Advertisement

ޖީއެސްޓީ ކުޑަކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ

28 އޭޕްރީލް 2024 - 13:22 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ބޭރުމަގުގައި ގިނަ އަދަދެއްގެ އޮފީސްތަކެއް ހުންނަ ސަރަހައްދު: ޓެކްސް ބޮޑުކުރީ އިތުރު ގޮތެއް ނެތިގެން ކަމަށް ސަރުކާރުން ބުނި -- ފޮޓޯ: އަދަދު


ޖީއެސްޓީ ކުޑަކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ

28 އޭޕްރީލް 2024 - 13:22 0

ކުރީގެ ސަރުކާރުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުން، އޭރުގެ އިދިކޮޅުގައި އޮވެގެން އެކަމަށް ފާޑުކީ ނަމަވެސް ޖީއެސްޓީ ކުޑަކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އޭރު ޕީޕީއެމް/ޕީއެންސީން ކަންބޮޑުވުން ފާޅުކުރީ ރައްޔިތުންގެ ޖީބަށް އިތުރު ފައިސާ ނުވަދެ، ކުރަންޖެހޭ ހަރަދުތައް އިތުރުކުރުމާއި ގުޅިގެން ކަމަށެވެ.

"އޭރު އަޅުގަނޑުމެން ދައްކަމުން ދިޔަ ވާހަކައިގެ މައިގަނޑު މަހުފޫމަކީ ރައްޔިތުންގެ ޖީބަށް އެއްވެސް އިތުރު މިންވަރެއް ނުވަދެ، ރައްޔިތުންގެ ޖީބުން އަނެއްކާވެސް އިތުރު ހޭދަތަކެއް ކުރުމުން އައި ކަންބޮޑުވުންތަކެއްގެ ވާހަކަ،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުކޮށް، ރާއްޖޭގެ އިގުތިސާދު ކޮށްޅަށްޖަހައި ވަށާޖެހޭ ގޮތަކަށް އެކަން ކުރުން ކަމަށެވެ. އަދި އާމްދަނީ އިތުރުވުމާއެކު ރައްޔިތުން ޓެކްސް ފައިސާ ދެއްކުމަށް މާބޮޑު ތަކުލީފެއް ނާންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ރައްޔިތުންގެ ޖީބަށް ވަންނަ ބައި އިތުރުކުރުން. އެ ހިސާބުން ފެށިގެން އަޅުގަނޑު ހިތުން ރައްޔިތުން އެ ދައްކަންޖެހޭ ޓެކްސަ ފައިސާ ނުވަތަ ހޭދަކުރަންޖެހޭ ހޭދައަކަށް މާބޮޑު ތަކުލީފެއް ނާންނާނެ،" ހީނާ ވިދާޅުވި އެވެ.

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ކުރީ ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް އޭރުގެ އިދިކޮޅު ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން މުޒާހަރާ ވެސް ކުރި އެވެ.

ބިލުގެ ބަހުސްގައި ވެސް ޕީޕީއެމާއި ޕީއެންސީގެ މެންބަރުން ވަކާލާތު ކުރައްވަމުން ގެންދެވީ ދުނިޔެއާއި ރާއްޖޭގެ އިގްތިސޯދު ދަށްވެ އާންމުންނާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރުކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި، ޓެކްސް ބޮޑުކުރުމާ ދެކޮޅަށެވެ. މިކަމާ ދެކޮޅަށް އެ ޕާޓީގެ މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ.

މަޖިލީހުގެ ތަޅުމުގައި ވެސް މިހާރު ސަރުކާރު ހިންގާ ކޯލިޝަނުގައި އޮތް ދެ ޕާޓީގެ މެމްބަރުން (އެންމެ މެމްބަރެއް ފިޔަވައި) ވޯޓު ދިނީ ވެސް، އެ ޕާޓީން ނެރުނު ވިޕްލައިނާ އެއްގޮތަށް ޓެކްސް ބޮޑުކުރުމާ ދެކޮޅަށެވެ.

މިދިޔަ އަހަރުން ފެށިގެން އާންމު މުދަލާއި ހިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީޖީއެސްޓީން ހަ ފަސެންޓުން އަށް ފަސެންޓަށް (ދެ ރުފިޔާ) ބޮޑު ކޮށްފައިވާއިރު، ޓީޖީއެސްޓީ ވެސް ވަނީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކޮށްފަ އެވެ.