Advertisement

މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށްފަހު އެމްޑީޕީގެ ގައުމީ މަޖިލިސް މާދަމާ ރޭ ބާއްވަނީ

30 އޭޕްރީލް 2024 - 22:58 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ލީޑަޝިޕު މަޖިލިސް ކެމްޕޭން ނިންމާލަނީ : މަޖިލިސް އިންތިހާބުގައި ކުރިމަތިވި ބޮޑު ބައްޔަށްފަހު އެމްޑީޕީގެ ގައުމީ މަޖިލިސް މާދަމާ ރޭ ބާއްވަނީ - ފޮޓޯ: އަދަދު


މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށްފަހު އެމްޑީޕީގެ ގައުމީ މަޖިލިސް މާދަމާ ރޭ ބާއްވަނީ

30 އޭޕްރީލް 2024 - 22:58 1

މި މަހުގެ 21 ގައި ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މާދަމާ ރޭ އޮންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ވިހިވަނަ މަޖިލީހުގައި ހިމެނޭ 93 ގޮނޑީގެ ތެރެއިން އިންތިހާބުގައި ސަރުކާރަށް 76 އަށްވުރެ ގިނަ ގޮނޑި ލިބުނު އިރު، އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.

މި ނޫހުން ގެނެސްދޭ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު މިރޭ ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް ކުރިމަތިވީ ވަރަށް ބޮޑު ބައްޔެއް ކަމަށެވެ. އަދި، އެއީ އިންތިހާބާ ޖެހުނުއިރު ވެސް އެމްޑީޕީއިން އެއްގޮތަކަށް ވެސް ލަފާކުރެވުނު ގޮތެއް ނޫން ކަމަށެވެ.

އިންތިހާބަށްފަހު ދެއްވާ ފުރަތަމަ އިންޓަވިއުގައި ފައްޔާޒު އިތުރަށް ވިދާޅުވީ، މި ބަލިން އަރައިގަތުމަށް ޕާޓީގެ ތެރޭގައި މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މާދަމާ ރޭ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް 'އެތެރެފުށް' ޕްރޮގްރާމުގައި ވާހަކަދައްކަވަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު


އޭގެ އިތުރުން، ފައްޔާޒު ވަނީ މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބުނީ އޮތް ތާއިދަކަށްވުރެ ބޮޑަށް ސަރުކާރުން ރައްޔިތުންނަށް ދެއްކި ބިރާއި ފޯރުވި ނުފޫޒުގެ ސަބަބުން ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އެމްޑީޕީއިން ކަންކުރާ ގޮތްތަކަށް ބަދަލު ގެންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރާއި މަޖިލިސް އިންތިހާބުގެ ނާކާމިޔާބީއަށްފަހު ފައްޔާޒު ހިމެނޭހެން، އެމްޑީޕީގެ މިހާރުގެ ލީޑަޝިޕަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ނަމަވެސް މިރޭ ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ މިހާރު އޮތް ހާލަތުން އެމްޑީޕީއަށް އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ.