Advertisement

ގެއްލުމުގެ ބަދަލު ދޭން ބަޖެޓު ކުރި 101 މިލިއަން ރުފިޔާ ހުސްވެ، އިތުރަށް ހަރަދުކޮށްފި

28 އޭޕްރީލް 2024 - 14:24 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓްރީ: ބަދަލު ދިނުން އިތުރުވަނީ ކޯޓުތަކުން ދައުލަތާ ދެކޮޅަށް މައްސަލަތައް ނިންމާތީ ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ގެއްލުމުގެ ބަދަލު ދޭން ބަޖެޓު ކުރި 101 މިލިއަން ރުފިޔާ ހުސްވެ، އިތުރަށް ހަރަދުކޮށްފި

28 އޭޕްރީލް 2024 - 14:24 0

މި އަހަރަށް ފާސްކުރި ބަޖެޓުގައި ގެއްލުމުގެ ބަދަލު ދޭންށާއި ގެއްލުމުގެ ބަދަލު ފޫބައްދަން ބަޖެޓު ކުރި 101 މިލިއަން ރުފިޔާ ހުސްވެ، ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރުނު ދައުލަތުގެ މާލިއްޔަތުގެ އަދާހަމަ އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ 16 ހަފުތާ ނިމުނުއިރު، ބަދަލު ދޭން 107.4 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. މިއީ މި އަހަރަށް ކަނޑައެޅި އަދަދަށް ވުރެ 6.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ބަދަލު ދޭން ފާސްކުރާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރުމުގެ މައްސަލަ މިދިޔަ އަހަރު ވެސް ފެންމަތިވި އެވެ.

އެގޮތުން މިދިޔަ އަހަރު ގެއްލުމުގެ ބަދަލު ދޭން ކަނޑައެޅީ 101.2 މިލިއަން ރުފިޔާ ނަމަވެސް ސަޕްލިމެންޓަރީ ބަޖެޓުގައި އިތުރަށް ފައިސާ ހިމަނައިގެން، އަހަރު ނިމުނުއިރު 436 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ ބަޖެޓުކުރި ވަރަށް ވުރެ ތިން ގުނަ އިތުރު އަދަދެކެވެ.

އޭރު ސަރުކާރުން ބުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ފައިސާ ހަރަދުކުރަން ޖެހުނީ ކޯޓުތަކުގައި ހިނގަމުން ދިޔަ މައްސަލަތަކެއްގައި ދައުލަތާ ދެކޮޅަށް ހުކުމް އިއްވުމާ ގުޅިގެން ކަމަށެވެ.

ބަދަލުގެ ގޮތުގައި ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ފައިސާ ހަރަދުކުރަން ޖެހުނު މައްސަލައިގައި ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ބަދަލުގެ ފައިސާ ދޫކުރަމުން ދަނީ ކުރިން ނިންމާފައި ހުރި މައްސަލަތަކެއްގައި، އިތުރު ހަރަދުތަކެއް ކުރަން ޖެހިދާނެތީ ކަމަށެވެ. އަދި މިކަން ކުރަމުން ދަނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.