25 ސެޕްޓެންބަރު 2023 - 08:26 7
އަމަން ހަލީމް
ފޮޓޯ: މިރާން ނާޝިމް / އަދަދު
25 ސެޕްޓެންބަރު 2023 - 08:26 7
ހިޔާ މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ހިންގި އެންމެ ބޮޑު ހައުސިން މަޝްރޫއެވެ. ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ވިސްނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފެށި މި މަޝްރޫއު ނިމި އެތަންތަނުގައި މީހުން ދިރިއުޅެން ފެށިތާ މިހާރު ގާތްގަނޑަކަށް ދެ އަހަރު ވަނީ ފާއިތުވެފެ އެވެ.
ނަމަވެސް ހިޔާ މަޝްރޫއު ރާވައި ހިންގާފައި ހުރިގޮތުން އާންމުންގެ އެތައް ޝަކުވާއެއް މިއަދާ ހަމައަށްވެސް އަންނަނީ ކުރިމަތިވަމުންނެވެ. މި މަޝްރޫއަކީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ފެށި މަޝްރޫއަކަށްވާއިރު، އާއްމުންގެ މި ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ނަމަވެސް އޭރުވެސް މި މަޝްރޫއުގެ ގިނަކަންކަން ސަރުކާރުން ރާވާފައިހުރީ ގޯސްކޮށެވެ. ޔުނިޓުތަކުގެ ކުއްޔަށް އޭރު ޖެހި ހިސާބަކީވެސް ދެކޮޅުނުޖެހޭ އަދި އެޗްޑީސީއަށް ބޮޑު ގެއްލުމެއް ކުރިމަތިވާގޮތަށް ޖަހާފައިހުރި ހިސާބުތަކެވެ.
ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްއީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން 7،000 ޔުނިޓު އިމާރާތްކުރި ނަމަވެސް ސޯޝަލް ހައުސިން އަށް ދޫކުރީ 6،720 ޔުނިޓެވެ. މި ޔުނިޓުތަކުގެ ފިނިޝިން މަސައްކަތަކީ މަޝްރޫއުގެ އޮރިޖިނަލް ސްކޯޕުގައިވެސް ނުހިމަނާ ކަމެކެވެ.
ފިނިޝިން މަސައްކަތަށް ހިނގާ ހަރަދު ހަމަޖެއްސުމަށް ސަރުކާރުން އޭރު ވިސްނާފައި އޮތީ ކްރެޑިޓް ސްވިސް ބޭންކު މެދުވެރިކޮށް އެޗްޑީސީއަށް 43 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށެވެ. މުއިއްޒު ހާމަކުރި ގޮތުގައި އޭރު އެ ލޯނުވެސް ހަމަޖެހުނެވެ. ނަމަވެސް ވެރިކަން ބަދަލުވިއިރު ވެސް އެ ވިދާޅުވި "ހަމަޖެހިފައި އޮތް ލޯނު"ގެ ފައިސާއެއް ނުލިބެ އެެވެ.
މަޝްރޫއުގެ އިތުރު ސްކޯޕެއް ގޮތުގައި ފިނިޝިން މަސައްކަތް ކުރުމަށް އެޗްޑީސީން ސީއެސްއީސީ އާ ހަވާލުކުރީވެސް 7 ނޮވެމްބަރު 2019ގަ އެވެ. އެކަމަށް ސީއެސްއީސީން އެއްބަސްވީ ޔުނިޓަކަށް 99،645ރ. އަށެވެ. އެއާއެކު ޔުނިޓަކަށް ޖެހެނީ 1،151،040ރ. އެވެ. މިއީ އެޑްވާންސް ފައިސާ ދޭތާ އަށް މަސްތެރޭ ނިންމަންޖެހޭ ގޮތަށް ހަވާލުކުރި މަސައްކަތެކެވެ.
ނަމަވެސް ލޯނުގެ މަޝްވަރާތައް ކުރިއަށް ދަނިކޮށާް ކޮވިޑާާއި ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކު އެ ލޯނުނު ނުނެގި ގިނަ ދުވަސްވެ، މަސައްކަތް ނިންމަން އިތުރު މުއްދަތެއް ހޭދަވާނެތީ މި ސަރުކާރުން ނިންމީ، ފިނިޝިން ނުނިންމައި ލަސްނުކޮށް ފްލެޓުގެ ހައްގުވެރިންނަށް ހަވާލުކުރާށެވެ.
ދާދި ފަހުން ހުޅުމާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި މުއިއްޒުވަނީ ހިޔާ އިމާރާތްތަކަށް ލިފްޓު އިތުރުކުރުމަށާއި ފިނިޝިން އަށް އާއްމުންކުރި ހަރަދުގެ ބަދަލުގައި ކޮންމެ ޔުނިޓަކަށް ދެ ލައްކަ ރުފިޔާގެ މަގުން ބަދަލު ދިނުމަށް މުއިއްޒު ވަނީ ވައުދުވެފަ އެވެ.
މިއީ ހިޔާގެ ފިނިޝިން އަށް ހޭދަވާނެ ކަމަށް މުއިއްޒުގެ މިނިސްޓަރުކަމުގައި ޖެއްސެވި ހިސާބަށްވުރެެ ދެގުނަ ބޮޑު އަދަދެކެވެ. އަދި އެކަމަށް 1.34 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ހިޔާ މަޝްރޫއަށް ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން އެޗްޑީސީން ނަގާފައިވާ ބޮޑު ދެ ލޯނެއް މިހާރުވެސް ދަނީ އަދާކުރަމުންނެވެ.އޭގެ ތެރޭގައި ހިމެނެނީ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ގެ ލޯނަކާއި ކްރެޑިޓް ސުއިސް ސިންގަޕޯ ބްރާންޗުން ނަގާފައިވާ ލޯނެކެވެ.
އައިސީބީސީން ނަގާފައިވާ 5.6 ބިލިއަން ރުފިޔާގެ ލޯނު ރީފަައިނޭންސް ކުރަން ފަސް ފަހަރެއްގެ މަތިން އަދި ކްރެޑިޓް ސުއިސްއިން ނެގި 999 މިލިއަން ރުފިޔާގެ ލޯނު ރީފައިނޭންސް ކުރަން ދެ ފަހަރެއްގެ މަތިން އެކުންފުނިން މިހާރުވެސް ވަނީ ފިނޭންސުން ލޯނު ނަގާފަ އެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ކުއްޔަށް މުއިއްޒުގެ މިނިސްޓަރުކަމުގައި ކަނޑައެޅީ 5،600ރ. އެވެ. މެއިންޓަނަންސް ފީއާއެކު 6،600ރ އެވެ. ނަމަވެސް ހިޔާ މަޝްރޫއަށް ހިނގި ހަރަދުތަކާއި ކުލި ކަނޑައެޅުނު ގޮތާ ގުޅިގެން ހެދި އޮޑިޓު ރިޕޯޓުން ދައްކާގޮތުން ކުރީގެ ސަރުކާރުން ހިސާބުކޮށްފައިވާ ގޮތަށް ދޫކޮށްފި ނަމަ ކޮންމެ ޔުނިޓަކުން މިލިއަނަކަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެ އެވެ.
މުއިއްޒުވަނީ އޭރު ކަނޑައެޅި އަގަށް ހިޔާގެ ކުލި ކުޑަކުރަންވެސް ވައުދުވެފައެވެ. ހިޔާގެ ކުލި މުއިއްޒު އޭރު ކަނޑައެޅި ގޮތަކީ ކޮންމެ ޔުނިޓެއްގެ ކޮންސްޓްރަކްޝަނަށް ހަރަދުވާ 1.27 މިލިއަން ރުފިޔާއިން ޑައުންޕޭމަންޓަށް 25،000ރ. ކެނޑުމަށް ފަހު މަހަކު ދައްކަންޖެހޭ އަދަދަށް އަށް ޕަސެންޓުގެ އިންޓްރެސްޓެއް ހިމަނައިގެންނެވެ.
ނަމަވެސް މި ޕްރޮޖެކްޓް ފައިނޭންސް ކުރަން ނެގި ދިގު މުއްދަތުގެ ލޯނުތަކުގެ އިންޓްރެސްޓް ނަގަނީ ލޯނު ފައިސާގެ ތެރެއިން އަނބުރާ ނުދައްކާ އޮންނަ އަދަދުންނެވެ. މަހަކަށް ޖެހޭ ފައިސާއަކުންނެއް ނޫނެވެ. އަދި އަސްލު ފޯމިއުލާގެ ތެރެއިން ހިސާބު ކުރީމަ ޔުނިޓަކަށް ޖެހޭ މަހު ކުލި 10،416ރ. އަށް އަރަ އެވެ.
ޑރ. މުއިއްޒު ހައުސިން މިިނިސްޓަރަކަށް ހުންނަވައިގެން ފެށި ހިޔާ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެދި ފަސް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް މަސައްކަތް ހަވާލުކުރީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏާ އެވެ.
އެޗްޑީސީންް ކުރިން ހާމަކޮށްފައިވާ ގޮތުގައި މަޝްރޫއުގެ ލޯނު އަދާކުރުމަށާއި ހުރިހާ ހަރަދުތަކަށް އެކުންފުނިން ގާތްގަނޑަކަށް 15.7 ބިލިއަން ރުފިޔާ ހޭދަކުރަންޖެހެ އެވެ. ނަމަވެސް ހައުސިން ޔުނިޓްތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދޫކޮށްގެންވެސް އާމްދަނީއަށް ލިބެނީ 15.5 ބިލިއަން ރުފިޔާ އެވެ. އޭރުންވެސް އެޗްޑީސީއަށް 116 މިލިއަން ރުފިޔާގެ ގެއްލުން ވާނެ އެވެ.
އަދި މަޝްރޫއަށް ނަގާފައިވާ ލޯނުތަކަކީ 3 އަހަރާއި 13 އަހަރުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ ލޯނުތަކަށްވާިއރު ހިޔާ މަޝްރޫއުގެ ޔުނިޓުތައް ކުއްޔަށް ދިނީ 25 އަހަރަށެވެ. އަދި މަހުންމަހަށް ރައްޔިތުން ދައްކަންޖެހޭ އަގު ކުޑަކުރުމަށް މި ސަރުކާރުން ފަހުން ވަނީ އެ މުއްދަތު 27 އަހަރަށް އިތުރުކޮށްފަ އެވެ.
އެހެންކަމުން 13 އަހަރުން ދައްކަންޖެހޭ ލޯނުތަކަށް ބޭނުންވާ ފައިސާ 27 އަހަރުން ލިބުމަކީ އެ ލޯނުތައް އަދާކުރުމަށް ރީފައިނޭންސް ކުރަން ނުވަތަ އިތުރު ލޯނު ނަގަން މަޖުބޫރުވާނެ ކަމަކަށެވެ. އަދި މިފަދަ އިތުރު ލޯނެއް ނުވަތަ ފައިސާ ހަމަޖެއްސުމަށް އިތުރު ފީތަކާއި އިންޓްރެސްޓުވެސް ހިނގާނެ އެވެ.
އެ ފައިސާ ހަމަޖައްސަން އެޗްޑީސީން ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކި ކަމަށްވިޔަސް އިންޓްރެސްޓް ރޭޓު ގާތްގަނޑަަކަށް 15 ޕަސެންޓަށް އަރާނެ އެވެ. އަދި ބޮންޑެއް ނުވަތަ ސުކޫކެއް އެރޭންޖުކުރުމުގެ ފީތަކަށް އިތުރު 2.5 ޕަސެންޓު ދޭންޖެހޭނެ އެވެ.
އާބަންކޯގެ ވިސްނުމަކީވެސް މި ލޯނުތައް އަދާކުރުމަށް ބޮންޑެއް ނުވަތަ ސުކޫކް ވިއްކުމެެވެ. އެހެންކަމުން ފިނިޝިން އަށް ދެއްވާނެ ކަމަށް އެވިދާޅުވާ ބިލިއަން ރުފިޔާއާއެކު މަޝްރޫއަށް އެކުންފުނިން ހޭދަކުރަންޖެހޭ އަދަދު 15 ބިލިއަނަށްވުރެވެސް އިތުރުވާނެ އެވެ.
ހިޔާ މަޝްރޫއާ ގުޅޭ މި ވައުދުތަކަކީ އަޑު އަހާލަން ހިތްގައިމު ލަވަތަކަށް ވިޔަސް މިވައުދުތައް ފުއްދަން ފައިސާ ހޯދާނެ ގޮތެއް ޑރ. މުއިއްޒު ސާފުކޮށް ނުދެއްވަ އެވެ.
އެކަމާ ގުޅޭ ގޮތުން "އަދަދު" އިން ސުވާލުކުރުމުން މުއިއްޒުގެ އިންތިހާބީ އެޖެންޓު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ މިވަގުތައް އިތުރު ލޯނެެއް ނެގުމުގެ ވިސްނުން ޑރ. މުއިއްޒު ނުގެންގުޅޭ ކަމަށެވެ.
މިކަމަށް ފައިނޭންްސް ހޯދަނީ ސްކޫކާއި ބޮންޑު ވިއްކައިގެން ވިޔަސް އަދި ބަދަލު ދޭނީ ހިޔާގެ ކުލިން ކެނޑޭ ގޮތައް ކަމުގައި ވިޔަސް މިކަމުން އެޗްޑީސީއަށް އޮތީ ގެއްލުމެވެ. އެ މާލީ ބުރަ ދައުލަތަށް ވެސް ޖެހޭނެ އެވެ. ސަބަބަކީ މިހާރުވެސް ހިޔާގެ ކުލި ކުޑަކޮށްފައިވަނީ މަޝްރޫއުގެ ބައެއް ހަރަދުތަކަށް ދައުލަތުން ޒިންމާ ނަގާގޮތަށެވެ. އަދި ހަރުދަނާ ޕްލޭނެއް ނެތި ހިޔާގެ ކުލި އިތުރަށް ކުޑަކުރާނަމަ މުއްދަތައް ލޯނު އަދާކުރަން އެޗްޑީސީ އަށް ބުރަބޮޑުވާނެ އެވެ. ސަބަބަކީ ހިޔާ މަޝްރޫއަށް އެޗްޑީސީން ނެގި ލޯނުތައް މިހާރު ވެސް 30 ޕަސެންޓް ޑީފޯލްޓްވެފައިވާތީ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment