Advertisement

ހުރަގޭގެ ހިޔަނިން ފައިސަލް ސަލާމަތްވި 'އީދުހަދިޔާ'

23 ޖުލައި 2023 - 10:18 1

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

ފައިސަލް ނަސީމް ފޮތް ނެރުމުގެ ރަސްމިއްޔާތުގައި. --ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ހުރަގޭގެ ހިޔަނިން ފައިސަލް ސަލާމަތްވި 'އީދުހަދިޔާ'

23 ޖުލައި 2023 - 10:18 1

ފެބްރުއަރީ 1، 2018 ވީ ބުރާސްފަތި ދުވަހުގެރޭ މުޅި ރާއްޖެ ސިއްސުވާލީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކުންނެވެ. މުހައްމަދު ނަޝީދާއި، ގާސިމް އިބްރާހީމާއި، މުހައްމަދު ނާޒިމް އަދި އަހުމަދު އަދީބު ހިމެނޭހެން ޖަލު ހުކުމުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަންކުރަން މަތީ ކޯޓުން އެންގުމާ އެކު، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިއްކަ ޖެހުނީ ކަމަށް ބެލެވުނެވެ.

އެކަމަކު ޔާމީން، ސިޔާސީ ކުޅިބައި އަތުރާލެއްވީ އެއަށް ވުރެ މޮޅަށެވެ. އެ އަމުރު ތަންފީޒުނުކުރައްވައި، އެމަނިކުފާނު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ އެވެ. އަދި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި، އިތުރު ސިޔާސީ ބޭފުޅުން ހައްޔަރުކޮށް، މަސްރަހު، އެމަނިކުފާނުގެ ކޮންޓްރޯލުގެ ދަށަށް އަނެއްކާ ވެސް ގެންނެވި އެވެ.

އެއާ އެކު، އިދިކޮޅު ޕާޓީތަކުން، ރައްޔިތުންނަށް ގޮވާލީ ކޯޓުގެ ހުކުމަށް ބޮލާލާ ޖެހި ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، މަގުމައްޗަށް ނުކުތުމަށެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެގޮތަށް ގޮވާލެއްވި ބޭފުޅުންގެ ތެރޭގައި، ސިޔާސީ ކަންކަމުގައި، މެދުމިނުގެ އުސޫލެއް ގެންގުޅުއްވި، ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމް ހިމެނިވަޑައިގަތެވެ.

އޭނާގެ އެ މެސެޖު ވެގެންދިޔައީ، އިދިކޮޅު ސިޔާސީ ބޭފުޅުންގެ އަނގަ ބަންދުކޮށްލަން ފުރުސަތަކަށް ބަލަބަލާ އޮތް އެ ސަރުކާރަށް، ރަނުގެ ފުރުސަތަކަށެވެ. ފައިސަލްގެ އެ މެސެޖުގެ އަޑު ރާއްޖޭގެ އުތުރާއި، ދެކުނަށް ރަނގަޅަށް ނުފޯރަނީސް، "ކުއްލި ނުރައްކަލުގެ ހާލަތު އޮއްވާ މަގުމައްޗަށް ނުކުމެ ސަރުކާރަށް ވައްޓާލަން ގޮވާލި" ކަމުގެ ތުހުމަތުކޮށް، އޭނާގެ މައްސަލައިގެ ތަހުގީގު ފުލުސް އޮފީހުން ފެށި އެވެ. އަދި އެ އޮފީހަށް އޭނާ ހާޒިރުކޮށް، ފޮރެންސިކް ބޭނުމަށް އަޑު ރެކޯޑްކުރި އެވެ.

ރައީސް ޔާމީން: ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކުރެއްވި.


ފުލުހުން އަވަސް އަވަހަށް މައްސަލަ ތަހުގީގުކޮށް، ފައިސަލްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެއާ އެކު، އޭނާ ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ. ކަންދިމާކުރި ގޮތުން، ފައިސަލް އޭރު ތައްޔާރުވަމުން ގެންދެވީ، އުމުރުން 12 އަހަރުގެ ދަރިފުޅުގެ އޮޕަރޭޝަނަކަށް ރާއްޖޭން ބޭރަށް ފުރުއްވާށެވެ. އެހެންވެ ފުރުން މަނާކުރުމުން، އެކަން ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

"އެއް މަސް ދުވަސް ފަހުން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ފައިސަލަށް ގުޅުއްވައި، ޕާސްޕޯޓް ދޫކޮށްލިކަން އެންގި އެވެ. އެއާ އެކު ފައިސަލް އަވަސްވެވަޑައިގަތީ، ކޮންމެހެން ކުރަން ޖެހޭ އެ އޮޕަރޭޝަން ކުރުމަށްޓަކައި ދަރިކަލުން ގޮވައިގެން ރާއްޖޭން ބޭރަށް ވަޑައިގަތުމަށެވެ،" ބުރާސްފަތި ދުވަހުގެރޭ ނެރުނު ފައިސަލްގެ ބަޔޯގްރަފީ ފޮތުގައިވެ އެވެ.

ފުލުސް އޮފިސަރު އެހެން ބުނި ނަމަވެސް ފުރުމުގެ ހުއްދަ އޮތްތޯ ބެއްލެވުމަށް ފައިސަލް ކްރިމިނަލް ކޯޓަށް ލިޔުއްވި އެވެ. އެތަނުން އެންގީ ރާއްޖޭން ބޭރަށް ދަތުރުކުރުމަށް ހުރަހެއް ނެތް ކަމަށެވެ. އެހެންވެ އެ ދުވަހުން އެ ދުވަހަށް ޓިކެޓް ނަގައި، ފުރަން އެއާޕޯޓަށް ވަޑައިގެންނެވި އެވެ. ޗެކްއިން ނިންމައި، އިމިގްރޭޝަން ކައުންޓަރު ދޮށަށް ފައިސަލް މަޑުކޮށްލެވިތަނުން އައީ ފޯނު ކޯލެކެވެ. ގުޅީ އޭރު އެއްވެސް ހައިސިއްޔަތެއް ނެތް ސިޔާސީ ބޭފުޅެކެވެ.

"ވިދާޅުވީ ތިއޮށް ފުރަނީ ނޫންހޭ؟،"

އޭގެ ކުރިން އޭނާ އޮތީ ސިޔާސީ ކަންކަން ހުއްޓާލުމަށާއި، ޓީވީ އަށް ނޭރުމަށާއި، ޕާޓީ ބަދަލުކުރަން ފައިސަލް ގާތު އެދިފަ އެވެ.

"އަޅުގަނޑު ބުނިން އެކަމެއް ނުވާނެޔޭ،"

އެ ވަގުތު ލިބުނީ ޕާސްޕޯޓް އަނެއްކާ ވެސް ހިފެހެއްޓި ކަމުގެ މެސެޖެވެ. ކޯޓުގެ އަމުރުގެ ކޮޕީއެއް އެ ގުޅި މީހާ ފައިސަލް އަށް ފޮނުވި އެވެ. ފުރުން މަނާކުރުމުގައި ސިޔާސީ ނުފޫޒު އޮތް މިންވަރު އެކަމުން ހާމަވި އެވެ.

ފައިސަލް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ.


ފުރޭ ގޮތް ނުވުމުން ފައިސަލް އެނބުރި ގެޔަށް ވަޑައިގަތީ އެވެ. ފަހުން މަސައްކަތްކޮށްގެން ވެސް ފުރުމުގެ ހުއްދަ ނުލިބުމުން، އޮޕަރޭޝަނަށް ދަރިފުޅު، އަންހެނުންނާ އެކު ފޮނުވާލި އެވެ. އެ ނާޒުކު ވަގުތު އާއިލާއާ އެކު ފައިސަލް އަށް ހުރެހޭ ގޮތް ނުވީ އެވެ. ދައުލަތުގެ އަމުރުތައް، ސިޔާސީ ބޭނުމަށް ވަގުތުން ވަގުތަށް އެގޮތަށް ނެރުމާ އެކު، ފައިސަލް އަށް ޔަގީންވީ މާ ގިނަ ދުވަސްތަކެއް ނުވެ އޭނާ ހުރަގެއަށް ދާން ޖެހޭނެ ކަމެވެ.

ޖަލުގެ ދަތި އުނދަގޫތައް ފައިސަލްގެ ސިކުނޑި އަށް ދިޔައީ އުނދަގޫ ކުރަމުންނެވެ. އަދި އޭނާ ޖަލަށް ލައިފި ނަމަ، ހާއްސަ އެހީއަށް ބޭނުންވާ ދަރިފުޅުގެ ކަންކަމުގައި އަންހެނުން އުފުލަން ޖެހޭ ތަކުލީފުތައް ދިޔައީ ފައިސަލްގެ ހިތަށް ތަދުކުރަމުންނެވެ. އާމްދަނީ ހޯދަން މަސައްކަތް ނުކުރެވި، ދިރިއުޅުން އަނދަވަޅަކަށް ވެއްޓިފާނެ ކަމުގެ ހިޔާލުތައް ދިޔައީ ފައިސަލްގެ ކުދިކޮށް ކޮށައި ކަމުންނެވެ.

"ނަފުސާނީ ގޮތުން ވަރަށް އަސަރުކުރި،"

އޭނާ ދެން ނިންމެވީ، ޖަލުގެ ދިރިއުޅުމަށް ސިކުނޑި ތައްޔާރުކުރުވުމަށެވެ. އެގޮތުން ބެލްކަނީގައި ޖަހާފައިވާ ތޭރިތައް ކައިރީ ހުއްޓި، މިހިރީ ޖަލުގައިއޭ ހިތަށް އަރުވައި، އެކަން އިހުސާސްކުރެވޭތޯ މަސައްކަތްކުރެއްވި އެވެ. ސިޔާސީ ގޮތުން އެހެން އޮޑިއަކަށް އަރައިގެން އެކަމުން ސަލާމަތް ވެވެން އޮތެވެ.

"ނަމަވެސް ކުރެއްވި ހުވަޔާ ހިލާފަށް، ޕާޓީ ބަދަލުކުރައްވަން ފައިސަލްގެ ޟަމީރު ތަނެއް ނުދިނެވެ،" ފޮތުގައިވެ އެވެ.

ހުން އަންނާނެކަން ޔަގީންކުރައްވައިގެން ފައިސަލް ރަޖާ އަޅުއްވައިގެން ހުންނަވަނިކޮށް، އޭނާ އަށް ހަމަޖެހުމެއް ލިބުނީ ޖޫން 17، 2018 ގައި ވަނަ ދުވަހު އެކުވެރި، ޑޮކްޓަރެއް ކަމަށްވާ އަބްދުﷲ އަފީފް ފޮނުއްވި މެސެޖަކުންނެވެ. "އީދު މުބާރިކް" ޖައްސަވައި އަފީފް ފޮނުއްވި މެސެޖުގައި އޮތީ، އެ ދުވަހުގެ ނޫހުގައި ޖަހާފައިވާ ހަބަރެއްގެ ސްކްރީންޝޮޓެކެވެ.

"ފައިސަލް ނަސީމްގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވައިފި،"

ފައިސަލް އަށް އެ މެސެޖް ވެގެންދިޔައީ އީދުހަދިޔާ އަކަށެވެ.

ހުދުމުހުތާރު ވެރިކަމެއްގައި، އިދިކޮޅު ސިޔާސީ މީހުންގެ ފަސްފަހަތުގައި އަބަދުވެސް އޮންނަ ހުރަގޭގެ ހިޔަނިން ފައިސަލް ނެއްޓިވަޑައިގެން ހަމަނޭވާއެއް ލެއްވުނީ އެ ދުވަހު އެވެ.

އެޑިޓަރުގެ ނޯޓު


މިއީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނެރުނު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމްގެ ބަޔޯގްރަފީ ފޮތުގައި ހިމެނޭ މައުލޫމާތުތައް ބޭނުންކޮށްގެން ލިޔެފައިވާ، ލިޔުމެކެވެ. ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ލިޔުއްވާފައިވާ އެ ފޮތުގައި، ފައިސަލްގެ ހަޔާތުގެ މިފަދަ ޝައުގުވެރި، އަދި ކުރިން އެނގިފައި ނެތް އެތައް ވާހަކަތަކެއް ހިމެނެ އެވެ. މި ފޮތް ނޮވެލްޓީ ބުކްޝޮޕުން ގަންނަން ލިބޭނެ އެވެ.