26 ޖުލައި 2023 - 12:02 2
މުހައްމަދު ހަމްދޫން
މައުމޫން (ވ) ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އިރު އޭރުގެ ރައީސް ނާސިރު (ކ) އަރިހުގައި އެއާޕޯޓުގައި.
26 ޖުލައި 2023 - 12:02 2
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ، ނޮވެމްބަރު 11، 1978 ގައި މައުމޫން އަބްދުލްގައްޔޫމް ހަވާލުވެވަޑައިގެން ދެއްވި ތަގުރީރުގައި، ފައިބެ ދައުރުގައި ރައީސްކަންކުރެއްވި އިބްރާހީމް ނާސިރަށް ވަރަށް ބޮޑަށް ތައުރީފުކުރެއްވި އެވެ.
އެރޭ މައުމޫން ވިދާޅުވީ މި ޖުމްހޫރިއްޔާގެ ބާނީ، އަދި ދުވަހަކުވެސް އެ ނަންފުޅުގެ ކުލަ ފަނޑުވުމެއް ނެތް ޒައީމު ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާއަށް ޝުކުރާއި ތައުރީފު އަދާކުރުމަކީ، މިފުރުސަތުގައި އެމަނިކުފާނަށް ދޫކޮށްލެވޭ ފަދަ އުފަލެއް ނޫން ކަމަށެވެ.
"ޝައްކެއް ނެތް، މެދުކެނޑުމެއްނެތް 21 އަހަރެއްހާ ދުވަހުގެ ދިގުމުއްދަތެއް، ގައުމީ ހިދުމަތުގައި ހޭދަކުރެއްވުމަށްފަހު، މިރޭ އެކިލެގެފާނު ދިވެހި ދައުލަތުގެ ވެރިކަމުން ދުރުވެވަޑައިގަތީ، ޑިމޮކްރެސީ އުސޫލުގެ ވަރަށް ރީތި ނަމޫނާއެއް ދައްކަވަމުން. ގާނޫނަށް ހުރްމަތްތެރިކޮށް ހިތްތެވުމާއި، އަދި ގައުމަށް ތެދުވެރިވެވަޑައިގަތުމުގެ ވަރަށް ފުރިހަމަ މިސާލެއް ހާމަކުރައްވަމުން،" މައުމޫން ވިދާޅުވި އެވެ.
ދެން ވިދާޅުވީ އެއްވެސް އޮޅުމެއް ނެތް ގޮތެއްގައި ރާއްޖެއަށް ސިޔާސީ އަދި އިގްތިސާދީ މިނިވަންކަން ހޯއްދަވައި ދެއްވީ އެކިލެގެފާނު ކަމަށާއި ރާއްޖެ އެކިއެކި ރޮނގުރޮނގުން މިއަދު މިއޮތް ފެންވަރަށް އުފުލިގެންދިޔައީ ވެސް އެކިލެގެފާނުގެ ސިޔާސީ އަދި އިގްތިސާސީ ރޭއްވެވުމާއި ހަރަކާތްތެރިކަމުގެ ސަބަބުން ކަމަށެވެ.
"ވީމާ، މި ކުލަގަދަ ލާމަސީލު ހިދްމަތްތަކަށްޓަކައި، ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރިކިލެގެފާނަށް، އިހްލާސްތެރި ދިވެހި ދަރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ނުހަނު އިހްތިރާމާއެކު ޝުކުރު އަދާކުރަން. އަދި ހިތުގެ އިހްލާސްތެރި ހެޔޮއެދުންތައް ރައްދުކުރަން،" މައުމޫން ވިދާޅުވި އެވެ.
އެ އަދާކުރެއްވި ޝުކުރާއި އެ ދެއްވި އިހުތިރާމާއި އެ ފޮނުއްވި ހެޔޮއެދުންތަކަށް ވީ ކިހިނެއް ކަމެއް ނޭގެ އެވެ. މައުމޫން އެ ތަގުރީރު ދެއްވިތާ ދެ މަސް ދުވަސް ނުވަނީސް، ފެނިގެން ދިޔައީ، ނާސިރުގެ ޝަހްސު ގަންހިންގަން ފެށި މަންޒަރެވެ.
މައުމޫން (މ) ރައީސްކަމުގެ ހުވާ 1978 ގައި ކުރައްވަނީ.
އެންމެ ފުރަތަމަ ޖެނުއަރީ 6، 1979 ގައި އިވިގެން ދިޔައީ ނާސިރު ގާނޫނާ ހިލާފަށް ކުރައްވާފައިވާ ކުށްތަކާ ބެހޭ ކަންތައްތަކުގެ ދައުވާ އޭނާގެ މައްޗަށް ކުރަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ވާހަކަ އެވެ.
ޖެހިގެން އައި ދުވަހު ނާސިރަށް ނުސީދާކޮށް އަމާޒުކޮށް، ރައްޔިތުންގެ މަޖިލީހުން 'ކިލެގެކަމުގެ ކޮލި' އުވާލަން ފާސްކުރި އެވެ. އަދި 'ކިލެގެ ކަމުގެ ކޮލި' ދެއްވާފައިވާ ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ކިބައިން އެ އިއްޒަތް ނެގުމަށް މަޖިލީހުން ފާސްކުރި ގާނޫނު، އެ މަހުގެ 16 ވަނަ ދުވަހު، ރައީސް އޮފީހުން ގެޒެޓްކުރި އެވެ.
"ގާނޫނަށް ހުރްމަތްތެރިކޮށް ހިތްތެވުމާއި ގައުމަށް ތެދުވެރިވެވަޑައިގަތުމުގެ ވަރަށް ފުރިހަމަ މިސާލެއް ހާމަކުރެއްވި" ބޭފުޅެއްގެ ގޮތުގައި މައުމޫން ސިފަކުރެއްވި ނާސިރު ކުއްލިއަކަށް އެ ނޫން ބޭފުޅަކަށް ބަދަލުވީ، ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ކަމަށް އެއް ބަޔަކު ގަބޫލުކުރި އެވެ.
ވެރިކަން ދޫކޮށްލައްވައި އޭރު ސިންގަޕޫރުގައި ހުންނެވި ނާސިރު އެނބުރި ވަޑައިގެން ބާރުތައް އަލުން ހޯއްދަވަން އުޅުއްވަފާނެ ކަމުގެ ބިރު އޭރު އޮތެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހު، ކުރީގެ ވެރިޔާގެ ފިޔަކޮށާލުމަކީ، މަގާމު ވަރުގަދަކުރުމަށްޓަކައި ރާއްޖޭގެ ވެރިން ކުރައްވާ ކަމެކެވެ. ހުދު ނާސިރު ވެސް އެގޮތަށް ކަން ކުރައްވާފައިވެ އެވެ. އެގޮތުން ނާސިރު ވެރިކަމަށް އާދެވެން މަގުފަހިވި އެއް ސަބަބު ކަމަށްވި، މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބުކޮށްލި ލީޑަރު އިބްރާހީމް މުހައްމަދު ދީދީ، އޭގެ ފަހުން ރާއްޖެ ވަޑައިނުގެންނެވޭ ގޮތަށް ސްރީ ލަންކާގައި ބެހެއްޓެވީ، އޭނާ ވެރިކަމާ ތޮޅިފާނެތީވެ އެވެ.
އެހެންވެ، މައުމޫން ވަޑައިގެން ކުއްލިއަކަށް ނާސިރުގެ މައްސަލަތައް ބައްލަވަން ފެށްޓެވީ ސިޔާސީ ބޭނުމެއްގައި ކަމަށް ތުހުމަތުކުރެވެ އެވެ. އެކަމަކު އާއްމުންނަށް ގަބޫލުނުކުރެވުނީ، މިނިވަންކަން ހޯދައިދިނުމުގެ އިނާމެއްގެ ގޮތުގައި ނާސިރަށް ދިވެހި ދައުލަތުން ދީފައިވާ އިއްޒަތެއް، އެމަނިކުފާނުގެ މައްޗަށް އެއްވެސް ދައުވާއެއް ސާބިތު ނުވަސްނީސް ނެގުމުންނެވެ.
ގާނޫނަކުން އުވާލި 'ކިލެގެ ކަމުގެ އިއްޒަތް' ނާސިރަށް ދީފައިވަނީ އެކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުންނެވެ. އެގޮތުން 1965، ޖުލައި 28 ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުން ނިންމީ، ރާއްޖެ އަށް މިނިވަންކަން ހޯދައިދެއްވި ކަމަށްޓަކައި، ނާސިރަށް ޝުކުރުގެ ވޯޓެއް ފާސްކުރުމަށާއި، ދައުލަތުން ދޭ އެންމެ މަތީ މެޑަލް ކަމަށްވާ، ނިޝާން ޣާޒީގެ މެޑަލް ދެއްވުމަށާއި، ވަޒީރުންގެ މަޖިލީހަށް ފެންނަ ކިލެގެކަމެއް ދެއްވުމަށެވެ. ވަޒީރުންގެ މަޖިލީހުން ނިންމީ ނާސިރަށް ރަންނަބަނޑޭރި ކިލެގެކަން ދޭށެވެ. ރަދުން، އައްސުލްތާން މުހައްމަދު ފަރީދުލްއައްވަލްގެ ކުރިފުޅުމަތީގައި ނާސިރު ރަންނަބަނޑޭރި ކިލެގެކަމަށް ކޮލި ލެއްވުނީ އޮގަސްޓް 9، 1965 ގަ އެވެ.
ރާއްޖޭގެ ކުރީގެ ރައީސް ނާސިރު.
އިއްޒަތް ނެގުމަށް ފަހު، 1990 އާ ހަމަޔަށް ނާސިރުގެ ނަން މައުމޫން ތަގުރީރެއްގައި ބޭނުންކުރެއްވީ އެންމެ ފަހަރަކު އެވެ. އެ ފަހަރު ބޭނުންކުރީ "އަލްފާޟިލް އިބްރާހީމް ނާސިރު" މިހެންނެވެ. އެއީ ނާސިރުގެ ވެރިކަމުގެ ދުވަސްވަރުގައި ގާނޫނާ ހިލާފު އަމަލު ކުރައްވާފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، އެކަމާބެހޭ ތަހުގީގުތައް މަޖިލީހުން އައްޔަން ކުރެއްވި ކޮމިޓީއަކުން ފެށިކަން ރައްޔިތުންނަށް އެންގެވުމަށްޓަކައި، 1979 ގެ ރިޔާސީ ބަޔާނުގައި މައުމޫން ދެއްކި ވާހަކައިގަ އެވެ.
އޭގެ ފަހުން، މިނިވަން ދުވަހުގެ ޖަލްސާގެ ވާހަކައިގައި ވެސް ނާސިރުގެ ވާހަކައެއް މައުމޫން ނުދައްކަވަ އެވެ. މިނިވަންކަން ހޯދައިދެއްވީތީ ޝުކުރެއް ވެސް އަދައެއް ނުކުރެ އެވެ. ބަދަލުގައި ނާސިރަށް އަމާޒުކުރެއްވީ ބަހުގެ ހަމަލާތަކެވެ. އެގޮތުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރާ މީހުންނާ ދޭތެރޭގައި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އަމަލުކުރުމަކީ މިނިވަންކަމާއި، ޑިމޮކްރަސީގެ އުސޫލާ ހިލާފުން ކަމަށް ބައެއް މީހުން ހީވެފައި އޮންނަ ކަމަށް ވިދާޅުވެ ނާސިރުގެ ސަޕޯޓަރުންނަށް މެސެޖެއް ދެއްވި އެވެ.
"އާދެ، އެއްވެސް ޝައްކެއް ނެތް، ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ގާނޫނާ ހިލާފުވާ މީހުން ހިފާ ހައްޔަރުކޮށް، އެމީހުން ޝަރީއަތަށް ހުށައަޅައި، ޝަރީޢަތުން ނިންމާ ގޮތެއްގެ މަތިން އެމީހުންނަށް އަދަބުދިނުން އެއީ އޮންނަ ކަމެއް. އެގޮތަށް އޮވެގެން ނޫނީ އެއްވެސް ގައުމެއްގައި ސަރުކާރެއް ނުހިންގޭނެ. އެހެންކަމުން، ކުށްވެރިންނަކަށް، އެމީހުންނާމެދު ސަރުކާރުން އަމަލުކުރަންޖެހޭ ގޮތަށް އަމަލުކުރުމުން، އެއީ މިނިވަންކަމާ ހލާފުވަނީއެކޭ ބުނެވޭކަށެއް ނޯންނާނެ. އަދި ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފުވަނީއެކޭ ބުނެވޭކަށް ވެސް ނޯންނާނެ،" މައުމޫން ވިދާޅުވި އެވެ.
ނާސިރާ މެދު މައުމޫންގެ ވެރިކަމުގައި ނަފުރަތުގެ ހުޅުގަނޑެއް ރޯވީ ޑައިވަރުން ކަމަށް ހެދިގެން ކުލީ ސިފައިންތަކެއް 1980 ގައި ރާއްޖެ އައިސް ގެންނަން އުޅުނު ބަގާވަތުގެ ފަހަތުގައި ތިއްބެވީ ނާސިރާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސީމާ މުހައްމަދު ކަލޭފާނުގެ އާއިލާ ބޭފުޅުން ކަމަށް ތަހުގީގަށް ގަބޫލުކުރެވުމުންނެވެ.
އެއާ އެކު މައުމޫނުގެ ސަޕޯޓަރުން، ނާސިރާ ދެކޮޅަށް މާލޭގައި މުޒާހަރާތައް ބޭއްވި އެވެ. އެ މުޒާހަރާތަކުގައި އެމަނިކުފާނަށް ފުރައްސާކޮށް މެސެޖު ލިޔެފައިވާ ފޮތިގަނޑުތައް އުފުލި އެވެ. އަދި ނާސިރަށް މަލާމާތްކޮށް ކުރަހާފައިވާ ކާޓޫނުތައް ނޫސްތަކުގައި ޖެހި އެވެ. އަދި ހަޖޫގެ ލަވަތައް ހަދައި ކިޔަން ފެށި އެވެ.
ނާސިރާ މެދު މައުމޫންގެ ސަރުކާރުގެ ސްޓޭންޑް ބަދަލުވީ، މިނިވަންކަމަށް ރިހިޔޫބީލް ފުރުނު 1990 ވަނަ އަހަރު އެވެ. އެ އަހަރުގެ ޖަލްސާގައި މައުމޫން ވަނީ، އަހަރުތަކަށް ފަހު ނާސިރުގެ ނަން ވިދާޅުވެ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފަ އެވެ. ވިދާޅުވީ މިނިވަންކަން ލިބުނުއިރު ރާއްޖޭގެ ރަސްކަލަކު ހުންނެވި ނަމަވެސް، އަމަލީގޮތުން ދައުލަތް ހިންގެވުމުގެ ހުރިހާ ކަމެއް ކުރައްވަމުން ގެންދެވީ، ނާސިރު ކަމަށާއި އެއީ ތާރީހީ ހަގީގަތެއް ކަމަށެވެ.
"އެހެންކަމާއެކު، އަޅުގަނޑުމެންގެ މިނިވަންކަމަށް 25 އަހަރު ފުރޭ މިއުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ ރާއްޖެއަށް މިމަތިވެރި ނިއުމަތް މެދުވެރިކޮށްދެއްވި ﷲ ސުބުހާނޫ ވަތައާލާ އަށް ހަމްދާއި ޝުކުރު ދަންނަވާއިރު، އެ ނިއުމަތް އަޅުގަނޑުމެންނަށް ލިބިދިނުމަށް އެކަލާނގެ މެދުވެރިކުރެއްވި ފަރާތްތައް އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ. އެފަރާތްތަކަށް ރައްދުކުރަންޖެހޭ ހައްގު ޝުކުރާއި ތަޢުރީފު ރައްދުކުރަން ޖެހޭނެ. އެހެންކަމުން، މިއަދު ދިވެހި ސަރުކާރުގެ ނަމުގަޔާއި، އަދި ދިވެހި ރައްޔިތުންގެ ނަމުގައި، އޭރު ރާއްޖޭގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ވެލާނާގޭ އަލްފާޟިލް އިބްރާހީމް ނާސިރަށް އަޅުގަނޑު ޝުކުރު ދަންނަވަން،" އެމަނިކުފާނު ވިދާޅުވި އެވެ.
އިބްރާހީމް ނާސިރުގެ ސަންދޯއް، ރަސްމީ އިއްޒަތުގައި މާލެ ގެންނަނީ. --ފޮޓޯ: މައުރޫފް ހަލީލް (ރައީސް އޮފީސް)
އޭރު އޮތީ ނާސިރުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ހިންގި ތަހުގީގަށް ފަހު ކުރި ދައުވާތައް ހައިކޯޓަށް ސާބިތުވެ ހުކުމްކޮށްފަ އެވެ. އަދި ނާސިރުގެ މުދަލާއި ގޯތި ވެސް އޮތީ ސަރުކާރަށް ނަގައިފަ އެވެ.
މައުމޫން އެރޭ ދެން ނިންމެވީ ނާސިރަށް މައާފު ދެއްވާށެވެ. އެގޮތުން ވިދާޅުވީ މީހަކު ކުރާ ކަމަކުން އެމީހަކު ކޮށްފައިވާ ރަނގަޅު ކަންތައްތައް ފޮހެވިގެންދާކަށް ނުޖެހޭނެ ކަމަށާއި މީހަކު ކުރި ހެޔޮކަމެއް، އެމީހަކަށް އޮތްކަން އަޅުގަނޑުމެން ދަންނަންޖެހޭނެ ކަމަށެވެ. އެއީ އިސްލާމްދީނުގެވެސް އުސޫލަކީ ސާލިހު ހެޔޮ އަމަލެއް ކޮށްފި މީހާގެ އެކަން އޮތީ އޭނާއަށޭ. ނުބައި ކަމެއް ކޮށްފި މީހާގެ ނުބައިކަންވެސް އޮތީ އޭނާ އަށް ކަމަށެވެ.
އެހެންކަމުން، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމަށް 25 އަހަރު ފުރޭ މިއުފާވެރި މުނާސަބަތުގައި، އަޅުގަނޑު މި ގަސްދުކުރަނީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާ ރައީސުލްޖުމްހޫރިއްޔާއަށް އިނާޔަތްކޮށްދޭ ބާރުތަކުގެ ދަށުން އަލްފާޟިލް އިބްރާހީމް ނާސިރުގެ ކުށް މަޢާފްކުރުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
އެ ހިސާބުން އަނެއްކާ ވެސް މިނިވަންކަމުގެ ބަތަލުގެ ގޮތުގައި ނާސިރުގެ ނަން ވިދައިގަތެވެ. ނާސިރުގެ ނަން ދައުލަތުގެ މީޑިއާ އިން އިވެން ފެށި އެވެ. ނާސިރަށް ތައުރީފުކޮށް ލިޔެފައިވާ ލިޔުންތައް ނޫސް މަޖައްލާތަކުން ފެންނަން ފެށި އެވެ. ގައުމީ ބަތަލެއްގެ ގޮތުގައި ދަރިވަރުންނަށް ނާސިރު ތައާރަފުކުރަން ފެށުނެވެ.
އެކަމަކު އޭރު ވެސް މިއަދު މިނިވަން ދުވަސް ފާހަގަކުރާއިރު، ނާސިރަށް އެކަމުގެ އިނާމެއްގެ ގޮތުން ދައުލަތުން ދިން އެންމެ ލަގަބެއް ވެސް ނެތެވެ. ނަމަވެސް ނުރަސްމީކޮށް އެ ލަގަބު ބައެއް މީހުން ބޭނުންކުރެ އެވެ. އަދި މައުމޫންގެ ވެރިކަމަށް ފަހު ދެން އައި ވެރިކަންތަކުގައި ރައީސް އޮފީހުން ވެސް ރަސްމީކޮށް އެ ލަގަބު ބޭނުންކުރެ އެވެ. މުހައްމަދު ނަޝީދުގެ ރައީސްކަމުގައި، ނާސިރު އަވަހާރަވުމުން، ނެރުނު ލިޔެކިޔުންތަކުގައި ހުރީ 'އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު' ޖައްސަވައިފަ އެވެ.
"ރާއްޖޭގެ ސަގާފަތުގައި އޮންނަ ކަނެއް ނޫން އެގޮތަށް ދެއްވާ އިއްޒަތް ނެގުމެއް. އެހެންވެ އެ ގޮތަށް ބޭނުންކުރަނީ،" ތާރީހު ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
މިނިވަންކަމުގެ ބަތަލަށް އެކަމުގެ އިނާމެއްގެ ގޮތުން ދައުލަތުން ދެއްވި ލަގަބު ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ފޮހެވިގެން ދިޔަ ނަމަވެސް، އާއްމުންގެ ސިކުނޑީގައި އެމަނިކުފާނުގެ ނަމާއެކު، އެ ލަގަބު ކަނޑައިނެގިފައިވާ ފަދަ އެވެ.
Comment