Advertisement

ޔާމީން އަތުން ލިޔުނު ސިޓީ އާއި މަނީލޯންޑާކުރުމުގެ އުކުޅު

27 ޑިސެންބަރު 2022 - 13:43 4

ނާޒިމް ހަސަން

ނާޒިމް ހަސަން

ކުރީގެ ރައީސް އަބްދުالله ޔާމީން: އަތުން ސިޓީއެއް ލިޔުއްވައި, އެކައުންޓެއް ރީ-އެކްޓިވޭޓް ކުރުމަކީ މަނީ ލޯންޑްރިންގެ އުކުޅެއް ކަމަށް ހުކުމްގައި ބަޔާންކޮށްފައިވޭ - މުހައްމަދު ޝާބިން / އަދަދު


ޔާމީން އަތުން ލިޔުނު ސިޓީ އާއި މަނީލޯންޑާކުރުމުގެ އުކުޅު

27 ޑިސެންބަރު 2022 - 13:43 4

"ފައިސާއެއް ލިބުމަށްފަހު, ކުށެއް ނުކުރާ ސަބަބުވެރި އިންސާނަކު ފައިސާގެ މަސްދަރު އޮޅުވާލުމުގެ ގޮތުން މިފަދަ އަމަލުތަކެއް ނުކުރާނެކަމީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު, ގަބޫލުކުރެވޭ ގޮތެވެ."

އިދިކޮޅުގެ ރިޔާސީ ޓިކެޓު ހިއްޕަވައިގެން ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ހެކީގެ ގޮތުގައި ހުރި އެތައް ލިޔެކިޔުމަކާއި ހެކިންގެ ހެކިބަހަށް ބަލައި, ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި އޮތީ އެހެނެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގައި ހިފައި, ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ލޯންޑާކޮށް އޭގެން ނަހަމަ ފައިދާ ނެގި ކަމުގެ ކުށް ޔާމީންގެ މައްޗަށް މީގެ ދެ ދުވަސް ކުރިން ވަނީ ސާބިތުވެފަ އެވެ. ޖުމްލަ 11 އަހަރުގެ ހުކުމެއް އައި, އެ މައްސަލާގެ ޝަރީއަތް ރިޕޯޓްގައި މަނީ ލޯންޑާކުރުމުގެ ކުށަށް ޔާމީން އަރައިގަނެވައިވާ ގޮތް, ގަރީނާތަކުގެ އެހީގައި ތަފްސީލްކޮށްފައި އޮތެވެ.

ހުކުމްގައިވާ ގޮތުން ކުށުގެ އުންސުރުތައް ޔާމީންގެ މައްޗަށް ސާބިތުވެ އެވެ.

"ދައުވާ ލިބޭ ފަރާތުން [ޔާމީން] އަމަލުކޮށްފައިވާ ގޮތަށް ބެލުމުން, މި އަމަލުތަކުން ވެސް މިއީ, ކުށުގެ އަމަލެއް ފޮރުވުމަށްޓަކައި ބޭނުންކުރި އުކުޅެއްކަން އެނގެ އެވެ." 109 ސަފުހާގެ ހުކުމުގައި ބުނެފައި އޮވެ އެވެ.

ހުކުމުގައި ބުނި ގޮތުގައި, އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ޔާމީންގެ އެކައުންޓަށް ވަން ފައިސާ, އިތުރު އެތައް އެކައުންޓެއްގައި ފަށަލަކޮށްފައިވުމުން, އެ އެއް މިލިއަން ޑޮލަރަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ޔާމީނަށް އެނގޭކަން ސާފެވެ. އެއީ, ހުކުމްގައިވާ ގޮތުން، ފައިސާއެއް ލިބުމަށްފަހު ކުށެއް ނުކުރާނަމަ, އެ ފައިސާގެ މަސްދަރު އޮޅުވާލަން އުޅެން ޖެހޭ ސަބަބެއް ނޯންނާނެތީ އެވެ.

ޔާމީންގެ އަތުން ލިޔުނު ސިޓީ؛ މަނީލޯންޑާކުރުމުގެ އުކުޅެއް

ހުކުމްގައިވާ ގޮތުން, އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ކުންފުންޏަށް ކުއްޔަށް ދިނުމަށް ނުފޫޒު ފޯރުވުމުން, އޭގެ ބަދަލެއްގެ ގޮތުން ޔޫސުފްގެ އެކައުންޓުން ސެޕްޓެމްބަރު 15, 2014 ގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޔާމީން ގަބޫލުކޮށްފައި ވެ އެވެ.

ޔޫސުފްގެ ބީއެމްއެލް އެކައުންޓުން ލިބުނު ޗެކު، ޔާމީން ބޭނުންވީ އެމަނިކުފާނުގެ ނަމުގައި ހޮންކޮން އެންޑް ޝަންހާއީ ބޭންކިން ކޯޕަރޭޝަން (އެޗްއެސްބީސީ)ގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމަށެވެ. އެއީ އޭރު ބަންދުކޮށްފައި އޮތް އެކައުންޓެކެވެ. އެ އެކައުންޓް ރީ-އެކްޓިވޭޓް ކުރުމަށް ޔާމީން އަމިއްލަ އަތުން ސިޓީއެއް ލިޔެ, ވީއެންމެ އަވަހަކަށް ކޮށްދިނުމަށް އެދިފައިވެ އެވެ.

އެކަމަކު, އެއީ ޔާމީން ލިޔެ ފޮނުވި ސިޓީއެއް ކަމަށް ޝަރީއަތުގައި އެމަނިކުފާނު އިންކާރު ކުރައްވާފައި ވެ އެވެ. އެހެންވެ, އެކަން ކަށަވަރު ކުރުމަށް ހެދި ތަހުލީލުތަކުން އެއީ ޔާމީންގެ އަތު ލިޔުންކަން ސާބިތުވެފައި ވެ އެވެ. އެ ސަބަބަށްޓަކައި ވެސް ޔާމީންގެ ނިޔަތާއި ދިފާއުއާ މެދު ޝަރީއަތުން ސުވާލު އުފެއްދި އެވެ.

"...ޔާމީން ޝަރީއަތުގައި ދިފާއު ބިނާކޮށްފައިވަނީ, ދޮގުތަކެއްގެ މައްޗަށްކަން އެނގެ އެވެ." ހުކުމްގައި ބަޔާންކުރި އެވެ.

ހުކުމް އިއްވުމަށްފަހު ޔާމީން މާފުށީ ޖަލަށް ގެންދަނީ - މުހައްމަދު ޝާބިން / އަދަދު


ކުރިމިނަލް ކޯޓުން ނެރުނު ހުކުމްގައިވާ ގޮތުން, ބަންދުކޮށްފައި އޮތް އެކައުންޓެއް އަލުން ހުޅުވައިގެން ފައިސާ ޖަމާކުރުމަކީ މަނީ ލޯންޑާކުރާ ކުށްވެރިން އާންމުކޮށް ބޭނުން ކުރާ އުކުޅެކެވެ. ޔޫއެންއޯޑީސީން ފެބުރުއަރީ 2010 ގައި ނެރެފައިވާ ލިޔުމުގައި ވެސް މިއީ, އެފަދަ އުކުޅެއްކަން ބަޔާންކޮށްފައިވެ އެވެ.

"...ސަބަބުވެރި ވިސްނުމަކުން ވިސްނާއިރު, ނުނިޔަތެއް އޮވެގެން ކުރި އަމަލެއް ކަމަށް ބެލެވޭ," އިސްގާޒީ ލިޔުއްވާފައިވެ އެވެ.

ޔާމީންގެ ބޭންކް އެކައުންޓު ސްޓޭޓްމެންޓްތަކުން އެނގެން އޮތް ގޮތުގައި އެޗްއެސްބީސީގެ އެކައުންޓު އަލުން ހުޅުވައި, އެއަށް ޗެކު ޖަމާކުރުމަށްފަހު އަނެއްކާވެސް އިތުރު އެހެން އެކައުންޓްތަކަކަށް އެ ފައިސާ ދައުރުކޮށްފައި ވެ އެވެ. އަދި 36 މަސް ދުވަހަށް ފައިސާ އިންވެސްޓްކޮށްފައި ވެ އެވެ.

ހުކުމްގައި ފާހަގަކުރި ގޮތުގައި, ޔޫސުފް ނައީމްގެ ބީއެމްއެލް އެކައުންޓުން ދޫކުރި ޗެކެއް ބީއެމްއެލްގެ އެކައުންޓަކަށް ޖަމާކުރުމުގެ ޕްރޮސެސް ފަސޭހަވާނެއިރު, ހަމަ ހަގީގަތުގައި ވެސް އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ނަމަ, ކަން ކުރާނީ ފަސޭހަ މަގުންނެވެ. އެކަމަކު އުނދަގޫ މަގު އިހުތިޔާރުކޮށް, އެޗްއެސްސްބީސީގެ އެކައުންޓަށް ފައިސާ ޖަމާކުރުމުން ޝަރީއަތުން އުފައްދާ ސުވާލު ވަރަށް ބޮޑެވެ.

"ޔާމީނަށް ސީދާ ފަސޭހަކަމާ އެކު ބީއެމްއެލްއަށް ޖަމާކުރެވެން އޮތް ފައިސާއެއް އެކި ގޮތްގޮތަށް އެނބުރުމަށްފަހު, އެ އެކައުންޓަށް ޖަމާކޮށްފައިވަނީ, މިއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމަށްވާތީ ފައިސާގެ އަސްލު އޮޅުވާލުމުގެ މަގުސަދެއްގައި ކަމަށް ބެލެވެ އެވެ." ހުކުމްގައި ވެ އެވެ.

ފައިސާ އެނބުރި ގޮތް؛

  • ޔާމީންގެ ނަމުގައި އޮތް އެޗްއެސްބީސީގެ އެކައުންޓް ރީ-އެކްޓިވޭޓްކޮށް އެއް މިލިއަން ޖަމާކުރި
  • އެޗްއެސްބީސީގެ އެކައުންޓުން ބީއެމްއެލްގައި ޔާމީންގެ ނަމުގައި ހުޅުވާފައި އޮންނަ އެކައުންޓަކަށް ފައިސާ ޖަމާކުރި
  • އެއް މިލިއަން ޑޮލަރާ އެކު ބީއެމްއެލްގެ އެކައުންޓްގައި ހުރި ދެ ލައްކަ ޑޮލަރު އިސްލާމިކް ބޭންކްގެ ކަރަންޓް އެކައުންޓަކަށް ޖަމާކުރި
  • އެއް މިލިއަން ޑޮލަރާ އެކު ޖުމްލަ ތިން މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގެ ސޭވިން އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކުރި
  • އެ ފައިސާ, އިސްލާމިކް ބޭންކްގެ ޖެނަރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށް 36 މަހަށް އިންވެސްޓްކުރި

ކުރީގެ ރައީސްގެ މައްޗަށް އުފުލުނު ދައުވާތަކުން ސަލާމަތްވުމަށް ޔޫސުފް ނައީމްއާ އެކު ހިންގީ ޑޮލަރުގެ މުއާމަލާތެއް ކަމަށް ވަރަށް ބޮޑަށް ވިދާޅުވެ, އެކަން ސާބިތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވެ އެވެ. އެގޮތުން އެކަން ސާބިތުކުރުމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވެ އެވެ. އެކަމަކު, ނަރީޝްގެ ހެކި ބަހާ މެދު ވެސް އުފެދުނީ ސުވާލެވެ. އަދި, ޔާމީންގެ މާލީ ހާލަތާއި އެހެން ގަރީނާތަކުން ވެސް ސާބިތުވީ, ޔާމީނާ ދެކޮޅަށެވެ.

ޔާމީންގެ މައްޗަށް އިއްވި ހުކުމުގައި ބުނީ އެމަނިކުފާނުގެ މާލީ ހާލަތާއި އާމްދަނީ ލިބެން ހުރި ގޮތްތަކާއި އަރަންޏާއި ދަރަނި ހުރި ނެތް ގޮތަށް ބަލާއިރު ޔޫސުފް ނައީމްގެ ފަރާތުން ލިބުނު ފައިސާއަކީ ޔާމީން ދިފާއުއަކަށް ނަގައި, ޑޮލަރު މުއާމަލާތަކަށް ލިބިފައިވާ ފައިސާއެއް ނޫންކަން އެނގޭ ކަމަށެވެ. އެއީ އެ ފައިސާއެއް ޔާމީންގެ އަތުގައި ހުންނަން ޖެހޭ ސަބަބެއް ނުވަތަ އެ ފައިސާގެ މަސްދަރެއް ބުނެދެވިފައި ނުވާތީ އެވެ. އަދި އެ ފައިސާ ޔޫސުފް ނައީމްއަށް ލިބިފައިވާ ކަމަށް އެއްވެސް މާލީ ލިޔުމަކުން ފެންނާކަށް ނެތެވެ.

މައުސޫމް މުއާމަލާތެއް ނަމަ, ހަނު ނުހުރެ ހެކި ހާމަކުރީސް

އާރަށު މައްސަލާގެ ތަހުގީގުގައި ޔާމީން ހުންނެވީ ހަނެވެ. ހަނުހުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ނަމަވެސް, މިކަން މި މައްސަލާގައި ގޮސްފައިވަނީ ޔާމީންއާ ދެކޮޅަށެވެ.

ޑޮލަރު ގަތުމުގެ މުއާމަލާތަކަށް, އެ އެއް މިލިއަން ޑޮލަރުގެ މުއާމަލާތް ވީނަމަ, ޔާމީން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެކަމުގެ ހެކި ނުދައްކާ ނުހުންނާނެ ކަމަށް ހުކުމްގައި ބުންޏެވެ. އެއީ މައުސޫމް މުއާމަލަތަކާ ގުޅިގެން ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުތަކެއް ކުރެވުމުން އެ ތުހުމަތުން ބަރީއަވެވޭނެ ހެކި އަތުގައި ހުރިނަމަ, އެ ހެކިތައް ވަގުތުން ހާމަކުރާނެތީ އެވެ.

"ޖިނާއީ ބޮޑު ތުހުމަތަކުން ދިފާއުވާނޭ ސާބިތު ހެކި އަތުގައި ހުރެ, އެ ހެކި ހާމަނުކޮށް ހަނު ހުންނާނެ ސަބަބުވެރި އެއްވެސް އިންސާނެއް ހުރެދާނެ ކަމަކަށް ބުއްދި ގަބޫލެއް ނުކުރެވެ އެވެ. މި ހެކިތައް ތަހުގީގު މަރުހަލާގައި ހާމަނުކޮށް ޝަރީއަތުގައި ހެކި ހާމަކޮށްފައިވުމުގެ އިތުރަށް ހެކިން ހެކިބަސް ދީފައިވާ ގޮތަށް ބަލާއިރު އެ ހެކިންގެ ބަހުގެ ސައްހަ ކަމާ މެދު ސުވާލު އުފެދެ އެވެ," ހުކުމްގައިވެ އެވެ.

އެގޮތުން ހުކުމުގައި ބުނީ ޔާމީން ތަހުގީގު މަރުހަލާގައި ހަނު ހުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ބ)ގެ ދަށުން އޮތް މަސްއޫލިއްޔަތާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އެ މާއްދާގައި ބުނަނީ އެމީހަކު ތަހުގީގަށް ދޭ މައުލޫމާތާއި އޭނާއާ އެއްކޮޅަށް ބޭނުން ކުރެވޭނެ މައުލޫމާތެއްނަމަ, އެކަން ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހާމަކުރަން ވާނެ ކަމެވެ. އެ ހާލަތުގައި ހަނު ހުރުމުގެ ހައްގު ބޭނުން ނުކުރެވޭނެ ކަމަށެވެ.

"ތަހުގީގު މަރުހަލާގައި އެއްވެސް އެއްޗެއް ނުބުނެ ހުރުމަށްފަހު އެކަމާ ގުޅިގެން ޝަރީއަތުގެ މަޖިލީހުގައި ދިފާއު ނަގައިފިނަމަ އެ ދިފާއުއާ ދޭތެރޭ ޝައްކު އުފެދުމުގެ އިހުތިމާލު އޮންނާނެ,"

ޔާމީން, ނަރީޝްއާ އެކު: އޭނާއަކީ ހެކިބަހަކީ ދޮގު ހެކި ބަހެއް ކަމަށް ހުކުމްގައި އޮތް


ޝަރީއަތުގެ މަޖިލީހުގައި ޑޮލަރު މުއާމަލާތެއްކަން ސާބިތު ކުރުމަށް ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަރީޝަށް އެއީ ކޮން ތާރީހެއްގައި ހިނގި މުއާމަލާތެއްކަން ވެސް ބުނެދެވިފައިނުވާއިރު, ދުވާލެއް ކަމެއް ރޭގަނޑެއް ކަމެއް ވެސް ބުނެ ނުދެވެ އެވެ. އެހެންވެ, އެއީ ސައްހަ ބަހެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ހުކުމްގައި ވެ އެވެ.

"ހެކިވެރިޔާ [ނަރީޝް] ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން. އަދި ތައްޔާރުވެގެން އައި ކަންކަމުގެ ބޭރުން ނުވަތަ ކުރިމަތިވެދާނެ ސުވާލެއް ކަމަށް ވިސްނާލެވިފައި ނުވާ ކަމެއްގެ ބޭރުން ސުވާލު ކުރުމުން, ހެކިވެރިޔާއަށް ސުވާލަށް ޖަވާބުދޭން ނޭނގުނު ކަމަށް ގަބޫލުކުރެވެ އެވެ." ހުކުމުގައި ބުންޏެވެ.

އެހެންވެ, ހުކުމުގައި ބުނީ ނަރީޝް ހެކިބަސް ދިނީ އޭނާގެ އެކްޗުއަލް ނޮލެޖްގައި ހުރި ކަންކަމުގެ މައްޗަށް ނޫން ކަމުގައިކަން އެނގޭ ކަމަށެވެ. ހެކިވެރިޔާ ހަނދާން ހުންނަނީ ދައުވާ ލިބޭ މީހުންނަށް ފަހިވާ ބައި އެކަންޏެވެ. މިފަދަ ހަނދާން ބަލި, ސިލެކްޓިވް މެމޮރީ ހުންނަ މީހުންގެ ހެކި ބަސް ބަލައިނުގަނެވޭނެ ކަމަށް އިސްލާމީ ފިގުހް އިލްމްވެރިން ކަނޑައަޅުއްވާފައި ވެ އެވެ.

އެގޮތުން, ޑރ. މުސްތަފަލްހިން އާއި ޑރ. މުސްތަފަލްބުޣާ ލިޔުއްވާފައިވާ ގޮތުން, ހެކިބަސް ދޭ މީހާއަކީ ހެކިބަސްދޭ ކަމަށް ފާރަވެރިވެ ހުރި މީހަކަށްވާންވާނެ އެވެ. އަދި ހެކިބަސް ދޭ ކަމުގެ މައުލޫމާތު ރަނގަޅަށް ނުއެނގޭ މުޣައްފަލުން ދޭ ހެކިބަސް ބަލައެއް ނުގަނެވޭނެ އެވެ.

މި ހުރިހާ ކަމެއް މިހާ ސާފުކޮށް ފެންނަން ހުރިއިރު, ކޯޓުން ގަބޫލުކުރި ގޮތުގައި އެ ފައިސާއަކީ "އިނޮސެންޓް" ޑޮލަރުގެ މުއާމަލާތެއް ކަމަށް އެއްވެސް ގޮތަކަށް ސާބިތެއް ނުވެ އެވެ. އޭގެ ބަދަލުގައި ދައުލަތުން ދެއްކި ހެކިތަކުގެ އަލީގައި އެ އެއް މިލިއަން ޑޮލަރަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ގަބޫލުކުރެވޭ ވަރުގެ އެކަށީގެންވާ ސަބަބުތަކެއް ހުރިކަން އެނގިހާމަވާ ކަމަށް ޝަރީއަތުން ކަނޑައަޅާފައި ވެ އެވެ.

"ޔާމީންގެ ކިބައިގައި މަނީ ލޯންޑްރިންގެ ކުށުގެ އަމަލު ކުރުމުގެ ނުނިޔަތެއް އޮތްކަން ޝަރީއަތަށް ގަބޫލުކުރެވެން އޮވެ އެވެ." ހުކުމްގައި ވެ އެވެ.