Advertisement

ބޮޑު ތަރުހީބެއް ލިބި، "ޅ. ޓާޓަލް ފެސްޓިވަލް"އަށް ސަރުކާރުގެ ޝައުގު!

30 އޮގަސްޓު 2022 - 19:15 2

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ޅ. ނައިފަރުން

ޅ. ޓާޓަލް ފެސްޓިވަލްގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އައިޝަޓާ


ބޮޑު ތަރުހީބެއް ލިބި، "ޅ. ޓާޓަލް ފެސްޓިވަލް"އަށް ސަރުކާރުގެ ޝައުގު!

30 އޮގަސްޓު 2022 - 19:15 2

ޅ. ނައިފަރުން

"މި ފެސްޓިވަލް މިހާ ބޮޑު ވާނެ ކަމަކަށް ހިއެއް ނުކުރަން، އިރާދަކުރެއްވިއްޔާ އަންނަ އަހަރު އަޅުގަނޑުމެން ވެސް (ޓުއަރިޒަމް މިނިސްޓްރީ) ބައިވެރިވާނަން."

މިދިޔަ ހޮނިހިރު ދުވަހު ޅ. ނައިފަރު ވެލާ ބީޗްގައި އެ ރަށު ޖުވެނައިލް ޖަމިއްޔާއިން ކުރިއަށް ގެންދިޔަ "ޓާޓަލް ފެސްޓިވަލް"އަށް ލިބުނު ތަރުހީބު ފެނި، އެ ހަރަކާތް ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގަތް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިހެނެވެ; އަންނަ އަހަރު މި ހަރަކާތް މިއަށް ވުރެ ބޮޑުކޮށް ބޭއްވުމަށް ސަރުކާރުން އެހީވެދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އުފެދުމުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ވެލާ ކަހަނބުގެ އިތުރުން، އަހަރެމެން އިންސާނުންގެ އަމަލުތަކުގެ ސަބަބުން އެ ދިރުންތަކަށް ލިބޭ ގެއްލުންތަކަށް ފަރުވާކޮށް، ރީހެބިލިޓޭޓްކޮށް، އެ ތަކެތި ބެލެހެއްޓުމުގެ މަސައްކަތް ރަސްމީ ސިފައެއްގައި 2012 ވަނަ އަހަރުން ފެށިގެން ނައިފަރު ޖުވެނައިލް ޖަމިއްޔާއިން އަންނަނީ ކުރަމުންނެވެ. އެ ފަރާތުން މިކަން މިކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަމަށް ދޫކޮށްފައިވާ ހުއްދައާއެކު އެވެ.

ނައިފަރު ޖުވެނައިލް ޖަމިއްޔާގެ ވައިސް ޗެއާޕާސަން މުހައްމަދު އަހުމަދުފުޅު (ކަންމަ) "އަދަދު"އާ ވާހަކަދައްކަމުން ބުނީ ފާއިތުވެ ދިޔަ ފަސް އަހަރު ތެރޭގައި 500 އަށް ވުރެ ގިނަ ވެލާ ކަހަބަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން ނުރަސްމީ ސިފައެއްގައި އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"2012 ވަނަ އަހަރު މެރިން ސެންޓަރެއް ގާއިމް ކުރުމަށްފަހު، ވެލާ ކަހަނބު ހިމާޔަތްކޮށް، ތިމާވެށީގެ ނާޒުކުކަން އަންގައިދީ އާންމުންނާއި ސްކޫލް ކުދިން ހޭލުންތެރި ކުރުމުގެ މަސައްކަތުގެ ތެރެއިން ލިބުނު ހިޔާލެއް އެއީ ފެސްޓިވަލްއެއް ބޭއްވުން، އެގޮތުން 2015 ވަނަ އަހަރު ފެސްޓިވަލް ފެށީ، ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު ނިމިގެން މިދިޔައީ ފަސް ވަނަ ފެސްޓިވަލް." ކަންމަ ބުންޏެވެ.

ތިމާވެއްޓާއި ގުޅޭގޮތުން ކުރިއަށް ދިޔަ ޕެންލް ޑިސްކަސްޝަންގައި ސްކޫލް ދަރިވަރުން ބައިވެރިވި -- ފޮޓޯ: އައިޝަޓާ


އޭނާ ބުނާ ގޮތުގައި ފެސްޓިވަލެއް ބޭއްވުމުގެ މައިގަނޑު އެއް ބޭނުމަކީ ތިމާވެށީގެ ދިފާއުގައި މަސައްކަތް ކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެކި މީހުންގެ ހިޔާލުތައް ބަދަލުކުރުމެވެ. އަދި އެއްބަޔަކަށް އެނގޭ މައުލޫމާތު އަނެއް ބަޔަކަށް ފޯރުކޮށްދީ، އެ މަސައްކަތުގައި ޝާމިލްވެ އުޅޭ ފަރާތްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމެެވެ.

ކަންމަ ބުނީ މިހާރު ބޭރުގެ ބައެއް ފަރާތްތަކުގެ އެހީތެރިކަމާ އެކު ފުރާވަރުގެ ކުދިންނަށް އެކި ތަމްރީނުތައް ވެސް ދޭން ފަށާފައިވާ ކަމަށެވެ. އަދި އެ ކުދިންނަށް މެރިން ބަޔޮލޮޖީގެ ދާއިރާއިން އިތުރަށް ކިޔެވުމުގެ ފުރުސަތު ވެސް ހޯދާދިނުމަށް ޖަމިއްޔާއިން މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރި އެވެ. މީގެ އިތުރުން ވެއްޓަށް ހޭލުންތެރި ކުރުމުގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ފަހަރުގެ ފެސްޓިވަލުގައި 27 ފަރާތަކުން ބައިވެރިވި އެވެ. އެގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ތިމާވެއްޓާ ގުޅޭ ބޮޑެތި އެންޖީއޯތަކާއި އަދި ޅ. އަތޮޅުގެ ހުރިހާ ސްކޫލެއް ހިމެނެ އެވެ. އަދި ޕްރައިވެޓް ކޮލެޖުތަކާއި މަދަނީ ޖަމިއްޔާތަކުން ވެސް މި ފެސްޓިވަލްއާ ގުޅުނެވެ.

ފެސްޓިވަލްގައި ކުރިއަށް ގެންދިޔަ ބައެއް މުބާރާތްތައް


* ޑްރެސް މޭކިން ކޮމްޕެޑިޝަން: އުކާލެވޭ ތަކެތިން ހެދުން ހެދުމުގެ މުބާރާތެއް * ޓޮޓް ބޭގެ ކޮމްޕެޑިޝަން: އުކާލެވޭތަކެތިން ދަބަސް ހެދުމުގެ މުބާރާތެއް * އޮންލައިންކޮށް ފޮޓޯގްރަފީ ކޮމްޕެޑިޝަން: ވެލާ ކަހަނބުގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ ނެނގުމުގެ މުބާރާތެއް *ސްޓޯލް ޑެކަރޭޝަން ކޮމްޕެޑިޝަން: ފެސްޓިވަލްގެ ބައިވެރިންގެ ތެރެއިން އުކާލެވޭތަކެތި ބޭނުންކޮށްގެން، އެންމެ ރީތިކޮށް ޒީނަތްތެރި ކުރާ ސްޓޯލެއް ހޮވުމަށް ބޭއްވުނު މުބާރާތެއް *ސްކަލްޕްޗާ މުބާރާތް: މޫދުގެ ދިރުންތައް ދައްކުވައިދޭ މޮޑަލްއެއް އުކާލެވޭ ތަކެތިން ހެދުމުގެ މުބާރާތެއް *ސޭންޑް ސްކަލްޕްޗާ މުބާރާތް: ވެލި ބޭނުންކޮށްގެން ވަގުތުން ކަނޑުގެ ދިރުމެއް ހެދުމުގެ މުބާރާތެއް

މީގެ އިތުރުން ތިމާވެށީގެ ނާޒުކުކަމާއި، ތިމާވެށި ހިމާޔަތް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅިގެން ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށް ދިޔަ އެވެ.

އުކާލެވޭ އެއްޗެހި ބޭނުންކޮށްގެން ހަދާފައިވާ ދެ މޮޑަލްއެއް -- ފޮޓޯ: އައިޝަޓާ


"ގާތްގަނޑަކަށް 3000 އަކަށް މީހުން މިފަހަރުގެ ފެސްޓިވަލަށް ޒިޔާރާތް ކުރި ކަމަށް އަންދާޒާ ކުރެވެނީ، ވިއްސާރާގައި މިވަރު ބޮޑު ތަރުހީބެއް ލިބުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް، އެހެންވެ މިިނިސްޓަރު (މައުސޫމް) ގެ ވިސްނުން ހުރީ މި އިވެންޓް ނެޝެނަލް ބޮޑު އިވެންޓެއްގެ ގޮތުގައި އަންނަ އަހަރު ބާއްވަން،" އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ހަ ވަނަ ފެސްޓިވަލް ވަރަށް ބޮޑުކޮށް ބާއްވާން ނިންމާފައިވާކަން ފާހަގަކުރަމުން ކަންމަ ބުންޏެވެ.

ޖުވެނައިލްއަކީ މިވަގުތު ރާއްޖޭގައި ވެލާ ހިމާޔަތް ކުރުމަށް މެރިން ސެންޓަރެއް ހިންގާ ހަމައެކަނި ރާއްޖެއަށް ނިސްބަތްވާ ޖަމިއްޔާ އެވެ. ދެން އެ މަސައްކަތުގައި އުޅެނީ އޯލިވް ރެޑްލީ ޕްރޮޖެކްޓުންނެވެ. އެއީ އިނގިރޭސި ވިލާތަށް ނިސްބަތްވާ ޖަމިއްޔާއެކެވެ. ދާ އަޅައިގެން މަސްވެރިކަން ކުރުމަށް ދޫކުރާ ދަލާއި އެހެނިހެން ކުނިބުނިން ވެލާ ކަހަނބު ސަލާމަތް ކުރުމުގެ މަސައްކަތް 2017 ވަނަ އަހަރުން ފެށިގެން ބ.އަތޮޅު ކޮކޯ ޕާމް ދުނިކޮޅުގައި އެ ޖަމިއްޔާއިން އަންނަނީ ކުރަމުންނެވެ.

ވެލާ ކަހަނބު ރައްކާތެރިކޮށް އަނިޔާވެފައިވާ ވެލައަށް ފަރުވާދޭނެ ދިވެހިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ވެސް ހިންގި އެ ޖަމިއްޔާއިން ވެސް ޓާޓަލް ފެސްޓިވަލްގައި ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން ކްލީން މޯލްޑިވްސް އާއި، ނައިފަރު އީކޯޔޫތު ޖަމިއްޔާ ފަދަ ތިމާވެށީގެ އެކި ޖަމިއްޔާތައް ފެސްޓިވަލްއިން ފާހަގަކޮށްލެވިގެން ދިޔަ އެވެ.

ރާއްޖެއިން ވެލާ ނެތި ދިއުމުގެ ބިރު ހީވެފައި

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ ނުވަތަ އައިޔޫސީއެންގެ "ރެޑް ލިސްޓް"ގެ ގައިޑްލައިނާ އެއްގޮތަށް ރާއްޖޭގެ "ރެޑް ލިސްޓް" އެންވަޔަރަމަންޓް މިނިސްޓްރީން ފުރަތަމަ ފަހަރަށް އާންމުކުރީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އެވެ. އޭގައި ވަނީ ނެތި ދިއުމުގެ ބިރު ހީވެފައިވާ ފަސް ބާވަތެއްގެ ވެލާ ފާހަގަކޮށްފައި އެވެ.

އެއީ, ލެދަބެކް ސީ ޓާޓަލް (މުސިންބީ) އާއި، އޮލިވް ރިޑްލީ ޓާޓަލް (ވާވޮށި ވެލާ) އާއި، ގްރީން ސީ ޓާޓަލް (ވެލާ) އާއި، ލޮގަހެޑް ސީ ޓާޓަލް (ބޯބޮޑު ވެލާ) ގެ އިތުރުން ހޯކްސް ބިލް ސީ ޓާޓަލް (ކަހަނބު) އެވެ.

މުސިންބީ

އެންވަޔަރަމަންޓް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުގައި، ވޭތުވެދިޔަ 120 އަހަރުގެ ތެރޭގައި ރާއްޖޭން މުސިންބީ ފެނުނު ކަމަށް ރިޕޯޓުކޮށްފައި ވަނީ އެންމެ ހަތަރު ފަހަރު އެވެ. އެއީ މުޅިން ވެސް ރާއްޖޭގެ ދެކުނުންނެވެ. އެންމެ ފަހުން މުސިންބީއެއް ފެނުނު ކަމަށް ރެކޯޑުކޮށްފައިވަނީ 2014 ގައެވެ. މިއީ އާންމުކޮށް ރާއްޖޭގައި ވަޒަންވެރިވެ އުޅޭ ވެލައެއް ނޫނެވެ. އެހެންކަމުން މި ބާވަތުގެ ވެލާ ރާއްޖޭގައި ބިސް އެޅިކަން އެނގިފައެއް ނެތެވެ.

ލެދަބެކް ސީ ޓާޓަލް (މުސިންބީ) -- ފޮޓޯ: ކްލައިޑިއާ ލޮމްބާޑް، ފްލިކާ


ވާވޮށި ވެލާ

މިނިސްޓްރީން ބުނާ ގޮތުގައި ދުނިޔޭގެ ޓްރޮޕިކަލް އަދި ހޫނު ސަރަހައްދުތަކަށް ވާވޮށި ވެލާ އާއްމުކޮށް ދަތުރުކޮށް އުޅެ އެވެ. އެގޮތުން ކާނާ ހޯދުމަށާއި ބިސް އެޅުމަށް މި ބާވަތުގެ ވެލާ އެތައް ހާސް ކިލޯމީޓަރަކަށް ދަތުރު ކުރެ އެވެ. ނަމަވެސް މި ބާވަތުގެ ވެލާ ރާއްޖޭގައި ވަޒަންވެރިވެ އުޅޭކަން އަދި ހޯދިފައެއް ނުވެ އެވެ. އާއްމުކޮށް މި ބާވަތުގެ ވެލާ ފެނިފައިވަނީ މޫދަށް އުކާލާފާއި ހުންނަ ދަލުގައި ޖެހިގެންނެވެ. އެގޮތުން 2013 އާއި 2020 އާ ދެމެދު 861 ވާވޮށި ވެލާ ދަލުގައި ޖެހިގެން ފެނިފައިވެ އެވެ.

އޮލިވް ރިޑްލީ ޓާޓަލް (ވާވޮށި ވެލާ) -- ފޮޓޯ: އޮލިވް ރެޑްލީ ޕްޮޖެކްޓް


ވެލާ

ދުނިޔޭގެ ބޮޑެތި ހުރިހާ ކަނޑަކުން ވެސް މި ބާވަތުގެ ވެލާ ފެންނަ އިރު، މިއީ ގިނައިން ހިޖުރަކޮށް އުޅޭ އަދި ގިނަ ގައުމުތަކަކަށް ބިސް އަޅާ ބާވަތެކެވެ. ރާއްޖެއިން އެންމެ އާންމުކޮށް ފެންނަނީ ވެސް މި ބާވަތުގެ ވެލަ އެވެ. ރާއްޖެއިން މި ބާވަތުގެ ވެލާ އެންމެ ގިނައިން ފެނުނު ކަމަށް ރެކޯޑް ކޮށްފައިވަނީ ބ. ލ. އަދި ޅ. އަތޮޅުންނެވެ. މިނިސްޓްރީން 2016 ގައި ފަސް އަތޮޅެއްގައި ހެދި ދިރާސާއަކުން ދެއްކި ގޮތުގައި މި ބާވަތުގެ ވެލާ އަހަރަކު 103 ބިސް އަޅަ އެވެ.

ގްރީން ސީ ޓާޓަލް (ވެލާ) - ފޮޓޯ: އޮލިވް ރެޑްލީ ޕްރޮޖެކްޓް


ބޯ ބޮޑު ވެލާ

ބޯ ބޮޑު ވެލައަކީ ރާއްޖެއިން ވަރަށް މަދުން ފެންނަ ބާވަތެކެވެ. އެންމެ ފަހުން މި ބާވަތުގެ ވެލާ ފެނިފައިވަނީ 2019 ވަނަ އަހަރު ލ. އަތޮޅުންނެވެ. ފާއިތުވި 20 އަހަރުގެ ތެރޭގައި މި ބާވަތުގެ ވެލާ ރާއްޖޭން ފެނިފައިވާ ކަމަށް ރެކޯޑުކޮށްފައިވަނީ އެންމެ ފަސް ފަހަރު އެވެ. އެއީ ބޮޑު ހަތަރު ވެލަ އާއި ޅަ ވެލަ އެކެވެ. ބޯބޮޑު ވެލާ ކުރިން ރާއްޖޭގައި ބިސް އެޅި ނަމަވެސް މިހާރު އެކަން ވަނީ ހުއްޓިފަ އެވެ.

ލޮގަހެޑް ސީ ޓާޓަލް (ބޯބޮޑު ވެލާ) -- ފޮޓޯ: އޮލިވް ރެޑްލީ ޕްރޮޖެކްޓް


ކަހަނބު

ރާއްޖޭގެ ކަނޑުތަކުން އެންމެ އާންމު ގޮތެއްގައި ފެންނަ ވެލާގެ ބާވަތަކީ ކަހަނބެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް ކަހަނބު ފެނެ އެވެ. އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ކަހަނބު ބިސް އަޅާ އިރު، ކަހަނބުގެ އާބާދީ ދަށަށްދާ ކަމަށް ވަނީ ރެކޯޑު ކުރެވިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހެދި ދިރާސާއެއްގައި 3،982 ކަހަނބު ފެނިފައިވާ އިރު، އޭގެ ތެރޭގައި ގިނައީ ޅަ ކަހަނބެވެ.

ހޯކްސް ބިލް ސީ ޓާޓަލް (ކަހަނބު) -- ފޮޓޯ: އޮލިވް ރެޑްލީ ޕްރޮޖެކްޓް


ވެލަ އާއި ކަހަނބަކީ ކުރިން ވެސް ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދެ ބާވަތެވެ. އަދި 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކަނޑުގެ މާހައުލުގައި އުޅޭ ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތް ކޮށްފަ އެވެ. އެހެންކަމުން އެތަކެތި ހިފުމާއި އެތަކެތީގެ ބިސް ނެގުމަކީ ގާނޫނީ ކުށެކެވެ. އޭގެ އަދަބެއްގެ ގޮތުން ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 10،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.

ދަލުގައި އޮޅި ބޮޑެތި އަނިޔާތައް ވެފައިވާ ވެލާތަކަށް ޖުވެނައިލް މެރިން ސެންޓާއިން ފަރުވާ ދޭއިރު، މިހާރު ވެސް އެތަނުގައި އެއް ފިޔަގަނޑު ބިނދެފައިވާ ވެލާތަކާއި، ދެފުށް ޖެހިފައި އޮތް ވެލައަކާއި، އެނޫން ވެސް އެކި ގެއްލުންތައް ލިބިފައި ހުރި ވެލާތަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި އެ އެއްޗެއްސަށް އެކަނި އުޅެވޭވަރު ކޮށްދިނުމަށްފަހު އެދަނީ މޫދަށް ދޫކުރަމުންނެވެ.

ގުދުރަތުން ކޮންމެ އުފެދުމެއް ވެސް ލައްވާފައި ވަނީ އެތަކެތި އަނެކެއްޗާ ގުޅި ލާމެހޭ ގޮތަށެވެ. އެކަތި ނެތި ދިޔަސް އެހެން ތަކެއްޗަށް އޭގެ އަސަރު ކުރާނެ ގޮތަށެވެ. އެހެންކަމުން ވެލާ ކަހަނބަށް އަހަރެމެންގެ ފަރާތުން ލިބޭ ގެއްލުންތައް ނުހުއްޓައިފިނަމަ އެ ފަރާތުން ކުރާ މަސައްކަތް ވެގެން ދާނީ ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ބޭކާރު ކަމަކަށެވެ.