20 ސެޕްޓެންބަރު 2023 - 13:33 6
މުހައްމަދު ޝަހްޒާން
ޑރ. މުއިއްޒު ކެމްޕޭނު ތެރޭގައި: އޭނާގެ ނިންމުމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
20 ސެޕްޓެންބަރު 2023 - 13:33 6
ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމަށްފަހު ދިވެހިރާއްޖެ ދުށް ކޮންމެ ވެރިކަމެއްގައި ވެސް މާލެއަށް ހާއްސަކޮށް ވައުދުވެ ދައްކާ ވާހަކައެއްގެ ގޮތުގައި އޮންނަނީ މާލޭ ރައްޔިތުންނަށް ބޯހިޔަވަހިކަން ހޯދައިދިނުމާއި މާލެ ތޮއްޖެހުން ހައްލު ކުރާނެ ވާހަކަ އެވެ.
ގިރާވަރުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ ބޭނުމަށް އެ ރަށުން ބޭލި މީހުންނާއި ބައިނަލްއަގުވާމީ ވައިގެ ބަނދަރު އެޅުމަށްޓަކައި ހުޅުލެއިން ބޭލި މީހުން ހިމެނޭހެން ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު ރަށުގެ މީހުންގެ ބޯ އެ ބައިސާ ކަނޑައިގެން ކާލެވެނީ މާލޭ ރައްޔިތުން ދިރިއުޅޭ ހާލުގެ ދަތިކަމުންނެވެ.
މީގެ ސާޅީސް އެތައް އަހަރެއް ކުރީން މާލެއިން ކެނޑި ގޯތިތައް ދަރިންގެ ދަރީންނަށް ފޮތިފޮތިކޮށް ބަހަމުން ގޮސް މިއަދާ ހަމައަށް އައިއިރު، މާލޭގެ ބައެއް ގޭގޭގެ ބޭރުގައި އަށެއްކަ ނަން ބޯޑު ޖަހާފައި އެބަ ހުއްޓެވެ. މާލޭގެ ބައެއް އާއިލާތަކުގެ ހުރިހާ މުހުތާދުތަކެއް ފުއްދަން ހުންނަ ގޭބިސީއަކީ އެންމެ 30 އަކަށް އަކަފޫޓަށްވެ ނިމިއްޖެ އެވެ.
މި ހުރިހާ ކަމެއް މިހެން ހުއްޓައި މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ވަރުގެ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް މި ފަށައި ހިންގަމުން ގެންދަނީ މި ސަރުކާރުންނެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ރައްޔިތުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ގޯތި ދިނުމަށް ނިންމައި މިހާރު ވަނީ ގޯތި ލިބޭނޭ ތަން ވެސް ގުރުއަތުން ހޮވައިފަ އެވެ. މިހާރު ކުރިއަށް ދަނީ ގޯތި ލިބުނު މީހުންނަށް ގޯތި ކަނޑައި ހަވާލު ކުރުމުގެ މަސައްކަތެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މި ސަރުކާރުން އެކުލަވާލި އުސޫލުގައި ގޯއްޗަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ގޮތުގައި ޖުމުލަ ހަތް ކަމެއް ހިމަނައިފައިވެ އެވެ. އެ އުސޫލުގެ ޝަރުތުތަކުގެ ދަށުން ގޯއްޗަށް އެދި ހުށަހަޅާ ފަރާތަކީ މާލެ ސަރަހައްދުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރެޖިސްޓަރީވެފައި ވާ މީހެއް ކަމުގައިވާ ނަމަ އެތަނެއް ދޫކޮށްލަން އެއްބަސް ވާންޖެހޭނެ ކަމަށް ހިމަނައިފައިވެ އެވެ. އަދި މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗެއް ބަހައިގެން ވާރުތައިން ލިބެން އޮންނަ ބޯހިޔާވަހިކަން ވެސް ދޫކޮށްލުން ޝަރުތުރަކުގެ ތެރޭގައި ހިމައިފައިވެ އެވެ.
އެ ސްކީމުގެ ދަށުން 23،088 މީހުންގެ ފަރާތުން، ގޯއްޗަށް އެދި ހުށަހެޅި 15،164 އެޕްލިކޭޝަނަކީ އިސްވެ މި ބަޔާންކުރި ޝަރުތުތަކަށް އެއްބަސްވެ ރައްޔިތުން ހުށަހެޅި ހުށަހެޅުންތަކެވެ. އެކަން އެހެން އޮއްވައި މިމަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ވަނީ ވާރުތައިން ލިބޭ ބިންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް ގަވާއިދާއި ގާނޫނަށް ބަދަލު ގެންނާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އެ ވައުދުގެ ސަބަބުން ބައެއް މުއިއްޒުއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ
3. މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިނގިލި) ގައި ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ރަޖިސްޓަރީވެފައި ނެތުން. 4. މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިނގިލި) ގައި ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓަރީވެފައިވާނަމަ، އެ ތަނެއް، ދޫކޮށްލަން އެއްބަސްވުން. 6. މާލެ ސަރަޙައްދުން ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެންއޮންނަ ބޯހިޔާވަހިކަން، ދޫކޮށްލަން އެއްބަސްވުން.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އަހަރުގެ ޖޫން 26، ގައި ހުޅުވައިލުންވީ ގޮޅިގޮޅީގައި ދިރިއުޅެމުންދިޔަ އެތައް ހާސް މާލެ ރައްޔިތުންގެ ލޮލުން އުފާވެރި ކަރުނު ފާއްދާލި ކަމަކަށެވެ. އެތައް ޒަމާނެއް ވަންދެން ގަނަތެޅެމުން އައި މާލެ ރައްޔިތުންނަށް މިހައިތަނަށް އައި ހުރިހާ ސަރުކާރަކުން ދައްކަމުންދިޔަ ދަޅަ ހަގީގަތަކަށް ވުމުގެ އުއްމީދު އެމީހުންގެ އައު ވެގެންދިޔަ ކަމަށެވެ.
އެ އުއްމީދާ އެކު ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހަޅާނެ ގޮތަކާމެދު ގޭގެ އާއި ކަންކަންމަތީގައި ސައްލާކުރާން ފެށުނެވެ. އެ ސްކީމުގެ ދަށުން ބޯހިޔާވަހިކަމެއް ލިބެން އޮތް އެންމެ ފަހި ގޮތަކީ ކޮބައިތޯ ބަލައި އެއްގަލަކަށް އަރާނެ ބަޔަކު ކަނޑައެޅުމަށް އާއިލާތަކުގެ ތެރޭގައި މަޝްވަރާކުރާން ފެށުނެވެ.
ގޯތި ދޫކުރުމުގެ އުސޫލުގައި ހިމަނާފައި ހުރި ޝަރުތުރަކަށް ބެލުމަށްފަހު އެންމެ ރަނގަޅު ގޮތެއް ކަމުގައި ގިނަ އާއިލާތަކަށް ގަބޫލު ކުރެވުނީ ކުދިކުދި ތަންފުކުގައި ދިރިއުޅެމުން އައި ބޮޑެތި އާއިލާތަކުން ކޮންމެވެސް އެކަކު ނުވަތަ ދެމީހަކު ފިޔަވައި އެހެން ހުރިހާ އެންމެ ގޯއްޗަށް އެދި ހުށަހެޅުމެވެ. އޭރުން މުސްކުޅި ގޯތި ދައުލަތަށް ދޫކޮށްނުލައި އެތަނުގައި ވެސް ބެހެނިވެރިންގެ ތެރެއިން ކޮންމެވެސް ބަޔަކު ހަމަޖެހިގެން ދިރިއުޅެމުން ދާނެ ކަން އެމީހުން ދަތެވެ.
ގޯތި ދޫކުރުމުގެ އުސޫލުގެ ތެރޭގައި އެ ޝަރުތުތައް ހިމެނުމުގެ މަގުސަދަކީ ވެސް އެއީ ކަމަށް ހައުސިން މިނިސްޓަރީން ވެސް ބުނެ އެވެ. އެ މިނިސްޓަރީގެ ވިސްނުމަކީ އެ ޝަރުތުތަކުގެ ސަބަބުން މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ލިބި އެތައް އާއިލާއެއްގެ އާންމު ހާލަތު ރަނގަޅުވެގެން ދިއުމެވެ.
"މިސާލަކަށް ތިން ކުދިން ތިބޭ 1200 އަކަފޫޓޫގެ ގެއެއްގައި، އޭގެތެރެއިން ދެ މީހުނަށް ގޯތި މި ލިބުނީ، އެހެންވީމާ އެ ދެމީހުންނަށް އެ ގޯތި ބަހައިގެން ލިބޭ 800 އަކަފޫޓޫ [ކޮންމެ މީހަކަށް ލިބޭ 400 އަކަފޫޓު] ދޫކޮށްލީމާ އެ ތަންކޮޅު މިލިބެނީ އެއްކަލަ ގޯތި ނުލިބި ހުރި ކުއްޖާއަށް، އެއީ އޭގެ މަގުސަދަކީ،" ހައުސިން މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު، އަކްރަމް ކަމާލުއްދީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ވިސްނުމުގައި ގިނަ އަދަދެއްގެ މީހުން ގޯއްޗަށް އެދި ހުށަނާޅައި ވެސް ތިބި ކަމަށެވެ. އެހެންކަމުން އެކަންކަމަށް ބަލާނުލައި ޑރ. މުއިއްޒު ވެލެއްވި ވައުދުގެ ސަބަބުން އެ ހުރިހާ އެންމެންގެ ހައްގުތައް ގެއްލިގެން ދާނެ ކަން އަކްރަމް ފާހަގަ ކުރެއްވި އެވެ.
އަކްރަމްގެ އިތުރުން އާންމުންގެ ތެރޭގައި ވެސް މުއިއްޒުގެ އެ ނިންމުމަށް ކުރި ތައުރީފަށް ވުރެ އަމާޒުވި ފާޑު ކިޔުންތައް ގިނަ އެވެ. އެގޮތުން އެވާހަކަތައް ރައްދު ދީ މީސްމީޑިއާގައި ލިޔެފައި ހުރި ގިނަ މެސެޖުތަކުގައި ވެސް ފާހަގަކޮށްފައި ވަނީ މުއިއްޒުގެ އެ ނިންމުމުގެ ސަބަބުން އެމީހުންގެ ހައްގުތައް ގެއްލިގެން ދާނެ ކަމަށް ގަބޫލު ކުރާ ކަމަށާއި އެއީ ޒިންމާދާރު ކަމާއެކު ޕީއެންސީން ނިންމި ނިންމުމެއް ކަމުގައި ބަލައިގަންނަން އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޝަރުތު އެގޮތަށް އޮތީމައި [ގޯއްޗަށް އެދި] ހުށަނޭޅި މީހުންގ ހައްގު ކޮބައިތޯ؟ އެއްބަނޑުއެއްބަފާ މީހުންނަށް ގޯއްޗަށް އެދި ހުށަހެޅުމަށް ފުރުސަތު ދީފައި މިހާރު ދިރިއުޅޭ ބިމުގައި ދިރިއުޅެން ނިންމައިގެން ތިބި މީހުންގެ ހައްގުތައް ކޮބައިތޯ؟ އަހަރެން ވެސް ގޯއްޗަށް އެދި ހުށަނޭޅީ ސީދާ މި ސަބަބާ ހުރެ،" މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ލިޔެފައިވެ އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯތި ލިބުމުން އެ މީހުންނަށް ލިބުނު ހިތްހަމަޖެހުމާ އެއްވަރުގެ ހިތްހަމަޖެހުމެއް ކޮންމެ އާއިލާއަކުންހެން ގޯއްޗަށް އެދި ހުށަނާޅާ ތިބި މީހުންނަށް ވެސް ލިބިގެންދިޔައީ އެ ޝަރުތު އެގޮތަށް އޮތަތީ އެވެ. ނަމަވެސް ޑރ. މުއިއްޒު އެ ވައުދު ވެލެއްވި ގޮތަށް އެކަން ކޮށްފި ނަމަ އެ އެންމެންގެ ހައްގުތައް ގެއްލިދާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ހުޅުމާލެއަކީ ވެސް މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައިނުމަށް ރައީސް މައުމޫނުގެ ވެރިކަމުގައި ހިއްކި ބިމެކެވެ. ނަމަވެސް އެ ދައުރުގައި އެ ބިމުގައި އާބާދުވީ މީހުންގެ އަދަދަކުން ވަކި، މާލޭގެ ބައިބޯކަމަށް ލުޔެއް ނުލިބުނެވެ.
މައުމޫނަށް ފަހު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ހަތަރު ގިޔަރު ކުރިއަށް ޖައްސާލި އެވެ. މާލޭގެ ހާސްކަން ފިލުވައިލުމަށް އެ މަނިކުފާނު ގެންނެވީ ވެށިފަހި މާލެ ޕުރޮގުރާމެވެ. އެ ޕުރޮގުރާމުގެ ދަށުން ރައީސް ނަޝީދު ވައުދުވީ މާލެއިން ދޫކޮށްލާ ކޮންމެ ބިންކޮޅަކަށް ހުޅުމާލެއިން ބިމެއް ދިނުމެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން މިހާރު ފެންނަން އެ ހުރި ކުދި ޕާކިން ޒޯނުތަކާއި ޕާކުތަކަކީ އެގޮތަށް އޭރު ދޫކޮށްލި ބައެއް ގޯތިތަކުގެ ނަތީޖާ އެވެ. ނަމަވެސް ވެށިފަހި މާލޭގެ ފޮނިމީރުކަން ރައްޔިތުންގެ އަރު ތެރޭގައި ރަނގަޅަށް ނުލަނީސް އެ ވެރިކަން ނިމުމަކަށް އައީ އެވެ. ވެރިކަމާ އެކު ވެށިފަހި މާލޭގެ ސަފްހާ ވެސް ނިމުނީ އެވެ.
އެއަށްފަހު ހޭދަވި ހަތް އަހަރު ދުވަހުގެ ތެރޭގައި ވެސް މާލެ ތޮއްޖެހުމުގެ މައްސަލަ އޮތީ ވަޅު ޖަހައިފަ އެވެ. އެކަން އެގޮތަށް އޮތުމުގެ އިތުރަށް ޔާމީނުގެ ސަރުކާރުން ހުޅުމާލޭގައި ތަރައްގީ ކުރި ހިިޔާ ފުލެޓުތަކުން އެ ސަރަހައްދު ވެސް އިތުރަށް ފުނިޖެހުނީ އެވެ. އެ ދައުރު ނިމުނުއިރު، މާލޭގެ ގޯތިތައް އޮތީ މީގެ އެތައް އަހަރެއް ކުރިން ކުރެހި ގޮތަށް، އެއަށްވުރެ ކުދި ގޮޅިތަކަކަށް ފަޅިފަޅިކޮށް ފޮތިފޮތިކޮށް ބެހިގެން ގޮސްފަ އެވެ.
ދިވެހީންގެ ވިސްނުމުގައި ކޮންމެ ފަސް އަހަރަކުން "ބަދަލު ކުރަންޖެހޭ" ވެރިކަމުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރު ވެރިކަން ކުރާނެ ބޭފުޅެއްގެ ގޮތުގައި ޑރ. މުއިއްޒު ހޮވިއްޖެ ނަމަ އެމަނިފާނު އެވިދާޅުވާ ގޮތުން ނަމަ އޮތީ މާލޭގެ ގޯތިތައް އިތުރު ބައިތަކަކަށް ބެހި ކުދިކުދިވެގެން ދިޔުމެވެ.
"އަޅުގަނޑު ބޭނުންވަނީ އެ ހުރިހާ ރައްޔިތުންނަށް ވެސް މިދެންނެވި ގޮތަށް ދޫކޮށްލަން ޖެހޭ ގޮތަށް އޮތް އޮތުމަށް ބަދަލު އައިސް، ދޫކޮށްލަން ނުޖެހޭ ގޮތް ވާން،" ފަރީދީ މަގުގައި ބޭއްވި ކެމްޕޭނު ހަރަކާތުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.
މުއިއްޒުގެ ސަރުކާރެއްގައި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރަން އެދޭ ނަމަ، އެ ވައުދުވި ގޮތަކީ އެކަން ކުރާން އޮތް މަގެއް ނޫނެވެ. އެކަން ކުރެވޭނެ ގޮތަކީ އެ ވިސްނުން ބަދަލު ކުރައްވައި މިހާރުގެ ސަރުކާރުން ކަނޑައަޅާފައި އޮތް ގޮތަށް ގޯތީގެ ކަންކަން ކުރިއަށް ގެންދިޔުމެވެ.
Comment