Advertisement

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް ރައީސް އޮފީހުން އެންގީ ވެބްސައިޓު ބަލަން

26 ޖުލައި 2024 - 15:18 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނުގެ އޮފީހުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާން ނިންމާފަ - ފޮޓޯ: ރައީސް އޮފީސް


ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް ރައީސް އޮފީހުން އެންގީ ވެބްސައިޓު ބަލަން

26 ޖުލައި 2024 - 15:18 1

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި، ރައީސް އޮފީހުގެ އެކި މަގާމުތަކަށް އައްޔަންކުރެއްވި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ވަނީ ނޮވެމްބަރު 17, 2023 އިން ފެށިގެން މެއި 1, 2024 އާ ހަމައަށް އެ އޮފީހުގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދި އާރުޓީއައި އެއް ހުށަހަޅާފަ އެވެ.

މެއި 8، ގައި ހުށަހެޅި އެ އާރުޓީއައި ހުށަހެޅުމަށް ރައީސް އޮފީހުން ޖަވާބުދިނީ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން އިއްޔެ އެވެ.

ރައީސް އޮފީހުން ދިން ޖަވާބުގައި ބުނީ، އެދުނު ސިޔާސީ މުވައްޒަފުންގެ ނަމާއި މަގާމުތަކަކީ ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތު ކަމަށެވެ.

ނަމަވެސް އެ އޮފީހުން މީގެ ކުރިން ވަނީ ދިމާވި ޓެކްނިކަލް މައްސަަލައަކާ ގުޅިގެން ވެބްސައިޓުގެ ސިޔާސީ މުވައްޒަފުންގެ ބައި އަދާހަމަ ކުރުމުގައި ލަސްތަކެއް އުޅޭ ކަމަށް ބުނެފަ އެވެ. އަދި، ވެބްސައިޓުން ރައީސް އޮފީހުގައި ހިމެނޭ ހުރިހާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އާންމު ނުކުރެ އެވެ.

ރައީސް އޮފީހުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ސިޔާސީ މުވައްޒަފުން ކަމަށް ބެލެވޭނެ އެވެ. އަދި، އެ އޮފީހުގެ ދަށުގައިވާ ރައީސްގެ ރަސްމީ ގެކޮޅާއި ނައިބު ރައީސްގެ ރަސްމީ ގެކޮޅުގައި ވެސް ސިޔާސީ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުރީ ރައީސުލްޖުމްހުރިއްޔާއިން ފެށިގެން، އަންޑާ ސެކްރެޓަރީގެ މަގާމާ ހަމައަށް ތިއްބެވި ބޭފުޅުންގެ މައުލޫމާތެވެ. އޭގެ ދަށުން މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތެއް އެ ވެބްސައިޓަކުން ފެންނާކަށް ނެތެވެ.

ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި އަދަދުތައް ހާމަކުރަން ދެކޮޅުހަދަމުންދާއިރު، ރައީސް މުއިއްޒުގެ ވެރިކަމެއްގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުވާނެ ކަމަން އިންތިގާލީ މަރުހަލާގެ ތެރޭގައި އަދުގެ ސަރުކާރުން ބުނެފައިވެ އެވެ.

"މި އަދަދު ނިންމާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅާއި، މިހުރިހާ ތަނެއްގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުން ހިމެނޭހެން," އިންތިހާބީ ރައީސްގެ ތަރުޖަމާނަކަށް އޭރު ހުންނެވި މުހައްމަދު ފިރުޒުލް އޮކްޓޯބަރު 10، 2023 ގައި ވިދާޅުވި އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސަރުކާރާ ސުވާލުކުރިމަތިކުރުވާ ކޮންމެ ފަހަރަކު ބުނަނީ އެ އަދަދުތައް ސިއްރުކޮށްފައި ނުބާއްވާނެ ކަމަށެވެ. ރައީސް އޮފީހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަަމަށެވެ.

އެކަމަކު މިއަދާ ހަމައަށް މި މައުލޫމާތުތައް ހާމަނުކުރާތީ މުޅި ސަރުކާރުގައި، ހުރިހާ ވުޒާރާތަކެއް ހިމެނޭ ހެން، ތިބީ ކިތައް ސިޔާސީ މުވައްޒަފުންކަން ނޭނގެ އެވެ.