Advertisement

ޗާގޯސް މައްސަލަ: އިޓްލޮސް އިން މާދަމާ ނިންމާނީ ކޮން ކަމެއް؟

27 އޭޕްރީލް 2023 - 13:15 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވާތަން ސިފަކޮށްފައި. --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު


ޗާގޯސް މައްސަލަ: އިޓްލޮސް އިން މާދަމާ ނިންމާނީ ކޮން ކަމެއް؟

27 އޭޕްރީލް 2023 - 13:15 0

އެއް ބަޔަކު ބުނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ދޫކޮށްލަނީ ކަމަށެވެ، "ވިއްކާލަނީ" ފަދަ ސީރިއަސް ތުހުމަތު ވެސް މެ އެވެ، އޭގެ ދިފާއުގައި އޮތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެންމެ އިންޗިއެއް ވެސް ދޫކޮށްނުލާނެ ކަމުގެ ޔަގީން ކަމެވެ،

އެކަމަކު ސިޔާސީ ގޮތުން އެބަޔަކަށް މަންފާވާ ގޮތަށް ދެކެވޭ މި ވާހަކަތައް ހިމުންކޮށް، ފުރާނާފައި، މާދަމާ ރާއްޖެ ގަޑިން މެންދުރެއްހާއިރު، ނިންމާނީ ސީދާ ކޮންކަމެއްތޯ އެނގުން ކޮންމެ ދިވެއްސަކަށް ވެސް މުހިންމުވެ އެވެ. އަދި, އެކަމުގެ ސަބަބުން ރާއްޖެއަށް ލިބޭނީ ނުވަތަ ގެއްލޭނީ ސީދާ ކޯޗެއްކަން ރަނގަޅަށް ސާފުވާންޖެހެ އެވެ.

މައްސަލައިގެ ފެށުން

ޗާގޯސް ޖަޒީރާ އިނގިރޭސި ވިލާތުން މޮރިޝަސް އިން ވަކިކޮށްފައިވަނީ 1965 ވަނަ އަހަރެވެ. އޭގެ ތިން އަހަރު ފަހުން، މޮރިޝަސް އަށް މިނިވަންކަން ލިބުނުއިރު، ޗާގޯސް ޖަޒީރާ އަނބުރާ ނުލިބޭތީ، އިނގިރޭސީންގެ އިސްތިއުމާރީ ވެރިކަން ނުނިމޭ ކަމަށް މޮރިޝަސް ދިޔައީ ބުނަމުންނެވެ.

ރާއްޖެ އާއި މޮރިޝަސް އާދެމެދު ސަރަހައްދުގެ ކޯޅުން ފެށުނީ، ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ގުދުރަތީ ގޮތުން ބަލާއިރު، ރާއްޖެއަށް ލިބިދޭ 200 ނޯޓިކަލްމޭލަށް ވުރެ އިތުރަށް އައުޓާ ކޮންޓިނެންޓަލް ޝެލްފް ދެމިގެންދާ ކަމަށް ބުނެ ޖުލައި 2010 ގައި ކޮމިޝަން އޮފް ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެސްސީއެސް)އަށް މައްސަލައެއް ހުށަހެޅި އެވެ.

އެކަމާ މޮރިޝަސް އިން ދެކޮޅު ހެދުމުގެ އިތުރުން، ރާއްޖޭގެ ދެކުނުން ސަރަހައްދީ އިމުގެ ބައެއް ޗާގޯސް އައިލެންޑްސްގެ އިމުގެ ތެރެއަށް ވަންނަ ކަމަށް ބުނެ، އެ ގައުމުން އިޓްލޮސްއަށް މައްސަލައެއް ހުށަހެޅީ ސެޕްޓެމްބަރު 2019 ގަ އެވެ.

މޮރިޝަސްއިން ހުށަހެޅި އެ މައްސަލައަށް އެންމެ ބޮޑު ބުރަދަނެއް ލިބުނީ އޭގެ ހަތް މަހެއްހާ ދުވަސް ކުރިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ކަމަށް ކަނޑައެޅުމާ ގުޅިގެންނެވެ. އޭގެ ފަހުން، އެ އަހަރުގެ މެއި މަހު، އައިސީޖޭގެ ނިންމުން ތަންފީޒުކުރަން އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓު ވެސް ބުރަވީ މޮރިޝަސްއާ އެއްކޮޅަށެވެ.

މޮރިޝަސްއިން ހުށަހެޅި މައްސަލަ އިޓްލޮސް އަށް ނުބެލޭނެ ކަމަށް ބުނެ ރާއްޖޭން ކުރި ވަކާލާތުވެސް ނާކާމިޔާބުވެ، ޖެނުއަރީ 2021 އެ މައްސަލަ ބެލޭނެ ކަމަށް ނިންމީ އައިސީޖޭގެ ނިންމުމުގެ މައްޗަށް ބިނާކޮށެވެ.

ސަރަހައްދީ އިން ވަކިކުރުމުގެ މައްސަލަ

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.

ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހަދަނީ މިކަމާ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.

މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް ބްލެންހެމް ރީފުން އިން ވަކި ކުރުމުގެ ބޭސް ޕޮއިންޓު ކަނޑައެޅުމުން، ރާއްޖޭއާ ދެމެދު ހިލާފު އުފެދިގެން މިއުޅެނީ ފުށުއަރާ މުޅި 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ނޫނެވެ. އެ ފަރުން ރޮނގު ފެށުމުން، ދެ ގައުމުން ވެސް ވަކާލާތު ކުރަނީ އޭގެ ފަސް ޕަސަންޓުގެ ސަރަހައްދެއް ގެއްލޭނެތީ އެވެ. އެއީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ހޯދުމަށެވެ.

އަދި, މޮރިޝަސްއިން އެދޭ ގޮތަށް ބްލެންހެމް ރީފުން ބޭސް ޕޮއިންޓު ކަނޑައަޅަން އިޓްލޮސް އިން ނިންމާނަމަ، އޭގެ ސަބަބުން ޑިސްޕްރޮޕޯޝަނޭޓް ނަތީޖާއެއް އަންނާތީ، ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިކުއިޑިސްޓަންޓް ލައިން އެޖަސްޓްކުރަން ރާއްޖޭން ހުށަހެޅި ހުށަހެޅުންތަކުގައި ހިމެނެ އެވެ.

ރައީސްގެ ސިޓީން އިން ވަކިކުރުމުގެ މައްސަލައަށް އަސަރު ކުރާނެ؟

މެއި 22، 2019، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސް އާ ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއެކު ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ. ރާއްޖޭގެ ސްޓޭންޑު އަބަދުވެސް ވަރަށް ސާފެވެ. އިން ވަކިކުރުމުގެ މައްސަލަ ދެމިއޮތްހާ ދުވަހަކު، އިސްތިއުމާރު ވެރިކަމާ ދެކޮޅު ނަމަވެސް، މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭން ވޯޓު ނުދެވޭނެ އެވެ.

އެކަމަކު މިދިޔަ އަހަރުގެ އޯގަސްޓު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ކުއްލި ގޮތަކަށް ފޮނުއްވި ސިޓީއަކާއެކު އެ ސްޓޭންޑު ބަދަލުކުރި ކަމުގެ ތުހުމަތުތައް އަމާޒުވި އެވެ. އެ ސިޓީގައި ސީދާ އޮތް އެއްޗެއް ސަރުކާރުން ހާމަނުކުރި ނަމަވެސް، އިޓްލޮސްގެ އަޑުއެހުމެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެއްކެވި ވާހަކަތަކުން އެނގޭ ގޮތުގައި، ޗާގޯސް ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް އދ.ގައި ދެން ނެގޭ ވޯޓެއްގައި ރާއްޖޭން އެކަމާ އެއްކޮޅަށް ވޯޓު ދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އެ ސިޓީ މެދުވެރިކޮށް ދެއްވައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ ރައީސް ސޯލިހު އެ ސިޓީ ފޮނުއްވީ ބޭރުގެ ނުފޫޒު ފޯރުވައިގެނެވެ. އަދި އެ ސިޓީގެ ސަބަބުން ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވެފައިވާކަން ހާމަވެ އެވެ. އެކަމަކު ސަރުކާރުން ދަނީ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

ސަރުކާރުން ބުނާ ގޮތުގައި އެ ސިޓީ އާއި އިޓްލޮސްގައި ހިނގަމުންދާ މައްސަލައާ އެއްވެސް ގުޅުމެއް ނެތެވެ. ޗާގޯސް ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އައިސީޖޭއިން ނިންމައި، އެ ކަންވަނީ އިޓްލޮސްއިން ވެސް ބަލައިގެންފަ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ހިނގަނީ ކޮން ގައުމަކަށް ކަމާމެދު އޮތް ސުވާލާ، އިން ވަކި ކުރުމުގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ އެވެ.

ސަރުކާރުން އެ ބުނާ އެއްޗެއްގެ ހަގީގަތް މާދަމާ އިޓްލޮސްގެ ނިންމުމާއެކު ހާމަވާނެ ކަމަށް ބެލެވޭއިރު، އިޓްލޮސްގެ އެ ނިންމުން ގުޅިފައިވަނީ 4،687 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ގެއްލުމާއި ނޫނީ ލިބުމާ އެވެ. އެކަމަކު އިޓްލޮސްއިން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް، އެ ސަރަހައްދުގެ އިން ރަސްމީކޮށް ވަކިކޮށް، އޭގެން ބައެއް މޮރިޝަސްގެ ބާރުގެ ދަށަށް ދިޔުމުން އޭގެ ވަށައިގެން ދެން ވެދާނެ ކަންކަމަކީ އަދި މުޅީން އެހެން ވާހަކަ އެކެވެ.