Advertisement

އިންތިހާބާ ދިމާކޮށް ހިޔާ ފްލެޓުގެ ކުލި ދެ އަހަރަށް ކަނޑާލި މައްސަލަ ނުބަލާ ކަމަށް އޭސީސީން ހާމަކޮށްފި

އޭސީސީގެ ރައީސް ޝާމިލް އަދި ރައީސް މުއިއްޒު. ސަރުކާރުން އަންނަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެތައް ކަމެއް ކުރަމުން، ނަމަވެސް އޭސީސީއިން އެއްވެސް މައްސަލައެއް ނުބަލާ --- ފޮޓޯ: ރައީސް އޮފީސް


އިންތިހާބާ ދިމާކޮށް ހިޔާ ފްލެޓުގެ ކުލި ދެ އަހަރަށް ކަނޑާލި މައްސަލަ ނުބަލާ ކަމަށް އޭސީސީން ހާމަކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރެފަރެންޑަމް ވޯޓަށް ހަތަރު ދުވަހަށް ވެފައިވަނިކޮށް ހިޔާ ފްލެޓުތަކަށް ކުރިއަށް އޮތް ދެ އަހަރު ވަންދެން ކުލި ދައްކަން ނުޖެހޭ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމި މައްސަލަ ނުބަލާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ އަދަދު އަށް ވިދާޅުވީ ކުލި ދެ އަހަރަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ހެދި މައްސަލަ ހުށަހެޅިފައި ނުވާ ކަމަށާއި އަމިއްލަ އިސްނެގުމަށްވެސް މައްސަލަ ބަލަން މިހާތަނަށް ނުނިންމާ ކަމަށެވެ.

"ތި މައްސަލަ (ކުލި މައާފްކުރި މައްސަލަ) މިކޮޅަށް ހުށަހެޅިފައެއް ނެތް. އަމިއްލަ އިސްނެގުމަށް މައްސަލަ ބަލަން މިހާތަނަށް ނިންމާފައެއް ނެތް،" ސަމާ ވިދާޅުވި އެވެ.

އެޗްޑީސީން ހިޔާ ފްލެޓުގެ ދެ އަހަރުގެ ކުލި މައާފުކުރީ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދު ކުރި ފައިސާގެ ބަދަލުގެ ގޮތުގައި ދޭން ބުނި ދެ ލައްކަ ރުފިޔާގެ ބާކީ ދައްކަން ނުޖެހޭ ގޮތަށް ހަދައިގެންނެވެ.

ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުލިބިވާ އަދަދު ކުލިން ކަނޑާލިއިރު، ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދައްކައިވާ ފައިސާއެއް ހުރި ނަމަ، އެ އަދަދު ޑިސްކައުންޓުން އުނިކުރެ އެވެ. އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ނަމަ، ޑިސްކައުންޓަށްވާ ބައި އުނިކުރަނީ މަހަކު 5،300ރ. (އަންނަ މަހުން ފެށިގެން ހިޔާ ފްލެޓެއްގެ ކުލި) ރޭޓުންނެވެ.

އެޗްޑީސީން ޖަހާފައިވާ ހިސާބުތަކުގައި ވަނީ ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުދެވިވާ އަދަދަކި 135،714.35ރ. ކަމަށެވެ. މިހެން ކަމުން ގަވާއިދުން ކުލި ދައްކަމުން އަންނަ މީހުން ކުރިއަށް އޮތް 25 މަސް (ދެ އަހަރާއި އެއް މަސް) ވަންދެން ކުލި ދައްކާކަކަށް ނުޖެހެ އެވެ. ނަމަވެސް މެއިންޓެނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ދައްކަން ޖެހެ އެވެ.

އަދަދު އަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނީ މިއީ ސީދާ ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެން، ވަރަށް އަވަސް އަރުވާލައިގެން ގެނައި ބަދަލެއް ކަމަށެވެ. މުއިއްޒު މިކަން ހުށަހެޅުމުން ކުންފުންޏަށް ގެއްލުން ވާނެތީ އެޗްޑީސީގެ ބައެއް ވެރިން މިކަމާ ދެކޮޅު ހެދި އެވެ. އެކަމަކު ފަހު ވަގުތު ސަރުކާރަށް ދީލާލައި އެ ބަދަލު ގެންނަން ބޯޑުން ވަނީ ނިންމާފަ އެވެ.

ސަރުކާރުން ފިނިޝިން ލުއިދިނުމާއެކީ، އަނެއްކާ ވެސް ހިޔާ ފްލެޓުތަކުގެ ކުލި މި ވަނީ ބޮޑުވެފަ އެވެ. މި ސަރުކާރުން ވަނީ މެއިންޓެނަންސް ފީ ނުލައި ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ، 3،984ރ. ކަމުގައި ކަނޑައަޅާފަ އެވެ.

އެކަމަކު މިހާރު ގެނައި ބަދަލާއެކީ، މި ސަރުކާރުން ހަވާލުވީއިރު ހުރި 5،300ރ. ގެ ރޭޓަށް ކުލި މި ވަނީ ބޮޑުވެފަ އެވެ. މިއީ އެމްޑީޕީ ސަރުކާރުގައި ކުލި ކުޑަކުރިއިރު ކަނޑައެޅި ރޭޓެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ އިންތިހާބަށް ކުޑަތަންވެފައި އޮއްވާ ކުލި މަައާފްކުރުމަކީ ސީދާ ރިޝްވަތު ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން ޕީއެންސީގެ ރަޖިސްޓްރާ އަދި ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް އަދަދު ވިދާޅުވީ ރައްޔިތުންނަށް ކަންކަމުގައި ލުއިދީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށްވާއިރު، އެއީ ރިޝްވަތު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އިންތިހާބާ ގުޅިގެން އޭސީސީން އަމިއްލަ އިސްނެގުމަށް މައްސަލަތައް ނުބަލާތީ، އަދި ހުށަހަޅާ މައްސަލަތައް ވެސް އެދެވޭ ގޮތެއްގައި ނުބަލާތީ އާއި އެއްވެސް އެއްޗެއް ނުބުނާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.