Advertisement

ބަޖެޓު ފޫބައްދަން ޓެކްސް ބޮޑުވެއްޖެ: އިސްރާފު ކުޑަކުރުމުގެ ހިލަމެއް ނެތް

19 އޭޕްރީލް 2023 - 11:00 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ބަޖެޓު ފޫބައްދަން ޓެކްސް ބޮޑުވެއްޖެ: އިސްރާފު ކުޑަކުރުމުގެ ހިލަމެއް ނެތް

19 އޭޕްރީލް 2023 - 11:00 0

މި އަހަރުން ފެށިގެން ޓެކްސް ބޮޑުކުރަން ސަރުކާރުން ފައި ނެގުމުން ރައްޔިތުންނާއި ޓޫރިޒަމް ވިޔަފާރިވެރިން ކުސްތަޅަން ފެށުމުން، މާލީ ވަޒީރު ތަސައްލީއެއް ދެއްވީ މިކަހަލަ ގޮތަކަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޭރު ވިދާޅުވި ގޮތުން ނަމަ، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުނުކޮށް އިތުރު އެއްވެސް ގޮތެއް ސަރުކާރަށް ހަމަ ނެތީ އެވެ. ދައުލަތުގެ ބަޖެޓުން ރައްޔިތުންނަށް ދޭ އެތަކެއް މަންފާތައް ދެކޮޅު ޖެއްސުމަށެވެ.

"މާލީ ބާޒާރުގައި އިންޓަރެސްޓު ރޭޓުތައް މަތިކުރަމުންދާތީ ބޭރުން ޑެފިސިޓް ފައިނޭންސް ކުރަން އެއްވެސް ފުރުސަތެއް މިހާރު ނެތް. އަޅުގަނޑުމެން އެބަޖެހޭ އެތެރެއިން އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދަން،" އަމީރު ވިދާޅުވި އެވެ.

އެކަމަކު މިކަމުގެ ބުރަ ރައްޔިތުން އެކަނި ނަގަން ސަރުކާރުން ދޫކޮށްނުލާނެ ކަމަށް ވިދާޅުވި އެވެ. މިއަހަރަށް ކަނޑައެޅި ގާތްގަނޑަކަށް 42.8 ބިލިއަން ރުފިޔާ ބަޖެޓު ފޫބައްދަން ހަ ޕަސަންޓުގެ ކަރެކްޝަނެއް ބޭނުންވާއިރު، އޭގެ އެއް ބައިގައި ސަރުކާރުން ހިފާ ގޮތަށެވެ.

ޖީއެސްޓީ ރޭޓަށް ގެންނަ ބަދަލާއެކު މި އަހަރު އާމްދަނީގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ބާކީ ބައި ހަމަޖައްސަނީ ބަޖެޓުން ވާ އިސްރާފުތައް ކުޑަކޮށްގެންނެވެ.

"[ޓެކްސް ބޮޑުކުރުން] އާއެކު ހަރަދު ކުޑަކުރުމަށްޓަކައި ސަބްސިޑީއަށް ރިފޯމްތަކެއް ވެސް ގެންނާނަން. އަދި ސަރުކާރު ކުންފުނިތައް ހިންގުން ވެސް ސަރުކާރަށް ބަރޯސާނުވާ ގޮތަށް ބަދަލުކުރާނަން،" އަމީރު ވިދާޅުވި އެވެ.

މަދު އަދަދެއް ވެސް ނޫނެވެ. ބަޖެޓު ކަރުދާހުގައި އޮތް ގޮތުން ނަމަ، ދައުލަތުން ކުރާ ހަރަދުތަކުން ވަމުންދާ އިސްރާފުތައް ކުޑަކޮށްގެން، ތިން ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް އޮތީ އަންދާޒާކޮށްފަ އެވެ.

ހަރަދަށް ގެންނަން އޭރު ހުށަހެޅި ބަދަލުތަކުގެ ތެރޭގައި، ތެލަށްދެވޭ ސަބްސިޑީ ޓާގެޓެޑް ސަބްސިޑީއަކަށް ބަދަލުކުރުމާއި، އާސަންދަ އާއި ބޭސްގަތުމަށްކުރާ ހަރަދުކުޑަކުރުން ހިމެނެ އެވެ.

ހަރަދު ކުޑަކުރެވޭ މިންވަރު

  • ތެލުގެ ސަބްސިޑީ - 1.003 ބިލިއަން ރުފިޔާ
  • އާސަންދަ - 460.70 މިލިއަން ރުފިޔާ
  • ޕޭ ހާމަނައިޒޭޝަން - 1.506 ބިލިއަން ރުފިޔާ
  • ކަރަންޓު ސަބްސިޑީ - 150.21 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންސިއުމަބަލްސް - 166.41 މިލިއަން ރުފިޔާ

ފިނޭންސުން އަންދާޒާކުރި ގޮތުގައި، ތެލުގެ ސަބްސިޑީ ދިނުމުގެ އުސޫލަށް ގެންނަ ބަދަލުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަންނަ އަހަރު ސަލާމަތް ކުރެވޭނެ އެވެ. އާސަންދައަށް ކުރޭ ހޭދަ ކުޑަކުރަން ސިޔާސަތުގެ ބަދަލުން 460 މިލިއަން ރުފިޔާ ކުޑަކުރެވޭއިރު، ޕޭ ހާމަނައިޒޭޝަން ނުވަތަ މުސާރަ އެއް ހަމަކޮށްގެން 1.5 ބިލިއަން ރުފިޔާ ބަޖެޓުން ސަލާމަތް ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

އަހަރުގެ ހަތަރު މަސް ނިމެނީ

ބަޖެޓު ހަމަ ރޭވި ގޮތަށް ޖެނުއަރީ 1 އިން ފެށިގެން ބޮޑު ކުރި އަދަދުން ޓެކްސް ނަގަން ފެށި އެވެ. މިއަހަރުގެ ބަޖެޓުގައި ރައްޔިތުންނާ މަތިކުރި ބައި ބަރާބަރަށް އަދާކުރަމުންދާ ކަން ދައުލަތަށް ވަންނަ "ރެކޯޑު" އާމްދަނީއިން ހެކިދެ އެވެ. ގިނައިން ޓެކްސް ދައްކަމުންދަނީ ތަކެތީ އަގު އިންތިހާއަށް އުފުލިފައިވާއިރު، އޭގެ ބުރައާވެސް އެކުގަ އެވެ.

އެކަމަކު އަހަރުގެ ހަތަރު ވަނަ މަސް ދެބައިވާންދާއިރު، ސަރުކާރުން އަމިއްލައަށް ހަވާލުވި ބައިގެ ހިލަމެއްވެސް އަދި ނުވެ އެވެ.

މި އަހަރުން ފެށިގެން ސަރުކާރުން ދެމުންދާ ސަބްސިޑީތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ފެނިގެންދާނީ ފިއުލް ސަބްސިޑީ އާއި ޓްރާންސްޕޯޓް ސަބްސިޑީން ކަމަށް ފިނޭންސުން އޭރު ބުންޏެވެ.

ތެލުގެ ސަބްސިޑީ ޑައިރެކްޓު ސަބްސިޑީއަކަށް ބަދަލުކުރާނެކަމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ވެސް އޮތީ ވިދާޅުވެފަ އެވެ.

"ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމުކަމުގައި އަޅުގަނޑު ދެކެން،" އެ ނިންމުން އެންމެ ފުރަތަމަ ހާމަކުރި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެކަމަކު އެއީ މިދިޔަ ޖުލައި މަހެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް، އެކަން ކުރާނެ ގޮތެއް ނޫނީ އުސޫލެއް ވެސް ހާމައެއް ނުކުރެ އެވެ.

މިއަހަރުގެ ސަބްސިޑީއަށް ކުރާނެ ހޭދަައިގެ ގޮތުގައި 2.285 ބިލިއަން ރުފިޔާ ޖެހީ ސަބްސިޑީ ދޭ އުސޫލަށް ބަދަލެއް ގެނެސްގެން ސަލާމަތްކުރެވޭނެ އަދަދުތަކުގެ މައްޗަށް ބިނާކޮށެވެ. އެކަމަކު އެކަން ވީހިސާބެއް ވެސް ނޭނގޭއިރު، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އޭގެ ތެރެއިން 1.268 ބިލިއަން ރުފިޔާ ހޭދަވެއްޖެ އެވެ. މާނައަކީ އަހަރުގެ ފުރަތަމަ ހަތަރު މަސް ނިމުމުގެ ކުރިން، ސަބްސިޑީ ބަޖެޓުގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނައިން ހުސްވީކަމެވެ.

ދެން އޮތީ އާސަންދަ އެވެ. ފިނޭންސުން އޭރު ބުނީ އާސަންދަ ނިޒާމުގެ ތެރެއިން ހިނގާ އިސްރާފު ކުޑަކޮށް، ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅާ ވާހަކަ އެވެ. އެއީ އާސަންދަ ނިޒާމުގެ ތެރެއިން ބޭސް ކަވަރުކުރާ އަގު ނުވަތަ އާސަންދައިގެ ބޭސްލައިން އަގުތައް ބާޒާރުގެ އަގުތަކާ ހިދުމަތް ދިނުމުގައި ހިނގާ ހަރަދުތަކަށް ރިއާޔަތްކޮށް މުރާޖައާ ކުރުމެވެ.

"އަދި ބޭހާއި މެޑިކަލް ކޮންސިއުމަބަލްގެ އަގުތައް އެކަށީގެންވާ މިންވަރަކަށް ތިރިކުރުމަށް ބާރުއެޅުމުގެ ގޮތުން ބޭރު ގައުމެއްގެ ސިއްހީ ހިދުމަތްތަކާ ގުޅޭ މުއައްސަސާއަކާ ގުޅިގެން މިތަކެތީގެ ބަލްކް ޕްރޮކިއުމަންޓް ތަންފީޒުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ،" މިނިސްޓްރީން ބުނެފައިވެ އެވެ.

އެ ފޮނި އަންދާޒާތަކުގެ މައްޗަށް އާސަންދައަށް މިއަހަރު ބަޖެޓު ކުރީ 1.045 ބިލިއަން ރުފިޔާ އެވެ. ކުރަން ބުނި އެއްވެސް ކަމެއް ސަރުކާރަށް ނުކުރެވި އުޅެނިކޮށް، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އާސަންދަ ބަޖެޓުގެ ގާތްގަނޑަކަށް 72 ޕަސަންޓު ހުސްވެއްޖެ އެވެ.

މީގެއިތުރުން، ޕޭ ހާމަނައިޒްކުރުމުގެ މަސައްކަތް ވެސް ނުނިންމި ދިގުލަމުންދާއިރު، ދައުލަތުގެ މުސާރަތަކަށް ކުރާ ހޭދަ ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު ޓީޗަރުންގެ މުސާރަ، މިއަހަރު ލެޗްޗަރާއިންގެ މުސާރަ އެތައް ގުނަ އެއް ބޮޑުކޮށް، އަންނަ މަހުން ފެށިގެން ސިއްހީ ހިދުމަތްތެރިންގެ މުސާރަ ވެސް ބޮޑުކުރަން އެ ދަނީ ފަރިވަމުންނެވެ.

މިއާއެކު މިއަހަރުގެ ބަޖެޓު ޑެފިސިޓުގެ މިންވަރާމެދު އޮތް ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

ފިނޭންސުން އޭރު އަންދާޒާކުރީ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކާއެކު މި އަހަރުގެ ބަޖެޓު ޑެފިސިޓު ހުންނާނީ 8.459 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށެވެ.

ނަމަވެސް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނޭޅިއްޖެނަމަ، އެ އަދަދު 14.459 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ހަމަ ފިނޭންސުން އޭރު ލަފާކުރި އެވެ.

ސަރުކާރުން ބުނަނީ ކީކޭ؟

މިކަމާ ގުޅޭގޮތުން "އަދަދު"އިން ސުވާލު ކުރުމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ އަހަރު ފެށުމުގެ ކުރިން އަންދާޒާކުރި މިންވަރަށް ހަރަދުތައް ކުޑަނުކުރުވޭތީ ބަޖެޓު ޑެފިސިޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

"ދެން އަޅުގަނޑުމެން ޖެހޭނީ އޯލްޓަނޭޓިވް ގޮތްތަކެއް ހޯދަން. އެކަމުގެ މަޝްވަރާތައް ޕޮލިސީ ލެވެލްގައި ދަނީ ކުރެވެމުން،" ސަރުވަޝް ވިދާޅުވި އެވެ.

ބަޖެޓުގައި އަޅަން ހިމެނި ފިޔަވަޅުތަކުގެ ތެރެއިން ބަލްކް ޕްރޮކިޔުމަންޓުގެ މަސައްކަތް ގާތްގަނޑަކަށް ނިމި ބޭރު ބަޔަކާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާކަން އޭނާ ހާމަކުރެއްވި އެވެ. އަދި އެކަމުގެ އިތުރު ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

ނަމަވެސް، ތެލުގެ ސަބްސިޑީ ބަދަލުކުރުމާ ގުޅޭގޮތުން ކުރިއެރުމެއް ނުލިބޭއިރު އެކަން މިއަހަރު ނުވާނެ ކަމުގެ އިޝާރާތެއް އޭނާ ދެއްވި އެވެ.

"އެކަން މިއަހަރު ނުކުރާނެ ގޮތަށް ޕޮލިސީ ލެވެލްގައި ވިސްނުންހުރީ،" އިތުރު ތަފްސީލެއް ނުދެއްވައި ސަރުވަޝް ވިދާޅުވި އެވެ.

ބަޖެޓު ޑެފިސިޓު އިތުރުވުމުގެ ކަންބޮޑުވުމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި ގޮތުގައި، ޗައިނާ މާކެޓު އަލުން ހުޅުވި، އާންދާޒާ ކުރި މިންވަރަށް ވުރެ އިތުރަށް ޓޫރިޒަމް ރަނގަޅުވެ، އާމްދަނީ ވަނީ އިތުރުވެފަ އެވެ. މީގެ ސަބަބުން ވެސް ޑެފިސިޓަށް ކުރާނެ ލޮޅުން ކޮންމެވެސް ވަރަކަށް ކުޑަވާނެ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ވެސް ބަޖެޓު ހުށަހަޅަނީ އުއްމީދީ ހުވަފެންތަކެއް ލިޔުމަށް ތިރިކޮށްގެންނެވެ. އެކަމަކު އަހަރު ނިމި، އަނެއް އަހަރުގެ ބަޖެޓު މޫސުމަށް އަޅާއިރު، ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރު ކުރާނެ އާ ކަންކަން ނިމޭނީ ހަމައެކަނި ކަރުދާހުގައި އޮވެގެނެވެ. މިއަހަރު ވެސް މި ފެންނަނީ މާޒީ ތަކުރާރުވާ މަންޒަރެވެ. ހަމައެކަނި ތަފާތަކީ ޓެކްސް ބޮޑުވުމުގެ ސިފައިގައި ރައްޔިތުންގެ ސީދާ ޖީބަށް އިތުރަށް ބުރަ ބޮޑުވި ކަމެވެ.