Advertisement

މި އަހަރު ފަށަން ބުނި އައްޑޫ ބުރިޖު މަޝްރޫއަށް ފައިނޭންސިން ހަމަނުޖެހޭ ކަމަށް އިއުތިރާފުވެއްޖެ

15 ޖުލައި 2024 - 11:18 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ދާގޮތް ރައީސް މުއިއްޒު އަދި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު ބައްލަވާލައްވަނީ: މިނިސްޓަރު މިއަދު ވަނީ އައްޑޫ ބުރިޖަށް ފައިނޭންސިން ހަމަނުޖެހޭ ކަމަށް އެއްބަސްވެވަޑައިގެންފަ -- ފޮޓޯ: ރައީސް އޮފީސް


މި އަހަރު ފަށަން ބުނި އައްޑޫ ބުރިޖު މަޝްރޫއަށް ފައިނޭންސިން ހަމަނުޖެހޭ ކަމަށް އިއުތިރާފުވެއްޖެ

15 ޖުލައި 2024 - 11:18 0

މި އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލަ ދޭ ބްރިޖުގެ މަޝްރޫއަށް މިހާތަނަށް ފައިނޭންސިން ހޯދިފައި ނުވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މަޖިލީހުގައި ހިތަދޫ މެދު ދާއިރާގެ އަހުމަދު އަޒާން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އަޒާން ސުވާލުކުރެއްވީ ބުރިޖުގެ މަޝްރޫއު ހުއްޓިފައިވާ ކަމަށް ބުނެ އިދިކޮޅުން ތުހުމަތުކުރަމުންދާ ކަމަށާއި އެކަން ސާފުކޮށްދެއްވަން އެދި އެވެ.

ޖަވާބުގައި މުއްތަލިބު ވިދާޅުވީ އައްޑޫ ބުރިޖު މަޝްރޫއަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް މަޝްރޫއު ކަމަށެވެ. އަދި ސަރުކާރުން ވާނީ މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތަކީ ގާބިލު ބައެއް ކަމަށް ފެންނާތީ ސޮއިކޮށް އެކުގައި މަސައްކަތްތަކެއް ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އެ ބޭފުޅުންގެ އެންމެ ބޮޑު ކަމަކީ އެވަރުގެ ޕްރޮޖެކްޓަކަށް ފައިސާ ހަމަޖެއްސުން، އެހެންވީމަ އެ ބޭފުޅުންނަށް މި އިންނަނީ އެމްއޯޔޫގެ ދަށުން ފައިސާ އެރޭންޖުކޮށްދިނުން. ސަރުކާރުން ލޯނު ނަގާނީ އެކަމަކު އެރޭންޖު ކޮށްދޭނީ އެ ބޭފުޅުން،" މުއްތޮލިބު ވިދާޅުވި އެވެ.

މިހާތަނަށް އެގޮތަށް ފައިނޭންސިންއެއް ހަމަޖެހިފައި ނުވާކަމަށް އެއްބަސްވެވަޑައިގެން މުއްތަލިބު ވަނީ އެ ކުންފުންޏާއެކު ކޮންޓްރެކްޓެއްގައި ސޮއިނުކޮށް ލަސްވަނީ ވެސް ފައިސާ ހަމަނުޖެހޭތީ ކަމަށެވެ. ނަމަވެސް އެ ކުންފުނިން ހުށަހެޅި ބައެއް ފަރާތްތަކާ ސަރުކާރުން ވާހަކަދެއްކި ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"މި ވަގުތު ކުރެވެމުންދަނީ މި ދެންނެވި ގޮތަށް އެފަރާތުން ހުށަހަޅާ ފަރާތްތަކާ ވާހަކަ ދައްކައިގެން ސަރުކާރަށް އެއްބަސްވެވޭ ކަހަލަ ފައިނޭންސިންއެއް ހަމަޖެހޭތޯ. ހަމަޖެހިއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެން ސޮއިކޮށްގެން ކުރިއަށް ގެންދާނަން. ހަމަނުޖެހޭ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެކަން ކުރެވޭ އެހެން ފަރާތަކާ އެއްކޮށް ކުރިއަށްދާނަން،" އޭނާ ވިދާޅުވި އެވެ.

އައްޑޫ ބުރިޖު އަޅަން ސަރުކާރަށް ޕްރޮޕޯސަލެއް ހުށަހެޅީ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕުންނެވެ. ސަރުކާރުން ވަނީ ފެބްރުއަރީ 19، ގައި ބްރިޖުގެ މަސައްކަތް ކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

"މިއަދު ސޮއިކުރި އެއްބަސްވުން ދެން ބަދަލުވާނީ ކޮންޓްރެކްޓަކަށް. އަމަލީ މަސައްކަތުގެ ކޮންޓްރެކްޓަކަށް ބަދަލުވެ ހަމަ މިއަހަރުގެ ތެރޭގައި މި ބްރިޖުގެ އަމަލީ މަސައްކަތް ފަށާނަން. އަޅުގަނޑުގެ އަންދާޒާއަކީ ގާތްގަނޑަކަށް ތިން އަހަރާއި ބައި ހަތަރު އަހަރު, އިރާދުކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި މަސައްކަތް ނިންމައި," އައްޑޫ މީދޫގައި ހުންނަވާ ރައީސް ވިދާޅުވި އެވެ.

އަރަބް ކޮންސްޓްރެކްޓާސް އިން ބުރިޖު ޑިޒައިން ކުރުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މާޗު 10، ގައި ބުނެފައިވެ އެވެ. ނަމަވެސް އޭގެ ފަހުން ބުރިޖާ ގުޅޭ އިތުރު ތަފުސީލެއް ސަރުކާރުން މިއަދާ ހަމައަށް ހާމަކޮށްފައެއް ނުވެ އެވެ.