Advertisement

އާޒިމް އާއި ޒަރިޔަންދުގެ ކެމްޕެއިން އިވެންޓުން ކަރަންޓު ކަނޑާލައިފި


އާޒިމް އާއި ޒަރިޔަންދުގެ ކެމްޕެއިން އިވެންޓުން ކަރަންޓު ކަނޑާލައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އާއި އަމިއްލަ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދުގެ ކެމްޕެއިން އިވެންޓު ކުރިއަށްދަނިކޮށް ރޭ ކަރަންޓު ކަނޑާލައިފި އެވެ.

ވެސްޓް ޕާކް ސަރަހައްދުގައި އެމްޑީޕީން ބޭއްވި ކެމްޕެއިން އިވެންޓުން ކަރަންޓު ކަނޑާލުމާ ގުޅިގެން އާޒިމް ވިދާޅުވީ އެމްޑީޕީއަށް ކުރާ ޖެއްސުމަށް ބެލުމެއް ނެތި އެ ޕާޓީގެ ހުރިހާ އަމާޒެއް ހުރީ ރައްޔިތުންނަށް ހިދުމަތްކޮށްދޭން އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.

"އެމްޑީޕީއަކީ ކުރާ ޖެއްސުމަކަށް، ދައްކާ ބިރަކަށް ފަހަތަށް ޖެހޭނެ ބައެއް ނޫންކަން އަޅުގަނޑުމެން މިހާރު މި އިންތިހާބުގައި ވަނީ ދައްކާފައި، އަޅުގަނޑުމެންގެ ފޯކަސްއަކީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުން ކަމަށާއި ފޯކަސްއަކީ މި އިންތިހާބު ކާމިޔާބުކޮށް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ރައްޔިތުން ކުޑަ ކަކޫ މައްޗަށް ތިރިކޮށްގެން ވެރިކަން ނުކުރެވޭނެ ކަމަށާއި އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް ސަރުކާރު ބަލިކުރުރާނެ ކަމަށެވެ.

ރަސްފަންނު ސަރަހައްދުގައި ހުންނަ ބަނާނާ ލީފްގައި ބޭއްވި ޒަރިޔަންދުގެ ކެމްޕެއިން އިވެންޓުން ކަރަންޓު ކަނޑާލުމާ ގުޅިގެން ޕީއެންއެފްގެ ނައިބުރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މެނިފެސްޓޯ ހުށަހަޅަމުންދަނިކޮށް ކަރަންޓު ކަނޑާލުމުން ދޭހަވަނީ މުހައްމަދު މުއިއްޒު ބިރު ގަނެފައިވާ މިންވަރު ކަމަށެވެ.

"މާލޭ މޭޔަރު ކެންޑިޑޭޓު ޒަރިޔަންދުގެ މެނިފެސްޓޯ ހުށަހަމުން ދަނިކޮށް ސްޓެލްކޯއިން ގަސްދުގައި މިރޭވެސް ކަރަންޓު ކަނޑާލި ކަނޑާލުމުން ދޭހަވަނީ މުއިއްޒު ރައްޔިތުން ދެކެ އަދި ހާއްސަކޮށް ޒަރިޔަންދު ދެކެ ބިރުގަނެފައިވާ މިންވަރު" އޭނާ ވިދާޅުވި އެވެ.

އާޒިމް އަދި ޒަރިޔަންދުގެ ކެމްޕެއިން އިވެންޓު ބޭއްވި ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނީ ސްޓެލްކޯއިންނެވެ. އެކަމާ ގުޅިގެން ސްޓެލްކޯއިން އަދަދު އަށް ބުނީ ކަރަންޓު ކެނޑުނީ ޓްރާންސްފޯމަރެއް ނިވިގެން ކަމަށާއި އެ މައްސަލަ ފަހުން ހައްލުކޮށްފައިވާ ކަމަށެވެ.

އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ސަރުކާރުން އަންނަނީ އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އެގޮތުން މަގުމަތީގައި ހަރުކުރާ ޕޯސްޓަރުތައް ނަގައި، އެކި އިވެންޓުތައް ބާއްވަން ހުއްދަވެސް ނުދޭކަން ފާހަގަކުރެވެ އެވެ.