about 2 hours 0
މުހައްމަދު ޝަހްޒާން
މަޝްހޫރު ޕްރެޒެންޓަރު އަދި ކުޅިވަރު ހޯސްޓު، ނާފިއު ރަޝީދު (ނާއްޕެ): ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި ނާއްޕެ އާއެކު ހަތަރު މީހަކު ފުލުހުން ހައްޔަރުކުރި -- ފޮޓޯ: ފޭސްބުކް
about 2 hours 0
މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މަޝްހޫރު ޕްރެޒެންޓަރު އަދި ކުޅިވަރު ހޯސްޓު، ނާފިއު ރަޝީދު (ނާއްޕެ) ގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލައިފި އެވެ.
ނާއްޕެ އާއެކު އެ މައްސަލައިގައި ދިވެހި ހަތަރު ފިރިހެނަކު ހައްޔަރުކުރި އެވެ. އޮކްޓޫބަރު 6، 2025 ގައި އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ މ. އެތުނާ، މާލެ، އަލީ އަޝްރަފު، 35، ޕެރިސް، ގދ. ވާދޫ، ލުހާން ސައީދު، 41، ސިލްވާ ސްޓާ، ވ. ރަކީދޫ، ނާފިއު ރަޝީދު، 39، އަދި ހ. ފިނިކުރި، މާލެ، އިބްރާހިމް ޝިނާން އަހުމަދު، 33، އެވެ.
ޕީޖީ އޮފީހުގެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) ގެ ތަރުޖަމާނު ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އަދަދުއަށް ވިދާޅުވީ ނާއްޕެ ބަންދުން ދޫކޮށްލީ މާޗު 22، 2026 ގައި ކޯޓުން ކަމަށެވެ.
"ނާފިއު ރަޝީދުގެ ބަންދާ ގުޅިގެން އޭނާގެ ފަރާތުން ކޯޓަށް ހުށަހެޅުއްވީ އޭނާގެ ހުންނަ މެޑިކަލް ކޮންޑިޝަންއެއްގެ ސަބަބުން ޖަލުގައި ބެހެއްޓުން ރައްކާތެރި ނޫންކަމަށް ބަޔާންކޮށް ޑޮކްޓަރު ލިޔުންތަކެއް، ދެން އެ ކަންކަމަށް ރިއާޔަތްކޮށް ކޯޓުން ނިންމެވީ އޭނާ ބަންދުން ދޫކޮށްލަން،" ޝަފީއު ވިދާޅުވި އެވެ.
ނާއްޕެ ބަންދުން ދޫކޮށްލީ ސިއްހީ ކޮން ހާލަތަކަށް ރިއާޔަތް ކޮށްފައިކަމެއް، ޝަފީއު ވިދާޅެއްނުވެ އެވެ. ނަމަވެސް، އެކަމުމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު އަށް ބުނީ، ނާއްޕެ ބަންދުން ދޫކޮށްލީ އޭނާގެ ހުންނަ ހިތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ނާއްޕެ ބަންދުން ދޫކޮށްލި ނަމަވެސް، އޭނާގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ދެ ދައުވާއެއް އުފުލައިފަ އެވެ. އެއީ، ޖިނާއީ ކުށެއް ކުރުމަށްޓަކައި ކުޑަކުއްޖަކު ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި، ޖިނާއީ ކުށެއް ކުރުމަށްޓަކައި ކުޑަކުއްޖަކު ގްރޫމް ކުރުމުގެ ކުށުގެ ދައުވާ އެވެ. އޭގެ ތެރެއިން އެންމެ ދައުވާއެއް ސާބިތުވީ ނަމަވެސް، މަދުވެގެން ތިން އަހަރުދުވަހުގެ ދައުވާއެއް އަންނާނެ އެވެ.
ނާއްޕެ އާއެކު އިތުރު ހަތަރު މީހުން މާލެއިން ހައްޔަރުކުރީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހެންވޭރުގައި ހުރި ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހު އެވެ. އެ ތަނުން މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ޕެކެޓެއް ވެސް ފުލުހުން ހޯދި އެވެ. އެ އެންމެން މަސްތުވާތަކެއްޗަށް ޕޮސިޓިވްވި ކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ.
ފުލުހުން އޭރު ބުނީ، އެ މައްސަލައިގައި ހަތަރު ކުއްޖަކަށް އަނިޔާ ލިބުނު ކަމަށެވެ. އަނިޔާގެ ތަފުސީލެއް ފުލުހުން ނުދެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ކަމަށް ފުލުހުން ބުންޏެވެ.
Comment