Advertisement

ޔާމީން ހިންގަވާ މުއިއްޒުގެ ވެރިކަން

15 އޮގަސްޓު 2023 - 09:13 1

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު: މުއިއްޒު ވިދާޅުވަނީ އޭނާ ވެރިކަން ހިންގަވާނީ ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީންގެ އިރުޝާދާއެކު ކަމަށް. އަދި ތަންފީޒު ކުރައްވާނީ ޔާމީންގެ ސިޔާސަތު ކަމަށް. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ޔާމީން ހިންގަވާ މުއިއްޒުގެ ވެރިކަން

15 އޮގަސްޓު 2023 - 09:13 1

ބޮޑުތަކުރުފާނު މަގުގައި ހުރި ޕީޕީއެމްގެ އޮފީހާއި މުޅި ސަރަހައްދު ފުރި، އުފާވެރި ޝުއޫރުތައް ގުގުމާފައި އެ ވަނީ ބޮޑުތަކުރުފާނު ނިސްބަތްވި, ބޮޑުތިލަދުންމަތީގެ ދަރިއެއް ކަމުގައިވާ ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ އުފާ ފާޅުކުރުމުގެ ގޮތުންނެވެ. ހިޔާލީ މަންޒަރެއް މި ތަތްކޮށްލީ ދެން ހުރި ވާހަކަތަކުގެ ގޮތުންނެވެ.

ސެޕްޓެމްބަރުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު މުއިއްޒަށް ކާމިޔާބު ވެއްޖެ ނަމަ ފުރަތަމަ ދުވަހު ކުރައްވާނޭ ކަމަކީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރެއްވުން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ޔާމީންގެ ސަޕޯޓަރުންގެ އެންމެ ބޮޑު އުއްމީދަކީ ވެސް އެ އެވެ.

އެއަށް ފަހު ދެން މަންޒަރު ފެނިގެންދާނެ ގޮތް ޕީޕީއެމްގެ މެމްބަރުންނާއި ޔާމީން ދަންނަ، އެ މަނިކުފާނާއެކު މަސައްކަތް ކުރެއްވި ބެއެއް ބޭފުޅުން މިހާރު ވަނީ ކުރައްސަވާފަ އެވެ.

ޔާމީންގެ ސިޔާސީ ކުރިއެރުމާއި ބާރު

ޔާމީން އަބަދުވެސް މަސައްކަތް ކުރެއްވީ ބާރުގައި ހުންނެވުމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެންމެ ގިނަ ދުވަހު ޔާމީން ހުންނެވީ އެންމެ ބާރުގަދަ އެއް މިނިސްޓްރީގަ އެވެ. ޓްރޭޑު މިނިސްޓަރުގެ އިތުރުން، އެއީ އެސްޓީއޯ، އަދި ސްޓެލްކޯގެ ޗެއާމަނެވެ.

މައުމޫނުގެ ވެރިކަމުގެ އެންމެ ފަހު ދައުރުގައި، އުފެދުނު އިސްލާހީ ހަރަކާތުގެ ޕްރެޝަރުގެ ސަބަބުން، ސަރުކާރުގެ ހިންގުމަށް ގެންނަން ޖެހުނު ބަދަލުތަކާއެކު ގިނަ ދާއިރާތަކެއްގެ މެންޑޭޓު ހިމެނޭ ގޮތަށް އުފެއްދެވި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ޔާމީން އައްޔަން ކުރެއްވި އެވެ. އެކަން ޔާމީން ސިފަ ކުރެއްވީ އުނދަގޫ ހުރިހާ ދާއިރާއެއް އެއްކޮށްލައި މަސްދަޅަކަށް އަޅާފައި ދިނުން ކަމަށެވެ. އެހެންވެ، އުފެދުނު ހިތްހަމަ ނުޖެހުމާއެކު، ބޭބޭފުޅުގެ ކެބިނެޓުން އިސްތިއުފާ ދެއްވި އެވެ.

އޭރު މައުމޫނުގެ ޑީއާރުޕީ ތެރޭގައި ވެސް ހިތްހަމަ ނުޖެހުން އުފެދި، ޔާމީނާއެކު މަޖިލީހުގެ ފަސް މެމްބަރަކު ޖަމިއްޔާއެއް ރަޖިސްޓްރީކޮށް، ފަހުން ޕީއޭގެ ނަމުގައި ޕާޓީއެއް އުފެއްދައި އެ ޕާޓީގެ ލީޑަރަކަށް ޔާމީން ވެވަޑައިގަތެވެ. އަދި ޑީއާރުޕީއާއެކު ކޯލިޝަން ހަދައި، 2009 ގެ މަޖިލީހުން ޕީއޭގެ މެމްބަރުންނަށް ގޮނޑިތަކެއް ކަށަވަރު ކުރި އެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަލިކަށިކޮށްލުމުގެ މަސައްކަތުގައި، މަޖިލީހުގެ ތެރެއިން އިސް ދައުރެއް އަދާކުރެއްވީ ޔާމީނެވެ. ދެން އުފެދުނު ޑރ. ވަހީދުގެ ވެރިކަމުގެ ހަގީގީ ބާރު ނެންގެވީ ޕީޕީއެމްއިންނެވެ. ޔާމީނެވެ.

މައުމޫނުގެ ހިޔަނީގައި 2013 ވަނަ އަހަރު ވެރިކަން ހޯއްދެވުމަށް ފަހު، އެ މަނިކުފާނު ވެސް ދުރުކޮށް، ޕާޓީން "ބޭރުކޮށްލި" އެވެ. މިހާރު ޕީޕީއެމްގެ ލީޑަރުކަން އެ މަނިކުފާނު އެ ކުރައްވަނީ ޖަލުގައި ހުންނަވައިގެންނެވެ.

ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން. މި ފަހަރުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓު މުއިއްޒު ހޯއްދެވީ ޕީޕީއެމްއިން ވެކިވެ، ޕީއެންސީއާ ގުޅިވަޑައިގެންނެވުމަށް ފަހު. -- ފޮޓޯ: އަދަދު


ޕީޕީއެމްއިން ކެންޑިޑޭޓަކު ނުނެރުނީ ކީއްވެ؟

ޕީޕީއެމް/ ޕީއެންސީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ފާޅުގައި އެ ވާހަކަ ދައްކަވަން ބޭނުން ނުވިޔަސް، ތަންފީޒުކުރަމުން ގެންދެވި ހުކުމެއް އޮތުމުން ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ކުރެއްވުމުގެ ފުރުސަތު ނެތްކަން، ނުވަތަ އެ ފުރުސަތު ވަރަށް ހަނިކަން ގަބޫލު ކުރައްވަ އެވެ.

މާކުރިން ވެސް އެންމެންނަށް ވެސް ގަބޫލު ކުރެއްވިފައި އޮތް ގޮތަށް ޕީޕީއެމްއިން ލީޑަރަކު ދައްކަން ޔާމީން ބޭނުމެއް ނުވި އެވެ. ސަބަބަކީ އެ މަނިކުފާނަށް މިނިވަންވެ ވަޑައިގަންނަވާއިރު، ޕާޓީގެ ލީޑަޝިޕް ގެއްލިފައި އޮންނާނެތީ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރަކަށް މިހާރު އެ މަނިކުފާނު ހުންނެވި ނަމަވެސް، ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު ރައީސްކަމުގެ ހުވާ ކުރައްވާ ހިސާބުން، ޕާޓީގެ ރައީސަަކަށް އެ ބޭފުޅަކު ވާނެ އެވެ. އެ ހިސާބުން، ޕާޓީގެ ލީޑަޝިޕުން ޔާމީން ބޭރުވެގެންދާނެ އެވެ.

"އެ މަންޒަރު ރައީސް އަށް ފެނޭ. އެހެންވެ ޕާޓީން ކެންޑިޑޭޓަކު ނުނެރުނީ،" ޔާމީންގެ ވަރަށް އަރިސް ބޭފުޅަކު ބުންޏެވެ.

ޕީޕީއެމްއިން ކެނޑިޑޭޓަކު އިންތިހާބުގައި ވާދަކޮށްފި ނަމަ، ޕާޓީ ޔާމީނަށް ގެއްލުމުގެ އިތުރުން، ދެން އަންނަ ރިޔާސީ ދައުރަކަށް ޕާޓީގެ ނަމުގައި ވާދައެއް ނުކުރެއްވޭނެ އެވެ. ސަބަބަކީ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ދައުރެއް ފުރިހަމަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެ ވަނަ ދައުރަކަށް ވާދަ ކުރައްވަން ބޭނުންވާނަމަ، ޕްރައިމަރީއަކަށް ނުގޮސް ރިޔާސީ ޓިކެޓު ލިބޭނެތީ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ޗެޕްޓަރ 6: އާންމު އިންތިހާބުތައް


ރިޔާސީ ކެންޑިޑޭޓް (ހ) ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާނީ، ޕާޓީގެ ހުރިހާ މެންބަރުންގެ މެދުގައި ބޭއްވޭ ޕްރައިމަރީގައި ނެގޭ ސިއްރު ވޯޓަކުން ނެވެ. (ށ) މިމާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވެ 5 (ފަހެއް) އަހަރުގެ ދައުރެއް ފުރިހަމަ ކޮށްފައިވާ ޕާޓީގެ މެންބަރަކަށް، ރިޔާސީ އިތުރު ދައުރެއް ދިނުމަށް ޕާޓީގެ ސެނެޓްގެ 3/2 ގެ އަގުލަބިއްޔަތުން ފާސްކޮށްފިނަމަ، ޕްރައިމަރީއެއް ބޭއްވުމެއް ނެތި އެމެންބަރަކަށް ޕާޓީގެ ރިޔާސީ ޓިކެޓް ލިބި ދެ އެވެ. (ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް ޕީ.ޕީ.އެމް. ގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވެ 5 (ފަހެއް) އަހަރުގެ ދައުރެއް ފުރިހަމަ ކުރާ މެންބަރަކު، ވިދިގެން އަންނަ ރިޔާސީ ދައުރަކަށް އިންތިހާބުވުމަށް ޕާޓީގެ ޓިކެޓުގައި ވާދަކުރަން އެދޭނަމަ، އެމެންބަރަކަށް ރިޔާސީ ޕްރައިމަރީއަކަށް ނުގޮސް ޕާޓީގެ ޓިކެޓު މިމާއްދާއިން ލިބި ދެ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ވެރިކަން ލިބިވަޑައިގަތުމަށް ފަހު މުއިއްޒު އެ ޕާޓީއަށް އަލުން ބަދަލުވެވަޑައިގަތަސް، ޕާޓީގެ ލީޑަރުގެ މަގާމެއް، އަދި ދެ ވަނަ ދައުރެއްގައި ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ފުރުސަތު ދިނުން ލާޒިމެއް ނުކުރެ އެވެ.

މުއިއްޒުގެ ވެރިކަން

ރިޔާސީ ޓިކެޓު ހޯއްދެވުމަށް މުއިއްޒު ކުރެއްވި މަސައްކަތް އެއްބަޔަކު ބަގާވާތެއްގެ ގޮތުގައި ސިފަ ކުރެއްވި ނަމަވެސް، ޕާޓީގެ ރޫހުގައި ތިއްބެވި ގިނަ ބޭފުޅުންނަށް ފެނިވަޑައިގަތީ ކެންޑިޑޭޓަކު ނެރުމަކީ ޔާމީން މިނިވަން ކުރެއްވުމަށް އެންމެ ފަހި މަގުގެ ގޮތުގަ އެވެ. ޔާމީނަށް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ހުރިހާ ދޮރެއް ބަންދުވުމުން، އިންތިހާބުގައި ވާދަ ނުކުރަން އެންގެވި އެންގެވުން ޕީޕީއެމް/ޕީއެންސީގެ ސެނެޓުގެ ގިނަ މެމްބަރުންނަށް ގަބޫލު ކުރެއްވުނީ "ޖަޒުބާތީ" ނިންމެވުމެއްގެ ގޮތުގަ އެވެ. އެހެންވެ، ޔާމީންގެ އިރުޝާދާ ދެކޮޅަށް ކެންޑިޑޭޓަކު ވާދަ ކުރައްވަން ނިންމެވި އެވެ.

އޭރު ޕީއެންސީގެ ޓިކެޓު އޮތީ މުއިއްޒަށެވެ. މުއިއްޒުގެ ހުވަފެން ހަގީގަތަކަށް ހެއްދެވުމަށް އޭނާ ކުރެއްވި މަސައްކަތް މިއަދު ކާމިޔާބުވެފައި ވާއިރު، ވެރިކަން ހިންގަވާނީ ރައީސް ޔާމީންގެ އިރުޝާދާއެކުގައި ކަމަށް، އަދި ތަންފީޒު ކުރައްވާނީ އެ މަނިކުފާނުގެ ސިޔާސަތު ކަމަށް މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރާއްޖޭގެ ސިޔާސީ ހަގީގަތް ދައްކާ ގޮތުން އެއް އުރައެއްގައި ދެ ކަނޑިއެއް އޮތުމަކީ ނުވާނެ ކަމެކެވެ. ވެރިކަން ހިންގަވާނީ ޔާމީންގެ މަޝްވަރާއާއެކުގައި ކަމަށް އަދި ހިންގަވާނީ ޔާމީންގެ ޕޮލިސީ ކަމަށް މުއިއްޒު މިއަދު ވިދާޅުވި ނަމަވެސް، އެއީ ވެރިކަމުގެ އާރާއި ބާރުގައި ހުންނަވާއިރު، ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެ ހަގީގަތް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއިން، އަދި މިހާރު އެމްޑީޕީން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

"އަޅުގަނޑަށް ޔާމީން އެނގޭތީވެ، ޔާމީން ނުދެއްވާނެ [މުއިއްޒަށް] ބާރެއް. އެހެންވެ ޕާޓީން ކެންޑިޑޭޓެއް ނުނެރުނީ ވެސް. އަޅުގަނޑަށް ސިފަވަނީ މުއިއްޒުގެ ވެރިކަމަކީ ވަހީދުގެ ވެރިކަން ގޮތުގައި،" މި ނޫހާ ވާހަކަ ދެއްކި ޔާމީންގެ އަރިސް މީހާ ބުންޏެވެ.

ނަމަވެސް ޕީޕީއެމްގެ ލީޑަޝިޕްގެ އަދި މުއިއްޒުގެ އަރިސް ބައެއް ބޭފުޅުންގެ ވިސްނުންފުޅު ތަފާތެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު، އަދި އޭނާގެ ރަނިންމޭޓު ހުސައިން. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


"އަޅުގަނޑަށް ފެނުނު ރައީސް، މުއިއްޒަށް ފުރުސަތު ދެއްވާނެ. އިހުތިޔާރު ދެއްވާނެ. ސިޓީ ކައުންސިލްގެ ކަންކަމުގައި ވެސް އެކަން ފެނިގެން ގޮސްފައިވޭ،" ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވި އެވެ.

ތޮލާލު ގަބޫލު ކުރައްވާ ގޮތުގައި ބާރު ހޯއްދެވުމުގެ ބޭނުމުގައި ރައީސް ޔާމީން، މުއިއްޒުގެ ވެރިކަން ބަލިކަށިކޮށްލަން ކަމެއް ނުކުރައްވާނެ އެވެ.

"އެ މަނިކުފާނަށް ވެސް ތަޖުރިބާ ކުރެއްވުނު ކަންކަން އެއީ. އަޅުގަނޑުގެ ހިތެއް ނުބުނޭ މުއިއްޒަށް ދަތިކުރެއްވުމަށް އެއްވެސް ކަމެއް ކުރައްވާނެ ކަމަކަށް،" ތޮލާލު ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބު ވާނީ ބޮޑު ޓެސްޓަކަށް

މުއިއްޒަށް އާރާއި ބާރުގައި ވެރިކަން ހިންގެވޭނީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު އޮވެގެންނެވެ. ޕީއެންސީއަކީ ކުޑަ ޕާޓީއަކަށް ވުމާއެކު، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ހޯދަން އުދަނގޫތަކެއް ހުންނާނެ އެވެ.

"ހަގީގަތުގައި ޔާމީން އެ ކުރެއްވީ އެކަން. ޕީއެންސީން ކެންޑިޑޭޓަކު ނެރުނީ ވެސް އެހެންވެ. ޕީޕީއެމްއިން ކެނޑިޑޭޓަކު ނެރެން ރައީސް ބޭނުން ނުވީ ބާރު ދެމެހެއްޓުމަށް،" މި ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

މުއިއްޒުގެ ވެރިކަމެއްގައި ވެސް ޕީޕީއެމްގެ ލީޑަރުގެ ހައިސިއްޔަތުން މަޖިލީހުގެ ކޮންޓްރޯލް އެ ޕާޓީއަށް ދޫކޮށްލުމަކީ ޔާމީން ކުރައްވާނެ ކަމެއް ނޫނެވެ. މިހާތަނަށް ޕީޕީއެން/ޕީއެންސީން ފެނިފައިވާ މަންޒަރުން ނަރެއްހައި ތަން ދޫކޮށްލައިފި ނަމަ، ކެނބެއްހާތަން ދަމައިގެންފައިވާތީ އިތުރަށް ޔާމީން މުއިއްޒަށް ފުރުސަތެއް ދެއްވާނެ ކަމަށް ނުބެލެވެ އެވެ.

މަޖިލީހުގެ ކޮންޓްރޯލް ޔާމީންގެ އަތުގައި ބޭއްވުމަށް އެ މަނިކުފާނު މަސައްކަތް ކުރައްވާނެ އެވެ. މުއިއްޒު ވެސް، އެމްޑީޕީން ވެސް އެ މަސައްކަތް ކުރާނެ އެވެ. މުއިއްޒުގެ ވެރިކަމުގެ އާރާއި ބާރު، އަދި ކުރިއަށް ގެންދާނެ ގޮތުގެ ފުރިހަމަ ތަސްވީރެއް ކުރެހޭނީ މަޖިލީހުގެ އިންތިހާބަށް ފަހު އެވެ. ޔާމީން ސިޔާސީ ބާރު ގަދަ ކުރައްވަން ބޭނުންފުޅު ވެއްޖެ ނަމަ މުއިއްޒަށް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަންނަވާނީ އުނދަގޫ ވެރިކަމެވެ.