ތިން އަހަރަށް ފަހު، ގައުމީ ފުޓްބޯޅަ ޓީމުން މި ފަހަރު ޖާގަ ލިބުނު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ވާނީ އަބަދުވެސް ޓީމުގެ ކެޕްޓަނަކަށް ކަމަށް ގައުމީ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ.
އޭޝިއަން ކަަޕް ކޮލިފައިންގައި މާދަމާ ހަވީރު ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗަށް ނެގި ސްކޮޑުގައި ދަގަނޑޭ، 40، ހިމެނެ އެވެ. މިއީ، 2023 ވަނަ އަަހަރުގެ މާޗް މަހު ޕާކިސްތާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ލ. އަތޮޅު ޒޯން ސްޓޭޑިއަމްގައި ކުޅުނު އެކުވެރިކަމުގެ މެޗަށް ފަހު، ދަގަނޑޭ ގައުމީ ސްކޮޑުގައި ހިމެނޭ ފުރަތަމަ ފަަހަރެވެ.
ޓިމޯ ލެސްޓޭ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، އުރްބާނީ ގާތުގައި ދަގަނޑޭ އަކީ ޓީމުގެ ކެޕްޓަންތޯ ސުވާލުކުރުމުން އޭނާ ބުނީ، ދަގަނޑޭ ވާނީ ކެޕްޓަން ބޭންްޑް އަޅައިގެން ނެތް ކަމުގައި ވިޔަސް އަބަދުވެސް ޓީމުގެ ކެޕްޓަނަށް ކަމަށެވެ.
"ދަގަނޑޭ ވާނީ އަަބަދުވެސް ކެޕްޓަނަކަށް. އިމްރާން ގޮތަށް. އެ ކުޅުންތެރިންނަކީ އަބަދުވެސް ގައުމީ ޓީމުގެ ކެޕްޓަަނުންނަށް ވާނެ. އަހަރެމެން ފަރަގު ކަނޑައަޅަންވީ ކެޕްޓަނުންނާއި ލީޑަރުންގެ. އަހަރެމެންގެ އެބަހުރި ވަރަށް ގާބިލު ކެޕްޓަނެއް ސަމޫހު. ސަމޫހަކީ އަހަރެމެން ވާހަކަ ދައްކަން ޖެހޭ ޖެނެރޭޝަނެއް ތަމްސީލް ކުރަމުން އަންނަ ކެޕްޓަނެއް،" އުރްބާނީ ބުންޏެވެ.
މިއީ، އުރްބާނީ، ރާއްޖޭގެ ކޯޗުކަމާ ހަވާލުވި ތިން ވަނަ ފަަހަރެވެ. އަދި، ރާއްޖެ އަށް ކޯޗުކޮށްދޭން އޭނާ މި އައީ، 12 އަހަރު ފަހުންނެވެ. އެ ގޮތުން، އުރްބާނީ އެންމެ ފުރަތަމަ ފަހަރު ރާއްޖޭގެ ކޯޗަކަށް ގެނައީ، 2009 ވަނަ އަހަރު އެވެ. އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖެ ވަނީ ކުޅެފަ އެވެ. ރާއްޖެ ޕާސިން ފުޓްބޯޅަ ކުޅޭ ޓީމަކަށް ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލި ކޯޗު އުރްބާނީ ވަނީ، 2010 ވަނަ އަހަރު ކޮންޓްރެކްޓް ހަމަވުމާ ހަމައަށް ރާއްޖެ އަށް ކޯޗުކޮށްދީފަ އެވެ.
ރާއްޖޭގެ އުމުރުފުރާ ގައުމީ ޓީމަކުން ހޯދި ފުރަތަމަ ތަށި، ސްރީ ލަންކާގައި 2012 ވަނަ އަހަރު ބޭއްވި މަހިންދުރަ ރާޖަ ޕަކްސަ ކަޕް (23 އަހަރުން ދަށުގެ މުބާރާތް) ރާއްޖޭން ކާމިޔާބުކުރީ އުރްބާނީގެ ކޯޗުކަމުގަ އެވެ. އެއީ، 2011 އިން 2013 އަށް ގައުމީ ކޯޗަކަށް އުރްބާނީ ދެ ވަނަ ފަހަރު ރާއްޖޭގައި މަސައްކަތް ކުރި އެވެ.
މީގެ ކުރިން ދަގަނޑޭއާ އެކު ގިނަ ކާމިޔާބު މަސައްކަތްތަކެއް ކުރި އުރްބާނީ ބުނީ، ދަގަނޑޭ އަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް ކަމަށެވެ. އަދި، ރާއްޖެ އެނބުރި އައިސް އޭނާ އަަބަދުވެސް އައި ދަގަނޑޭއާ ވާހަކަ ދައްކަމުން ކަމަށާއި އޭނާ އަށް މިހާރު އޮތް ހާލަތު ރަނގަަޅަށް އެނގޭނެ ކަމަށެވެ.
"ދަގަނޑޭ އަށް އެނގޭނެ އޭނަގެ ހާލަތު. އަހަރެން ބުނިން ގައުމީ ޓީމުގެ ފުރުސަތު އޭނަ އަށް ވެސް އިމްރާނަށް ވެސް ހުޅުވިފައޭ އޮތީ. އެކަަަމަކު، މިއީ ވެޓަރަންސް އިން. ދަގަނޑޭ އަކީ ވެސް ވެޓަރަންސް އެއް، އޭނާ އެ މަސައްކަތް ކުރަނީ ކަމެއް ހާސިލްކުރަން. ބުރަކޮށް އޭނަ ވެސް މަސައްކަތްކުރަންޏާ އަހަރެން ވެސް އެހީވާނަން،" އުރްބާނީ ބުންޏެވެ.
ދަގަނޑޭ ކަހަލަ ލެޖެންޑެއް ޓީމުގައި ހުރެގެން ކުޅުންތެރިންނަށް އޭގެ ފައިދާކުރާނެ ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި ކަމެއް ހާސިލްކުރަން ބަލާއިރު، ދަގަނޑޭ ފަދަ ކުޅުންތެރިންގެ އެހީތެރިކަން ބޮޑު ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
އުރްބާނީ ވަނީ ދަގަނޑޭގެ އިތުރުން ވެސް އޭނާއާ އެކު ކުރިން މަސައްކަތް ކޮށްފައިވާ ބައެއް ކުޅުންތެރިންނަށް ގައުމީ ސްކޮޑުން އަލުން ފުރުސަތު ދީފަ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، މިހާރު އޮތް ހާލަތާއި ޓިމޯ ލެސްޓޭ މެޗަށް ތައްޔާރުވާން ލިބިފައި އޮތް ވަގުތަށް ބަލާއިރު، އޭނާގެ ވިސްނުމާއި ކުޅުމުގެ ވައްޓަފާޅި ދަންނަ ރަނގަޅު ލެވަލެއްގައި ތިބި ކުޅުންތެރިންނާ އެކު މި ވަގުތަށް މަސައްކަތްކުރަން، އަދި އެހެން ކުޅުންތެރިންނަށް ބުނެދޭން ފަސޭހަވާނެތީ ކަމަށެވެ.
ޓިމޯ ލެސްޓޭ އިން ވަނީ މިދިޔަ އަހަރު ޖޫން މަހު އެ ގައުމުގައި ކުޅުނު މެޗުން، ރާއްޖެ އަތުން 1-0 އިން މޮޅުވެފަ އެވެ. ކޮލިފައިން ފަހު މެޗުތަކާ ކުރިމަތިލާއިރު، ގްރޫޕް އޭގެ އެއް ވަނައިގައި ތަޖިކިސްތާނުން އޮތީ ދެ ވަނައިގައި އޮތް ފިލިޕީންސާ އެއްވަރަށް ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ލަނޑުގެ ތަފާތަށް ބަލާއިރު، ތަޖިކިސްތާން އޮތީ އެއް ގޯލު ކުރީގަ އެެވެ. ތިން ވަނައިގައި އޮތް ޓިމޯ ލެސްޓޭ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ރާއްޖޭން ކުޅުނު ހުރިހާ މެޗަކުން ބަލިވުމުން އަދި ޕޮއިންޓެއް ނުލިބެ އެވެ.
މިދިޔަ އަހަރު ޓިމޯ ލެސްޓޭ އިން ރާއްޖެ ބަލިކުރިއިރު، އޮތީ ފީފާ ރޭންކިންގެ 197 ވަނައިގަ އެވެ. އޭރު ރާއްޖެ އޮތީ 164 ވަނައިގަ އެވެ. އެއީ، އެ މެޗާ ހަމައަށް އެންމެ ފަހުން އިންޓަނޭޝަނަލް ފުޓްބޯޅައިގައި ޓިމޯ ލެސްޓޭ ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. މިހާރު މި ދެ ޓީމުގެ ރޭންކިން އަށް ބަލާއިރު، ރާއްޖެ އޮތީ 173 ވަނައިގަ އެވެ. އަދި، ޓިމޯ ލެސްޓޭ އޮތީ 199 ވަނައިގަ އެވެ.
ރާއްޖެ އާއި ޓިމޯ ލެސްޓޭ ކުޅޭ މެޗު ފަށާނީ ގަލޮޅު ދަނޑުގައި މާދަމާ 15:30 ގަ އެެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment