Advertisement

ދަރު މާރުކޭޓުން ދައުލަތުގެ އެންމެ އުހަށް އަބްދުއްރަހީމް ކުރި ދަތުރު

17 ނޮވެންބަރު 2023 - 14:19 7

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ދަރު މާރުކޭޓުން ދައުލަތުގެ އެންމެ އުހަށް އަބްދުއްރަހީމް ކުރި ދަތުރު

17 ނޮވެންބަރު 2023 - 14:19 7

ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތައް ފަށައިގަތްއިރު އަބްދުއްރަހީމް އަބްދުﷲ އަކީ ތުއްތު ކުއްޖެކެވެ. އާދައިގެ އާއިލާއެއްގައި ހުރި ފަގީރު ކުއްޖެކެވެ. އުމުރުގެ ފުރަތަމަ ދިހައެއް ފާހަގަ ކުރާން އޭނާއަށް ޖެހުނީ ޔަތީމެއްގެ ގޮތުގަ އެވެ. އެ އުމުރުގައި މަސައްކަތުގެ މައިދާނަށް ނުކުމެ ހިތްވަރު ކުރާން ހާލަތު އޭނާއަށް މަޖުބޫރު ކުރުވި އެވެ.

އެއީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، އިބްރާހިމް ނާސިރު ވެރިކަމުގެ އެންމެ ފަހު ދުވަސްވަރެވެ. ތަދު ދުވަސްވަރެކެވެ. މަޝްހޫރު ނަމުންނަމަ، ދަރަނި ކާޑު ކޭ ދުވަސްވަރެވެ. ހާއްސަކޮށް ރާއްޖޭގެ ރަށްރަށުގައި ދިރިއުޅެމުންދިޔަ ރައްޔިތުންނަށް އޭރު އުޅެން ޖެހިފައި އޮތީ ވަރަށް ނިކަމެތި ދިރިއުޅުމެކެވެ.

ނަމަވެސް އެއީ ޕީއެންސީގެ މިހާރުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ގެ ކުރިމަގަށް އޮތް ހުރަހެއް ކަމުގައި އޭނާ ނުހެދި އެވެ. އެރިކާށްޓަށް މީހުންނަށް ރުއް އަރައިދިނުމާއި ވަޑާން ކުރާ މީހުންނާއެކު ގޮސް އެމީހުން ކޮށާ ވަކަރުގައި ކަޑިން ފާހަގަ ޖަހައިދިނުމަށް އުއިގެ އެއްކޮޅުގައި ހިފަހައްޓައި ދިނުމާއި ދަރު ކޮށައިގެން މާލެ ފޮނުވުން ފަދަ މަސައްކަތްތައް އާމްދަނީ ހޯދުމަށްޓަކައި އަބްދުއްރަހީމް ކުރާން ފެށި އެވެ.

އެ ނިކަމެތި ކަމާއެކު އެދުވަހު ކުރި ހިތްވަރުގެ ސަބަބުން ހަޔާތުގެ މާފަހު ދުވަހެއްގައި ހެވެއް ނުވަތަ މަންފާއެއް ކޮށްފާނެ ކަމެއް އެދުވަހު އެ ޅަ ސިކުނޑިއަކަށް ނުވިސްނެ އެވެ. އަބްދުއްރަހީމްގެ އަޒުމަކަށްއޭރު ވެފައި އޮތީ، އެ ވަގުތު ކުރިމަތިވެފައި އޮތް ހާލަތުން އަރައިގަނެ ފާގަތި ދުވަސްތަކެއް ހޯދުމެވެ.

ޅަފުރައިގައި ކާމިޔާބަށް ހުޅުވުނު ދޮރާށި

ހަޔާތުގެ ކުރީކޮޅު ދިރިއުޅެންޖެހުނު ނިކަމެތިކަމާއި ފަގީރު ކަމުގެ ސަބަބުންނާއި އެދުވަސްވަރަކީ އަތޮޅުތަކުގައި ބޮޑެތި މަދަރުސާތަކާއި ކޮލެޖުތައް ހުންނަ ދުވަސްވަރެއް ނޫންކަމުން ލޯލި ކަޅުވެލާ އުމުރުފުރައަށް އެޅިއިރު ވެސް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު އަބްދުއްރަހީމްއަށް އޮތީ އެންމެ ފުރިހަމައަށް ނުލިބި އެވެ. އޭނާގެ އުމުރުން 12 އަހަރު ފުރުނުއިރު ހަމައެކަނި ލިބިފައި ހުރީ މައިންބަފައިންގެ ފުށުން ލިބުނު ގުރުއާނުގެ ތައުލީމު އެކަންޏެވެ.

"އެހެން އުޅެނިކޮށް ވެރިކަން ބަދަލުވެއްޖެ، ނާސިރުގެ ވެރިކަން ނިމި 1978 ގައި މައުމޫންގެ ވެރިކަން ފެށިއްޖެ. [ވެރިކަން] ބަދަލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަދަރުސާއަށް ވައްދައިފި. އެއީ މަދަރުސަތުއްސިރާޖު ކިޔާ މަދަރުސާއެއް. އެ މަދަރުސާގެ ތިންވަނަ ކުލާހުގައި [ފުރަތަމަ] އުޅުނީ،" އެދުވަސް ހަނދާން ކުރަމުން އަބްދުއްރަހީމް ކިޔައިދެއްވި އެވެ.

ފުރަތަމަ ތައުލީމީ ހިޔާވަހި ވެގެންދިޔައީ އެހައިތަނަށް ނިކަމެތިކަމާއި ހާލުދަތިކަން ތަޖުރިބާ ކުރަމުންދިޔަ އަބްދުއްރަހީމްއަށް ހަޔާތުގެ މުޅިން އެހެން ސަފުހާއެއްގައި ގަލަން ހިންގާލުމަށް ފަހިކޮށްދިން ތަނަކަށެވެ.

މަދަރުސަތުއްސިރާޖުގައި އަބްދުއްރަހީމް ތައުލީމު ހާސިލު ކުރަން ފެށިތާ މާގިނަ ދުވަހެއް ނުވެ، ރައީސް މައުމޫންގެ ވެރިކަމުގެ ފުރަތަމަ ދުވަސްވަރު ކުޅިވަރު ކުރިއެރުވުމަށް ފެށްޓެވި މަސައްކަތުގެ ތެރެއިން ބާރު ދުވުންތެރިން ހޯދުމަށް އެޑިއުކޭޝަން މިނިސްޓަރީން މުޅި ރާއްޖޭގައި އަތް ފުނާ އަޅަން ފެށި އެވެ. އެގޮތުން ކޮންމެ އަތޮޅަކުން އެންމެ ބާރަށް ދުވާ ހަތަރު ފިރިހެން ކުދިންނާއި ދެ އަންހެން ކުދިން މާލެ ފޮނުވުމަށް އޭރުގެ އެޑިއުކޭޝަން މިނިސްޓަރު، ޒާހިރު ހުސެއިން އަތޮޅު އޮފީސްތަކަށް އެންގެވި އެވެ.

އެ އެންގެވުމާ އެއްގޮތަށް އަތޮޅުތަކުން އެންމެ ބާރަށް ދުވާ ކުދިން ފުރޭނުމަށްޓަކައި ކޮންމެ ރަށަކުން ވެސް އެންމެ ބާރަށް ދުވާ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު އަތޮޅު މުބާރާތަށް ފޮނުވުމަށް އެދުނެވެ. ލ. އަތޮޅު ފޮނުަދޫއިން އެންމެ ބާރު ފިރިހެން ދުވުންތެރިޔާގެ ގޮތުގައި އެ އަތޮޅު ހިތަދޫއަށް ދިއުމުގެ ފުރުސަތު ލިބުނީ އަބްދުއްރަހީމް އަށެވެ.

ޅަދޮނޅު އުމުރުގައި މަސައްކަތުގެ މާހައުލުގައި ހެލިފެލިވެ އުޅެންފެށި އަބްދުއްރަހީމްއަށް ލާމު އަތޮޅުގައި އޭރު މީހުން ދިރިއުޅުނު އަށް ރަށުގެ އެންމެ ބާރު ދުވުންތެރިން ފަހަތަށް ޖައްސާލައި މުޅި އަތޮޅުން އެއްވަނަ ހޯދުން އެއީ އުނދަގޫ ކަމަށް ނުވި އެވެ. މުބާރާތުން އެއްވަނަ ހޯދައި ވެރިކަން ކުރާ މާލެއަށް އައުމުގެ ފުރުސަތު އޭނާގެ ހުނަރުވެރިކަން ބޭނުންކޮށްގެން ހޯދީ މާލެއަކީ ކިހިނެއް އޮންނަ ތަނެއް ކަމެއް ވެސް އެނގިގެނެއް ނޫނެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ގަލޮޅު ދަނޑުގައި ބޭއްވި ސްޕޯޓްސް މީޓުގައި ވާދަ ކުރުމަށް އޭގެ ތިން މަސްދުވަސްފަހުން އަބްދުއްރަހީމް ފުރަތަމަ ފަހަރަށް މާލެއަށް އައެވެ. މާލެ އައުމުން ލާމު އަތޮޅު މެންބަރުންގެ ގޮޮތުގައި އޭރު ތިއްބެވި އިބްރާހިމް ހަލީމްއާއި ހުސެއިން ފަހުމީގެ ބެލުމުގެ ދަށުން އެއަތޮޅުން މާލެ އައި ކުދިންތައް އެކި ގޭގެއަށް ބަހައިލި އެވެ.

"މާލެ އައި ހަ ކުދިން ތިބީ އެމީހުންގެ ބެލުމުގެ ދަށުން މާލޭގެ އެކި ގޭގޭގައި. އަޅުގަނޑު ހުރީ ފިލިގަސްދޮށުގޭގައި، ތިން މަސް ދުވަސް ނެގި މާލޭގައި، އެހައިހިސާބުން މާލެއަށް ކިޔަވަން އައުމުގެ ޝައުގުވެރިކަން އުފެދިއްޖެ،" ހަޔާތުގެ މުޅިން އައު ބާބެއް ފެށުމުގެ އުއްމީދު އާލާވި ގޮތް އަބްދުއްރަހީމް ކިޔައިދެއްވި އެވެ.

މާލެ އައީ މުބާރާތެއްގައި ވާދަ ކުރުމަށް ކަމުގައި ވީތީ މާގިނަ ދުވަހު މާލޭގައި ހުރުމުގެ ފުރުސަތު އަބްދުއްރަހީމްއަކަށް ނުލިބުނެވެ. އެނބުރި އުފަން ވަޒަނަށް އޭނާ ދިޔައީ މާލެއިން ތައުލީމު ހާސިލު ކުރަން އަޒުމު ކަނޑައަޅައި، އުއްމީދުގެ އޮށް ހިތުތެރޭގައި އިންދައިގެންނެވެ. އެނބުރި ރަށަށް ގޮސް މަދަރުސާގެ ތިން ކުލާސް އަބްދުއްރަހީމް ފުރިހަމަ ކުރީ އެ ނިޔަތުގަ އެވެ.

މަދަރުސަތުއްސިރާޖުގެ ތިން ކުލާސް ފުރިހަމަ ކުރިއިރު، އަބްދުއްރަހީމްއަށް ހުރީ ލިޔާންކިޔާށާއި ކުދިކުދި ވިޔަތައް އެއްކޮށް ގުނަ ކުރުމުގެ އިތުރުން ދުރޫސުލްއަހުލާގު އެއްކޮށް ކިޔަވައި ނިމިފަ އެވެ. އެއީ އޭރަށް ބަލާއިރު ރަށްފުށުން ކިޔެވޭ އެންމެ މައްޗެވެ.

21 ދުވަހުގެ ދަތުރަކަށްފަހު ދަރު މާރުކޭޓަށް

މަދަރުސާ ނިންމި ގޮތަށް މާލެއަށް އަންނާނެ މަގެއް ފެނޭތޯ އަބްދުއްރަހީމް ދުރުމީ އަޅަންފެށި އެވެ. އެކަމުގައި މާގިނަ ދުވަސްތަކެއް ވޭތު ނުވަނީސް އާއިލީ ގޮތުން ތިމާގެ މީހަކާ އެކު މާލެ އައުމުގެ ފުރުސަތު އޭނާއަށް ފަހިވި އެވެ.

ރިޔަލު ދޯންޏެއްގައި 21 ދުވަހުގެ ދަތުރަކަށްފަހު މާލޭގެ ފަސްގަނޑަށް އަބްދުއްރަހީމް ފުންމައިލީ ހިތުގައި އިންދި އުއްމީދުގެ އޮށަށް ފެންދެމުންނެވެ. މާލޭގައި ހުރެގެން އިތުރަށް ތައުލީމު ހާސިލު ކުރާނެ ގޮތެއް ހޯދުމަށް ފުރޮޅަން ހުރި ހުރިހާ ގަލެއް ފުރޮޅުމަށެވެ.

"މާލެ އައިސް ދަރު މާރުކޭޓުގައި ދަރު ވިއްކަން އިންދާ މީހަކު އައިސް ބުނީ ކެރިދާނެހެއްޔޭ މާލޭގެ ގެއަކަށް ދާން ހުންނަން، އަޅުގަނޑަކަށް ނޭނގެ އެއީ ކާކު ކަމެއް ވެސް، އަޅުގަނޑު ބުނިން އާނ އޭ ދެވިދާނެޔޭ އެކަމަކު ޝަރުތެއް އެބައޮތޭ، އޭނާ ބުނީ ކޮބައިހެއްޔޭ، އަޅުގަނޑު ބުނިން ކޮންމެވެސް އެއް ގަޑިއެއް ވާނެޔޭ އަޅުގަނޑަށް ކިޔަވަން ދާން ލިބެން، އެހެންވެއްޖެއްޔާ ހިނގާށޭ ދާން، ދެން އޭނަ ބުނީ އަންނާނަމޭ މާދަން ބަލައި" މާލެއިން ތައުލީމު ހާސިލު ކުރުމަށް ފުރަތަމަ ހުޅުވުނު ދޮރުގެ ވާހަކަ އަބްދުއްރަހީމް ހިއްސާ ކުރި އެވެ.

އަށާރަ ވަނަ މަޖިލީހުގައި އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ. އޭރު އޭނާއަކީ ލ.ފޮނަދޫ ދާއިރާގެ މެންބަރު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އޭގެ އަނެއްދުވަހު އެމީހާ އައިސް އަބްދުއްރަހީމް ގޮވައިގެން ގެންދިޔައީ މާލޭގެ މަޝްހޫރު ގެއަކަށެވެ.

އެތައް އުއްމީދަކާއެކު ދިޔަ ނަމަވެސް، އެގޭގައި ހޭދަކުރި ދޮޅުމަހެއްހައި ދުވަހު އަބްދުއްރަހީމްގެ ހުވަފެނުގައި ކުޑަކޮށްވިޔަސް ކުލަ ޖައްސާލާނެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. އެގެއަށް ގެންދިޔަ މީހާ ވައުދުވި ގޮތާ ހިލާފަށް، އެގޭގައި ކުރަން ހުންނަ މަސައްކަތް ކޮށްފައި ކިޔަވަން ދާނެ ވަގުތެއް އޭނާ އަކަށް ނުލިބުނެވެ. ކަރު އެލުވާލައި އެނބުރި އަނެއްކާވެސް ރަށަށް ދާން ޖެހުނީ އެހެންވެ އެވެ. އެހެނަސް އެ ލިބުނު ހިތާމައިގެ ދިލަޖެހި އޭނާގެ ހިތު ތެރޭގައި އޮތް އުއްމީދު މިލައި މޯޅިވިޔަކަ ނުދެ އެވެ.

ނަތީޖާއެއްގެ ގޮތުން ތިންވަނަ ފަހަރަށް މާލެއަށް ދިއުމުގެ ފުރުސަތު ޖެހިގެން އައި އަހަރު އަބްދުއްރަހީމްއަށް ލިބުނެވެ. މިފަހަރު އަބްދުއްރަހީމް މާލެއަށް ގެންދިއުމުގެ ޒިންމާއާ ހަވާލުވީ އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. ބޭބެގެ ހަވާލުގައި މާލެއަށް ގެނެސް އަބްދުއްރަހީމް ފުރަތަމަ ބެހެއްޓީ ކުރިކީލަ ގޭގަ އެވެ. އެހެނަސް އަބްދުއްރަހީމް ކަމުގޮސްގެން ހަމަ އެގޭގެ އަނެއްބައި، ވިލާޑިކުރިކީލައަށް އޭނާ ބަދަލު ކުރި އެވެ. އެއަށްފަހު އަނެއްކާވެސް އެގޭގެ ދެން ޖެހިގެން ހުރި ބައި، ނޫ ކުރިކީލަގެއަށް އެގޭ ވެރިފަރާތް، އަހުމަދު ރިޒާގެ އެދުމުގެ މަތިން އޭނާ ބަދަލު ކުރި އެވެ. އަބްދުއްރަހީމްއަށް ކިޔެވުމުގެ މަގުފަހިވީ އެހައި ހިސާބުންނެވެ.

ވައްކަމުގެ ތުހުމަތުން އުފާވެރިކަމަށް ހިޔަނިއެޅުން

ކިޔެވުމުގެ ފުރުސަތު ފަހިވިއެއްކަމަކު އުމުރު މަތިވުމުގެ ސަބަބުން ރަސްމީކޮށް ސްކޫލަކަށް ވަދެވޭ ގޮތެއް އަބްދުއްރަހީމްއަކަށް ނުވި އެވެ. އެހެންކަމުން ތައުލީމު ހާސިލު ކުރަން އޭނާ ހިޔާރު ކުރީ އޭރު މަކުތަބެއްގެ ގޮތުގައި މާލޭގައި ހިންގަމުންދިޔަ އުޑުވިލާ އެވެ.

"ރިޒާމެން ގޭގައި [ނޫ ކުރިކީލަ ގޭގައި]، އެމީހުންގެ އުފަން ދަރިންނާއި އެހެން ކުދިން އެއްވެސް ވަރަކަށް ތަފާތެއް ނުކުރާނެ، ނިދުމުގައި ވެސް ކެއުމުގައި ވެސް، ވަރަށް މިނިވަންކޮށް އެގޭގައި އަޅުގަނޑު އުޅުނީ، އެ ގޭގައި އުޅެމުން ކިޔަވަން ދަމުން ފުރަތަމަ ސަރުކާރަށް ވަނީ، ކޯޓު ނަންބަރު އެކެއްގެ ޕިޔޯނަކަށް،" އުމުރުން 14 އަހަރުގައި ޒިންމާދާރު ވަޒީފާއަކަށް ނުކުތް ހަނދާން އައު ކުރައްވަމުން އަބްދުއްރަހީމް ކިޔައިދެއްވި އެވެ.

އެތަނުގައި ވަޒީފާ އަދާ ކުރަމުން، ކިޔަވައި ނިންމައި ވަޒީފާގެ ކުރިއެރުން އަބްދުއްރަހީމް ހޯދި އެވެ. އެ ދުވަސްވަރަކީ ކިޔަވައިގެން ތިބި، ތަންދޮރު އެނގޭ މީހުން އެހައި ގިނަ ޒަމާނަކަށް ނުވެފައި ސަރުކާރު ވަޒީފާތަކަށް މީހުން ލިބުމުގައި އޮންނަ ދަތީގެ ސަބަބުން ސަރުކާރުގެ މަގާމުތަކުގައި ތިބޭ ތަޖުރިބާ ހުރި ޒުވާނުންނަށް އެކި މުއައްސަސާތަކާއި އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭރު ފަހިވެފައި އޮވެ އެވެ.

ފުރުސަތުގެ ބޭނުން ހިފައި އަބްދުއްރަހީމް ސަރުކާރުގެ ގިނަ އޮފީސްތަކެއްގައި ވަޒީފާ އަދާ އަދާކުރި އެވެ. ސެންޓުރަލް ހޮސްޕިޓަލުގެ އިތުރުން އެކި ތަންތަނުގައި ވަޒީފާ އަދާ ކުރުމަށްފަހު އަބްދުއްރަހީމް 1980 ގެ ކުރީކޮޅު ކާތިބެއްގެ ގޮތުގައި އެސްޓީއޯގެ ވަޒީފާއާ ގުޅުނެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން އެތަނުގެ އެސިސްޓަންޓު މެނޭޖަރެއްގެ މަގާމަށް އަބްދުއްރަހީމްގެ ވަޒީފާ މަތި ކުރެވުނެވެ. އެސިސްޓަންޓު މެނޭޖަރެއްގެ މަގާމު ލިބިވަޑައިގެންނެވިތާ އަހަރު ދުވަސް ފަހުން މެނޭޖަރެއްގެ މަގާމު އަބްދުއްރަހީމްއަށް ލިބިވަޑައިގެންނެވި އެވެ.

އެސްޓީއޯގެ ވަޒީފާގައި ހުންނަވައި އަބްދުއްރަހީމް ޒަވާޖީ ހަޔާތެއް ފައްޓަވައި ދިރިއުޅުން ރޯޝަން ކުރައްވަމުން ގެންދެވި އެވެ. ނަމަވެސް ޒަވާޖީ ހަޔާތުގެ ގުލްޒާރުގައި މާބައިވަރު މާތަކެއް ފޮޅުމުގެ ކުރިން އެ އުފާވެރިކަމަށް ތުހުމަތުތަކަކުން ފުރިފައިވި ބަނަ ވިލާގަނޑެއްގެ ހިޔަނި އެޅުނެވެ. އޭރު އެ ދިރިއުޅުމަށް ދަރިއަކު ލިބިފައިވެ އެވެ. އަބްދުއްރަހީމްގެ އެންމެ ދޮށީ ދަރިފުޅު، ފައިސަލްއަށް އޭރު އެންމެ ހަ މަހެވެ.

"އޭރު އަޅުގަނޑަކީ ފުޓުބޯޅަ، ވޮލީ ކުޅޭ މީހެއް، އެ އަހަރަކީ އަޅުގަނޑު ފުރަތަމަ ޑިވިޒަންގެ ޓީމަކަށް ކުޅެން ވެސް އޮތް އަހަރު، އެކަމަކު ކަން ދިމާކުރި ގޮތުން އެންމެ ފަހުގެ ޕްރެކްޓިސް ނިންމާފައި ގެއަށް އައިސް އެއްޗެހި ވެސް ބަދަލު ނުކޮށް އުޅެނިކޮށް މީހަކު ބުނެފި އަބްދުއްރަހީމް އަބްދުﷲ އެބަ އުޅޭ ހެއްޔޭ، ދެން ނުކުތް އިރު ހުރީ ސިފައިންގެ މީހެއް. ނުކުތީމަ ބުނީ ސިފައިންގެއަށް ޖައްސާލަން އެބަ ޖެހެޔޭ، އަޅުގަނޑު ބުނިން މިހުރިގޮތަށް ހެއްޔޭ ދާންވީ، އެ ހުރިގޮތަށް ސިފައިންގެއަށް އަޅުގަނޑު ދިޔައީ،" ހަޔާތުގެ އެންމެ ކަޅު ސަފުހާތައް ހުޅުއްވައިގެން އިންނަވައި އަބްދުއްރަހީމް ކިޔައިދެއްވަމުން ގެންދެވި އެވެ.

ސިފައިންގެއަށް ގޮސް އެތަނުގައި އެތައް ވަގުތެއް ހޭދަ ކުރެއްވިފަހުން ސުވާލު ކުރުމަށްޓަކައި ސިފައިންގޭގެ ފުރަތަމަ ފަންގިފިލާއަށް އަބްދުއްރަހީމް ގެންދިޔަ އެވެ. އެއަށްފަހު އޭނާ ސިފައިންގެއަށް ހާޒިރު ކުރެވިފައި ހުރީ އެސްޓީއޯގެ މެނޭޖަރެއްގެ މަގާމުގައި ހުންނަވައިގެން ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއް އެ މުއައްސަސާއަށް ހުށަހެޅިފައި އޮތުމުން ކަމަށް ތަހުގީގު އޮފިސަރު އަބްދުއްރަހީމްއަށް އެންގި އެވެ.

"އަޅުގަނޑު އެހިން ކިހިނެއްހޭ ތިޔަ ހިޔާނާތްތެރިވީކަން އެނގުނީ، ބުނީމަ ބުނީ އޯޑިޓު ކޮށްގެންނޭ، އަޅުގަނޑު ބުނީ ކިހިނެއްހެއްޔޭ އޯޑިޓު ކުރީ، އެސްޓީއޯގެ 31 ނަންބަރު ފިހާރައިގެ މެނޭޖަރަކީ އަޅުގަނޑޭ، ދެން އަޅުގަނޑަށް ނޭނގި ކިހިނެއްހެއްޔޭ އޯޑިޓު ކުރާނީ،" ހަޔާތުގައި ޖެހުނު އެންމެ ބޮޑު ލައްގަނޑުގެ ވާހަކަ އަބްދުއްރަހީމް ކިޔައިދެއްވި އެވެ.

މައްސަލަ އޮޑިޓު ކުރި ގޮތެއް ސާފު ނުވި ނަމަވެސް އެ މައްސަލަ އަބްދުއްރަހީމްގެ މައްޗަށް ސާބިތުކޮށް އަދަބެއްގެ ގޮތުގައި ބ. މާޅޮހަށް އަރުވައިލި އެވެ. ހުކުމްގެ ބައެއް ތަންފީޒުކޮށް ނިންމާފައި ވަނިކޮށް ދެއްވި މައާފާއެކު އެނބުރި މާލެއަށް އައިއިރު، އަބްދުއްރަހީމްގެ ހިތުގައި ރައީސް މައުމޫންގެ ޅިޔަނު އަދި އެ ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅެއް ކަމަށްވާ، އިލްޔާސް އިބްރާހިމްއަށް އޮތީ ނަފުރަތުގެ ހުޅު ރޯވެފަ އެވެ. އަބްދުއްރަހީމް ވިދާޅުވާ ގޮތުން އޭނާއަށް ދިން ނުހައްގު އަދަބުގައި އިލްޔާސްގެ އަތެއް އޮތެވެ.

މާލެއަށް އައިސް އަލުން ސަރުކާރާ ގުޅެން އަބްދުއްރަހީމް ބޭނުން ނުވީ އެހެންވެ އެވެ. ބިސްމި ކިޔާފައި އަލުންބަލުން ދިރިއުޅުން އޭނާ ފަށައިގަތީ ކޮންސްޓުރަކްޝަން ދާއިރާގެ ވަޒީފާއަކުންނެވެ. އެއަށްފަހު ލިބުނު ފުރުސަތެއްގައި ދެން ދިޔައީ ބޭރު ދަތުރު ކުރާށެވެ.

"[ކޮންސްޓުރަކްޝަން ވަޒީފާއަށްފަހު] އެއަށްފަހު ދަތުރު ކުރަން ދިޔައީ. ގުރީކު ބޯޓަކަށް ދިޔައީ، އެހެންވީމާ ޔޫރަޕް ސައިޑުގައި ވެސް އެމެރިކާގައި ވެސް އޭޝިއާގައި ވެސް އުޅެވުނު މެދުއިރުމަތީގައި ވެސް އުޅެވުނު، ފުރަތަމަ ދިޔައީ މެސް ބޯއި އަކަށް ދެތިން ދުވަސްފަހުން ބަދަލުވެއްޖެ އޭބީ އަކަށް، ދެން ނިންމާލިއިރު، ހުރީ ބޯސަން އަކަށް،" ކުރިމަތިވި އަޑިގަނޑުން އަރައި ހިންދެމިލި ގޮތް އަބްދުއްރަހީމް ކިޔައިދެއްވި އެވެ.

ބޯސަން ނުވަތަ ބޯޓްސްވައިން އަކީ ބޮޑެތި ބޯޓުފަހަރުގެ ޑެކުގައި މަސައްކަތް ކުރާ މީހުންގެ އެންމެ އިސް ވެރިޔާ އެވެ. އެއީ ބޯޓުގެ ފަލްކާގައި ހުންނަ ހުރިހާ އެއްޗަކަށް ޒިންމާވާ ފަރާތެވެ.

ކާމިޔާބު ދަތުރުތަކަކަށްފަހު އަބްދުއްރަހީމް އެނބުރި މާލެއަށް އައީ 85،000 އެއްހައި ދިވެހި ރުފިޔާ ހިފައިގެންނެވެ. އެއީ ނުވަދިހައިގެ ކުރީގެ އަހަރުތަކަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. އޭރު ދައުލަތުގެ އެންމެ ބޮޑު މުސާރަ ލިބޭ މިނިސްޓަރަކަށް ވެސް ލިބެނީ 2500ރ. އެވެ. އެ ފައިސާ ހިފައިގެން ރާއްޖެއަށް އައިސް ރަށުގައި އަމިއްލަ ގެއެއް ބިނާކޮށް އަބްދުއްރަހީމްގެ ދިރިއުޅުން އުފަން ވަޒަނަށް އަނެއްކާވެސް ބަދަލުކޮށްލި އެވެ.

އޭގެފަހުން ވެސް އަބްދުއްރަހީމް މާލެ އަައިސް ވަޒީފާ އަދާ ކުރި އެވެ. އެގޮތުން ބޮޑު އިންޖީނުގޭގައި (ސްޓެލްކޯގައި) ޑިއުޓީ އޮފިސަރެއްގެ މަގާމު އަދާ ކުރެއްވި އެވެ. އެއަށްފަހު އަނެއްކާވެސް ފޮނަދޫ ފިހާރައިގެ އެސިސްޓެންޓު މެނޭޖަރެއްގެ ގޮތުގައި އެސްޓީއޯގެ ވަޒީފާއަށް އޭނާ ގުޅިވަޑައިގެންނެވި އެވެ. އެ މަގާމު ފުރުއްވުމަށްފަހު ކަސްޓަމްސްގައި ވެސް އަބްދުއްރަހީމް ވަޒީފާ އަދާ ކުރެއްވި އެވެ. ކަސްޓަމްސްގެ ވަޒީފާ އަދާ ކުރެއްވުމަށްފަހު ދެން ވަޑައިގެންނެވީ ލާމު އަތޮޅު އޮފީހުގެ މަގާމަކަށެވެ.

ސިޔާސީ ތަރި އެރުމާއި މެދުއުޑުގައި ފިޔަޖެހުން

އަބްދުއްރަހީމް ސިޔާސީ މައިދާނަށް ނުކުންނެވީ ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅެއްގެ ގޮތުގައި 1993 ވަނަ އަހަރު އެވެ. އަބްދުއްރަހީމް ސިޔާސީ މަސައްކަތަށް ނުކުންނެވި ސަބަބު ގުޅިފައި އޮތީ އޭގެ އަހަރުތަކެއް ކުރިން އޭނާގެ މައްޗަށް ކުރި ހުކުމުގެ ސަބަބުން ހިތުގައި އުފެދިފައި އޮތް ނަފުރަތާ އެވެ.

އެ އަހަރު މައުމޫން އަބްދުލްގައްޔޫމްއާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އިލްޔާސް އިބްރާހިމް ނުކުންނެވި އެވެ. ރައީސް މައުމޫންގެ ކެމްޕޭނަށް އަބްދުއްރަހީމް ނުކުންނެވީ އޭނާގެ ހިތުގައި އިލްޔާސްއަށް އޮތް ނަފުރަތެއްގެ ބޮޑުކަމުންނެވެ.

އޭރު ކަންކަން ހަމަޖެހިފައި އޮންނަ ގޮތުން ވެރިކަމަށް އާދެވެނީ ރައްޔިތުންގެ މަޖިލީހުގެ ތާއީދު އޮންނަ ބޭފުޅަކަށެވެ. އެފަހަރު އިލްޔާސްގެ މައްޗަށް ރައީސް މައުމޫން ކުރި ހޯއްދެވީ ހަނި ގޮތަކަށެވެ.

"އެހިސާބުން ފެށިގެން ދެން އެކްޓިވްކޮށް އަޅުގަނޑު ސިޔާސީ ގޮތުން އުޅެން ފަށައިފިން، އޭރު އަތޮޅު ފެންވަރުގެ އިންތިހާބެއް ނާންނާނެ އަޅުގަނޑު އަމަލީ ގޮތުން އެކަމުގައި ނޫޅޭ، އެހެން އުޅެނިކޮށް ރައީސް ޔާމީންއާ އަޅުގަނޑު ބައްދަލުވީ،" ސިޔާސީ ހަޔާތުގައި ވަރުޖެހި ބޮޑުވަމުންދިޔަ ގޮތް އަބްދުއްރަހީމް ތަފުސީލު ކޮށްދެއްވި އެވެ.

ސިޔާސީ މައިދާނުގައި ހަރުފަތަކަށް ފަހު ހަރަފަތެއް ކަޑައްތު ކުރައްވަމުން ގޮސް 2004 ވަނަ އަހަރު ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ، ޑީއާރުޕީއާ އަބްދުއްރަހީމް ގުޅިވަޑައިގެންނެވި އެވެ. އެ ޕާޓީގައި މަސައްކަތްތަކެއް ކުރެއްވުމަށްފަހު ދެން އޭނާ ގުޅިވަޑައިގެންނެވީ ރައީސް ޔާމީން އިސްކޮށް ހުންވައި އުފެއްދެވި ޕީޕަލްސް އެލަޔަންސްއާ އެވެ.

އަބްދުއްރަހީމް އަބްދުﷲ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ، ޕީޕަލްސް އެލަޔަންސްގެ ޖަލްސާއެއްގައި ބައިވެރިވެލައްވަނީ --


ސިޔާސީ އުޑުގައި އަބްދުއްރަހީމް ވިދަން ފެށީ 2009 ވަނަ އަހަރު އޮތް ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހިސާބުންނެވެ. އެ ކާމިޔާބަށްފަހު މެދު ނުކެނޑި ދެ ދައުރު އޭނާ އެ ދާއިރާ ތަމްސީލު ކުރެއްވި އެވެ. ދާއިރާ ގޮނޑިއަށް އަލްވަދާއު ކިޔަން އަބްދުއްރަހީމްއަށް ޖެހިވަޑައިގެންނެވީ އެމްޑީޕީގެ ފަރާތުން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެ ދާއިރާގެ މިހާރުގެ މެންބަރު، މޫސާ ސިރާޖު އެ ގޮނޑިއަށް ވާދަ ކުރައްވައި ކުރި ހޯއްދެވުމުންނެވެ.

މަޖިލިސް އިންތިހާބުގައި ކުރިމަތިވެވަޑައިގެން ނާކާމިޔާބީއާއެކު ސިޔާސީ ގޮތުން އަބްދުއްރަހީމް ފަހަތަށް ސޮއްސައެއް ނުލި އެވެ. ގަދަ ހިތްވަރަކާއެކު ސިޔާސީ މަސައްކަތުގައި އޭނާ ދެމި ހުންނެވި އެވެ. ޕީޕީއެމްގެ ވެރިކަމުގައި ހިންގި ކޮރަޕްޝަނުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވީ އަބްދުއްރަހީމް އެވެ.

ވަރުބަލި ކަމެއް ނެތި މަގުމަތީގައި އެތައް ދުވަހެއް ވަންދެން އިހުތިޖާޖު ކުރުމުގައި ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ ވެރިއެއްގެ ގޮތުގައި އޭނާ ހުންނެވި އެވެ. ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމުން ސަލާމަތްވެވަޑައިގެން އެނބުރި ވަޑައިގަންނަވަން ދެން އިދިކޮޅުގެ އަޑު ފަނޑުވިޔަ ނުދީ އެ ހަރަކާތްތަކުގައި ބުންވަރު ޖައްސަވަމުން އޭނާ ގެންދެވި އެވެ.

"ރައީސް ޔާމީން މިނިވަންވެވަޑައިގެން މީހުންނާ ސަލާމް ކުރައްވާފައި ގެއަށް ވަންނަން ވަޑައިގެންނެވީމާ އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެން ނިންމާފައޭ އޮންނާނީ މިރޭ ސެނެޓު ބާއްވާފައި މަނިކުފާނަށް ރިޔާސީ ޓިކެޓު އެރުވުމަށް، ދެން ވިދާޅުވީ ތިމަންނައަށް ތިއަށްވުރެ މުހިންމީ އިންޑިއާ އައުޓޭ، ދެން އެހެންވީމާ އިންޑިއާ އައުޓު ހަރަކާތްތައް ކުރިއަށް ގެންދެވީ،" އޭރު ކަން ހިނގައިދިޔަ ގޮތް އަބްދުއްރަހީމް އޮޅުންފިލުވައިދެއްވި އެވެ.

އެ މަސައްކަތުުގައި ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި އަބްދުއްރަހީމް ހުންނަވަނިކޮށް ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ދެވަނަ ފަހަރަށް ބަންދަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި އެވެ. އެ ދަނޑިވަޅުގައި ވެސް އިދިކޮޅުގެ ހުންގާނުގައި ހިއްޕެވީ އަބްދުއްރަހީމް އެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެގެން އައިއިރު، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު އިންތިހާބު ބޮއިކޮޓު ކުރުމަށް އެދިވަޑައިގެން ޔާމީން ފޮނުއްވި ނޯޓަކާ ގުޅިގެން އުފެދުުނު ހިޔާލުތަފާތުވުން ތަކުގައި ދެޕާޓީ ފުނޑުފުނޑުވިޔަ ނުދީ ހިފެހެއްޓެވީ ވެސް އަބްދުއްރަހީމް އެވެ.

"އަޅުގަނޑުމެން ދެޕާޓީގެ ސެނެޓު އެއްކުރިން، އެއްކުރީމާ ޖަމީލު ވަޑައިގެން ޖަމީލާއި ޝިޔާޒާއި އާދަމް ޝަމީމްއާ ތިން ބޭފުޅުން ސްޓޭޖު މަތީގައި ތިއްބަވައިގެން އެ ނޯޓު ކިޔައިދިނީ، އަދި އެ ނޯޓަކީ ރައީސް ޔާމީނުގެ ނޯޓެއްކަން ވެރިފައި ކޮށްދެއްވުމަށްޓަކައި ރައީސް ޔާމީންގެ ދަރިކަލުން، ޒޭން ވެސް ވަޑައިގެން އެކަން ވެެސް ކޮށްދެއްވި،" އަބްދުއްރަހީމް ކިޔައިދެއްވި އެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވައި ފޮނުއްވި އެ ނޯޓުގައި އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓު ނުކޮށް ޑރ. މުހައްމަދު މުއިއްޒުއަށް އިންތިހާބުގައި ވާދަކުރެވުނީ ސީދާ އަބްދުއްރަހީމްގެ ބުރަ މަސައްކަތުންނެވެ.

"އަޅުގަނޑު ދެންނެވިން ރައީސް ޔާމީން މިވަގުތު ވަރަށް ޖަޒުބާތުގައޭ ހުންނާނީ، މާދަމާ ރައީސް ޔާމީނަށް ވިސްނިވަޑައިގަންނަވާނެޔޭ ބޮއިކޮޓު ކުރަން ނިންމި ނިންމުމަކީ އެއީ ގޯސް ނިންމުމެއް ކަން،" އަބްދުއްރަހީމް ކިޔައިދެއްވި އެވެ.

ދެ ޕާޓީގެ ތެރޭގައި އުފެދިފައި އޮތް ޖަޒުބާތީ ނުތަވަސްކަމުން އެ ކޯލިޝަން ސަލާމަތް ކުރައްވައި ޖެހިގެން އައި ދުވަހު ޑރ. މުއިއްޒުގެ އަތްޕުޅުގައި ހިއްޕަވައިގެން ރިޔާސީ އިންތިހާބާ ބެހޭ މަރުކަޒަށް ފޯމު ހުށަހެޅުއްވުމަށް ވަޑައިގެންނެވީ ވެސް އަބްދުއްރަހީމް އެވެ. އެދުވަހު އެ މަނިކުފާނު އެ މަސައްކަތް ކުރެއްވި ނަމަ މިއަދު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރައްވާނީ ހަމަ ޔަގީނުން ވެސް މުއިއްޒު އެއް ނޫނެވެ.

ޕީއެންސީގެ ވެރިކަމަކަށް މިއަދު އަލިވިލޭއިރު، އެކަމުގެ ޝުކުރު ހައްގުވާ ބޭފުޅަކީ އެރިކާށްޓަށް ރުއް އަރައިދީ ދަރުކޮށައިދޭން އުޅުނު އަބްދުއްރަހީމް އަބްދުﷲ އެވެ. މީގެ 30 އަހަރު ކުރިން ފެށްޓެވި ސިޔާސީ މަސައްކަތުގައި ފަސްއެނބުރި ބެލުމެއް ނެތި ކުރިއަށް ވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ސިޔާސީ އުޑުގައި އެންމެ އަލިގަދަކޮށް ފިޔަޖަމުން މިއަދު ދަނީ އޭނާގެ ތަރި އެވެ.

ނިކަމެތިކަމުން ހޯދި ހިތްވަރާއި އުއްމީދުތައް ހާސިލު ކުރުމަށް އަބްދުއްރަހީމް ކުރި ހިންމަތުގެ ފައިދާއިން މިއަދު އެވަނީ އޭނާގެ ސިޔާސީ ހަޔާތް އުޖާލާ ކޮށްދީފަ އެވެ. ދަރުމާރުކޭޓުން ފެށި ދަތުރުގައި ވެރިކަމުގެ ޖާހާއި ބާރު ހޯއްދެވުމާ ހަމައަށް ވަޑައިގެންނެވުނުއިރު، އެންމެ ބޮޑު މަދަދުގާރެއްގެ ގޮތުގައި އަރިހުގައި ހުންނެވި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި އަބްދުއްރަހީމް ހުރިހާ ޝުކުރެއް އޮއްސައިލެއްވީ ލޮބުވެތި އަނބިކަނބަލުންނަށެވެ.

"ސައުވީސް ގަޑިއިރު ސިޔާސީ މަސައްކަތުގައި އަޅުގަނޑު ހޭދަކުރިއިރު، އެއްވެސް ޝަކުވާއަކައި ނުލައި ދަރިން ބަލައި ބޮޑެތިކޮށް އެމީހުން ތަރުބިއްޔަތުކޮށް އަޅުގަނޑަށް މަސައްކަތް ކުރުމުގެ ފުރުސަތު ހޯއްދަވައިދެއްވި ބޭފުޅަކީ، އެ ފަރާތަކީ އަޅުގަނޑުގެ އަންހެނުން، އެހެންވީމަ އެ ޝުކުރު އަދާކުރަން ހަމަ ބޭނުން އަންހެނުންނަށް،" ހިނިތުންވެލާފައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ހަޔާތުގެ ކާމިޔާބީގެ ފަހަތުގައި އޮތީ އާއިލާ ކަމަށެވެ. އޭގެތެރެއިން ވެސް އެންމެ ދޮށީ ދަރިފުޅު، ފައިސަލްގެ ނަން ހާއްސަކޮށް އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ.

މިއަދު އަބްދުއްރަހީމްއަކީ ނިކަމެއްޗެއް ނޫނެވެ. އޭނާއަކީ އަލަށް އުފެދޭ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އެންމެ އަރިހުގައި، އެމަނިކުފާނަށް ލަފާ އެރުވުމާއި އެހެނިހެން މުހިންމު ކަންކަމުގައި އެންމެ އިސްކޮށް ހުންނަވާނެ މިނިސްޓަރެވެ. މާލޭގައި، އެހިނދަކަށް ޖެހުނު މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދައިގެން އުޅުނު ކުއްޖަކު ސިޔާސީ ގޮތުން އެހައި ބާރުގަދަވުމުގެ ސިއްރަކީ އޭނާގެ ދެގޮތެއް ނުވި، ސާބިތު އަޒުމާއި ބުރަ މަސައްކަތެވެ.