28 ޑިސެންބަރު 2022 - 12:38 1
ނާޒިމް ހަސަން
ދާންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރޭން: އެ މަޝްރޫއު މިހާރު ވަނީ އެއްކޮށް ނިމިފައި
28 ޑިސެންބަރު 2022 - 12:38 1
ގަސްތަކުގެ ފެހިކަމާއި މާތަކުގެ ފޮނިކަމާއި ހިތްފަސޭހަ ކަމުގެ ވައިރޯޅި އާއި ސާދާ ދިރިއުޅުމެއްގެ ހަމަހިމޭން އަވަށެއްގެ ތަސައްވަރާ އެކު, ގއ. ދާންދޫ ބޮޑުމަގުގެ ހަތަރުއަނގޮޅިއަށް މީގެ ތިން އަހަރު ކުރިން, ޔައުގޫބު އަބްދުالله ނުކުތީ މާބޮޑު އުއްމީދެއް އޮވެގެނެއް ނޫނެވެ; އެކަމަކު, މިއަދު އުއްމީދުގެ ބޮޑު މަންޒަރުގެ އަމަލީ ސިފަ ޖެހިއްޖެ އެވެ.
ގއ. ދާންދޫގައި މި ސަރުކާރުން ފެށި ބިޔަ މަޝްރޫއުއަކީ 25 ހެކްޓަރުގެ ބިން ހިއްކުމެވެ. އެ މަސައްކަތް އެމްޓީސީސީން މިދިޔަ އޯގަސްޓް މަހު ފަށައި, މިހާރު ވަނީ ނިންމައި ބިން ކައުންސިލާ ހަވާލުކޮށްފަ އެވެ. މިހާރު 28 ހެކްޓަރުގެ ބިމެއް އޮތް, ދާންދޫއަށް އިތުރުވި 25 ހެކްޓަރާ އެކު, އެ ރަށުގެ ތަރައްގީގެ އާ ބާބެއް ފެށުމަށް އޮތީ ތައްޔާރަށެވެ.
"ހިތަށް އަރަނީ ހާދަ ރަނގަޅު ކަމެކޭ މި ކުރެވުނީ, ރައްޔިތުންގެ ފަރާތުން މިކަމަށް އޮތް އުއްމީދާއި ހިތްހަމަޖެހުން ފެނުނު," ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު މި ނޫހަށް ވިދާޅުވި އެވެ.
ދާންދޫ ދާއިރާގެ މެންބަރަކަށްވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވުމުގެ ޓްރާންސިޝަން މުއްދަތުގައި ބަޖެޓް ކޮމިޓީގައި ޔައުގޫބުގެ ދައުރު އޮތެވެ. އެ ކޮމިޓީގެ ތެރޭން ބަޖެޓްގައި ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫއު އޭނާ ހިމެނި އެވެ. އެއަށްފަހު ޔައުގޫބު ދިރާސާކުރީ އާ ކޮންސެޕްޓެކެވެ.
މިއަދު, ދާންދޫގެ އާ ބިން ހިއްކާފައި އެ އޮތީ އެ ކޮންސެޕްޓްގެ ދަށުންނެވެ. ބޮޑު މާސިންގާ ފަޅެއްގެ މެދުގައި އޮތް ދާންދޫގެ އާ ބިން ހިއްކާފައި އޮތީ ރަށާ ނުގުޅުވައި ވަކިންނެވެ. ރަށާއި, އާ ބިމާ ގުޅުވާނީ އޯވާހެޑް ބްރިޖަކުންނެވެ. އެއީ 300 ފޫޓްގެ ބްރިޖެކެވެ. ދެން އޮތީ އެ މަސައްކަތް ފެށުމެވެ.
"...އަޅުގަނޑު މި ކޮންސެޕްޓާ އެކު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ގާތަށް ދިޔުމުން ވިދާޅުވީ, ވަރަށް ރަނގަޅު ގޮތެކޭ, ދެން ރާއްޖޭގެ ރަށްތަކުގެ ބިން ހިއްކާނީ ތިގޮތަށޭ," ފެން ދައުރުނުވާ ގޮތަށް ބިންތައް ހިއްކުމުން ދިމާވާ ތިމާވެށީގެ މައްސަލަތަކަށް އިޝާރަތް ކުރައްވަމުން ޔައުގޫބު ވިދާޅުވި އެވެ.
ދާންދޫއަށް ފައްކާކޮށް ޔައުގޫބު މި ކޮންސެޕްޓް ނެރުނު ނަމަވެސް, މިގޮތަށް ރާއްޖޭގައި ބިން ހިއްކުނު މިއީ ފުރަތަމަ ރަށެއް ނޫނެވެ. މި ކޮންސެޕްޓްގައި ސަރުކާރުން އެންމެ ފުރަތަމަ ހިއްކީ ކ. މާފުށީ ބިމެވެ. ޓޫރިޒަމް ފައްކާވެފައި އޮތް މާފުށިން ވެސް އެ ބިމުން ނަފާ ހޯދުމަށް ތައްޔާރުވަމުންދާއިރު, ދެން އޮތީ ދާންދޫން ވެސް އެ މަސައްކަތް ފެށުމެވެ.
ބިން ހިއްކުމުގެ މަޝްރޫއު ނިންމަން ބޭއްވި ރަސްމިއްޔާތުގައި ޔައުގޫބު ވާހަކަ ދައްކަވަނީ
ދާންދޫގެ އާ ބިމާ ގުޅޭ ގޮތުން ޔައުގޫބު ރައްޔިތުންނަށް ދެއްކި ތަސައްވަރުގެ ކުރެހުންތައް އެބަ އޮތެވެ. ޕްރައިމަރީގައި ވާދަކުރުމަށް އޭނާ ރައްޔިތުންނަށް ދެއްކި އެ ތަސައްވަރުގައިވާ ގޮތުން, ދާންދޫގެ އާ އަވަށަކީ މުޅީން ފެހި, ތިމާވެއްޓާ ރައްޓެހި އަވަށެކެވެ.
"...އަޅުގަނޑު ވިސްނާފައި އޮތީ އެ އަވަށުގައި އިންޖީނުލީ އުޅަނދެއް ނޫޅޭ, ކުނިކޮށްޓެއް ނުހުންނާނެއޭ, ބަނދަރެއް ނޯންނާނެއޭ, ދުވާރުތައް ފުޅާކޮށް މަގުގެ ދެ ފަރާތުގައި ގިނައިން ގަސް އިނދުން, ގޭގެ ފާރު ރޭނުމުގެ ބަދަލުގައި ގަސް އިންދައިގެން ވަކިކުރުން... ވަރަށް ގްރީން އައިލެންޑެއްގެ ގޮތުގައި," ޔައުގޫބު ވިދާޅުވި އެވެ.
މިއީ, މިހާތަނަށް ރައްޔިތުން ފާސްކޮށްފައި އޮތް ކަމެއް ނޫނެވެ. އެކަމަކު ޔައުގޫބު ވިދާޅުވާ ގޮތުން ކައުންސިލުން ވެސް މިކަމަށް ރުހެ އެވެ. އަދި, ރައްޔިތުން ވެސް ތިބީ މި ގޮތުގައި ކުރިއަށްދާ ގޮތަށްކަން އޭނާއަށް އެނގޭ ކަމަށެވެ.
ޔައުގޫބުގެ ވިސްނުމަށް ބަލާއިރު, ދާންދޫގެ އާ އަވަށުގައި އަތޮޅުގެ އެހެން ރަށްތަކުގެ ބައިވެރިވުން ވެސް އޮންނާނެ އެވެ. އެގޮތުން, އަވަށުގެ މަގުތަކުގައި ގަސް އިނދަން އެހެން ރަށްތަކަށް ފުރުސަތުދީ, އެ މަގުތަކަށް އެ ރަށްރަށުގެ ނަމުން ނަން ދިނުމަކީ, އޭނާގެ ވިސްނުމުގައި ކުރަން ރަނގަޅު ކަމެކެވެ.
ދެން އޮތީ ރަށުގެ ގިނަ ބަޔަކު އެންމެ ބޭނުންވެފައި އޮތް ބޯހިޔާވަހިކަމެވެ. ދާންދޫގައި ދެން ބާކީ 11 ގޯތި ދެވޭނެހާ ބިން އޮތްއިރު, ގޯއްޗަށް އެދޭ ބައިވަރު މީހުން އެބަ ތިއްބެވެ. އަލަށް ހިއްކި ބިމުން 200 އަށްވުރެ ގިނަ ގޯތި ދޫކުރެވޭނެ ކަމަށް ބެލެވެ އެވެ.
ޔައުގޫބު ވިދާޅުވި ގޮތުގައި އަވަށުން އެންމެ އިސްކަމެއް ދޭނީ ބޯހިޔާވަހިކަމަށެވެ. އެގޮތުން ދާންދޫގެ ރައްޔިތުންނަށާއި ރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ ފުރުސަތު އޮންނާނެކަން އޭނާ ފާހަގަކުރައްވަ އެވެ. އެއާ އެކު ލޯކަލް ޓޫރިޒަމަށް ހާއްސަކޮށް, ޓޫރިޒަމް ޒޯނެއް ކަނޑައެޅުމަކީ ވެސް ޔައުގޫބުގެ ތަސައްވުރުގައި އޮތް ކަމެކެވެ.
އެއާ އެކު, އަވަށުގައި ގިނަ ބީޗްތަކެއް, ޕްރައިވެޓް ބީޗްތަކާ އެކު ތަރައްގީވެގެން ދިޔުމަކީ ވެސް ވިސްނުމެވެ. ޔައުގޫބު ވިދާޅުވާ ގޮތުގައި ބީޗަކީ ރާއްޖޭގެ ކޮންމެ މީހަކަށް ވެސް އެންމެ ފަސޭހައިން ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމުގައި ވިޔަސް, ދާންދޫއަށް އެ ނަސީބު ގެއްލިފައިވާތާ އެތައް އަހަރެކެވެ. ރަށުގައި ރަނގަޅު ބީޗެއް, މޫދަށް އެރިލާނެ ތަނެއް ނެތެވެ.
"..އަޅުގަނޑު އެންމެ ފަހުން ރަށަށް ދިޔައިރު ވެސް ފެނުނީ އެ ހިތްދަތި މަންޒަރު, މޫދަށް އެރިލާނެ ރަނގަޅު މޫދެއް ރަށުގައި ނެތް," ޔައުގޫބު ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި, އާ އަވަށާ އެކު ދާންދޫ ރައްޔިތުންނަށް ބީޗްތަކުގެ ނަސީބު އިންތިހާއަށް ގިނަވެގެންދާނެ އެވެ.
"އެކަމާ ވަރަށް އުފާވޭ, މިހާ ކުޑަ ކަމެއް, މިހާ ފަސޭހައިން ވާން އޮތް ކަމަކުން މިއޮތް ހުރިހާ ދުވަހު ދާންދޫ ރައްޔިތުން މަހުރޫމްކޮށްފައި ތިބުމުން ވެސް ދެރަވޭ," ޔައުގޫބު ވިދާޅުވި އެވެ. "ދެން ހިތްގައިމު ދާންދޫއެއް ފެންނާނެ,"
"ގްރީން އައިލެންޑެއްގައި ރިސޯޓް ސްޓައިލް ރަށެއްގައި ދިވެހިން ދިރިއުޅޭ މަންޒަރު އެ އަވަށުން ފެންނާނީ, މި ސިފައިގައި އޮންނާނީ މި ރަށް އެކަނި," ޔައުގޫބު, ހިތްހަމަޖެހުމާ އެކު ވިދާޅުވި އެވެ.
ދާންދޫގެ އާ ބިން ކައުންސިލާ ހަވާލުކުރުމުގެ ތެރޭން
ޔައުގޫބު ވިދާޅުވި ގޮތުގައި އޭނާ އެންމެ ފުރަތަމަ ވެސް އެ ކޮންސެޕްޓް ގެނައުމުން ރައްޔިތުން އެކަމަށް ތަރުހީބު ދިނެވެ. އެކަމަކު, އޭރު އޮތީ ކުރެވޭނެ ކަމެއްތޯ އުފައްދާ ސުވާލެވެ. އޭނާގެ ޖަވާބަކަށްވީ ހޮވައިފިނަމަ, ކުރާނެ ކަމެވެ.
"އަޅުގަނޑަށް އިންތިހާބުގައި ބޮޑު ސަޕޯޓެއް ލިބުނު, އެހެންވީމަ މި ބަލަނީ ރައްޔިތުން މިކަމަށް އެދިއެދި ތިބި މިންވަރު," ޔައުގޫބު ވިދާޅުވި އެވެ. "މާގިނަ ދުވަހެއް ނުވެ ތީގެން ދާންދޫ ރައްޔިތުންނަށް ނަފާ ލިބޭނެ,"
ބިން ހިއްކައި, ދާންދޫގެ ބިން ކައުންސިލާ ހަވާލުކޮށްފައިވާއިރު އެ ބިމުގައި ފެނާއި ނަރުދަމާގެ ހިދުމަތް އަވަހަށް ދިނުމަށް ރަށު ކައުންސިލުން ރައީސް ސޯލިހަށް ވަނީ ދަންނަވާފަ އެވެ. އެ ތަނުގައި އިތުރު ހަރަކާތްތައް ފެށޭނީ އެ ދެ ހިދުމަތް ގުޅުމަށްފަހު އެވެ.
ޔައުގޫބު ވިދާޅުވީ, ދެން ހިދުމަތް ވެސް އަވަހަށް ގުޅައި ނިންމާނެ ކަމާ މެދު ޝައްކެއް ނެތެވެ. އަދި އެއަށްފަހު އެ ބިމުގެ ހަގީގީ ތަސައްވުރުގެ މަސައްކަތް ފަށާނެ ކަމާއި, ހަމައެކަނި ސަރުކާރަށް ބަރޯސާވެގެން ނުތިބެ އެހެން ގޮތްގޮތުން ވެސް ހަރަކާތްތައް ހިންގާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެން ރަށުގައި ބިން ހިއްކައި ނިންމައި, އެހެން ވެސް ކަމެއް ނުކޮށް ހުހަށް ދޫކޮށްލާފައި އޮންނަ ފަދަ ބިމަކަށް ދާންދޫގެ އާ ބިން ނުވާނެ ކަމުގެ ޔަގީންކަން ދާއިރާގެ މެންބަރު ދެއްވަ އެވެ. އޭނާ ދެއްވާ ޔަގީން ކަމަކީ, ކުރިއަށް އޮތް އެއް އަހަރު ތެރޭ ދާންދޫގެ ފެހި, ފިނި އަވަށުގެ މަލަމަތި ފެންނާނެ ކަމުގެ އެވެ.
ދެން އޮތީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ބިމުގެ ލޭންޑް ޔޫސް ޕްލޭނާއި ޑިވެލޮޕްމެންޓް ޕްލޭން ހެދުމެވެ.
Comment