about 1 hour 0
about 1 hour 0
ފަަހަތުން އަރައި 2-1 އިން ޓިމޯ ލެސްޓޭ ބަލިކޮށް ރާއްޖޭން މޮޅަކާ އެކު އޭޝިއަން ކަޕް ކޮލިފައިން ނިންމާލައިފި އެވެ.
ކޮލިފައިންގައި މިދިޔަ އަހަރު މި ދެ ޓީމު ބައްދަލުކުރި މެޗުގައި، ޓިމޯ ލެސްޓޭ އިން 1-0 އިން ރާއްޖެ ބަލިކުރިއިރު، އޮތީ ފީފާ ރޭންކިންގެ 197 ވަނައިގަ އެވެ. އޭރު ރާއްޖެ އޮތީ 164 ވަނައިގަ އެވެ. އެއީ، އެ މެޗާ ހަމައަށް އެންމެ ފަހުން އިންޓަނޭޝަނަލް ފުޓްބޯޅައިގައި ޓިމޯ ލެސްޓޭ ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. މިހާރު، މި ދެ ޓީމުގެ ރޭންކިން އަށް ބަލާއިރު، ރާއްޖެ އޮތީ 173 ވަނައިގަ އެވެ. އަދި، ޓިމޯ ލެސްޓޭ އޮތީ 199 ވަނައިގަ އެވެ. ޓިމޯ ލެސްޓޭ އަތުން މިއަދު މޮޅުވެ، ރާއްޖޭން ކޮލިފައިންގައި ކުޅުނު ފުރަތަމަ ފަސް މެޗުން ބަލިވިޔަސް ފަހު މެޗުން މޮޅުވެ، މި ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ.
އަނެއްކޮޅުން، މިއީ، 2022 ވަނަ އަހަރުގެ މާޗް މަހު އެކުވެރިކަަމުގެ މެޗެއްގައި ބަންގްލަދޭޝް އަތުން މޮޅުވި ފަހުން، ރާއްޖެ އަށް ގަލޮޅު ދަނޑުގައި މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ. އޭގެ ފަހުން، އެކުވެރިކަމުގެ މެޗެއްގައި، 2023 ވަނަ އަހަރު ލ. ގަމުގައި ވަނީ ޕާކިސްތާން އަތުން އެކުވެރިކަމުގެ މެޗެއްގައި ވަނީ މޮޅުވެފަ އެވެ. އަދި، ވޯލްޑް ކަޕް ކޮލިފައިންގައި 2023 ވަނަ އަހަރު 1-1 އިން ބަންގްލަދޭޝާ އެއްވަރުވިއިރު، އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަހަރު ތަޖިކިސްތާން އަތުން 3-0 އިން އަދި ފިލިޕީންސް އަތުން 2-0 އިން ވަނީ ބަލިވެފަ އެެވެ.
ހަންގޭރީގެ ކޯޗު އިސްތަވާން އުރްބާނީގެ ކޯޗުކަމުގައި ރާއްޖޭގެ ސީނިއާ ޓީމުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ވަނީ ގިނަ އަހަރުތަކަކަށް ފަހު ގައުމީ ސްކޮޑުން ފުރުސަތު ހޯދި ބުރު ސްޕޯޓްސް ކްލަބްގެ އަހުމަދު އަބްދުﷲ (ލިލީ) ހިމަނައިފަ އެެވެ. އަދި، ތިން އަހަރަށް ފަހު ޓީމަށް އެނބުރި އައި، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ވެސް ފުރަތަަމަ އެގާރައިން ވަނީ ފުރުސަތު ދީފަ އެެވެ. އަދި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ތިން އަހަރު ފަހުން އެނބުރި ގައުމީ ޓީމަށް އައި މެޗުގައި ފެށީ ބެންޗުންނެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން ރާއްޖޭން އަތުގައި ބޯޅަ ބާއްވައިގެން ލިބޭ ފުރުސަތުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. އެ ގޮތުން، އޭރިއާތެރެއިން އިއްބެ އަށް ލިބުނު ބޯޅައެއް ނާއިޒު ހަސަން (ދާދު) އަށް ދޭން މަސައްކަަތް ކުރިއިރު، އޭނާ ހުރީ އޮފްސައިޑްގަ އެވެ.
ރާއްޖޭން ނުރައްކާތެރި ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 22 ވަނަ މިނިޓްގަ އެވެ. އަރިމަތިން އަހުމަދު އައިހަމް (އައިހު) ނެގި ހުރަހަކަށް އަރައި، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ބޮލުން ފޮނުވާލި ބޯޅަ ޓިމޯ ލެސްޓޭގެ ކީޕަރު، ޑައިލަން ޖޯސޭ ނިސްކީ ވަނީ މަތަކޮށްފަ އެވެ. އޭގެ ހަ މިނިޓް ފަހުން، ކީޕަރު ނިސްކީ ހެދި ގޯހަކުން ދާދު އަށް ލިބުނު ބޯޅައެއް އޭރިއޭބޭރުން ފޮނުވާލިއިރު، ކީޕަރު ނިސްކީ ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.
އޭގެ ފަހުން، ޓިމޯ ލެސްޓޭ ކުޅުންތެރިން ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައި، ދާދު މަސައްކަތްކުރީ ކީޕަރު ނިސްކީ ކައިރިން ނައްޓާލުމަށެވެ. އެކަމަކު، ނިސްކީ ވަނީ ރަނގަޅަށް މަސައްކަތްކޮށް އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.
ރާއްޖޭން ދެ ވަނަ ހާފު ފެށީ ފޭދޫ އިއްބެގެ ބަދަލުގައި މުޒްދާން ހަސަން ކުޅެން އަރުވައިގެންނެވެ.
ޓިމޯ ލެސްޓޭ އިން ފުރަތަމަ ހާފަށް ވުރެން ބޮޑަށް ދެ ވަނަ ހާފުގައި ރާއްޖޭގެ ޑިފެންސް ފަހަތަށް ބޯޅަތައް ފޮނުވައިގެން އެޓޭކްތައް ކުރެވޭތޯ މަސައްކަތްކޮށް، ގޯލު ޖަހަން ރަނގަޅު ފުރުސަތުތައް ހޯދާފައިވެ އެވެ. އެ ގޮތުން، މެޗުގެ 60 ވަނަ މިނިޓްގައި ޓިމޯ ލެސްޓޭގެ ފޯވާޑް، ޑެނިއަލް ބެސީ ކްރޫޒް ބޯޅަ ހިފައިގެން އޭރިއާ އަށް ވަދެ، ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ހަ މިނިޓް ފަހުން، ޓިމޯ ލެސްޓޭ އިން ވަނީ ލަނޑު ޖަހައި ލީޑުނަގައިފަ އެވެ. އެ ޓީމުގެ ކެޕްޓަން، ޕައޮލޯ ޑޮމިންގޯސް ފްރެއިޓާސް އޭރިއާތެރެއަށް ޖައްސާލި ބޯޅަ އަލެސަންޑްރޯ ބަކީޓޯ ލެމޯސް ވަނީ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
އޭގެ ފަހުން، މެޗުގެ ފަހު 10 މިނިޓަށް ރާއްޖޭން ވަނީ ދަގަނޑޭ އާއި އަލީ ފާސިރު (ސެންޓޭ) ކުޅެން އަރުވައިފަ އެވެ. ރާއްޖޭން ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހީ މެޗުގެ 88 ވަނަ މިނިޓްގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މުހައްމަދު އިރުފާން (އިރޭ) އެވެ. މިއީ، މި ފަހަރު ކޮލިފައިންގައި ރާއްޖޭން އަމިއްލަ ދަނޑުގައި ޖެހި ފުރަަތަމަ ގޯލެވެެ.
އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ދަގަނޑޭ އަށް އޭރިއާތެރެއިން ކީޕަރު، ނިސްކީ ކުރި ފައުލަކަށް ދިން ޕެނަލްޓީން ސެންޓޭ ވަނީ ރާއްޖެ މޮޅުކޮށްދީފަ އެވެ.
ކޮލިފައިން ގްރޫޕް އޭގައި އެއް ވަނައިގައި އޮތް ތަޖިކިސްތާނާއި ދެ ވަނައިގައި އޮތް ފިިލިޕީންސް އަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރެއްގައި އޮތް ޓިމޯ ލެސްޓޭ އަށް ލިބުނީ ތިން ޕޮއިންޓެވެ.
Comment