Advertisement

ސުކޫކު އަނބުރާ ދެއްކުމުގެ ޕްލޭން ސިއްރުކޮށްފައި އޮތުމުން އިންވެސްޓަރުންގެ ކަންބޮޑުވުން

ފިނޭންސް މިނިސްޓަރު ޒަމީރު އަދި ރައީސް މުއިއްޒު


ސުކޫކު އަނބުރާ ދެއްކުމުގެ ޕްލޭން ސިއްރުކޮށްފައި އޮތުމުން އިންވެސްޓަރުންގެ ކަންބޮޑުވުން

އަންނަ މަހު ދިވެހި ސަރުކާރުން އަނބުރާ ދައްކަން ޖެހޭ ސުކޫކުގެ ސުންގަޑި ކައިރިވަމުން އަންނައިރު، އެ ފައިސާ ދެއްކުމުގެ ޕްލޭން ސިއްރުކޮށްފައި އޮތުމުން ބައެއް އިންވެސްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަންނަ މަހުގެ އަށްވަނަ ދުވަހު މި ސުކޫކުގެ ބުލެޓް ޕޭމަންޓުގެ ގޮތުގައި 500 މިލިއަން ޑޮލަރު އަދި ފަހު ކޫޕަން ޕޭމަންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. މި ސުކޫކު އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާ އެއްވެސް ދައްޗެއް ނެތް ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.

ޖަޕާނުގެ އެންމެ ބޮޑު މާލީ ނޫސް ކަމަށްވާ "ނިކެއި"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރުން މިކަމުގައި ސާފު ސީދާ މައުލޫމާތު ހާމަކުރަމުން ނުދާތީ އިންވެސްޓަރުންގެ ކަންބޮޑުވުން އެބައޮތެވެ.

"މުއްދަތު ހަމަވާން ދެ ހަފުތާއަށް ވެފައިވާއިރު، ސަރުކާރުން ކާގިލް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިތޯ ނުވަތަ ނޫންތޯ ކެޕިޓަލް މާކެޓްތަކަށް ސިއްރުކޮށްފައި އޮތުމުން މިއީ ރާއްޖޭގެ މާލީ ހަގީގަތް ހާމަވާނެ ވަގުތު ކައިރިވަމުން އަންނައިރު، މާ ރަނގަޅު ނިޝާނެއް ނޫން،" ނިކެއިއާ ވާހަކަ ދެއްކި ޔޫރަޕުގެ އިންވެސްޓަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި މާލީ ތަޖުރިބާކާރު އަދި އިކޮނޮމިސްޓު އަހުމަދު ސަރުވަޝް އާދަމްއާ ހަވާލާދީ ބުނެފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ އެމެރިކާގެ ކާގިލް ކާގިލްސް އިންޓަނޭޝަނަލް ފައިނޭންސް މެދުވެރިކޮށް 300 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށެވެ.

"ސަރުކާރުން ސުކޫކް ދެއްކުމަށްޓަކައި ކާގިލް އަތުން ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ދަރަންޏަށް ހޯދުމަށް މަޝްވަރާ ކުރަމުންދޭ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ސަރުކާރުން 9 ޕަސެންޓަށް ވުރެ ބޮޑު އިންޓަރެސްޓެއްގައި ފައިސާ ނުނަގާނެ ކަމަށް. ނަމަވެސް، ކާގިލް އިން ބޭނުންވަނީ 13 ޕަސެންޓުގެ އިންޓަރެސްޓެއް،" އެ ރިޕޯޓަށް ސަރުވަޝް ވިދާޅުވެފައިވެ އެވެ.

ސަރުކާރުން ސުކޫކު ދެއްކުމަށް 650 މިލިއަން ޑޮލަރު ރައްކާކޮށްފައިވާ ރައީސް މުހައްމަދު މުއިއްޒު ހާމަކުރެއްވީ މި މަހުގެ ކުރީކޮޅު އެވެ. އެއީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ހުރި 320 މިލިއަން ޑޮލަރާއި ޔޫސަބަލް ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް ހުރި ޑޮލަރު ކަމަށް މުއިއްޒު އެ ދުވަހު ހާމަކުރެއްވި އެވެ.

"ސަރުކާރުން ބުނާ ގޮތަށް ސުކޫކަށް ފައިސާ ދެއްކޭނެ ވަރަށް ބޭރު ފައިސާގެ ރިޒާވު ހުރި ނަމަ، ކާގިލްއަށް ބަރޯސާވާންޖެހޭ ސަބަބެއް ނެތް. އެހެން ނޫން ނަމަ، އެ ބުނާ ރެކޯޑު ރިޒާވު އަދަދުތަކަކީ ހަމައެކަނި ކަރުދާހުގައި ހުރި އަދަދުތަކެއް،" އެ ރިޕޯޓަށް ވާހަކަ ދެއްކި އިންވެސްޓަރު ބުނެފައިވެ އެވެ.

ސުކޫކު ދެއްކޭނެ ވަރަށް ސަރުކާރުގައި ފައިސާ ހުއްޓަސް، އެސްޑީއެފް އާއި ރިޒާވުގައި ހުރި ފައިސާ ބޭނުންކުރުމަކީ ސަރުކާރުގެ ޕްލޭނެއް ނޫނެވެ.

ސަރުކާރުގެ ޕްލޭނުގައި އޮތީ 500 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު އެސްޑީއެފްއިން ދެއްކުމަށް ފަހު ބާކީ 350 މިލިއަން ޑޮލަރު ރީފައިންނޭންސް ކުރާ ގޮތަށެވެ.

ސުކޫކަށް ފައިސާ ދައްކާ ގޮތް އެ ފައިސާ އަނބުރާ ދެއްކުމަށް ފަހު ހާމަކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އޮތީ ވިދާޅުވެފަ އެވެ.