Advertisement

މަޖިލިސް ކެމްޕެއިނަށް ހުޅުމާލޭގައި ހަރުކުރި ކެންވަސްތައް ނަގަން އެޗްޑީސީއިން އަންގައިފި

30 އޭޕްރީލް 2024 - 16:58 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހުޅުމާލޭގައި ހަރުކޮށްފައިހުރި ކެމްޕޭން ކެންވަސްތަކެއް : މަޖިލިސް ކެމްޕޭނަށް ހުޅުމާލޭގައި ހަރުކުރި ކެންވަސްތައް ނަގަން އެޗްޑީސީއިން އަންގައިފި - ފޮޓޯ: އަދަދު


މަޖިލިސް ކެމްޕެއިނަށް ހުޅުމާލޭގައި ހަރުކުރި ކެންވަސްތައް ނަގަން އެޗްޑީސީއިން އަންގައިފި

30 އޭޕްރީލް 2024 - 16:58 0

މި މަހު 21 ގައި ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ހުޅުމާލޭގައި ހަރުކުރި ކެމްޕެއިން ކެންވަސްތައް ނަގަން އެޗްޑީސީއިން އަންގައިފި އެވެ.

އެޗްޑީސީއިން މިއަދު ބުނީ ހުޅުމާލޭގެ އެކި ސަރައްހައްދުތަކުގައި ކެންޑިޓޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކެމްޕެއިން ބެނާ އާއި ކެންވަސް ޖެހުމަށް ފުރުސަތު ހުޅުވާލި ކަމަށެވެ. އަދި އެ ފުރުސަތުގައި ގިނަ އަދަދެގެ ކެންޑިޑޭޓުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ އާއި ކެންވަސް ޖަހާފައިވާ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް، އާންމު އިންތިހާބުތަކާ ގުޅިގެން ހުޅުމާލޭގެ މަގުތަކުގައި ބެނާ އާއި ކެންވަސް ޖެހުމުގެ ފުރުސަތު ހުޅުވާލިޔަސް މަގުތަކުގައި ޖަހާ ކެންވަސް އާއި ބެނާތަކުގެ ސަބަބުން މަގު ބޭނުން ކުރާ އާންމު ފަރާތްތަކަށް ދަތިކަން ފޯރާ ކަމަށް ވެސް އެޗްޑީސީއިން ބުނެފައިވެ އެވެ.

"އެހެންކަމުން މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ބޭނުމަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް އެއް ހަފްތާ ތެރޭގައި ނަގައިދިނުމަށް މި ކޯޕަރޭޝަނުން އެދެން،" އެޗްޑީސީއިން ނޫސްވެރިންނަށް ދިން މައުލޫމާތުގައި ބުނެފައިވެ އެވެ.

ވިހިވަނަ މަޖިލީހަށް 93 މެންބަރުން ހޮވަން ބޭއްވި އިންތިހާބުގައި ޖުމްލަ 369 ކެންޑިޑޭޓުން ވާދަކުރި އެވެ. އެހެން އިންތިހާބުތަކެކޭ ވެސް އެއްގޮތަށް ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތައް އަދި ކެންވަސްތައް އެއް ސަރަހައްދެއްގައި އެންމެ ގިނައިން ހަރުކޮށްފައިވަނީ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ މާލެ ސަރަހައްދުގަ އެވެ.

އެގޮތުން ހުޅުމާލެއާ މާލެއާ ދެމެދު އޮންނަ ހައިވޭއިން ފެށިގެން ހުޅުމާލެ ދެ ފިޔަވަހީގައި ވެސް ގިނަ އަދަދެއްގެ ކެމްޕެއިން ކެންވަސްތަކެއް ހަރުކޮށްފައިވާކަން ވަނީ ފާހަގަވެފަ އެވެ.