Advertisement

އާންމު މީހާގެ ސިޔާސަތު އިސްކުރަން މި ފަހަރު އަލައިކާ!

17 އޭޕްރީލް 2024 - 22:02 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އާންމު މީހާގެ ސިޔާސަތު އިސްކުރަން މި ފަހަރު އަލައިކާ!

17 އޭޕްރީލް 2024 - 22:02 2

އަސާސީ ހައްގުތަކުގެ ކަށަވަރު ކަމާއި ދައުލަތަކުން ފޯރުކޮށްދޭން ޖެހޭ އާންމު ހިދުމަތްތަކުގެ އިޖުރާއަތްތައް ބަޔާންކޮށް ފެހި ގާނޫނު އަސާސީ އެކުލާވާލިއިރު މއ. ތަބައްގެ، އަލައިކާ އަދުނާންގެ އުމުރުން 18 އަހަރެވެ.

ސްކޫލް ނިންމާފައި ވަޒީފާގެ މައިދާނަށް ނުކުތްއިރު އޭނާއަށް މުޖުތަމައުއިން ފެންނަމުން ދިޔައީ ގަބޫލު ކުރަން ދަތި މަންޒަރުތަކެކެވެ. ތަނަވަސްކަމުގެ ގިންތިތަކުގެ ތަފާތު ކުރުންތައް އޮތް މިންވަރާއި ނިކަމެތި ނާޒުކު ހާލަތުގައި ދިވެހި އާއިލާތަކަށް ދިރިއުޅެން ޖެހިފައި އޮތް ތަނެވެ.

އެ ހުރިހާ ސަބަބުތަކަކާއެކު ސްކޫލް ނިންމާފައި ބިޒްނަސް މެނޭޖުމަންޓު ޑިޕޮލޮމާއެއް ހާސިލުކޮށްގެން އަލައިކާ ވަޒީފާއަށް ނުކުތީ ހިއުމަން ރައިޓްސް ކޮމިޝަނަށެވެ.

"ފަސް ހަ ދަރިން ގޮވައިގެން އުޅޭ އެކަނިވެރިން މައިން، ޑޮމެސްޓިކް ވައަލެންސް ތަހައްމަލު ކުރަން ޖެހުނު މީހުން، ކިޔަވަން ނުފޮނުވާ ކުދިން، ވަރަށް ވަލްނަރަބަލް ފެމިލީސްތަކާ ދިމާވި، އެފޯޑު ނުކުރެވިގެން ފެން ކަރަންޓު ކަނޑާލައިގެން ގޭގޭގައި މީހުން ދިރިއުޅޭ މަންޒަރު،" ދިވެހި މުޖުތަމައުން ފެންނަމުން ދިޔަ މަންޒަރުތަކާއި ކުރެވުނު ތަޖުރިބާތައް ހިއްސާކޮށްދެއްވަމުން އަލައިކާ ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ތިން އަހަރު ދުވަހު ކުރި ތަޖުރިބާތަކާ އެކު އިންސާނީ ހައްގުތަކުގެ ވަކާލާތާއި އާންމު ހިދުމަތުގެ ދާއިރާއަށް އަލައިކާގެ ޝައުގުވެރިކަން އުފެދުނެވެ. އާންމު މީހާގެ ސިޔާސަތުގެ އިލްމަކީ އޭނާގެ ހިތުގައި ހާއްސަ ލޯތްބަކާއި ކުލުނެއް އުފެދުނު ދާއިރާއެކެވެ. އާންމު ހިދުމަތްތައް ވަރުގަދަ ކުރަން އަދިވެސް ގިނަ މަސައްކަތްތައް ކުރަން ބޭނުންވާތީ އަލައިކާ އިތުރަށް މަތީ ތައުލީމު ހާސިލްކޮށް ކުރިއަށް ދާން ނިންމީ ވެސް އެ ދާއިރާއިންނެވެ.

ޖަޒުބާތަކުން ލިބުނު ހިތްވަރެއް

"މައްސަލަ ބަލާ ސެކްޝަނުގައި މަސައްކަތް ކުރެވުމުން އާންމު މީހާގެ ކެކުޅުންތައް އަހަރެންނަށް އިވި ފެނުނު. ގާނޫނުގައި ހުރި ބައިވަރު ލޫޕްހޯލްސްތައް އަހަރެންނަށް ފެނުނު. އެކަނިވެރި މަންމައަކަށް އޭރު ބައްޕައެއްގެ އަތުން ލިބެނީ 260ރ. ވިހައިގެން އޭރު ލިބެނީ ވެސް 60 ދުވަހުގެ ޗުއްޓީ. މި ކަންކަން ބަދަލުކުރަން ބޭނުންވީ، އަހަރެންގެ މަސައްކަތުން ވިޔަސް،" އަލައިކާ ކިޔައިދެއްވި އެވެ.

ފެނުނު މަންޒަރާއި އިވުނު އަޑުތަކުން އަލައިކާގެ ހިތުގައި އުފެދުނު ޖަޒުބާތުން ލިބުނު ހިތްވަރާއެކު އޭނާ ދެން މިސްރާބު ޖެހީ މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ޑިގްރީ ހާސިލު ކުރުމަށެވެ. އެ ދަތުރުގައި އޭނާގެ ވަޒީފާ ވެސް ގެއްލުނެވެ.

ނަމަވެސް އެކަމާހުރެ އޭނާގެ ހިތް މަރެއް ނުވި އެވެ. ކިޔެވި ކޮލެޖުން ފަންޑިން ހޯދައިގެން އެނބުރި މެލޭޝިއާއަށް 2009 ގައި ގޮސް ކިޔެވުމުގެ ފަހު މަރުހަލާ އޭނާ ފުރިހަމަ ކުރި އެވެ. ނަމަވެސް ކިޔެވުމުގެ އިތުރުން ދެން ހުރި ހަރަދުތައް ހަމަޖައްސަން އޭނާއަށް ޖެހުނީ ލޯނެއް ނަގައިގެންނެވެ.

އަލައިކާ ޑޯޓުޑޯގައި


އޭގެ ފަހުން ދެން އަލައިކާ މަސައްކަތް ކުރެއްވީ އޮޑިޓަ ޖެނެރަލްގެ އޮފީހުގަ އެވެ. އޭގެ ފަހުގައި ރައީސް އޮފީހުގަ އެވެ. އެއީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރެވެ. އޭރު ވެސް ޑިމޮކްރެސީއާ ދުރު އެތައް ކަމެއް ސަރުކާރު ހިންގުމުގެ ތެރެއިން އޭނާއަށް ފެނުނެވެ.

ރައީސް އޮފީހުގައި މަސައްކަތް ކުރަމުން ދަނިކޮށް ޗައިނާގެ ޕެކިން ޔުނިވާސިޓީގެ ސްކޫލް އޮފް ގަވަމަންޓް އިން މުޅި ދުނިޔެއިން 25 ކުދިންނަށް ދިން ޕަބްލިކް ޕޮލިސީގެ މާސްޓާސްގެ ފުރުސަތު އަލައިކާއަށް ލިބުނެވެ. އެކަމަކު ވަޒީފާގައި ހުރެގެން ކިޔަވަން ދިޔުމުގެ ފުރުސަތެއް އޭނާއަށް ސަރުކާރަކުން ނުދިނެވެ.

"ކިޔަވަން ދާން ޕޭލީވް ދޭނެކަމަށް ބުނެ ފަހު ވަގުތު ރައީސް އޮފީހުން ވެސް އެންގީ ޕޭލީވް ދެވެން ނެތްކަމަށް، އަޅުގަނޑަށް މަޖުބޫރުވީ ކިޔަވަން ދަންޏާ ވަޒީފާއިން ކެނޑުމަށް، އުމުރުން ހަތް އަހަރުގެ ތުއްތު ކުއްޖެއް ގޮވައިގެން ގޮސް މާސްޓަސް ނިންމީ، ކޮލެޖަށް ދަނީ ދަރިފުޅު ގޮވައިގެން އޭރު،" އަލައިކާ ބުންޏެވެ.

ކިޔަވައި ނިންމައިގެން ރާއްޖެ އައިއިރު ކުރިއަށް ވުރެ ވެސް ސަރުކާރުގެ ހިންގުން ޑިމޮކްރެސީއާ ދުރުވެފައިވާ މަންޒަރު އަލައިކާއަށް ފެނުނެވެ. އެމްޑީޕީގެ މުޒާހަރާއެއް ހިނގަނިކޮށް އެ ސަރަހައްދުގައި ހުރެވުނު ދުވަހެއްގައި ހައްޔަރުކުރުމުގެ ބޭއިންސާފާ އޭނާ ވެސް ކުރިމަތިލާން ޖެހުނެވެ.

"ކިޔަވާ ނިންމާފަ ރާއްޖެ އައިއިރު ރާއްޖޭގައި ފެންނަމުން ދިއައީ ނާއިންސާފުން މީހުން ވަޒީފާއިން ކަނޑާތަނާއި ޖަލަށް ލަމުންދާ މަންޒަރު، ތިން ފަހަރެއް މަތިން އަޅުގަނޑު ވެސް ހައްޔަރު ކުރި،" އޭނާ ބުންޏެވެ.

އެމްޑީޕީއާ އެކީ ސިޔާސީ މަސައްކަތަށް ނުކުންނަން އަލައިކާ ނިންމީ ދެނެވެ. އޭނާގެ މަގުސަދަކަށް ހަމައެކަނި ވީ އާންމު މީހާގެ ސިޔާސަތުތައް، ސަރުކާރު ހިންގުމުގެ ތެރެއިންނާއި ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމެވެ.

އަލައިކާގެ ވަކާލާތުތައް އެމްޑީޕީގެ މެނިފެސްޓޯތަކަށް

މަތީ ތައުލީމު ހާސިލް ކުރުމަށް އަލައިކާ އުފުލި ތަކުލީފުތަކަކީ ދިވެހި ކޮންމެ ޒުވާނެއްގެ ވާހަކަ ކަން އޭނާ ދަނެ އެވެ. ހިއުމަން ރައިޓްސްގެ ކޮމިޝަން ތަޖުރިބާއިން ދަތި ހާލަތުގައި ދިރިއުޅޭ މީހުންނާއި، ހިދުމަތް ދިނުމުގައި ތަފާތު ކުރުންތައް ފެނި އެ ކަން ބަދަލުވުމަކީ އަލައިކާ އެދެމުން އައި ކަމެކެވެ.

"ހިއުމަން ރައިޓްސް ކޮމިޝަނުގައި އުޅުނު ދުވަސްވަރު ވެސް އެފަދަ ހައްގުތަކަށް މަސައްކަތްކޮށްދީ އެ ކަން ބަދަލުކުރުމަށް އަޑު އުފުލަން ފެށިއްޖެ،"

"ދައުލަތުގެ އެއްވެސް މުދަލެއް އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ ރައްޔިތަކަށް ދެވެން ޖެހޭނެ. އެކަމަކު އަބަދުވެސް ފެނުނީ ބޯހިޔާވަހިކަން، ސިއްހީ ހިދުމަތް ފަދަ އަސާސީ ހިދުމަތްތައް ވެސް ދިނުމުގައި ތަފާތު ކުރާ ތަން. އާމްދަނީ، ދައުލަތުގެ މަގާމުތަކުގެ މުސާރައިގައި ވެސް ތަފާތުތައް،" އަލައިކާ ބުންޏެވެ.

އެމްޑީޕީގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި ލިޔުނު ގިނަ ސިޔާސަތުތަކަކީ އަލައިކާގެ ބައިވެރިވުމާއި ދައުރު ބޮޑު މަސައްކަތެކެވެ.

"އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯ އެކުލަވާލައި އެ ސިޔާސަތުތަކަށް އެހެން މީހުން އަހުލުވެރި ކުރުވުމުގައި މަސައްކަތް ކުރިން، ރާއްޖޭގެ ހުރިހާ ރަށަކަށް އެ މެނިފެސްޓޯ ވިއްކަން، އެއީ ކަން އެންމެ ރަނގަޅު ސިޔާސަތުތަކަކީ ބުނެދޭން،" އަލައިކާ ބުންޏެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019، ގައި އެމްޑީޕީން އެކުލަވާލި "އެޖެންޑާ19" މެނިފެސްޓޯއާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2021، ގައި އެކުލަވާލި "ރަށްވެހި ފަތިސް" މެނިފެސްޓޯ އެކުލަވާލުމުގައި ވެސް އަލައިކާގެ ދައުރު ބޮޑުކޮށް އޮތެވެ.

ނަމަވެސް ބޯހިޔާވަހިކަމުގެ ހިދުމަތް ގާނޫނެއްގައި ކަނޑައެޅިފައިވާ ހާމަކަން ބޮޑު އިޖުރާއަތަކުން ނުދިނުމާއި ތައުލީމު ހާސިލްކޮށްގެން އުޅޭ ކުދިން ވަޒީފާއެއް ލިބެންދެން އިނާޔަތެއް ދިނުން ފަދަ ގިނަ މަސައްކަތްތައް އަދިވެސް ހާސިލް ނުކުރެވޭ ކަން އަލައިކާ ފާހަގަ ކުރި އެވެ.

"އޭރު ވެސް ވަކާލާތު ކުރަމުން އައި އެތައް ހައްގަކަށް، އެތައް ހިދުމަތަށް، ސިޔާސަތުގެ ހެޔޮ ބަދަލުތަކަކަށް، އޭރު އެއީ މީގެ ވިއްސަކަށް އަހަރު ކުރިން، އެ ވާހަކަތަކާއި އެ ވަކާލާތާ އެކީ މިއަދު ވެސް ނުކުމެ މި ތިބެން ޖެހުނީ،" އަލައިކާ ބުންޏެވެ.

އަލައިކާ ފަދަ ތައުލީމީ، އެކަމަކު އާންމު މެންބަރުންނަށް ޕާޓީގެ ތެރެއިން މެނިފެސްޓޯގައި އެކުލަވާލުމުގެ ދައުރު އަދި ފުރުސަތުތައް ހޯއްދަވައިދެއްވީ އޭރު އެ ޕާޓީ ލީޑްކުރައްވަމުން ގެންދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އަލައިކާ ބުންޏެވެ.

އެމްޑީޕީއާ މެދު އަލައިކާގެ އޭރު އޮތް އުންމީދަކީ އެއީ އެވެ.

އަލައިކާ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތުގައި


ނަމަވެސް އެމްޑީޕީގެ ސަރުކާރުގައި ވެސް ޑިމޮކްރެޓިކް ފަލްސަފާއާ ހިލާފު ބައެއް ކަންކަން ފެނުނު ކަމަށް އަލައިކާ ބުންޏެވެ. އެއާ އެކުގައި ވެސް އެމްޑީޕީގައި މަޑުކުރީ އޭނާ ރުހޭ ވެރިޔަކަށް ތާއީދު ކުރުމާއި ކެމްޕެއިން ހިންގުމުގެ ހައްގު އެ ޕާޓީގައި ފަހިވެފައި އޮންނާނެ ކަމަށް ދެކި އެވެ. އެކަމަކު އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުމުގައި ސަރުކާރުގެ ވަޒީފާއިން އޭނާ ވަކިކުރި އެވެ.

ދެން ވެސް އަލައިކާގެ ހިތްވަރަކަށް، މަސައްކަތަކަށް ބަދަލެއް ނައެވެ. ސިޔާސީ ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ދެފަޅިވެ ޑިމޮކްރެޓްސްގެ ނަމުގައި އައު ދަތުރަކަށް އެއްބަޔަކު ފުރިއިރު، އަލައިކާ ހިޔާރު ކުރީ އެ އޮޑި އެވެ.

އުންމީދު ދޫނުކޮށް، އަނެއްކާ ވެސް ހަމަ އެއް ވަކާލާތާކަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މައްޗަންގޯޅި މެދު ދާއިރާއަށް އަލައިކާ ނުކުތީ މާ އައު ވާހަކައެއް ހިފައިގެން ނޫނަސް އައު އުންމީދަކާ އެކީ، އަދި ރާއްޖެއަށް ނުގެނެވި ހުރި ގާނޫނީ ހިދުމަތްތަކެއް ކޮށްދިނުމަށެވެ.

އަލައިކާގެ މުޅި ކެމްޕެއިން ބައްޓަންކޮށްފައި ވަނީ އެންމެ އާންމު، ނާޒުކު މީހާއަށް ގޮތެއް ހޯދައިދިނުމަށެވެ. އާންމު މީހާގެ ސިޔާސަތު އިސްކޮށްގެން ގާނޫނުތައް އެކުލަވާލައި، ދައުލަތުގެ ޓެކްސް ފައިސާއިން މުއައްސަސާތައް ހިންގަމުންދާ ގޮތަށް ފާރަވެރިވުމަށެވެ.

އާ ސިޔާސީ ހަރަކާތް، "ޑިމޮކްރެޓްސް" ގެ ޓިކެޓުގައި "ފާރަވެރި މަޖިލީސް"ގެ ޝިޔާރާއެކު ލެޖިސްލެޓިވް އެޖެންޑާއެއް ހުށަހަޅާފައިވަނީ އަބަދުވެސް ގެންގުޅެމުން އައި ފަލްސަފާއިން މަސައްކަތް ކުރުމަށެވެ.

"ޑިމޮކްރެޓްސްއާ ގުޅުނީ އުންމީދު ދޫކޮށްނުލާން. މުޅި ޕާޓީގެ ސްޓްރަކްޗާ ކުރަހަން ފުރުސަތު ލިބުނު. އެންމެ ލީޑަރަކަށް ބަރޯސާނުވާ ގޮތަށް. ބައިވަރު ލީޑަރުން ބައިވެރިވެގެން ކުރިއަށްދާ ގޮތަށް، ބަސް ބުނެވޭ ގޮތަށް ސްޓްރަކްޗާ ހެދީ،" އަލައިކާ ބުންޏެވެ.

އަލައިކާ ޑިމޮކްރެޓްސްއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތުގައި


ދަ ޑިމޮކްރެސްޓްގެ އޮނިގަނޑާއި އަސާސީ ގަވާއިދާ މެނިފެސްޓޯތަކާއި ލެޖިސްލޭޓިވް އެޖެންޑާ ލިޔުމުގައި ވެސް އަލައިކާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަނެއްކާ ވެސް ނުކުމެ ހުރީ ކުރިން ދެއްކި އެތައް ވާހަކައެއް ހިފައިގެން ކުރިން ކުރަމުން އައި ވަކާލާތާ އެކީ އެވެ.

"އޭރު ވެސް ވަކާލާތު ކުރަމުން އައި އެތައް ހައްގަކަށް، އެތައް ހިދުމަތަށް، ސިޔާސަތުގެ ހެޔޮ ބަދަލުތަކަކަށް، އޭރު އެއީ މީގެ ދިހަވަރަކަށް އަހަރު ކުރިން، އެ ވާހަކަތަކާއި އެ ވަކާލާތާ އެކީ މިއަދު ވެސް ނުކުމެ މި ތިބެން ޖެހުނީ،" އަލައިކާ ބުންޏެވެ.

އަލައިކާ ދެކޭ ގޮތުގައި ފުރަތަމަ ކުރަން ޖެހިފައިވާ އެއް މަސައްކަތަކީ ދައުލަތުގެ ނިޒާމުގައި ރަނގަޅު ކުރަން ހުރި ކަންކަން އިސްލާހު ކުރުމެވެ. އެ ގޮތުން ސިޔާސީ ވަޒީފާތައް ގިނަކޮށްގެން ހަރަދުބޮޑު މަތިބަރު ސަރުކާރެއް ހިންގަމުން އަންނަ އައުން ބަދަލުކުރަން ޖެހެ އެވެ.

ޑިމޮކްރެޓްސްގެ ލެޖިސްލެޓިވް އެޖެންޑާގައި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ މުވައްޒަފުން އައްޔަން ކުރެވޭނެ ދަށް އަދަދެއް ކަނޑައެޅުން އެބަ އޮތެވެ.

ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑު ވެސް ބަދަލުކޮށް، މަޖިލީހުގެ ގޮނޑިތައް އިތުރުވަމުން އަންނަ އުސޫލު ބަދަލު ކުރަން ވެސް ޑިމޮކްރެޓްސްގެ ލެޖިސްލެޓިވް އެޖެންޑާގައިވެ އެވެ. އަދި މަޖިލީހުގެ މެންބަރުން ޒިންމާދާރުކޮށް، މެންބަރާ މެދު ހިތްހަމަނުޖެހޭނަމަ "ރީކޯލް ވޯޓް" އަކަށް ދިޔުން ވެސް ހިމެނެ އެވެ.

ބޯހިޔާވަހިކަމުގެ ގާނޫނެއްގެ އިތުރުން، ރައްޔިތުންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހި ކުރުމަށް ފަސޭހަ ވިޔަފާރި ގާނޫނެއްގެ މަސައްކަތް ކުރުމާއި ތައުލީމު ހާސިލްކުރުމަށް ފަހު ވަޒީފާ ލިބެން ދެން އިނާޔަތް ލިބޭނެ ގާނޫނަކީ އެންމެ އިސްކަން ދޭނެ މަސައްކަތްތައް ކަމަށް އަލައިކާ ބުންޏެވެ.

"މަޖިލިސް މެންބަރުން މި އަންނަނީ ސިޔާސަތުތަކެއް ކަނޑައަޅަން، ގާނޫނެއްގެ ސިފައިގައި، އަހަރެން މި ނުކުތީ އެ ސިޔާސަތުތައް ގެނެސްދޭން، އާންމު މީހާގެ ސިޔާސަތުތައް އިސްކުރަން،" އޭނާ ބުންޏެވެ.