Advertisement

165 މިލިއަން ޑޮލަރުގެ ލޯނަކަށް ގެރެންޓީ ހޯދަން ސަން ސިޔާމް އެދިއްޖެ

23 އޭޕްރީލް 2024 - 14:02 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަން ސިޔާމާއެކު: ސަރުކާރުން 165 މިލިއަން ޑޮލަރުގެ ލޯނަކަށް ގެރެންޓީ ހޯދަން ސަން ސިޔާމް އެދިއްޖެ -


165 މިލިއަން ޑޮލަރުގެ ލޯނަކަށް ގެރެންޓީ ހޯދަން ސަން ސިޔާމް އެދިއްޖެ

23 އޭޕްރީލް 2024 - 14:02 2

ރިސޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާ 165 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ސަރުކާރުގެ ގެރެންޓީ ހޯދުމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މަހުޖަނު އަހުމަދު ސިޔާމު މުހައްމަދު އަނެއްކާ ވެސް އެދިއްޖެ އެވެ.

ސޮވެރިން ގެރެންޓީ ހޯދުމަށް އެދި އެމެރަލްޑު ރިސޯޓް ކުންފުނީގެ ވެރިޔާގެ ހައިސިއްޔަތުން ސިޔާމް، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މި މަހު ހަތެއްގައި ފޮނުވި ސިޓީ "އަދަދު" އަށް ވަނީ ލިބިފަ އެވެ.

އެ ސިޓީގައިވާ ގޮތުން މާލެ އަތޮޅު ދެކުނު ބިތުގައި އޮތް ފަޅެއްގައި ތަރައްގީ ކުރާ އެމެރަލްޑް ލެގޫން ތަރައްގީ ކުރަން މަޝްވަރާ ކޮށްފައިވަނީ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕާއެކު އެވެ. އަދި މި މަޝްރޫއަށް ފައިނޭންސިން ހޯދުމުގެ ގޮތުން ލޯނެއް ނެގުމަށް ނިންމާފައިވަނީ ޗައިނާގެ ބޭންކަކުންނެވެ.

ނަމަވެސް، 165 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާކުރާ މި މަޝްރޫއަށް ބޭނުންވާ ލޯނު ލިބެން އޮތީ ރާއްޖޭގެ ސަރުކާރުގެ ގެރެންޓީއާއެކު ކަމަށް ސިޔާމުގެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެ ގެރެންޓީ ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ލިޔުމުން ލިބިފައި އޮންނަން ޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.

ސިޔާމުގެ ސިޓީގައިވާގޮތުން އެމެރަލްޑް ލެގޫންގައި ތަރައްގީކުރާ ރިސޯޓަކީ ޖުމްލަ 1،500 އަށްވުރެ ގިނަ ކޮޓަރީގެ ރިސޯޓަކަށް ވެގެންދާނެ އެވެ.

މި މަޝްރޫއަށް ބޭނުންވާ ލޯނު ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން، ޖެނުއަރީ 2018 ގައި ވެސް ސިޔާމުގެ ކުންފުންޏަށް ގެރެންޓީ ދީފައިވެ އެވެ. ނަމަވެސް އަލުން ލިޔުން ބޭނުންވަނީ މި ސަރުކާރުން ވެސް އެކަމަށް އުޒުރެއް ނެތްކަން ކަށަވަރު ކުރުމަށެވެ.

ސިޔާމްގެ ސިޓީ އާންމުވީ ނަމަވެސް ފިނޭންސުން ބުނީ އަދި އެކަހަލަ އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށެވެ.

އެމެރަލްޑް ލެގޫން


މީގެ ކުރިން ވެސް ސިޔާމުގެ އެހެން ކުންފުންޏަކުން ވަނީ ސަރުކާރުގެ ގެރެންޓީއާއެކު 127 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފަ އެވެ. ޔާމީނުގެ ސަރުކާރުގައި 2017 ގައި ދިން އެ ގެރެންޓީގެ ދަށުން ޗައިނާގެ އެގްޒިމް ބޭންކުން ލޯނު ނެގީ ނ. ދިގުރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށެވެ. އެ ރިސޯޓު މިހާރު ވަނީ ތަރައްގީކޮށް ނިންމާ 'ސިޔާމް ވޯލްޑް' ގެ ނަމުގައި ހުޅުވާފަ އެވެ.

މި ސިޓީއާ ގުޅިގެން ސަރުކާރުން މިހާތަނަށް ސިޔާމަށް ސޮވެރިން ގެރެންޓީ ދީފައިވާ ކަމެއް އިނގިފައެއް ނެތެވެ.

ސިޔާމުގެ ކުންފުންޏަކުން ސަރުކާރުގައި މިފަދަ އެދުމެއް އެދިފައިވާއިރު، އޭނާގެ ޕާޓީ އެމްޑީއޭއިން ދަނީ މި ސަރުކާރާ އެކު މަސައްކަތް ކުރަމުންނެވެ.

އެގޮތުން އޭނާ މީދޫ ދާއިރާގެ ގޮނޑިއަށް ފަސްވަނަ ފަހަރަށް އާދިއްތަ ދުވަހު އިންތިހާބުވީ ރައީސް މުއިއްޒުގެ ތާއީދާއެކު އެވެ. ސިޔާމުގެ ޕާޓީން މަޖިލީހުގެ ދެ ގޮނޑި ކާމިޔާބުކޮށްފައިވާއިރު އެ ދެ ގޮނޑި ވެސް ސަރުކާރުން ގުނަނީ ސަރުކާރުގެ ގޮނޑީގެ ގޮތުގަ އެވެ.

ސިޔާމު ރައީސް މުއިއްޒުއާ ގުޅެން ނިންމީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާ އުޅުއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީއާއެކު ކޯލިޝަން ހައްދަވައިގެންނެވެ.