Advertisement

އިންތިހާބަށް ފަހު ކަރަންޓު ވެސް، މުވައްޒަފުން ވެސް ކަނޑަން ފަށާނެ: ޣަފޫރު

އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ.


އިންތިހާބަށް ފަހު ކަރަންޓު ވެސް، މުވައްޒަފުން ވެސް ކަނޑަން ފަށާނެ: ޣަފޫރު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓަށް ފަހު، ސަރުކާރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ކަރަންޓުގެ ހިދުމަތް ވެސް ކަނޑަން ފަށާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކުން، މިހާރުވެސް އޮފީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް 1,500 އެއްހާ މީހުން ވަޒީފާ ދީފައިވާ ކަމަށާއި، އެ މީހުންނަށް ގޭގައި ތިބެގެން އިތުރު ގަޑިވެސް ހެދޭ ކަމަށެވެ.

"ތަންކޮޅެއް ބޮޑުވަރުމިއީ. މިކަންކަން ކުރާކަން މި ގައުމު ދީފައެއް ނުބޭއްވޭނެ،" ޣަފޫރު ވިދާޅުވި އެވެ.

"ހަތަރެއް އޭޕްރީލް އަށް ފަހު ކަރަންޓު ކަނޑަމުން ދާނެ، މިހާރު ވަޒީފާ ދޭ މީހުން ކަނޑަމުންދާނެ. އެއްވެސް މީހުންގެ އަތުގައި ދާއިމީ ވަޒީފާގެ ސްލިޕެއް ނެތް."

ސިޔާސީ ގޮތުން ވަޒީފާއަށް ވައްދާފައި ތިއްބަސް ވަޒީފާގެ ބިރު ނުގަނެ އޭޕްރީލް 4 ގައި ސަރުކާރާ ދެކޮޅަށް ވޯޓު ދިނުމަށް ޣަފޫރު ގޮވާލެއްވި އެވެ. މި ސަރުކާރުން ވަޒީފާއިން ވަކިކުރާ ކޮންމެ މީހަކަށް، ވަކިކުރި ދުވަހާ ހަމައަށް ހިނގާ ހުރިހާ މުސާރައެއް، އެމްޑީޕީން ވެރިކަމުގައި ހޯދައި ދޭނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ނުހައްގުން ވަޒީފާއިން ވަކިކޮށްފި ނަމަ އިންސާފުގެ ކުރިމައްޗަށް އެ ބަޔަކު ގެންނާނެ ކަމަށާއި، ރައްޔިތުން ވަޒީފާގެ ބިރުގައި ނުތިބެ ނުކުތުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވަމުން ޣަފޫރު ވިދާޅުވީ، މިއީ ސަރުކާރެއް ނޫން ކަމަށާއި މިއީ "ފޭރޭ ގްރޫޕެއް" ކަމަށެވެ. އަދި މި ބޭފުޅުންގެ ޑީއެންއޭގައިވެސް ވަނީ ވައްކަން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މިއީ މި ބީތާއިންގެ ގައުމެއް ނޫން، މިއީ ދިވެހި ރައްޔިތުންގެ ގައުމެއް،" އޭނާ ވިދާޅުވި އެވެ.

"މި ގައުމުގެ ރައްޔިތުންގެ ފައިސާ ނޮޅަމުން ލޫޓުވަމުން ވަގަށް ކައި ހުސްކުރާ ތަން ބަލާކަށް އަޅުގަނޑުމެން ނުތިބޭނަން. އެކަމެއް ނުކުރެވޭނެ މި ގައުމަކު."

ކުރިއަށް އޮތް އިންތިހާބުގައި ހުރިހާ ސިޓީތަކެއް މޭޔަރާއި ސިޓީ ކައުންސިލްގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކޮށް، މި ސަރުކާރު "ކުޑަކަކޫ މައްޗަށް ތިރިކުރާނެ" ކަމަށް ގަފޫރު ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ތަރައްގީއަށް ބަަލާއިރު، ހޮސްޕިޓަލަށް ބަޖެޓުގައި 300 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް، މިއަދު އެތަނުގެ ހާލަތު ގޮސްފައިވަނީ ބަލި މީހުންގެ ގައިގައި "ކަނދޮޅު ދުލި" ލާންޖެހޭ ހިސާބަށް ކަމަށް ޣަފޫރު ފާހަގަ ކުރެއްވި އެވެ.