5 ނޮވެންބަރު 2022 - 08:31 0
ފާތިމަތު ސާޔާ އަހުމަދު
މި އަހަރުގެ ސަމިޓު އޮންނަނީ މިސްރުގައި.
5 ނޮވެންބަރު 2022 - 08:31 0
ނުރައްކާތެރި ގުދުރަތީ ކާރިސާތަކަކާ ކުރިމަތިވި އަހަރަކަށް ފަހު ގައުމުތަކުން އަނެއްކާވެސް ތައްޔާރުވަމުން ދަނީ މޫސުމީ ބަދަލާ ގުޅޭ ބޮޑު ސަމިޓަށެވެ.
ކޮންފެރެންސް އޮފް ދަ ޕާޓީޒް ނުވަތަ ކޮޕް27 އަންނަ ހަފުތާގައި ފަށާނީ މިސްރުގަ އެވެ. މި އަހަރުގެ މައުލޫއަކީ "ޓުގެދާ ފޯ އިމްޕްލިމެންޓޭޝަން" ނުވަތަ ތަންފީޒު ކުރުމަށް އެއްބައިވުމެވެ.
"ކުރިއަށް އޮތީ ބޮޑު މަސައްކަތެއް. ދުނިޔޭގެ އެތަން މިތަނުން ފެންނަމުންދާ މޫސުމީ ބަދަލުގެ އަސަރުތައްހާ ބޮޑު މަސައްކަތެއް އެކަމާ ދެކޮޅަށް ވެސް އެބަ ކުރަން ޖެހޭ،" ކޮޕް27 ގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވި އެވެ.
"ޕާކިސްތާނުގެ ތިންބައި ކޮށްފައި އެއްބައި އޮތީ ފެނު އަޑީގައި. ފަސް ސަތޭކަ އަހަރުގެ ތެރޭގައި ހޫނު ނުވާ ވަރަށް މި ހޫނު މޫސުމުގައި ޔޫރަޕަށް ހޫނުވެއްޖެ. ފިލިޕީންސް ސުންނާފަތިވެފައި. މުޅި ކިއުބާއިން ކަރަންޓު ކެނޑިފައި،" މި އަހަރު ކުރިމަތިވި ބޮޑެތި ކާރިސާތައް ލިސްޓު ކުރައްވަމުން، ގުޓެރޭޒް ގޮވާލެއްވީ އަވަސް ފިޔަވަޅު އެޅުމަށެވެ.
ދެ ހަފުތާއަަށް ދެމިގެންދާ ކޮޕް27 ސަމިޓު ފަށާނީ ނޮވެމްބަރު ހަ ވަނަ ދުވަހު މިސްރުގަ އެވެ. ސަމިޓުގައި ރާއްޖެ ތަމްސީލުކުރެެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ފުރާވަޑައިގެންނެވީ ހުކުރު ދުވަހު އެވެ.
މި އަހަރުގެ ސަމިޓުގެ އަމާޒަކީ މިދިޔަ އަހަރު ސްކޮޓްލޭންޑުގައި ބޭއްވި ސަމިޓުގައި ގައުމުތަކުން ވައުދުވި ކަންކަން މުރާޖައާކޮށް ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމެވެ.
އދ. ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގައި 198 ގައުމުން ސޮއިކޮށް، އަމަލު ކުރަން ފެށީ 1994 ގަ އެވެ.
އެއީ "އިންސާނުންގެ ސަބަބުން ދުނިޔޭގެ މޫސުމީ ނިޒާމަށް އަންނަ ނުރައްކާތެރި ބަދަލުތަކާ" ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލި އެއްބަސްވުމެކެވެ. އޭގެ ދަށުން ނިންމުންތައް ނިންމާނީ ކޮންފެރެންސް އޮފް ޕާޓީޒް ނުވަތަ ކޮޕް ބައްދަލުވުންތަކުގަ އެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކޮޕް ސަމިޓެއް އޮވެ އެވެ. އެއީ ގައުމުތަކުގެ ވެރިން އެއްތަންވެ، މޫސުމީ ބަދަލާއި އޭގެ އަސަރުތަކާއި އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާ ޕްލެޓްފޯމެވެ.
މިސްރުގައި މި އަހަރުގެ ސަމިޓު އޮންނަނީ ރެޑް ސީގެ ރިސޯޓު އަވަށް ޝަރްމް އަލް ޝެއިހްގަ އެވެ. މިއީ 2016 ވަނަ އަހަރު މޮރޮކޯގައި ސަމިޓު ބޭއްވި ފަހުން އެފްރިކާގެ ގައުމެއްގައި މި ސަމިޓު ބާއްވާ ފުރަތަމަ ފަހަރެވެ.
ނޮވެމްބަރު 7-8 އަށް އޮންނަ ވޯލްޑް ލީޑާޒް ސަމިޓުގައި 100 އަށް ވުރެ ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.
ވޯލްޑް ލީޑާޒް ސަމިޓުގައި ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވާނީި ނައިބު ރައީސް ފައިސަލް އެވެ. އެއީ މޫސުމީ ބަދަަލުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ނުރައްކާތައް ހިއްސާކުރުމަށް ލިބޭ ފުރުސަތެކެވެ.
ވޯލްޑް ލީޑާޒް ސަމިޓަށް ފަހު ކޮޕް27 ގެ މަޝްވަރާތައް ކުރިއަށް ގެންދާނީ ގައުމުތަަކުގެ ޑިޕްލޮމެޓުންގެ ވަފުދުތަކުންނެވެ. ރާއްޖޭގެ ހާއްސަ ވަފުދެއް އެކަމުގައި ބައިވެރިވާނެ އެވެ.
އޭގެ އިތުރުން ފޮސިލް ފިޔުލް ސިނާއަތުގެ ވެރިންނާއި މޫސުމީ ބަދަލާ ދެކޮޅަށް އަޑު އުފުލާ އެކްޓިވިސްޓުންގެ ބައިވެރިވުން ވެސް އާއްމު ގޮތެއްގައި ސަމިޓުގެ ތެރެއިން ފެނިގެންދެ އެވެ.
ސްވިޑަންގެ ގްރެޓާ ތަންބާގް.
ފަހުގެ ތާރީހުގައި އެންމެ ބޮޑަށް މަަގްބޫލުވި ކްލައިމެޓް އެކްޓިވިސްޓް ގްރެޓާ ތަންބާގް ބުނީ މި ފަހަރުގެ ސަމިޓުގައި އޭނާ ބައިވެރިނުވާނެ ކަމަށެވެ.
އޭނާ ބުނީ އެ ސަމިޓަކީ "ދޮގު ހެދުމާއި މަަކަރު ހެދުމާއި، ތިމާވެއްޓަށް ގެއްލުންދޭ އަމަލުތަކުގެ މޫނުމަތި ރީތިކުރުމަށް" ލިބޭ ފުރުސަތެއް ކަމަށެވެ.
އެންމެ ބޮޑު އެއް ލަނޑުދަނޑިއަކީ ޖައްވަށް ބޭރު ކުރާ ވިހަ ގްރީންހައުސް ގޭހުގެ މިންވަރު 2030 ވަނަ އަހަރުގެ ކުރިން 50 ޕަސެންޓު މަދު ކުރުމެވެ.
އަދި 2050 ވަނަ އަހަރުގެ ކުރިން ނެޓް ޒީރޯ ހާސިލޮށް، ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމެވެ.
އެންމެ ފަހުން ސްކޮޓްލޭންޑްގެ ގްލާސްގޯގައި އޮތް ކޮޕް26 ސަމިޓުގައި ގައުމުތަކުން ވައުދުވި ކަންކަމާ އެކު ދުނިޔެ ހޫނުވުން ހިފެހެއްޓޭނީ 2.4 ޑިގްރީ ސެލްސިއަސްގައި ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އެއީ ދުނިޔެއަށް ނުރައްކާތެރި މިންވަރަކަށް ވާތީ، ގައުމުތަކުން އިތުރު ފިޔަވަޅު އެޅުން މުހިއްމެވެ. އެހެންކަމުން، ވައުދުތައް މުރާޖައާކޮށް، އަޅާނެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރާނެ އެވެ.
ތަރައްގީވަމުންދާ ގައުމުތަކުގެ އެންމެ ބޮޑު އެއް އަމާޒަކީ މޫސުމީ ބަދަލުގެ އަސަރުތަކުން އަރައިގަތުމަށް މުއްސަނދި ގައުމުތަކުގެ އެހީ ހޯދުމެވެ.
ކޮޕް26 ގައި އެކަމާ ގުޅޭ މަޝްވަރާތައް ކުރި ނަމަވެސް މާ ބޮޑު ނަތީޖާއެއް ނުނިކުމެ އެވެ. އެކަމަށް ވަކާލާތު ކުރައްވާ އެއް ލީޑަރަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މި އަހަރު އެމަނިކުފާނު ކޮޕް27 ގައި ބައިވެރިވެވަޑައިގަންނަވަނީ އިގްތިސާދީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ސްރީލަންކާގެ މަންދޫބެއްގެ ގޮތުގަ އެވެ.
"އަޅުގަނޑުމެން ކޮޕް އަށް ދާނީ އެއް ވިސްނުމެއްގައި. އެ ވިސްނުމުގައި ހަމަ ޔަގީނުން ވެސް ދަރަނި ރީސްޓްރަކްޗާ ކުރުން ހިމެނޭނެ،" މިދިޔަ އަހަރު ކޮޕް26 ސަމިޓުގެ ކުރިން ނަޝީދު ވިދާޅުވި އެވެ.
Comment