޯދަ މަހުގެ ކަރަންޓު ބިލަށް ބޮޑު ޑިސްކައުންޓެއް ދެއްވާނެ ކަމަށެވެ.

"މި އަންނަ ރަމަޟާން މަސް، ދެތިން ދުވަސް މިއޮތީ ބާކީ. ރަމަޟާން މަހު އާންމުކޮށް ކަރަންޓު ބިލާއި ފެން ބިލް ވަރަށް ބޮޑުވޭ. އެއީ، ދެން ނެޗުރަލީ އެކަން ވާގޮތް. ވަރަށް ތަކުލީފު ބޮޑުވާ ކަމެއް އެއީ. މިފަހަރު އެހެންނެއް ނުވާނެ. އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނަޔަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހު ކަރަންޓް ބިލާއި ފެން ބިލް ހުންނާނީ،" މާޗް 3، ގައި ބ. އޭދަފުށީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ނަމަވެސް ރޯދަ މަހުގެ ކަރަންޓު ބިލު އައިއިރު ރައީސްގެ ވައުދާ އެއްގޮތަށް ކަރަންޓު ބިލު ކުޑައެއް ނުވި އެވެ. ބިލުވީ އިންތިހާ ބޮޑެވެ. އެއާއެކު ސަރުކާރަށް ރައްޔިތުންގެ ފާޑުކިޔުން ދަނީ އޮހެމުންނެވެ. އެންމެން ވެސް ބުނަނީ ރައީސް މުއިއްޒު އޮޅުވާލެއްވީ ކަމަށެވެ. އެމަނިކުފާނު ދޮގު ހެއްދެވީ ކަމަށެވެ. މީހުން ދެކެނީ ރޯދަ މަހުގެ ބިލު ކުޑަ ކުރާނެ ކަމަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ހޯއްދެވުމަށް ކަމަށެވެ.

ވާހަކަ ބަދަލުވެއްޖެ، ވައުދު ބަދަލުވެއްޖެ

ރޯދަ މަހުގެ ބޭނުން ކުރާ ކަރަންޓުން ޑިސްކައުންޓެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ، އެ ވާހަކައިން ދެ ވަނަ މާނައެއް ނެގޭނެ ގޮތަކަށް ނޫނެވެ. އެ ވާހަކަ، އެހެން ގޮތަކަށް "އަނބުރާލަފާނެ" ކަމަށް އެކަކު ވެސް ހީނުކުރެ އެވެ.

ކަރަންޓު ބިލު ކުޑަކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ "ރައްޔިތުންނަށް ލުއި" ގޮތްތަކެއް ހަދައިދެއްވާނެ ވާހަކަ ދައްކަވަމުންނެވެ. އެ ވާހަކަ ދެއްކެވުމަށްފަހު، ބިލު ކުޑަވާނެކަން ޔަގީންކޮށްދެއްވަން އެއިރު ވެސް މަސައްކަތް ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު ފެނަކަ އާއި ސްޓެލްކޯއަށް އަޅުގަނޑު ދަންނަވާފައިވާނެ. އެމްޑަބްލިޔޫއެސްސީ އަށް ވެސް ދަންނަވާފައިވާނެ. އަދި އެ ތިން ކުންފުނީގެ ވެރިން ވެސް އަޅުގަނޑަށް އެކަމުގެ ޔަގީންކަން ދެއްވައިފި. އިރާދަކުރެއްވިއްޔާ ފެން ބިލްވެސް ޢާންމު މަހެއްގައި ހުންނަވަރަށް. ކިތަންމެ ލޯޑް ބޮޑުވިޔަސް، އިތުރަކަށް ނުނަގާނަން ރައްޔިތުންގެ އަތުން އެއްޗެއް ކަރަންޓް ބިލަކުންވެސް. އެއީވެސް ރައްޔިތުންނަށް ލުޔެއް ދޭންވެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ އެ ވާހަކަތައް އަހައިފަ އާންމުން ލިބުނީ ވަރަށް ބޮޑު ޔަގީންކަމެކެވެ. ރައީސް އެވަގުތު ވެސް އެ މަސައްކަތް ފައްޓަވާފައި އޮތީމަ އެވެ. ނަމަވެސް ކަރަންޓަށް ޑިސްކައުންޓެއް ނެތި ބޮޑެތި ބިލުތައް އަންނަން ފެށުމުން ރައްޔިތުން ތިބީ "ވާނުވާއެއް" ގަ އެވެ. އެ ހިސާބުން ދެން އެނގުނީ މިހާރު ވައުދު ބަދަލުވެއްޖެ ކަމެވެ.

ރޯދަ މަހު ބޭނުން ކުރި ކަރަންޓަށް ޑިސްކައުންޓު ނުލިބިގެން ސްޓެލްކޯއާ ސުވާލު ކުރުމުން ރައީސްގެ ވައުދު ތަރުޖަމާ ކުރި ގޮތް އާންމުންނަށް އެނގުނެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ރައީސް ވައުދުވީ ރޯދަ މަހު ލިބޭ ބިލަށް ޑިސްކައުންޓެއް ދޭށެވެ. އެއީ ރޯދަ މަހުގެ ހަރަދުތައް ކުޑަ ކުރަން ރައީސް ވެވަޑައިގެންނެވި ވައުދެއް ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

"ޖުމުލަ ގޮތެއްގައި ރޯދަ މަހު ހަރަދު ބޮޑު މަހަކަށްވާތީވެ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި އޮތީ ރޯދަ މަހު ކުރާ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން ރޯދަ މަހު އަޅުގަނޑުމެން ފޮނުވާ ބިލަށް ޑިސްކައުންޓެއް ދޭ ގޮތަށް. އަޅުގަނޑުމެން ވާނީ ވަރަށް ތަނަވަސްކޮށް އެ ޑިސްކައުންޓު ހުރިހާ ޑޮމެސްޓިކް ކޮންސިއުމަރުންނަށް ދީފަ،" އޭޕްރީލް 28، ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވި އެވެ.

ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އޮހެނީ!

ކަރަންޓު ބިލުގެ ވާހަކަ ސަރުކާރުން ކޮންމެ ގޮތަކަށް ބަދަލު ކުރި ނަމަވެސް އާންމުންގެ ރުޅި އަމާޒުނުވެ މިފަހަރު ސަލާމަތެއް ނުވި އެވެ. ގިނަ މީހުން ދެކުނީ އެއީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.

"ރޯދަމަހުގެ ކަރަންޓު ބިލުން ރައީސް މުއިއްޒު ދިން ބައިނަލް އަގުވާމީ ޑިސްކައުންޓް. ފެލައިލުން ގަނޑު ކިހިނެއް ވަނީ،" ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި މީހަކު ބުންޏެވެ.

އެހެން މީހަކު ބުނީ ރޯދަ މަހު ބޭނުން ކުރި ކަރަންޓުން ޑިސްކައުންޓު ދޭނެ ކަމަށް ރައީސް މުއިއްޒު ވައުދުވީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ކަމަށެވެ.

"ކެންޕެއިނާ ދިމާކޮށް އިއްތިފާގަކުން ދެވުނުހާ ވަޒީފާތަކަށް މުސާރަ ހަމަޖައްސަން ތިޔަ ކަރު އަޅާލަނީ ނިކަމެތި ރައްޔިތު މީހާގެ ދެތްތޯ ސްޓެލްކޯ. އެކަމަކު އެއް ކަމެއް ގަބޫލު ކޮށްފިން. މުއިއްޒުގެ ސްޕީޑް ހަމަ އިންތިހާއަށް ބާރު. ކަރަންޓު ބިލު ހަ ގުނަ ބޮޑުވާން ނެގީ ހަމަ އެންމެ 24 ދުވަސް،" އޭނާ ބުނެފައި އޮތެވެ.

ކަރަންޓު ބިލުން ޑިސްކައުންޓެއް ދޭ ވާހަކަ ދެއްކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކަމަށް ބައެއް އެހެން މީހުން ވެސް ބުންޏެވެ.

"ޑިސްކައުންޓު ދިނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރައްޔިތުން އުފަލަން ބައިތިއްބަން،" އެހެން މީހަކު އިނގިރޭސިން ލިޔުނު ކޮމެންޓެއްގައި ބުންޏެވެ.

ސޯޝަލް މީޑިއާގައި ކޮމެންޓު ކުރި އިތުރު މީހަކު ބުނެފައި އޮތީ ކަރަންޓު ބިލުން ޑިސްކައުންޓު ނުދިނީ މަޖިލިސް އިންތިހާބުން މެޖޯރިޓީ ލިބި، ރައްޔިތުންގެ ބޭނުން ސަރުކާރަށް ކެނޑުމުން ކަމަށެވެ.

"މަޖިލިސް މެޖޯރިޓީ ލިބިއްޖެ. ދެން ނެތް ކަލޭމެންގެ ބޭނުމެއް،" އޭނާ ބުނެފައި އޮތެވެ.

އެހެން މީހަކު ބުނީ ދެން އަނެއްކާ ވެސް ސަރުކާރުން ވައުދުވާން ފަށާނީ އެހެން އިންތިހާބަކާ ޖެހުމުން ކަމަށެވެ.

"ޑިސްކައުންޓުގެ ގޮތުގަ ކެނޑި ފައިސާގެ ދެގުނަ މިފަހަރު ނަގާލީ ދޯ. ސާބަހޭ. އިންތިހާބުވެސް ނިމިޖެއްތާ، ދެން އަނެއްކާ އަނެއް އިންތިހާބު ބޯމަތިވީމަ މިކުޅިވަރު ކުޅެން މަޑުކޮށްލާ،" އޭނާ ބުނެފައި އޮތެވެ.

އިތުރު މީހަކު ބުނީ ސަރުކާރުން ދައްކާ ވާހަކަތައް އޮޅުވާނުލާނެ ކަމަށް އުއްމީދު ކުރުމަކީ މޮޔަ ކަމެއް ކަމަށެވެ.

"އޮޅުވާނުލާނެ ވަކި ކަމެއް ވެސް ދައްކަވާނެ ކަމަށް އުންމީދު ކުރުމީ ވެސް މޮޔަ ކަމެއް! ވެރިއަކަށް ހުރީ ވަޒީރު ކަމުގައި ވެސް މުޅިން ދޮގުހަދާ އޮޅުވާލި މީހާ!،" އޭނާ ބުނެފައި އޮތެވެ.