about 1 hour 0
ލީވާން އަލީ ނާސިރު
ކުރީގެ ރައީސް މުހައްމަދު ނަޝީދު: ރައްޔިތުންނާ ގާތުން އަދި ރައްޔިތުންނާ ގާތުން ވެރިކަން ހިންގޭނީ އެމްޑީޕީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށް ނަޝީދު ވިދާޅުވި -- ފޮޓޯ: އަދަދު
about 1 hour 0
ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނީ އިދިކޮޅު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ތިނަދޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނަށް ދެއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ގޮތަށް އަދި ރައްޔިތުންނާ ގާތުން ވެރިކަމުގެ ކަންކަން ހިންގޭނީ އެމްޑީޕީގެ ކެންޑިޑޭޓުން މަގާމުތަކަށް އިންތިހާބުވެގެން ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ތަނުގައި ރާއްޖޭގެ ރަށްތައް ރައްޔިތުންނަށް ފައިދާވާ ގޮތަކަށް، އަދި ރައްޔިތުންނާ ގާތުން ވެރިކަމުގެ ކަންކަން ހިންގޭނެ ގޮތަކަށް ހިންގެން އޮތީ އެމްޑީޕީގެ ކެންޑިޑޭޓުން، އެމްޑީޕީގެ މެންބަރުން މަގާމުތަކަށް އިންތިހާބުވެގެން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި ރައްޔިތުންނާ ގާތުން ވެރިކަން ހިންގާ ނިޒާމަކީ އެމްޑީޕީން އުފައްދައި، ބާރުއަޅައި އަދި ދިރުވާ ފިކުރެއް ކަމަށެވެ.
މިގޮތުން އެޕްރީލް 4، ގައި ބާއްވާ ކައުންސިލް އިންތިހާބުގައި ހުރިހާ ރައްޔިތުން ވެސް ތިލަފަތަށް އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ނަޝީދު އިލްތިމާސްކުރެއްވި އެވެ.
"އެނގިވަޑައިގަން ގިނަ ޕާޓީ އެކުލެވޭ މި ނިޒާމަކީ ވެސް އަދި ރައްޔިތުންގެ ގާތުން ވެރިކަން ހިންގާ ނިޒާމަކީ އެމްޑީޕީ އުފެއްދި ފިކުރެއް. އަދި އެމްޑީޕީ ބާރުއަޅާ ދިރުވާ ފިކުރެއް. އަޅުގަނޑުގެ އެދުމަކީ ހުރިހާ ބޭފުޅުންވެސް ވޯޓު ތިލަފަތަށް ދެއްވުން. އެމްޑީޕީ ކެންޑިޑޭޓަށް ދެއްވުން،" ނަޝީދު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބާ ގުޅިގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރާއްޖޭގެ އެކި ރަށްތަކަށް އަދި ހާއްސަކޮށްގެން ބޮޑެތި އާބާދީ ހިމެނޭ ރަށްތަކަށް ނަޝީދު އަންނަނީ ދަތުރުކުރައްވަމުންނެވެ.
މީގެ އިތުރުން ކައުންސިލް އިންތިހާބު އޮންނަ ދުވަހު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނުމަށް ވެސް ނަޝީދު އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment