Advertisement

ސަރުކާރަށް އަށް މަސް: ދުވެއްޔެއް ނެތް، ވައުދެއް ވެސް ނުފުއްދޭ!

18 ޖުލައި 2024 - 08:30 4

އަހުމަދު އާއިދު

އަދި

އަމަން ހަލީމް

އަހުމަދު އާއިދު
އަމަން ހަލީމް


ސަރުކާރަށް އަށް މަސް: ދުވެއްޔެއް ނެތް، ވައުދެއް ވެސް ނުފުއްދޭ!

18 ޖުލައި 2024 - 08:30 4

އަހުމަދު އާއިދު
އަމަން ހަލީމް

އަހުމަދު އާއިދު

އަދި

އަމަން ހަލީމް

ރައީސް ޑރ. މުުހައްމަދު މުއިއްޒުގެ ސަރުކާރަށް އިއްޔެ ވަނީ ބަރާބަރު އަށް މަސް ދުވަސް ފުރިފަ އެވެ. އެ މަނިކުފާނު ގިނަ އުއްމީދުތަކެއް ދެއްވި އެވެ. ރައްޔިތުން އެދިއެދި ތިބި އެތައް ކަމެއް ކޮށްދެއްވާނެ ކަމާއި، އަދި ރައްޔިތުން އެދިފައިނެތް އެތައް ކަމެއް ތްރީޑީ ކުރެހުންތަކާއެކު ދައްކުވައި ވި ވައުދުތަކުގެ ތެރެއިން، މި ލިޔުމުގައި ބަލައިމިލަނީ މުހިއްމު އަށް ކަމަކަށެވެ.

"ބިރުވެރި" 100 އެއްބަސްވުން ނުދެއްކުނު

ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި އޭގެ ކުރިން ވެސް އޭރުގެ ސަރުކާރަށް ފާޑުކިޔައި، ނުރުހުން އަމާޒުކުރީ އިންޑިއާއާ އެކު އެމްޑީޕީގެ ސަރުކާރުން ބޭއްވި ގާތް ގުޅުމަށެވެ. އެ ގުޅުމުގެ ތެރެއިން އޭރުގެ ސަރުކާރުން އިންޑިއާ ސަރުކާރާއެކީ ދިފާއި ދާއިރާއިންނާއި އިގުތިސޯދީ ދާއިރާއިންނާއި އިޖުތިމާއީ ދާއިރާއިން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި އެވެ.

އޭރު އިދިކޮޅުގައި ތިބެގެންނާއި އިންތިހާބު ކާމިޔާބުވީ ފަހުން އިންތިގާލީ މަރުހަލާގައި ވެސް މި ސަރުކާރުން ބުނަމުން ދިޔައީ އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ބިރުވެރި އެއްބަސްވުންތަކެއް ކަމަށެވެ. މިފަދަ 100 އެތައް އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތް ކަން ހާމަ ކުރީ ވެސް އިންތިގާލީ މަރުހަލާގެ ތެރޭގަ އެވެ. އަދި އެ އެއްބަސްވުންތައް ބަލައި އެ ތަފްސީލުތައް ހާމަކުރާނެ ކަމަށް ވައުދުވި އެވެ.

ނަމަވެސް، ސަރުކާރާ ހަވާލުވެ ހަމަޖެހިލުމާއެކު ރާގު ބަދަލުވެ، އެއްބަސްވުންތައް ހާމަކުރުމުގައި ފަސްޖެހޭ މަންޒަރު ފެންނަން ފެށި އެވެ. ދެން ބުނަން ފެށީ ގައުމީ ސަލާމަތަށް ނުރައްކާވާ މާއްދާތައް ނުހިމެނޭ އެއްބަސްވުންތައް ހާމަކުރާނެ ކަމަށެވެ. މިއަދާ ހަމައަށް މިއިން އެއްވެސް އެއްބަސްވުމެއް ހާމަނުކުރެވުނު އިރު، އޭގައި ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހުރި ކަމެއް ވެސް ސަރުކާރަށް ކިޔައިނުދެވުނެވެ.

ބިޔަ މަޝްރޫއުތައް އެއްބަސްވުންތަކުން މައްޗަށް ނޭރި

ވެރިކަމާ ހަވާލުވުމާއި މަޖިލިސް އިންތިހާބާ ދެމެދު ހިނގި މުއްދަތުގެ ތެރޭގައި މި ސަރުކާރުން ބިޔަ މަޝްރޫއުތަކެއް އިއުލާންކުރި އެވެ. ފާހަގަކޮށްލެވޭ ބައެއް މަޝްރޫއުތަކުގެ ތެރޭގައި ވެލޭނާ އެއާޕޯޓު ތަރައްގީކުރުމުގެ ތިންވަނަ ފިޔަވައްސާއި އިންޓަނޭޝަނަލް އެއާޕޯޓުތަކާއި އިހަވަަންދިއްޕޮޅު ގޭޓުވޭގެ އިތުރުން އައްޑޫ ބްރިޖާއި ގާދޫ ޕޯޓާއި ރީޖަނަލް އެއާޕޯޓުތައް ހިމެނެ އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވި ކޮންމެ ރަށަކާއި ކޮންމެ އަތޮޅެއްގައި ބިޔަ ބޮޑު މަޝްރޫއެއް ހިންގަން ކޮންމެވެސް ކަހަލަ ލިޔުމެއްގައި ސޮއިކުރިޔޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެއީ އެމްއޯޔޫއެއް ވިޔަސް، ޓާމް ޝީޓެއް ވިޔަސް ފްރޭމްވޯކް އެއްބަސްވުމެއް ވިޔަސް، ބުނަމުން ދިޔައީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.

މަޝްރޫއުތައް އިއުލާނު ކުރަމުން ކުރަމުން ގޮސް، ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމަށް 17 ގަޑިއިރަށްވެފައި ވަނިކޮށް ތިން ރަށެއްގައި ހޮސްޕިޓަލް އަޅަން ވެސް ހަވާލުކުރި އެވެ.

މިއިން ގިނަ މަޝްރޫއުތަކުގެ އަދާހަމައަކީ، އޭރު ސޮއިކުރި އެއްބަސްވުމުގެ ބޭރުން މާ ބޮޑު ކަމެއް ނުކުރެވޭ ކަމެވެ. ބައެއް މަޝްރޫއުތައް ހިންގޭތޯ ދިރާސާތައް ފެށި ނަމަވެސް، ސޮއިކުރިއިރު ކަންކަން ހިނގާނެ ކަމަށް ބުނި ދުވެލީގައި އެއްވެސް ކަމެއް ނުހިނގަ އެވެ. ސޮއިކުރި ދުވަހުގެ ފަހުން ގިނަ މަޝްރޫއުތަކުގެ އިތުރު ހަބަރެއް ނެތެވެ. ފައިސާއެއް ވެސް ނުހޯދެ އެވެ.

ބަޖެޓަށް ހޯދަން ޖެހޭ ފައިސާ ނުހޯދުނު

ބަޖެޓަށް ލަފާ ދިނުމުގެ ގާނޫނީ ޒިންމާ އޮންނަ މަރުކަޒީ ބޭންކާއި އޮޑިޓާ ޖެނެރަލް އޮފީހުން އެންމެ ބޮޑަށް ބާރުއެޅީ، ބަޖެޓަށް ބޭނުންވާ ފައިސާ އަވަހަށް ހޯދުމަށެވެ. މި އަހަރަށް ފާސްކުރީ 16.3 ބިލިއަން ރުފިޔާ ޑެފިސިޓު ބަޖެޓެކެވެ. އެއީ އާމްދަނީގެ ޑެފިސިޓް ފޫބައްދަން 8.8 ބިލިއަން ރުފިޔާ އާއި ދަރަނީގެ އިންޓްރެސްޓް އަދާކުރަން 5.2 ބިލިއަން ރުފިޔާ އާއި ޕްރިންސިޕަލް އަދާކުރަން 2.2 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މި އަހަރުގެ "އެނުއަލް ބޮރޮއިން ޕްލޭން" ގައިވާ ގޮތުގައި، މި ފައިސާ ހޯދާނީ އެތެރޭގެ ބާޒާރުން ހޯދަނީ 3.9 ބިލިއަން ރުފިޔާ އަދި ބޭރުގެ ބާޒާރުން، ސަރުކާރުތަކާއި އިންވެސްޓަރުން ހިމެނޭ ގޮތަށް، ހޯދަނީ 12.3 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 8.4 ބިލިއަން ރުފިޔާ ދޭނެ ބަޔަކު ހޯދަން ޖަނަވަރީގައި އިއުލާން ވެސް ކުރި އެވެ.

އެކަމަކު މިއަދާ ހަމައަށް، އެތެރޭގެ ބާޒާރަށް ޓީބިލު ވިއްކައިގެން ލިބުނު މަދު ފައިސާކޮޅާއި މެއި މަހުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރި ބޭންކަކުން ނަގާފައިވާ 432 މިލިއަން ރުފިޔާގެ ލޯނެއް ފިޔަވައި އިތުރު ފައިސާއެއް ނުލިބެ އެވެ. މިއާއެކީ ބަޖެޓުން ހަރަދުކުރާނެ ޖާގަ ކުޑަވެ ސަރުކާރަށް ވަނީ އެކި ދިމަދިމާލުން ހަރަދުތައް ކުޑަކުރަން މަޖުބޫރުވެފަ އެވެ.

ހާމަކަން ބޮޑުކުރަން ބުނެ، ދިރުވަނީ ސިއްރުކުރުމުގެ ސަގާފަތެއް

ހާމަކަން ބޮޑު، މައުލޫމާތު ހޯދަން ތައްމިނަށް ދޮރު ހުޅުވިފައި ހުރި، ދެފުށް ފެންނަ ސަރުކާރަކަށް މި ސަރުކާރު ވާނެ ކަމުގެ ޔަގީންކަން ރައީސް ތަކުރާރުކޮށް ދެއްވި އެވެ. ކުރީ ސަރުކާރުގައި ގެންގުޅުނު "ސިއްރުވެރި" ސަގާފަތު ދޫކޮށް، ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ދިމާ ހާމައަށް ފެންނަން އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މައުލޫމާތު ހޯދަން ހުށަހަޅަން ނުޖެހޭ މިންވަރަށް ދައުލަތުގެ ހާމަކަން ބޮޑު ކުރާނެ ކަމަށް ވައުދުވެވަޑައިގަތެވެ.

ނަމަވެސް ސަރުކާރަށް އަށް މަސް ވެގެން އައިއިރު ފެންނަނީ ހާމަކަމުގެ ވިސްނުން ދޫކޮށް، ސިއްރުވެރިކަމަށް ދައުލަތް އެނބުރެމުންދާ މަންޒަރެވެ. މިކަމުގެ މިސާލަކަށް މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދުގެ މައްސަލަ ފުދެ އެވެ. މިއަދާ ހަމައަށް މި މައުލޫމާތު ހާމަނުކުރާ ތަނުގައި އެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަނަރު އެންގެވި ހުރިހާ އެންގެވުމަކަށް ވެސް ދިނީ ބީރު ކަންފަތެކެވެ.

މިގޮތަށް ސަރުކާރު އޮފީސްތަކާއި ސަރުކާރު ކުންފުނިތަކުން ވެސް ގެންދަނީ ކަންކަމުގައި މައުލޫމާތު ދޭން ދެކޮޅު ހަދައި، ކޫސަނި ބަހަނާތައް ދައްކައި ދެކޮޅު ނުޖެހޭ ސަބަބުތަކުން ވިޔެފައިވާ ފަރުދާއެއް ދަމައި، ހާމަ ކުރަން ބުނި ހުރިހާ ކަމެއް ފޮރުވައި، ނިވާ ކުރަމުންނެވެ.

އިޒްރޭލް ޕާސްޕޯޓް މަނައެއް ނުކުރެވުނު

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ފެށި އަނިޔާވެރިކަމާއެކީ، އިޒްރޭލުން އަންނަ ޓޫރިސްޓުންނަށް ރާއްޖެ މަނާކުރަން ގޮވާލަން ފެށި އެވެ. މިކަމަށް އަޑުއުފުލާ މަޖިލިސް ދޮށަށް މީހުން އެއްވުމުން، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސަށް ލަފާދީ މަޖިލީހުގެ ހާރިޖީ ކޮމިޓީން ސިޓީއެއް ފޮނުވި އެވެ.

ދެން ފެނުނީ އެކި މަރުހަލާތަކުގެ ތެރޭގައި މިކަން ތާށިކުރަމުން ދިޔަ މަންޒަރެވެ. ފުރަތަމަ ރައީސް މުއިއްޒު މިކަން ހުށަހެޅުއްވީ ކެބިނެޓަށެވެ. ކެބިނެޓުން މި މައްސަލަ ބެލީ އިކޮނޮމިކް ކައުންސިލުންނެވެ. މިކަމެއް ހަ މަހަށް ދިގުލައިގެން ގޮސް، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ބަދަލު ގެންނަން ކެބިނެޓުން ނިންމީ މިދިޔަ މަހު ކުރީކޮޅެވެ.

މި ނިންމުމަށް ރައްޔިތުންގެ ރުހުމާއި ދުނިޔޭގެ އެތައް ބަޔެއްގެ ތައުރީފު ލިބުނު ފަހުން ސަރުކާރުގެ ރާގު ބަދަލުވެ މިހާރު ބުނަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރެވެން ނެތް ކަމަށެވެ. މިހާރު ސަރުކާރުގެ ވާހަކަތައް ހުރި ގޮތުން، ގިނަ ރައްޔިތުންތަކެއް ބޭނުންވިޔަސް މިކަން ކޮށްފާނެ ކަމަކަށް ނުބެލެވެ އެވެ.

މަތިބަރު ސަރުކާރެއް

ކުރީ ސަރުކާރުގައި ސިޔާސީ މަގާމުތައް މާ ގިނަ ކަމާއި، މި ސަރުކާރުގައި ސިޔާސީ މަގާމުތައް 700 އިން މަތިނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ބަލައިލި ކޮންމެ ދިމާއަކުން ސަރުކާރުގެ މަތި ވަނީ ބަރުފަ އެވެ. ބައެއް އޮފީސްތަކުގައި ސިވިލް ސާވަންޓުންނާއި ސިޔާސީ މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް އެއް ހަމައެވެ.

ބުނި އަދަދަށް ވުރެ ސިޔާސީ މުވައްޒަފުން ގިނަ ނުވާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުންޏަސް، މިކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތެވެ. ސަބަބަކީ ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކޮށްފައި އޮތުމެވެ. މިއަދާ ހަމައަށް ވެސް ސަރުކާރަށް އެ އެ މައުލޫމާތު އާންމުކުރެވޭ ކަމަކަށް ނުވި އެވެ.

ސަރުކާރުގެ ހަރަދު ބޮޑުވެގެން ދިޔަ މައިގަނޑު އެއް ސަބަބަކީ ސިޔާސީ މުވައްޒަފުން ގިނަވެ، މަތިބަރުވުމެވެ. ބައެއް އޮފީސްތަކުގައި ޖާގައިގެ ދަތިކަން ބޮޑުވީ ވެސް، އަދި މުސާަރަ ކޯޑު ހުސްވީ ވެސް ސިޔާސީ މުވައްޒަފުން ގިނަ ވުމުންނެވެ. މި ވާހަކަތައް ސަރުކާރުން އިސްވެ ދައްކަން ބޭނުން ނުވިޔަސް، މިއީ ހަގީގަތެވެ.

ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން 400 ސިޔާސީ މީހުން ވަކިކުރަން ނިންމާފައިވާ ކަމަށް ސަރުކާރުގެ ސިޔާސީ އޮފިޝަލަކު ވިދާޅުވި ކަމަށް އަދަދު ނޫހުގައި ކުރިން ރިޕޯޓުކުރި އެވެ. އެއީ އިންތިހާ އަށް މަތި ބަރުކޮށްލާފައިވާ ކަމުގެ ހެއްކެކެވެ. ސިޔާސީ މުވައްޒަފުން މަދުކުރުމަށްޓަކައި، ކޮންމެ މިނިސްޓަރަކަށް އެންމެ ކަމުދާ 25 ސިޔާސީ މުވައްޒަފުންގެ ލިސްޓެއް އެކުލަވާލައި ރައީސް މުއިއްޒަށް ވަނީ ފޮނުއްވައިފަ އެވެ. ސަރުކާރަށް ނޭވާ ލެވޭ މިންވަރަށް ސިޔާސީ މުވައްޒަފުން މަދުކުރާނީ އެ ލިސްޓު ރައީސް މުއިއްޒު އެޕްރޫވް ކުރެއްވުމަށް ފަހު އެވެ.

ބޮޑު ދެ ސިނާއަތް ނުތަނަވަސް ކަމެއްގައި

ޓޫރިޒަމަކީ ގައުމުގެ އެއް ނަންބަރު ސިނާއަތެވެ. މަސްވެރިކަމަކީ އެންމެ ޒަމާންވީ، އަދި ދިވެހިންގެ ލޭނާރެވެ. ނަމަވެސް މިއަދު ރާއްޖެ އަންނަ ޓޫރިސްޓުން މަދުވެފައިވާއިރު، މަސްވެރިންކަން ވެސް ވަނީ ހީނަރުވެފަ އެވެ.

ޓޫރިޒަމަށް އޮތް ނުތަނަވަސް ކަމަކީ ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށަށް ދިޔުމާއި މައި އެއާޕޯޓު ނުނިންމުމާއި އަނެއްކާ ވެސް ޓެކްސްތައް ބޮޑުކުރުމުގެ ބިރެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި އިންޑިއާ ރުޅިއަރުވާލުމުން، އެ ސިނާއަތުގެ ރިހޭ ފައި މައްޗަށް ފޮއިވެއްޓުނު ކަަހަލަ އެވެ. އަލުން ސިނާއަތް ހަމައަކަށް އެޅޭ ތަން ފެނުނަސް، ޓޫރިސްޓު ވިޔަފާރިތައް ތިބީ ކުރިމަގާ މެދު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.

މި ސަރުކާރުން މަސްވެރިންނަށްވީ ވައުދަކީ 20ރ. ކިލޯއެއްގެ މަގުގައި މަހުގެ އަގު ހިފަހައްޓާނެ ކަމަށެވެ. މަސްވެރިން ވޯޓު ދިނީ އެހެންވެ ކަމަށް ބެލިދާނެ އެވެ. ނަމަވެސް، ސަރުކާރުން ކުރި ބޭކާރު ހަރަދާއި ގެންގުޅު ސިޔާސަތުގެ ސަބަބުން ބަޖެޓު ސަޕޯޓަށް ފައިސާ ނުހޯދުމުގެ އަސަރު އެންމެ ބޮޑަށް ކުރީ މަސްވެރިންނަށެވެ. މަހުގެ އަގު މި ސަރުކާރުން ދެ ފަހަރު ކުޑަކުރިއިރު، މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ހޯދަން ޖެހުނީ މުޒާހަރާ ކުރާށެވެ.

ދެން މަސްވެރިންނަށް އަގު ލިބޭނީ ދުނިޔޭގެ ބާރާޒުގައި ވެސް ރޯމަހުގެ އަގު ހުރި މިންވަރަކަށެވެ. މި ބަދަލާމެދު ބަހުސް ކުރެވިދާނެ އެވެ. ނަމަވެސް، މަސްވެރިން އުއްމީދު ކުރީ މި ސަރުކާރުން 20ރ. ގައި މަހުގެ އަގު ހިފަހައްޓާނެ ކަމަށެވެ.

ބޯހިޔާވަހިކަމުގެ ފުރިހަމަ ހައްލު އެދަނީ ފަނުފުުލުން

ރައީސް މުއިއްޒުގެ ހުވަފެނީ މަޝްރޫއެއްގެ ގޮތުގައި ފާހަގަވެފައިވަނީ މާލެ އަތޮޅު ދެކުނުގައިވާ ފުށިދިއްގަރުފަޅު ހިއްކާ އެ ތަނުގައި "ރަސްމާލެ" ތަރައްގީކުރުމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ ފުރިހަމަ ހައްލެވެ.

އެ މަޝްރޫއުއަށް މި އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން މަޖިލީހުން [އެމްޑީޕީގެ އަގުލަބިއްޔަތު އޮތް 19 ވަނަ މަޖިލީސް] ކަނޑާލީ، ބޯހިޔާވެހިކަމުގެ އެހެން މަޝްރޫއުތައް އަވަހަށް ނިންމުމަށާއި، އެމްޑީޕީގެ ވެރިކަމުގައި ހުޅުމާލެ ގޯތި ދޫކުރި ސަރަހައްދުތަކާއި ގުޅިފަޅު ގިރާވަރު އާބާދުކުރުން އަވަސްކުރުމަށެވެ.

ޑިސެމްބަރު 18، 2023 ގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މަޖިލީހަށް ގޮންޖަހައި ދައުލަތުގެ ބަޖެޓުން ލޯލާރިއެއްވެސް ނުދާނެ ކަމަށް ވިދާޅުވުމަށް ފަހު އެވެ. އެ މަޝްރޫއު ފެށީ، ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރު އަދި ރަސްމާލެއިން 60 ހެކްޓަރު ލިބޭ ގޮތަށެވެ. ބިން ހިއްކުމުގެ މަސައްކަތް ފުރަތަމަ ހަފުތާއަށް ފަހު މަޑުޖެހުނެވެ. ނަމަވެސް އެކަމަށް ސަރުކާރުން އެއްބަސްވީ އެތައް ދުވަހަކަށް ފަހު އެވެ.

މަޝްރޫއު ކުރިއަށް ނުގެންދެވި ސީއެމްސީސީއާއެކު ހެދި އެއްބަސްވުން ބާތިލުކުރުމުގެ އަޑުތައް ފެތުރިގެން ދިޔުމަށް ފަހު ދެން އިވުނީ އެ ކުންފުންޏަށް މި މަހު 77 މިލިއަން ރުފިޔާ ދީގެން، މަޝްރޫއުގެ ފުރަތަމަ ސެގްމެންޓު ހިއްކަން ފެށި ވާހަކަ އެވެ.

ރަސްމާލެ އަކީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ހައްލު ކަމާއި، އެންމެ ޒަމާނީ ސިޓީ ކަމަށް ވިދާޅުވި ނަމަވެސް އަދި ކަނޑުއަޑީގެ ހަދާ ރޭލް ޓަނަލުން އެ ސިޓީ އާއި މާލެ ގުޅާލާނެ ކަމާއި، ވައިގެ މަގުން ޖެއްސޭނެ ގޮތް ހަދާނެ ކަމުގެ ދެއްކީ ހަމައެކަނި ކުރެހުމެކެވެ.

"މުއިއްޒު ދުވެލީ" މަޝްރޫއު އާއި ސަރުކާރު ހިނގާނެ ކަމަށް ބުނި ނަމަވެސް، ރައީސް މުއިއްޒުގެ އެންމެ ބޮޑު މަޝްރޫއު އެދަނީ ފަނުފުލުންނެވެ. ރައީސް ކަނޑައެޅުއްވި ގޮތަށް އެ މަޝްރޫއެއް ނުދެ އެވެ.

މި މަޝްރޫއުތަކުގެ އިތުރުން ރައީސް ޑރ. މުއިއްޒު ވައުދުވެ ވެވަޑައިގެންނެވި ގިނަ ކަންކަން ހުރީ ނުފެށި އެވެ. ބާރު ދުވެލީގައި, 24 ގަޑިއިރު ހިންގަން ބުނި ނަމަވެސް ސަރުކާރުގެ ހިންގުމުގައި ދުވެއްޔެއް ނެތެވެ. ވޭތުވެދިޔަ އަށް މަހު ދުވެލި ހުރީ ދަތްގަނޑުގެ ތިރީ ފިތުގަ އެވެ. ފެންނަން ހުރި ކަންކަމުން، ދުވެލި މެކުހަށް އަރާނެ އުއްމީދެއް، ދުވަހެއް އަދި ނުފެނެ އެވެ.