Advertisement

އިންތިހާބު ބޯމަތިވެފައި އޮއްވާ ނަޝީދަށް ބޮޑު ގޮންޖެހުމެއް

1 އޮގަސްޓު 2022 - 09:44 3

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި: މަގުބޫލުކަން މިވަގުތު އޮތީ ވަރަށް ބޮޑަށް ވެއްޓިފައި -- ފޮޓޯ: އަދަދު ފައިލް


އިންތިހާބު ބޯމަތިވެފައި އޮއްވާ ނަޝީދަށް ބޮޑު ގޮންޖެހުމެއް

1 އޮގަސްޓު 2022 - 09:44 3

ކުރިން އެމަނިކުފާނަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުރިހަމަ ބާރާއެކު ކުރަމުންދިޔަ ވެރިކަމަށް އެކި ނޫސް މަޖައްލާތަކުގައި ފާޑުކިޔައި ލިޔުންތައް ގެނެސްދެމުން ޒުވާން ލިޔުންތެރިއެކެވެ. ގ. ކެނެރީގެއަށް އުފަން، ސިޔާސީ އާއިލާއަކުން ވަޑައިގެންނެވި، ސިޔާސީ ބަދަލެއްގެ ހިޔާލު ކުރި ދިވެއްސެވެ.

މުހައްމަދު ނަޝީދު ވަކާލާތު ކުރަމުންދިޔައީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުދޭތީ އެވެ. އިހްތިޖާޖުގެ ހައްގު ނޯންނާތީ އެވެ. އެއީ ކުށަކަށް ހަދައިގެން ޖަލަށް ލާތީ އެވެ. ގާނޫނު ވަކި ބަޔަކަށް އެކަނި ހިނގާތީ އެވެ.

އިންސާފާއި ހެޔޮ ވެރިކަމާ ގުޅޭ ގޮތުން ނަޝީދު ދައްކަވަމުން ގެންދެވި ވާހަކަތައް އާންމުންނަށް ކަމުދާން ފެށި އެވެ. މަގުބޫލު ސިޔާސީ ޝަހްސިއްޔަތަކަށް އެމަނިކުފާނު ވެއްޖެ އެވެ. މިހާރު އޮތް ފެހި ގާނޫނު އަސާސީގެ ދަށުން ފުރަތަމަ އިންތިހާބުވި ރައީސަކަށް އިންތިހާބުވީ ވެސް ނަޝީދެވެ.

ތިން އަހަރާއި ދުވަސްކޮޅެއް ވެރިކަން ކުރެއްވުމަށްފަހު، ފުލުހުންނާއި ސިފައިން ހިންގި ދެކޮޅުވެރިކަމެއްގެ ތެރެއިން އިސްތިއުފާ ދެއްވިފަހުން ވެސް އެމަނިކުފާނުގެ މަގުބޫލުކަމެއް ނުވެއްޓެ އެވެ. އޭގެ ހެއްކަކީ ނަޝީދުގެ ވެރިކަން ބަދަލުވުމުން އެތައް ސަތޭކަ ރެއަކު އިހުތިޖާޖު ކުރި އެތައް ސަތޭކެ ރައްޔިތުންނެވެ.

ނަޝީދުގެ ޒަމާންވީ އެކުވެރިޔާ އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ނަޝީދަށް ވާދަ ކުރެއްވޭނެ ހުރިހާ ދޮރެއް ބަންދުވުމުންނެވެ. އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ބައްދަލުވުމުގައި ރައީސް ސޯލިހަށް ރިޔާސީ ޓިކެޓު ޕާޓީގެ ކޮންގްރެހުން ހަވާލު ކުރިއިރު، ނަޝީދު އެކަމާ ދެކޮޅު ހެއްދެވި ތަނެއް ނުފެނެ އެވެ.

ނަމަވެސް ރައީސް ސޯލިހުގެ ދައުރު ނިމެން ގާތްވެފައި އޮއްވައި އަދި 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައި އޮއްވައި، ރައީސް ނަޝީދަށް ލިބިވަޑައިގެންފައި އޮތް މަގްބޫލުކަން ޕާޓީގެ އެތެރެ އާއި ބޭރުން ދަށްވާން ފަށައިފި އެވެ.

ނަޝީދުގެ ތާއީދު އިންތިހާއަށް އޮތް އެމްޑީޕީގެ އެތެރެއިން ޕާޓީގެ ލީޑާޝިޕުންނާއި ނަޝީދު މިހާރު ފުރުއްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އެމަނިކުފާނު ދުރުކުރެއްވުމުގެ މަސައްކަތް ޕާޓީގެ ބައެއް މެމްބަރުން ކުރައްވަމުން ގެންދަވާކަމުގެ އަޑުތައް އިވެން ފަށައިފި އެވެ.

އެ ހުރިހާ ކަމެއްގެ ސަބަބަކަށްވީ އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ހައްޔަރު ކުރުމުން، އެކަމަށް ނަޝީދު ރައީސް ސޯލިހަށް އެކި ގޮތްގޮތުން ފާޑުވިދާޅުވި ހިސާބުންނެވެ.

"ވަރަށް ގިނަ މެންބަރުން އެބަ ގުޅުއްވާ، [ނަޝީދު] މަޖިލިސް ރައީސްކަމުން ދުރުކޮށްދިނުމަށް އެދި، އެކަމަކު ރަސްމީކޮށް އަދި އެއްވެސް ހުށަހަޅުމެއް ނާދޭ، އަޅުގަނޑު އެބަ ބުނަން އޭރަށް އެ އޮންނަ އުސޫލުގެ ތެރެއިން ޕީޖީ ގްރޫޕް ބާއްވާފައި އެކަމާ މެދު ގޮތެއް ނިންމޭނެއޭ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރަކަށް ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީ ތެރެއިން ނަޝީދު ބާކީ ކޮށްލާނެތަ؟

ރާއްޖެއަށް ޑިމޮކްރަސީ އާއި ހެޔޮ ވެރިކަމުގެ ސިފަތައް ގެނެސްދެއްވި ލީޑަރު ނަޝީދުގެ އަމަލުތަކާއި ބަސްފުޅުތައް މި ވަގުތު ހުންނެވި ގޮތުން އެމަނިކުފާނުގެ ޕާޓީގެ ތެރެއިން ސިފަކުރައްވަނީ އަމިއްލަ މަސްލަހަތުގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އަދި މި ވަގުތު ނަޝީދު ވަރަށް ބޮޑަށް ވެސް ބާކީކޮށްލަން އެމްޑީޕީގެ ތެރެއިން ބަޔަކު މި ވަނީ ބޭނުންވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ނަޝީދު ބާކީކޮށްލުމުގެ މަސައްކަތް މާ ކުރިން ވެސް އެމްޑީޕީގެ ތެރެއިން ބަޔަކު ކުރަމުންދާ ކަމަށެވެ. ގިނަ ބައެއްގެ ވީޑިއޯތައް ހުއްޓައި، ނާޒިމް އާއި މަދު ބައެއްގެ ވީޑިއޯތައް އާންމުކޮށްލީ ވެސް ނަޝީދަށް ސީދާ އަމާޒުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަތޭކައެއްހާ މީހުންގެ ވީޑިއޯ ހުއްޓާ އެއިން ހަމައެކަނި ވަކި ބަޔަކު ދައްކާފައި މި ހައްޔަރު ކުރަނީ، ރައީސް ނަޝީދު މި ގޮވާއްލައްވަނީ ސެލެކްޓިވް ޖަސްޓިސްއެއް ނުގެންގުޅޭށޭ، އަދި އެމަނިކުފާނުގެ ކޮއްކޮ ކުރި ކުށަކަށް އޭގެ ހައްގު އަދަބު ނުދޭށޭ ރައީސް ނަޝީދު އެންމެ ފަހަރަކު ވެސް ވިދާޅެއް ނުވޭ،" ވައްޑެ ވިދާޅުވި އެވެ.

ވައްޑެ އެ ހުރިހާ ކަމެއް ސިފަކުރެެއްވީ އެމްޑީޕީގެ ބޭރުން އެ ޕާޓީ ބަލިނުކޮށްލެވުމުން ބަޔަކު އައިސް އެމްޑީޕީގެ ތެރެއަށް ވަދެ ގަނެ ނަޝީދު ބަލިކޮށްލަން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ. ހަމައެކަނި ނާޒިމް ސައްތާރު ކުރި ކުށް ދައްކަނީ ވެސް އެ ބޭނުމުގައި ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.

"ރައީސް ނަޝީދު މަރާލަން ބޮން ގޮއްވައިގެން އުޅުނު އިރު ވެސް އެކަމާ އަޅާ ނުލާ ތިބެން ކެރުނު ބަޔަކު ކޮށްފާނެ ކޮންމެ ފަދަ ކަމެއް ވެސް، ރައީސް ނަޝީދު ބާކީކޮށްލަން، މަގާމުން ދުރުކުރަން ވެސް އެ ބަޔަކު މަސައްކަތް ކޮށްފާނެ،" ވައްޑެ ވިދާޅުވި އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކިކުރަން ގިނަ މެންބަރުންތަކެއް ބޭނުންވަނީ އެމަނިކުފާނުގެ އަމަލުތައް މި ވަގުތު ހުންނެވި ގޮތަކުންނެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މި ވަގުތު ރައީސް ނަޝީދުގެ އަމަލުތައް ހުންނެވީ ޕާޓީއަށް ހެޔޮ އެދޭ ގޮތަކަށް ކަމަކަށް، މިއީ ހަމައެކަނި ރައީސް ނަޝީދުގެ ޕާޓީއެއް ނޫން، މިއީ އެތައް ހާސް ރައްޔިތުންގެ ބުރަ މަސައްކަތެއް، ޕާޓީ މިހެން ފުނޑުފުނޑުކޮށްލަން ފުރުސަތު ދެއްވަން ގިނަ މެންބަރުންނަކަށް ގަބޫލެއް ނޫން،" ރޮޒައިނާ ވިދާޅުވި އެވެ.

ނަޝީދު ބާކީކޮށްލަން މަސައްކަތް ކުރާ ބައެއްގެ އަތުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ކޮންޓްރޯލް އޮތަސް އަދި މި މަސައްކަތަކުން އެމަނިކުފާނުގެ ސިޔާސީ ހަޔާތް ނިންމުމަކަށް ގެނެވޭނެ ކަމަކަށް ވައްޑެ ގަބޫލެއް ނުކުރައްވަ އެވެ.

"ރައީސް ނަޝީދަކީ އެމްޑީޕީގެ މޫނުމަތި، އެމްޑީޕީގެ މި އިސްލާހީ މަސައްކަތުގެ މައި އެއް ތަނބު، ރައީސް ނަޝީދުއާ ނުލާ އިންތިހާބު ކާމިޔާބު ކުރާކަށް ފަސޭހައެއް ނުވާނެ. ނަޝީދުގެ ސިޔާސީ ސަފްހާ ނިންމާލަން ކުރިން އަދި މިއަށް ވުރެ މާ ބޮޑު ކަންކަން ކުރި އިރު ވެސް އެ ކަން ވެފައެއް ނެތް،" ވައްޑެ ވިދާޅުވި އެވެ.

ނަޝީދު މަގާމުން ދުރުކުރުމުގެ އަޑު ގަދަަވެފައި އޮތަސް އެ މަސައްކަތް މާ ބޮޑަށް ކުރިއަށް ނުދާތީ ވާދަވެރި ފަރާތްތަކުން ވެސް އެއީ މާ ސީރިއަސް ވާހަކައެއް ކަމަކަށް ގަބޫލެއް ނުކުރައްވަ އެވެ. ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ އެ މަސައްކަތް ހިނގާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

""ކުރިން ވެސް މި ޒާތުގެ ކަންކަމުގައި އެމްޑީޕީ ތެރޭ ނުތަނަވަސްކަން އެބަހުރި އުފެދިފައި، އެކަމަކު [ނަޝީދު] އެ މަގާމަކުން ވަތްކެއް ނުކުރޭ، ދެން ވެސް ހިއެއް ނުވޭ ކޮށްފާނެ ކަމަކަށް، އެމްޑީޕީއަށް އަދި ރައީސް ސޯލިހަށް ވެސް ނަޝީދު އެބަ ބޭނުންވޭ،" ޝިޔާމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މަގުބޫލު ކަމަށް ކޮންމެ ވެސް އަސަރުތަކެއް މި ފަހަރު ކޮށްލައިފި އެވެ. އެމްޑީޕީގެ އެތެރެއިން އެމަނިކުފާނު މުޅިން ބާކީކޮށްލަން ބަޔަކު ބޭނުން އެބަވެ އެވެ. ނަޝީދުގެ އަމަލުތަކާ މެދު އެ ޕާޓީގެ އެތެރެއިން ވެސް ނުރުހުންވާ މީހުުން ގިނަ ވެއްޖެ އެވެ. ނަޝީދުގެ ސިޔާސީ ހަޔާތުގެ މުސްތަގުބަލު މިހާރު ހުއްޓި އޮތީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އެތެރެއިން ދެން ކަން ކުރާނެ ގޮތެއްގެ މައްޗަށެވެ. އެ ގްރޫޕްގެ ކޮންޓްރޯލް އޮތީ ރައީސް ސޯލިހްއަށެވެ. ނަޝީދުގެ މާ ބާރެއް ވެސް އޭގައި ނެތެވެ.