އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އައިހަމް ވާހަަކަ ދައްކަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ / އަދަދު ސްޕޯޓްސް
މިދިޔަ ނޮވެމްބަރު މަހު، އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ފިިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) ވަނީ ޑިސިޕްލިނަރީ މައްސަލައެއްގައި ބާކީކޮށްފަ އެވެ.
އެއީ، ނޮވެމްބަރު، 18 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް އޭޝިއަަން ކަޕްގެ ކޮލިފައިންގައި ގައުމީ ޓީމުން ކުޅޭ މެޗަށް ގައުމީ ފުޓްބޯޅަ ޓީމުން ޕްރެކްޓިސްތައް ފެށިއިރު، އެ ސެޝަނުގައި އައިހަމް ބައިވެރިނުވެ، ތިލައުތުރު ފުޓްސަލް މުބާރާތުގައި ކުޅެފަ އެވެ. އައިހަމް ވަނީ އެ ފަހުން، ކުރެވުނު ކުށަށް މާފަށް އެދިފަ އެވެ.
އޭގެ ފަހުން ފުރަަތަމަ ފަހަރަށް ގައުމީ ޓީމުގައި އައިހަމް މި ވަނީ ހިމެނިފަ އެވެ. އެއީ، މިއަދު ހަވީރު، އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށެވެ. އެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓީމުގެ ފަރާތުން ބައިވެރިވީ އައިހަމް އެވެ. އޭނާއާ އަމާޒުވި އެއް ސުވާލަކީ ފިލިޕީންސް މެޗުގެ ކުރިން އެ ދިމާވި ކަންތައްތަކުގެ ވާހަކަ އެވެ.
"އެ ހިނގާ ދިޔަ ކަަމަކާ މެދު އެހާ ބޮޑަކަށް ނުވިސްނަން ދެން އެއީ ޕާސްޓް ކަންނޭނގެ، ދެން މި ބަލަނީ އާ ފެށުމެއް ކަމަށް، އާ ފެށުމަކާ އެކު ފަށައިގެން، ގައުމީ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއަކަށް ވެގެން ކުރިއަށްދާން ހަމަ. އެ ދެން އިރާދަކުރެއްވިއްޔާ، އެ ކަހަލަ ކަމެއްނުވާނެ،" އިތުބާރާ އެކު، ރާއްޖޭގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރު، އައިހަމް ބުންޏެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، އިސްތަވާން އުރުބާނީއާ އެކު، މަސައްކަތް ކުރެވުނު މަދު ދުވަސްކޮޅު ތެރޭގައި ވެސް ގިނަ ކުޅުންތެރިންނަށް އޭނާގެ ކުޅުމުގެ ފިލޯސަފީ ވަނީ ކަމުގޮސްފަ އެވެ. އައިހަމް ބުނީ، މި މަދު ދުވަސްކޮޅު ތެރޭގައި ވެސް އެނގިގެންދިޔައީ، އުރްބާނީގެ ސްޓައިލް ހުރީ، ގައުމީ ޓީމުގެ ކުޅުންތެރިން "ވަރަށް ކުޅޭހިތްވާ ސްޓައިލަކަށް" ކަމުގަ އެވެ.
"ހީވަނީ ދިވެހި ޕްލޭޔަރުންނަށް ވަރަށް ފައިދާކުރާނެހެން، ހަމަ، އެންމެންނަށް ވެސް އެނގޭނެ ދިވެހި ޕްލޭޔަރުންނަކީ މާ ބޮޑު ބޯޅަތަކެއް ޖަހައިގެން ކުޅެވޭނެ ބަައެއް ނޫން ކަންނޭނގެ ސައިޒަށް ބެލިޔަސް ދެން، އެހެންވެގެން ތިރިން ބޯޅަ ކުޅޭ ކަހަލަ ސްޓައިލަކަށް ކުޅޭތީ ވަރަށް ފަސޭހަ މި ކޯޗާ އެކީގައި މަސައްކަަތްކުރަން، އަދި އެހާ ގިނަ ދުވަސްތަކެއް ކޯޗާ އެކީގައި މަސައްކަތް ނުކުރާތީވެ، އެންމެ ރަނގަޅަކަށް ނޫން ތައްޔާރުވެވިފައި މި އޮތީ. އެކަމަކު، ރަނގަޅަށް މި ދިޔައީ،" އައިހަމް ބުންޏެވެ.
މިއީ، އުރްބާނީ، ރާއްޖޭގެ ކޯޗުކަމާ ހަވާލުވި ތިން ވަނަ ފަަހަރެވެ. އަދި، ރާއްޖެ އަށް ކޯޗުކޮށްދޭން އޭނާ މި އައީ، 12 އަހަރު ފަހުންނެވެ. އެ ގޮތުން، އުރްބާނީ އެންމެ ފުރަތަމަ ފަހަރު ރާއްޖޭގެ ކޯޗަކަށް ގެނައީ، 2009 ވަނަ އަހަރު އެވެ. އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖެ ވަނީ ކުޅެފަ އެވެ. ރާއްޖެ ޕާސިން ފުޓްބޯޅަ ކުޅޭ ޓީމަކަށް ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލި ކޯޗު އުރްބާނީ ވަނީ، 2010 ވަނަ އަހަރު ކޮންޓްރެކްޓް ހަމަވުމާ ހަމައަށް ރާއްޖެ އަށް ކޯޗުކޮށްދީފަ އެވެ. ރާއްޖޭގެ އުމުރުފުރާ ގައުމީ ޓީމަކުން ހޯދި ފުރަތަމަ ތަށި، ސްރީ ލަންކާގައި 2012 ވަނަ އަހަރު ބޭއްވި މަހިންދުރަ ރާޖަ ޕަކްސަ ކަޕް (23 އަހަރުން ދަށުގެ މުބާރާތް) ރާއްޖޭން ކާމިޔާބުކުރީ އުރްބާނީގެ ކޯޗުކަމުގަ އެވެ. އެއީ، 2011 އިން 2013 އަށް ގައުމީ ކޯޗަކަށް އުރްބާނީ ދެ ވަނަ ފަހަރު ރާއްޖޭގައި މަސައްކަތް ކުރި އެވެ.
މި ފަަހަރު އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ވެސް ހަވާލުވެފައިވާ އުރްބާނީގެ ކޯޗުކަމުގައި މި ފަހަރު ސީނިއާ ފުޓްބޯޅަ ޓީމުން ފުރަތަމަ މެޗަށް ނުކުންނައިރު، މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފްގެ 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ޓީމުގެ ކޯޗުކަން ކުރީވެސް އުރްބާނީ އެވެ.
ޓިމޯ ލެސްޓޭ އިން ވަނީ މިދިޔަ އަހަރު ޖޫން މަހު އެ ގައުމުގައި ކުޅުނު މެޗުން، ރާއްޖެ އަތުން 1-0 އިން މޮޅުވެފަ އެވެ. ކޮލިފައިން ފަހު މެޗުތަކާ ކުރިމަތިލާއިރު، ގްރޫޕް އޭގެ އެއް ވަނައިގައި ތަޖިކިސްތާނުން އޮތީ ދެ ވަނައިގައި އޮތް ފިލިޕީންސާ އެއްވަރަށް ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ލަނޑުގެ ތަފާތަށް ބަލާއިރު، ތަޖިކިސްތާން އޮތީ އެއް ގޯލު ކުރީގަ އެެވެ. ތިން ވަނައިގައި އޮތް ޓިމޯ ލެސްޓޭ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ރާއްޖޭން ކުޅުނު ހުރިހާ މެޗަކުން ބަލިވުމުން އަދި ޕޮއިންޓެއް ނުލިބެ އެވެ.
މިދިޔަ އަހަރު ޓިމޯ ލެސްޓޭ އިން ރާއްޖެ ބަލިކުރިއިރު، އޮތީ ފީފާ ރޭންކިންގެ 197 ވަނައިގަ އެވެ. އޭރު ރާއްޖެ އޮތީ 164 ވަނައިގަ އެވެ. އެއީ، އެ މެޗާ ހަމައަށް އެންމެ ފަހުން އިންޓަނޭޝަނަލް ފުޓްބޯޅައިގައި ޓިމޯ ލެސްޓޭ ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. މިހާރު މި ދެ ޓީމުގެ ރޭންކިން އަށް ބަލާއިރު، ރާއްޖެ އޮތީ 173 ވަނައިގަ އެވެ. އަދި، ޓިމޯ ލެސްޓޭ އޮތީ 199 ވަނައިގަ އެވެ.
ރާއްޖެ އާއި ޓިމޯ ލެސްޓޭ ކުޅޭ މެޗު ފަށާނީ ގަލޮޅު ދަނޑުގައި މިއަދު 15:30 ގަ އެެވެ.
Comment