Advertisement

ލާމު ގާދޫން، މި ތަރިކަ އާއި މި ރީތިކަން ދެން ނުފެނިދާނެ!

7 ފެބުރުވަރީ 2024 - 08:35 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ލ.ގާދޫ

ލ. ގާދޫ މަތިން: ރީތި އަދި ގަސްގަހާގެހިން މުއްސަނދި ބިން ހެޔޮ ރަށް މި ގޮތުގައި ދެން ނުފެނިދާނެ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ލާމު ގާދޫން، މި ތަރިކަ އާއި މި ރީތިކަން ދެން ނުފެނިދާނެ!

7 ފެބުރުވަރީ 2024 - 08:35 2

ލ.ގާދޫ

ގަސްގަހާއި ރުއްތަކުން ފެހިކަން ގަދަ، އެ ރަށަށް ފޭބެން އޮތީ މޫދު ލޮނުކޮޅެއްގައި ހަމަ ކޮންމެވެސް ވަރަކަށް ޖެހިގެނެވެ. އުޅަނދުފަހަރު ގާތްކޮށް މީހުން ބާލަން މިތަނަކު ބަނދަރެއް ނެތެވެ. ލޯންޗު ގާތްކުރި ސަރަހައްދުން ވެސް ފެންނަން ހުރީ ވީރާނާވެ، ބޭނުން ނުކުރެވޭ ހާލަތުގައި ހުރި ފާލަމެކެވެ.

މޫދު ވިނައިން ފެހިވެފައިވާ މި ފަޅު ތެރެއަށް އެރިގެން ރަށު ތެރެއަށް އަރައިފީމެވެ.

"އޭރު ވެސް ބަނދަރެއް ނޯންނާނެ، ތިން ފާލަމެއް އޮންނާނީ، ދެން ޑިންގީގަނޑެއްގައި ދާނީ [އަތޮޅު ވެރިރަށް] ފޮނަދުއަށް، ހިދުމަތްތައް ހޯދަން ވެގެން،" ލާމު އަތޮޅު ގާދޫ ސިފަކޮށްދެއްވަމުން، އެންމެ ފަހުން އެ ރަށު ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އަބްދުއްއަޒީޒު ވިދާޅުވި އެވެ.

ގާދޫއަކީ 2016، ގެ ކުރިން 400 އެއްހާ މީހުންގެ ވަޒަނެކެވެ. އެ އަހަރު ގާދޫ މީހުން ފޮނަދޫއަށް ބަދަލުކުރީ އޭރުގެ ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. އަދި ގާދޫއަކީ މީހުން ނޫޅޭ، ފަޅު ރަށެއް ގޮތަށް ކަނޑައެޅި އެވެ.

ރުއްގަސްތަކުން މުއްސަނދި، މީރު ފެން ކުޅިއެއް ވެސް އޮންނަ، 71 ހެކްޓަރުގެ ބިން ހެޔޮ އެ ރަށުން، އޭރުގެ ވަޒަންވެރީން ރަށުން ފައިބަން މަޖުބޫރުވީ، ދިރިއުޅެން ޖެހުނު ދަތި ހާލުގެ ސަބަބުންނެވެ. ސަރުކާރުގައި އެކި ގޮތް ގޮތަށް އެކި ކަންކަމުގައި ދަންނަވައިގެން، ދެއްކި ހައްލަކީ އެއީ އެވެ.

"ގާދޫ މީހުން ބޮޑަށް ބޭނުންވީ ފޮނަދޫއާ ދޭތެރޭ ފާލަމެއް އަޅަން، އަޅުގަނޑުމެން ސަރުކާރުގައި އެކި ފަހަރު ދަންނަވައިގެން، ރައީސް [މުހައްމަދު] ވަހީދު ވެރިކަމުގައި ސާވޭއެއް ހެދީ. ބަލާފައި ދެން އެންގީ، ސަރުކާރަށް ހަރަދު ކުޑައޭ، ފާލަމެއް އެޅުމަށް ވުރެ ފޮނަދޫގައި ގާދޫ މީހުންނަށް ގެދޮރު އަޅައިދިނުން،" ގާދޫ ކައުންސިލުގައި މަސައްކަތް ކުރެއްވި ދުވަސްވަރުގެ ތަޖުރިބާ އަޒީޒު ހިއްސާކޮށްދެއްވި އެވެ.

ގާދޫ މަގުމަތި : ކުރިން މީހުން އުޅުނު ގެދޮރުތައް ވީރާނާވެފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ގާދޫއަށް އެކި ސަރުކާރުތަކުން ގެންގުޅެފައިވަނީ އެކި ސިޔާސަތުތަކެވެ. ގާދޫން މީހުން ބޭލުމަށް ނިންމި ނިންމުމަށް ފަހު ވެސް، އެ ފަޅަށް އެއްވެސް ކަމެއްނުކޮށް ނެތި ބޭއްވުމަށް ވުރެ، ކޮންމެ ވެސް އިގުތިސޯދީ ހަރަކާތެއް ހިންގުމުގެ ވިސްނުމެއް ގެންގުޅެ އެވެ.

ގާދޫ މިއަދު ފެންނަނީ، އެ ހުރިހާ ނިޝާނަކާއި އަސަރުތައް ވެސް ހަމައަށް ފެންނަން އޮތް ރަށެއް ގޮތަށެވެ.

ގާދޫ އެހާރާއި މިހާރު: މިއީ ހާއްސަ ރަށެއް

ރަށުގެ މެދެއްހާ ހިސާބުގައި، އެގްރޯގެ މުވައްޒަފުން ތިބެ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ދިވެހި މަދު ބަޔަކު ވެސް އުޅެ އެވެ. ރަށުގެ ހުޅަނގު އުތުރުގައި އޮންނަ ފާލަމުން އެ ސަރަހައްދާ ހަމައަށް ދެވެން މިހާރު ހުރީ އެންމެ މަގެކެވެ.

ކުރިން މަގުތައް ގޮތަށް ހުރި ބައެއް ސަރަހައްދުތައް މިހާރު ހުރީ ގަސް ފަޅައި، ޖަންގައްޔަކަށް ވެފަ އެވެ. ހިނގަމުންދިޔަ ވަރަކަށް ބައެއް އިމާރާތްތައް ފެނެ އެވެ. ކުލަ ކެހި، ބައެއް ފާރުތައް ހުރީ ވެއްޓި ހަލާކުވެފަ އެވެ. ހިނގަމުން ދިޔަ މަގުމަތިން ފުރަތަމަ ފެނުނީ ސަރުކާރު އިމާރާތެއް ކަން އިމާރާތުގެ ފަރުމާއިން އެނގުނެވެ.

"ފުރަތަމަ ވެސް އެ ޖެހެނީ ސިއްހީ މަރުކަޒަށް. ސިއްހީ މަރުކަޒު ދެން އެއީ އޭރު ސަރުކާރުން ދޭ ހިދުމަތަކީ، ކަރަންޓު ނޫން ހިދުމަތަކަށް. ސްކޫލު ވެސް ހިންގީ ރެޑްބެނާ ކިޔާ ޖަމިއްޔާއަކުން،" އޭރު ހާލަތު ބަޔާންކޮށްދެއްވަމުން އަޒީޒު މިއަދުގެ ތަސްވީރު ސިފަކޮށްދެއްވި އެވެ.

ގާދު ސިއްހީ މަރުކަޒު އިމާރާތް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މަގުގެ ދެކުނަށް ހިނގާފައި ގޮސް ހުއްޓެނީ، ހުޅަނގުން އިރަށް އޮތް އެހެން މަގަކަށެވެ. އެއީ ފެނުން ފެނަށް އޮތް "ރަށުގެ ބޮޑު މަގު" ކަން އެނގުނެވެ. އެ މަގުން ހުޅަނގަށް ދިޔުމުން ދެން ފެންނަނީ އެގްރޯނެޓުގެ އިމާރާތްތަކާއި މުވައްޒަފުންނެވެ. މިއީ މިދިޔަ ސަރުކާރުން ގެންގުޅުނު ސިޔާސަތެވެ.

އެގުރޯނެޓަކީ ދަނޑުވެރިންގެ އަތުން ދަނޑުވެރި އުފެއްދުންތައް ގަތުމަށް ފަހު އެކްސްޕޯޓު ކުރުން ނޫނީ މާކެޓުތައް ހޯދައިގެން ވިއްކައިގެން ދައުލަތަށާއި އިގުތިސޯދަށް ފައިސާ ހޯދުމުގެ ވިސްނުމެއްގައި އުފެއްދި ކުންފުންޏެވެ.

ލާމު އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހައްދާ ދަނޑުވެރި އުފެއްދުންތައް ގަނެ، އެ ތަކެތި ގުދަން ކުރުމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ އެ ރަށް އެގްރޯނެޓަށް ދިނުމަށެވެ. މިއަދާ ހަމައަށް ވެސް އެ ރަށް ބަލަހައްޓަމުން ދަނީ އެ ކުންފުނިންނެވެ.

"އެގުރޯނެޓުގެ މުވައްޒަފުން އެ ތިބޭ ހިސާބުގައި، އެ މީހުން ފެސިލިޓީތަކުގެ ތެރެއިން، ބަދިގެ އެކޮމޮޑޭޓް ކޮށްފައި އެ ހުރި ތަނާ ޖެހިގެން ހުންނާނީ އޭރުގެ ސްކޫލް،" އަޒީޒު ވިދާޅުވި އެވެ.

އެގްރޯނެޓުގެ މުވައްޒަފުން ގާދޫގައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހުޅަނގު ފަޅިން މޫދާ ހަމައަށް ދެވޭ އިރު އަނެއްކާ ވެސް ގޮސް ހުއްޓެނީ ފާލަމަކަށެވެ. އެ ސަރަހައްދު ގޮނޑުދޮށް ކައިރީގައި ހޮޅުއައްޓަކާއި ޖޯލިފައްޗެއް ބަހައްޓާފައި ހުއްޓެވެ. އެ ތަންތަނުގައި، އެގުރޯނެޓުގެ މުވައްޒަފުން ހުސް ވަގުތުތަކުގައި އަރާމުކޮށްލައި ވާހަކަ ދައްކަން ގޮސް ތިބެ އެވެ.

"އެއީ ކުރިން ވެސް މީހުން ޖޯލިފަތިތައް ހުންނަ ތަނެއް، ރަށުގަ މީހުން ދިރިއުޅުނު އިރު ވެސް، ދެން މިހާރު، އެކަމަކު، [އެގުރޯނެޓު] މުވައްޒަފުން އެ ތަންތަން އިތުރަށް މަރާމާތުކޮށް ހަދައިގެން އެ ބޭނުން ކުރަނީ،" މީހުން ދިރިއުޅުނު ޒަމާނުގައި އެ ތަން އޮތް ގޮތް އަޒީޒު ސިފަކޮށްދެއްވި އެވެ.

އެ ފާލަމުން ރަށުގެ އިރަށް ހިނގާފައި އަންނަ އިރު، އެހެން އިމާރާތްތަކާ ހިލާފަށް އުސް އަދި ތަނަވަސް އިމާރާތެއް ފެނެ އެވެ. އަޒީޒު ވިދާޅުވި ގޮތުގައި، އެއީ މަދޮށި ނަމަކަށް ކިޔާ ގެ އެވެ. އަދި އެއީ، ރަށްރަށް ހިންގަން ސަރުކާރުން ކަތީބުން ބޭއްތިބި ޒަމާނުގައި އެ ރަށު ކަތީބުގެ ގޯއްޗެވެ.

ގާދޫ ރަށު ކަތީބު ދިރިއުޅުނު ގެ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޕޯޓު ޕްރޮޖެކްޓުން ކަންބޮޑުވުންތަކެއް

ލާމު އަތޮޅާއި ހުވަދު އަތޮޅާ ދެމެދު އޮންނަ ކަނޑަކީ ގިނަ އަދަދެއްގެ އާގުބޯޓުފަހަރު ދަތުރުކުރާ ވަން-އެންޑް-ހާފު ޑިގްރީ ޗެނަލެކެވެ. އެ ޗެނަލުން ދަތުރުކުރާ އާގުބޯޓުފަހަރަށް ތެޔޮ އެޅޭ ގޮތަށް ބަންކަރިން ފެސިލިޓީއަކާއި، ޓްރާންޝިޕްމަންޓުގެ އެކި ހިދުމަތްތައް ލިބޭ ގޮތަށް ބަނދަރެއް ހެދުމަކީ ދިވެހީންގެ އަބަދުމެ ތަސައްވުރެކެވެ.

އާ ސަރުކާރުން، އެ ތަސައްވުރު ފުރިހަމަ ކުރުމަށް، ބޭނުން ހިފަން ނިންމީ ލާމު އަތޮޅު ގާދޫ އެވެ. ގާދޫގައި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރުމުގެ އިތުރަށް، ފޮނަދު އާއި ގާދޫ ދެމެދު އޮންނަ ފަޅުގައި ބިން ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރުމެވެ. އަދި އެ ތިން ރަށް، ކޯޒްވޭ ފާލަމަކުން ގުޅުވައިލުމެވެ.

މި ގޮތަށް ކަނޑައެޅި އިރު ވެސް ގާދޫއަކީ ހިމާޔަތްކޮށްފައިވާ ރަށެކެވެ. ތިމަވެށީގެ މާހިރުންގެ ކަންބޮޑުވުމަކީ، ހާއްސަ ސިފަތަކެއް އެކުލެވޭ ރަށެއް، އެ ސިފަތައް ނެތިދާ ފަދަ މަޝްރޫއެއް ހިންގަން އުޅުމެވެ.

ލާމު ގާދޫގައި އެގްރޯނެޓުން ދަނޑުވެރިކަމުގެ މަސައްކަތް ކޮށްފަ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އޮލިވް ރިޑްލީ ޕްރޮޖެކްޓްއިން، 2021، ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ގާދޫގައި އަހަރެއްގެ މައްޗަށް 240 ފަހަރު ވެލާ، ކަހަނބު ބިސް އަޅަން ހާލި ހަދަ އެވެ. މީގެ އެތައް އަހަރެއް ކުރިން، 1984، ގައި ކޮންމެ ރެއަކު ގާތްގަނޑަކަށް 10 ހާލި ހަދާފައި ހުންނަ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އީކޯކެއާ މޯލްޑިވްސްގެ އެޑްވަކަސީ ޑިރެކްޓަރު މައީދު ޒާހިރު ވިދާޅުވި ގޮތުގައި ރަށު ފަޅުގައި ހެއްދޭ މޫދު ވިނަ އާއި 90 އެއްހާ ބާވަތުގެ ފަރުމަސް، ހާއްސަކޮށް ކުދި އުމުރުފުރައިގެ ފަރުމަސް އެ ސަރަހައްދުގައި އުޅޭ ކަން ރެކޯޑު ކުރެވިފައި އޮތުމަކީ އެ ސަރަހައްދު ހިމާޔަތްވެފައި އޮންނަން ޖެހޭ ބޮޑު ސަބަބެކެވެ.

"ބަޔޮޑައިވާސިޓީގެ ހޮޓްސްޕޮޓެއް، ގާދޫން ފެށިގެން މި އޮންނަ އެ އަތޮޅުގެ ލޮކޭޝަނަކީ، ވެލާ ކަހަނބު އެކަންޏެއް ނޫން، ވެލާ ކަހަނބުގެ ތެރެއިން ވެސް އޭގެ އެންމެ ނެތެމުންދާ ނޫނީ މަދުވަމުންދާ ބާވަތްތައް އަރާ، އަދި ފަރުމަސް، ހިޖުރަކުރާ އެކި ޒާތުގެ ދޫނިތަކަށް، އެ ދިރުންތަކުގެ ވަޒަނެއް އެއީ،" މައީޒު ވިދާޅުވި އެވެ.

ވެލާ ނެގުން މަނާ ކުރުމުގެ ކުރިއަށް ގާދޫ މީހުން އާމްދަނީ ހޯދުމަށް ކޮށް އުޅުނު އެއް މަސައްކަތަކީ ވެސް ވެލާ ބިސް ވިއްކުމެވެ. ގާދޫ ކައުންސިލްގެ އެންމެ ފަހުގެ ރައީސް އަޒީޒު ވިދާޅުވި ގޮތުގައި، ކައިރި ރަށްރަށަށް، ނީލަން ކިޔައިގެން ވެސް ވިއްކައި އުޅުނެވެ.

"ވެލާ ބިސް، ނީލަން ކިޔައިގެން ވިއްކުން، ވެލާ ނެގުން، ވެލާ ބިސް ނެގުން މަނާ ކުރުމުގެ ކުރިން އެއީ. ވަރަށް ބޯކޮށް ރުއް އޮންނަ ރަށެއް، ކާށި ވަރަށް ގިނަ އިން ވިޔަފާރިކުރި، ދަނޑުވެރިކަންކޮށް އުޅުނު ވަރަށް ފުޅާކޮށް، އަތޮޅު ފެންވަރުގައި،" އަޒީޒު ވިދާޅުވި އެވެ.

ގާދޫގައި މީހުން ދިރިއުޅުނު ގެއެއްގެ ތެރެއިން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އާބަން ޕްލޭނިންގެ މާހިރަކު، ނަން ނުޖަހަން ޝަރުތުކޮށް، ކިޔައިދިނީ ގާދޫ ހިމެނޭ ސަރަހައްދުން ނެގެން އޮތް ޓްރާންޝިޕްމަންޓްގެ ފައިދާ އެވެ.

"ބޮޑަށް ބެލެވެނީ އިކޮނޮމިކް ޓޯޓަލް އެޑްވާންޓޭޖަކަށޭ ސަރުކާރުން ބަލާފަ އެ ވަނީ، ޓްރެވެލް ޗެނަލްއިން ލާމު އަތޮޅު މީޓުވާ ޕޮއިންޓެއް އަދި ގަން-ފޮނަދުއާ ކައިރިވާނެ ގޮތަކަށް، އެކަމަކު އެ އެޑްވާންޓޭޖް ނެގޭނެ ކަހަލަ ގޮތަކަށް އެ ފަޅުގައި ވީހާ ވެސް ދެކުނަށް ރަށެއް ހިއްކެން ވެސް ހިއްކޭނެ،" އޭނާ ބުންޏެވެ.

ގާދޫ ހާއްސަ ވަނީ މިހެންވެ އެވެ. ތާރީހީ ގޮތުން ހާއްސަ އެވެ. ވެށީގެ ގޮތުން ހާއްސަ އެވެ. މީހުން ދިރިއުޅުނު އެ ގެދޮރުތަކާއި ދައުލަތުގެ އޭރުގެ އެ އިމާރާތްތަކަކީ، ބިނާއީ އާސާރުތަކެވެ. ވެލާ، ކަހަނބު، ބިސް އަޅައި، ހާލި ހަދައި، އެ ދިރުންތަކުގެ ވަޒަނެއް ގޮތަށް އޮތް ރީތި މާހައުލަކީ އެ ވެށީގެ ހާއްސަ ކަމެވެ.

ނަމަވެސް މި ހާއްސަ ސިފަތަކާއެކު، މި ރީތި ކަމުގައި މި ތަރިކަ ދެން ނުފެނިދާނެ އެވެ. ތަރައްގީ އާއި ވިޔަފާރީގެ ޒަރޫރަތަކަށް ޓަކައި، ނަގައިލުމަށް ގަސްތުކުރި، ގުދުރަތާއި ތާރީހުގެ ހަޒާނާއެކެވެ.