Advertisement

ނަޝީދަށް "ތިލަފަތް" ރޫޅާލެވިދާނެތަ؟

16 ޖުލައި 2023 - 09:09 3

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

އެމްޑީޕީ ރޫޅާލުމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާ މަންޒަރު ދައްކުވައިދޭ ގޮތަށް ހަދާފައިވާ ކުރެހުމެއް. -- އާޓްވޯކް: ރައްޔާނު މުހައްމަދު/ އަދަދު


ނަޝީދަށް "ތިލަފަތް" ރޫޅާލެވިދާނެތަ؟

16 ޖުލައި 2023 - 09:09 3

އޮކްޓޯބަރު 7، 2020 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ޒަމާންވީ އެކުވެރިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މުލިއާގޭގައި ބައްދަލު ކުރެއްވި ފޮޓޯއަކާއި އެ ދެ ބޭފުޅުން އެކުގައި މުލިއާގޭ ކުރިމަތީގައި ހުންނަވައި ނަންގަވާފައިވާ ފޮޓޯއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓްވީޓު ކުރެއްވި އެވެ.

އެ ޓްވީޓުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ "ﷲ ގެ އިރާދަފުޅުން އަޅުމެންގެ މި އޮޑިއެއް ނުފެތޭނެ" ކަމަށެވެ. ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެވޭނެ ކަމަށާއި ރައްޔިތުންނަށް ހެޔޮ ގޮތް ހޯއްދަވައި ދެއްވޭނެ ކަމަށް ވިދާޅުވި އެވެ.

އެ ބައްދަލުވުމަކީ، ދެ ރައީސުންގެ މެދު އޮތް ވަރުގަދަ ގުޅުމުގައި ޖެހެމުން ދިޔަ ކުންޏާއި އުފެދެމުންދިޔަ ދެބަސްވުންތައް މަޑުމަޑުން ތިލަވެ، ގިނި ރައްދު ސަރުކާރާއި ރައީސް ސޯލިހަށް އަމާޒުކުރަން ފަށާފައި ވަނިކޮށް ބޭއްވި ބައްދަލުވުމެކެވެ. އެ މަންޒަރުން އެމްޑީޕީގެ ސަޕޯޓަރުންނަށް ތަސައްލީއެއް ލިބުނެވެ. ދެ ރައީސުންގެ "ހަނގުރާމަ" އަކީ ހަގީގަތެއް ނޫން ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނެވެ.

ނަމަވެސް އެއީ ހަމައެކަނި ފޮޓޯގަނޑެކެވެ. އުފެދެމުންދިޔަ ސިޔާސީ ވާދަވެރިކަމުގައި، ނަޝީދު ގަބޫލު ކުރެއްވި ހަމަތައް ދޫކުރައްވައި، އެމަނިކުފާނާއި ސަޕޯޓަރުން ގެންދިޔައީ އެމްޑީޕީގެ އުސޫލުތަކަށް ގޮންޖައްސަވަމުންނެވެ. އެކަންކަމަށް ރައްދެއް ނުދެއްވައި، ރައީސް ސޯލިހު ގެންދެވީ މަޑުމަޑުން ބާރު ހޯއްދަވަމުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހާއި ޗެއާޕާސަންގެ އިންތިހާބު އަދި އެންމެ ފަހުން ރިޔާސީ ޕްރައިމަރީގައި ވެސް ނަޝީދު ބަލިކުރެއްވެވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއިދު ކުރެއްވި ބޭފުޅުން. -- ފޮޓޯ: އަދަދު


ނަޝީދުގެ "އެސްޓްރިކް" ޕްލޭން

ވާދަވެރިކަން ބޮޑުވަމުން ދިޔަ ނަމަވެސް، ނަޝީދު އަބަދު ވެސް ވިދާޅުވަމުން ދިޔައީ އެމްޑީޕީ ދޫނުކުރައްވާނެ ކަމަށެވެ. އެމްޑީޕީ އަނބުރާ ހޯއްދަވާނެ ކަމަށެވެ. ޕްރައިމަރީގެ ނާކާމިޔާބުގައި ވެސް ވިދާޅުވީ ފިކުރެއްގެ ދިރުމުގެ ނަމުގައި ގޮފިތައް ހަދައި، ތާއިދުކުރާނެ އެހެން ކެންޑިޑޭޓެއް ހޯއްދަވާނީ ކަމަށެވެ.

މަތިމައްޗަށް ކުރިމަތިވި ބައްޔާއެކު، "އެސްޓްރިކް" ޖައްސަވައިގެން ނަޝީދު ލިޔުއްވަމުން ގެންދެވި ޕްލޭން ތިލަވީ ދާދި ފަހުންނެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މަގާމުން ވަކިކުރުމަށް އިދިކޮޅާއެކު ސޮއިކުރެއްވި ނަޝީދު ފެކްޝަނުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު އެމްޑީޕީން ވަކިކުރުމާއެކު ނަޝީދަށް ތާއިދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކު އެމްޑީޕީން ވަކިވެވަޑައިގަތެވެ. ނަޝީދު ފަހަތުގައި ހުންނަވައިގެން ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް އެ ހިސާބުން ފެއްޓެވި އެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމާ ހަމައަށް ނަޝީދު ވިދާޅުވަމުން ގެންދެވީ އެމްޑީޕީގެ ބޮޑު ފަޅި އޮތީ އެ މަނިކުފާނަށް ކަމަށެވެ. އެމްޑީޕީ އަނބުރާ ހޯއްދަވާނެ ކަމަށެވެ. ނަމަވެސް، އެރޭގެ ޖަލްސާގެ ވާހަކަފުޅު ނިންމާލެއްވީ ކޯފާ އިސްކުރައްވައި އެމްޑީޕީ ރޫޅާލާނެ ކަމަށް ދެއްވި އިންޒާރާއެކު އެވެ.

ނަޝީދުގެ މިޝަން ކާމިޔާބުވެދާނެތަ؟

މީގެ ކުރިން ނަޝީދު އެންމެ ފަހުރުވެރިކަމާއެކު ދެއްކެވި ވާހަކަފުޅަކީ "މިއޮޑިއެއް ނުފެތޭނެ" ކަމަށެވެ. އެއީ އެމްޑީޕީގެ ވާހަކަ އެވެ. އެމްޑީޕީއާ ވާދަވެރި ސަރުކާރެއް އުފެދިއްޖެ ނަމަ އެ ސަރުކާރަކުން އަދި އެހެން ޕާޓީތަކުން، އެމްޑީޕީ ބަލިކަށިކޮށްލުމަށް ކުރާ ނާކާމިޔާބުވާނެ ކަމާއި އެމްޑީޕީ މެމްބަރުންގެ ހިތްވަރު ބަލިކުރަން ރޭވި ޕްލޭންތައް ނާކާމިޔާބު ވާނެކަން ފާހަގަ ކުރެއްވުމުގެ ގޮތުންނާއި އެޕާޓީ އޮންނާނީ އެކުވެ އެކަތިގަނޑެއްގެ ގޮތުގައިކަން ސިފަކޮށް ދެއްވުމަށް ނަޝީދު އާންމުކޮށް މި ވާހަކަ ވިދާޅުވެ އެވެ.

ނަމަވެސް އެންމެ ފަހުން އެ މަނިކުފާނު އެ ވިދާޅުވީ އަމިއްލަފުޅު އަތްޕުޅުން "ހިތާއި ހިތުގެ ގުޅުން" ރޫޅާލާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް. ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި، ޕާޓީގެ ފުރަތަމަ ޗެއާޕާސަންގެ މަގާމާއި ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބު ފުރަތަމަ ކާމިޔާބު ކުރެއްވި ރައީސް އެމްޑީޕީ ރޫޅާލުމަށް ވިދާޅުވިއިރު އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި މިއަދު ވެސް އޮތީ އެ ޕާޓީ އެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި އެމްޑީޕީގެ 58،000 މެމްބަރުން އެބަ ތިއްބެވި އެވެ. އިންތިޒާމުވެގެން ސިޔާސީ ހަރަކާތް އެންމެ ވަރުގަދައަށް ހިންގާ ޕާޓީއަކީ އެމްޑީޕީއަށް ވުމާއެކު، އެ ޕާޓީ ބަލިކޮށްލަން އުނދަގޫވާނެ ކަމަށް ވާދަވެރިން ގަބޫލު ކުރެ އެވެ.

ވާދަވެރިންނަށް ފައްތާނުލެވޭނެ ކަމަށް ނަޝީދު ވެސް ގަބޫލުކުރެއްވި އޮޑި، ނަޝީދުގެ އަތުން ރޫޅާލައި ފައްތާލެވިދާނެ ހެއްޔެވެ؟

"ނަޝީދު ޕާޓީ ރޫޅާލުމުގެ ވާހަކައަކީ އެމަނިކުފާނު ދެކޭ ހުވަފެނެއް ފަދަ ކަމެއް. ކަމެއް ނުވެސް ވާނެ. ވިޔަވެސް ނުދޭނަން،" އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި އެވެ.

"އެމްޑީޕީ ރޫޅާލާ ވާހަކަ ނަޝީދު ދެއްކެވީ ޒާތީ ކަމެއްގައި ގޮތުގައި. އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރައްވައިގެން އެމްޑީޕީން ދުރުވި ބައެއް ބޭފުޅުންނަކީ ވެސް ޒާތީ ކަމެއްގައި ޕާޓީއާ ދުރުވި ބޭފުޅުން."

މި ވީހާތަނަށް އެއްވެސް ބަޔަކަށް ނަޝީދަށް ވެސް ނުވާނެ ކަމަށާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ގަބޫލު ކުރައްވަ އެވެ. އެމްޑީޕީ ރޫޅާލާނެ ކަމަށް ކޯފާ އިސްކުރައްވައި ނަޝީދު ވިދާޅުވީ، މޫސަ ގަބޫލު ކުރައްވާ ގޮތުގައި އެ މަނިކުފާނު ސޮއި ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހުންގެ އަދަދު މަދުވުމާއެކު އުފެދުނު ޖަޒުބާތުގަ އެވެ.

"ރައީސް ނަޝީދަށް އެއްވެސް ކޮންޓްރޯލެއް ނުނެގުނީމަ އެމްޑީޕީ ދޫކޮށް އެ ދިޔައީ. ސަތާރަ އަހަރު ދުވަހު ޕާޓީއާއެކު ކުރިއަށް ވަޑައިނުގެންނެވުނު ބޭފުޅަކަށް ޕާޓީ ރޫޅާލާކަށް ވެސް ނޭނގޭނެ،" މޫސަ ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސްއަށް ނަޝީދު ސޮއިކުރައްވަން ބޭއްވި ޖަލްސާ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ނަޝީދު ދެއްކެވީ ހުތުރު މިސާލެއް

ސުލުހަވެރި، ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަކީ ނަޝީދު އެންމެ ބޮޑަށް ވަކާލާތު ކުރެއްވެވި ހަމަތަކެވެ. އެމަނިކުފާނު ޒުވާން ދުވަސްވަރުން ފެށިގެން ޖަލުގައި ހޭދަކުރައްވަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ފުރުސަތު ހޯއްދެވުމަށް ވަކާލާތު ކުރެއްވުމެވެ. ނަމަވެސް މިއަދު އެންމެ ބޮޑު ޕާޓީ ރޫޅާލުމުގެ ނިޔަތް އޮތުމަކީ ފުރާވަރަށް އަޅާފައިވާ ރާއްޖޭގެ ޑޮމޮކްރަސީ އަށް ވެސް އަދި ސިޔާސީ ހަރަކާތްތަކަށް ވެސް ގޯސް މިސާލެކެވެ.

"އެ މަނިކުފާނުގެ ވާހަކަފުޅުން ޝައްކުތައް ޔަގީން ވެއްޖެ. ޑިމޮކްރަސީއަށް ލޯތްބެއް އޮތް ނަމަ، މަލްޓި ޕާޓީ ނިޒާމަށް އިހުތިރާމެއް އޮތް ނަމަ އެހެން ޕާޓީތައް ރޫޅާލާ ވާހަކައެއް ނުދައްކާނެ،" އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

އަސްލަމު ގަބޫލު ކުރައްވާ ގޮތުގައި އެހެން ފަރާތްތައް ނިކަމަތިކޮށްލުމާއި ގަދަބަސް ބުނެގެން ސިޔާސީ ތާއިދު ހޯދުން މީހުން މިހާރު ބަލައިނުގަންނަ ކަމަށެވެ.

"[ނަޝީދު] ޑިމޮކްރަސީ ގަބޫލުކުރައްވާ ނަމަ ޑިމޮކްރެޓިކް ހަމަތަކުން ވަޑައިގަންނަވާ. އެހެން ޕާޓީތައް ރޫޅާލުމުގެ ބަދަލުގައި އެމަނިކުފާނުގެ ފިކުރު ކުރިއެރުވުމަށް، ޕާޓީކުރިއެރުވުމަށް މަސައްކަތް ކުރުން މާ މުހިންމު،" އަސްލަމް ވިދާޅުވި އެވެ.

ފެންނަން އޮތް ހަގީގަތަކީ މިއެވެ. އެމްޑީޕީ އާއި ނަޝީދާ، ނުވަތަ ނަޝީދާއި ރައީސް ސޯލިހާއި ޒާތީ ކަމެއް އޮތް ނަމަ ފެންނަން އޮތީ ވެރިކަމުގެ ބާރާއި ލައްޒަތާއި އިއްޒަތެވެ. ބާރު ހޯއްދެވުމުގައި ސިޔާސީ ވެރިން ދައްކަވަންޖެހޭނީ ރިވިތި ނަމޫނާއެވެ. ކުރިއަރުވާންޖެހޭނީ ޑިމޮކްރަސީގެ ހަމަތަކެވެ.