6 މޭ 2024 - 10:31 0
މުހައްމަދު އުޝާމް
ރައީސް ޑރ. މުއިއްޒުއާ، ބަންޑާރަ ނައިބު އުޝާމް ސަލާމް ކުރައްވަނީ. 200 އަށްވުރެ ބިލު މި ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް
6 މޭ 2024 - 10:31 0
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވާ ކަމަށް އެމަނިކުފާނު ވިދާޅުވާ 200 އަށް ވުރެ ގިނަ ބިލުތަކުގެ ލިސްޓު އަދި ތައްޔާރުކޮށް ނުނިމޭ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ބުނެފި އެވެ.
ބިލުތަކުގެ ނަމާއި ކޮންމެ ބިލެއްގެ މަގުސަދު ހިމެނޭ ގޮތަށް ލިސްޓުގެ މައުލޫމާތު ދިނުމަށް "އަދަދު" ނޫހުން މިދިޔަ އޭޕްރީލް 9، ގައި އެދުމުން، ގާތްގަނޑަކަށް އެއް މަސް ދުވަސް ފަހުން އެ އޮފީހުން ފޮނުވި ޖަވާބަކީ އެ ލިސްޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގަސްތުކުރާ ބިލުތައް އެކުލެވޭ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއަކީ އާންމުކޮށް ޝާއިއު ކުރެވޭ ލިޔުމެއް ކަމުގައާއި، އެ އެޖެންޑާ އެކުލަވާލުމުގެ މަސައްކަތް މިހާރު ފުރިހަމަ ކުރެވެމުންދާ ކަމުގައާއި، އެ މަސައްކަތް ފުރިހަމަ ކުރެވުމާއެކު އެ އެޖެންޑާ އާންމުކޮށް ޝާއިއުކުރެވޭނެ ވާހަކަ ދެންނެވީން،" އޭޖީ އޮފީހުން ފޮނުވި ޖަވާބުގައިވެ އެވެ.
އާ ގާނޫނީ އޮނިގަނޑުތަކާއި މިހާރު ގާނޫނުތައް ބަދަލުކުރަން ބޭނުންވާ ބިލުތައް ހިމެނޭހެން، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 200 އަށް ވުރެ ގިނަ ބިލު އޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގަ އެވެ.
"މުޅި މެނިފެސްޓޯގައި ހުރި މިހުރިހާ ވައުދެއް ފުއްދުމަށް 200 އަށް ވުރެ ގިނަ އިސްލާހާ، އާ ބިލުތައް ފާސްކުރުމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވޭ،" އެމަނިކުފާނު އޭޕްރީލް 2، ގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން މިހާތަނަށް މަޖިލީހަށް ހުށަހެޅީ އަށް ބިލެކެވެ. އެއީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު، ބިމުގެ ބިލު، އާބަން ޕްލޭނިންގެ ބިލު، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު، ދަތުރުފަތުރު ހިދުމަތުގެ ބިލު، ކޮޕީރައިޓުގެ ގާނޫނު، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުން، އަދި ސިއްހީ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
މި ވަގުތު މަޖިލީހުގެ ސުޕަ މެޖޯރިޓީ އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއަށް އޮތް ނަމަވެސް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވަނީ ސަރުކާރު ހިންގާ ޕީއެންސީއާއި ސަރުކާރު އިއްތިހާދުގައި ހިމެނޭ ޕާޓީތަކަށް ލިބިފަ އެވެ.
Comment