Advertisement

މަހުލޫފުގެ ތުހުމަތުގައި އަސްލެއް ނެތް، އެއްވެސް މީހަކަށް އެންޓި-ކެމްޕެއިނެއް ނުކުރަން: ފައިސަލް

24 އޭޕްރީލް 2024 - 14:04 4

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުރީގެ ނައިބުރައީސް ފައިސަލް ނަސީމު، އޭނާއަކީ ރާއްޖޭގައި ރިޔާސީ ދައުރެއް ނިމެންދެން މަގާމުގައި ދެމިހުންނެވި ހަމަ އެކަނި ނައިބުރައީސް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މަހުލޫފުގެ ތުހުމަތުގައި އަސްލެއް ނެތް، އެއްވެސް މީހަކަށް އެންޓި-ކެމްޕެއިނެއް ނުކުރަން: ފައިސަލް

24 އޭޕްރީލް 2024 - 14:04 4

މަޖިލިސް އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރެއްވި ނަޒުރާ ނަސީމް (ނަޒޫ) އަށް ގޮނޑި ގެއްލުނީ އޭނާގެ ބޭބެ އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ ސަބަބުން ކަމަށް ނަޒޫގެ ފިރިކަލުން އަހުމަދު މަހުލޫފު ކުރެއްވި ތުހުމަތު ފައިސަލް މިއަދު ދޮގުކުރައްވައިފި އެވެ.

ފައިސަލް މިއަދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާ ކުރެއްވީ ހަމައެކަނި ކެމްޕެއިން ކަމަށާއި އެ މަސައްކަތް ކުރެއްވީ އެމްޑީޕީން އެދުނު ގޮތަށް ކަމަށެވެ. ރެއާ ދުވާލު މަސައްކަތްކުރެއްވީ އެމްޑީޕީއަށް އިންތިހާބު ކާމިޔާބުކޮށްދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެމްޑީޕީ އެއްވެސް މީހަކަށް އަދި އެހެން އެއްވެސް މީހަކަށް އެންޓި-ކެމްޕެއިނެއް ނުކުރަން. އެއްވެސް މީހަކާ އިދިކޮޅަކަށް އަޅުގަނޑު މަސައްކަތެއް ނުކުރަން. އެމްޑީޕީ ކެންޑިޑޭޓަކާ އިދިކޮޅަކަށް ވެސް އަޅުގަނޑު މަސައްކަތެއް ނުކުރަން އަދި އެހެން ދާއިރާއެއްގެ އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކާ ވެސް އިދިކޮޅަކަށް އަޅުގަނޑު މަސައްކަތެއް ނުކުރަން. އަޅުގަނޑު މަސައްކަތް ކުރީ އެމްޑީޕީ ކެންޑިޑޭޓުންނަށް އިންތިހާބު ކާމިޔާބުކޮށްދޭން،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް ކުރެއްވީ އެގޮތަށް ކަން އެމްޑީޕީގެ މެމްބަރުންނަށާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް އޮންނާނީ ފެނިފަ އެވެ.

މަހުލޫފު ކުރައްވާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށާއި އެކަމާ ދޭތެރޭ ވިދާޅުވާނެ އެހެން އެއްވެސް ވާހަކައެއް ނެތް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"ކަނޑައެޅިގެން ދޮގެއް އެއީ، ދެން ވޯޓަކީ ވެސް ސިއްރު އެއްޗެއް، އެހެން ނަމަވެސް އަޅުގަނޑުގެ ވޯޓު އަޅުގަނޑު ދިނީ ވެސް އޭނާއަށް،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޒޫއަށް ކެމްޕެއިން ކުރައްވަން އެ ދާއިރާއަށް ވަޑައިނުގެންނެވީ އެގޮތަށް އެދިވަޑައިގެންފައި ނުވާތީ އާއި ވަޑައިގަންނަވަންވީ ތަންތަން ކަނޑައެޅީ ޕާޓީން ކަމަށް ވާތީ އެވެ.

ނަޒުރާއަށް ފައިސަލް އެންޓި-ކެމްޕެއިން ކުރެއްވި ކަމަށް މަހުލޫފު އެންމެ ފުރަތަމަ ތުހުމަތު ކުރެއްވީ އެމްޑީޕީގެ އިސްވެރިން ތިބި ވަޓްސްއެޕް ގްރޫޕެއްގަ އެވެ. އެގޮތުން ފައިސަލް ވަނީ އެ ދާއިރާގެ މީހުންނަށާއި އާއިލާގެ މެންބަރުންނަށް ވެސް ގުޅުއްވާ ނަޒޫއަށް ވޯޓު ނުލުމަށް އެދިފައި ކަމަށް މަހްލޫފް ލިޔުއްވާފައިވެ އެވެ.

އެ ހަބަރު ނޫހަކުން ރިޕޯޓު ކުރުމާ ގުޅިގެން މަހުލޫފު ވަނީ އެ ހަބަރު އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރައްވައި، ބަލި ގަބޫލު ކުރި ނަމަވެސް މިއީ ކަން ހިނގި ގޮތް ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލައިގައި ނަޒޫގެ އާއިލާ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ ޓީމު އޮތީ ދޫދޭ ގޮތަކަށް ނޫން ކަމަށާއި މި މައްސަލަ ބެލުމަށްފަހު އެމްޑީޕީ އިން ފައިސަލް އަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ.

"ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތްކޮށް ވެެރިކަން ބަދަލު ކުރި ގޮތަށް މިފަހަރުމިވަނީ 48 ވޯޓުގެ ފަރަގަކުން މިގޮނޑި އެމްޑީޕީ އަށް ގެއްލުވާލާފަ،" މަހްލޫފް ވިދާޅުވެފައިވެ އެވެ.