about 2 hours 0
about 2 hours 0
އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުމެ، ޓިމޯ ލެސްޓޭ އަށް އޮތީ ރާއްޖެ ހުއްޓުވަން ކުރަން ޖެހޭ ހުރިހާ ކަމަކަށް ސަމާލުވެގެން މަސައްކަތް ކުރުން ކަމަށް އެ ޓީމުގެ ކޯޗު ޒީ ޕެޑްރޯ ބުނެފި އެވެ.
ޓިމޯ ލެސްޓޭ އިން ވަނީ މިދިޔަ އަހަރު ޖޫން މަހު އެ ގައުމުގައި ކުޅުނު މެޗުން، ރާއްޖެ އަތުން 1-0 އިން މޮޅުވެފަ އެވެ. އެކަމަކު، އެ މެޗުގައި ޓިމޯ ލެސްޓޭގެ ކޯޗަކަށް ހުރި ޗިލީގެ ސިމޯން އެލިސީޗް އެ މަގާމުން ވަކިކޮށް، މިދިޔަ އޮގަސްޓް މަހު، އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ، ޕޯޗުގީސް ފުޓްބޯޅައިގެ ތަޖުރިބާކާރު ޒީ ޕެޑްރޯ އެވެ. ޒީ ޕެޑްރޯ ހަވާލުވި ފަހުން، ޓިމޯ ލެސްޓޭ ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ، ފިލިޕީންސް އަތުން ދެ މެޗުންނާއި ތަޖިކިސްތާން އަތުންނެވެ.
ކޮލިފައިން ފަހު މެޗުތަކާ ކުރިމަތިލާއިރު، ގްރޫޕް އޭގެ އެއް ވަނައިގައި ތަޖިކިސްތާނުން އޮތީ ދެ ވަނައިގައި އޮތް ފިލިޕީންސާ އެއްވަރަށް ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ލަނޑުގެ ތަފާތަށް ބަލާއިރު، ތަޖިކިސްތާން އޮތީ އެއް ގޯލު ކުރީގަ އެެވެ. ތިން ވަނައިގައި އޮތް ޓިމޯ ލެސްޓޭ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ރާއްޖޭން ކުޅުނު ހުރިހާ މެޗަކުން ބަލިވުމުން އަދި ޕޮއިންޓެއް ނުލިބެ އެވެ.
މާދަމާގެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒީ ޕެޑްރޯ ބުނީ، ރަށުންބޭރުގައި އެ ގައުމުން މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހެނީ އުނދަގޫވާނެ މެޗެއް ކަމަށެވެ.
"އަހަރެމެން (ޓިމޯ ލެސްޓޭ) ކުރިން މޮޅުވެފައި އޮތް ކަމުގައި ވިޔަސް ގަބޫލުކުރަން ޖެހޭ ކަމަކީ، އަމިއްލަ ގައުމުގައި ރާއްޖެ ވަރުގަދަވާނެ، މޮޅުވާން ނޫނީ ތިން ވަނަ އަށް އެރޭނެ ނަތީޖާއެއް ނެރެން ހުރިހާ ކަމެއް ކުރަން ރާއްޖޭން ތައްޔާރުވާނެ، އަހަރެމެންނަށް އޮތީ އެކަން ހުއްޓުވަން ކުރެވޭނެ މަސައްކަތެއް ކުރުން،" ޒީ ޕެޑްރޯ ބުންޏެވެ.
މިދިޔަ އަހަރު ޓިމޯ ލެސްޓޭ އިން ރާއްޖެ ބަލިކުރިއިރު، އޮތީ ފީފާ ރޭންކިންގެ 197 ވަނައިގަ އެވެ. އޭރު ރާއްޖެ އޮތީ 164 ވަނައިގަ އެވެ. އެއީ، އެ މެޗާ ހަމައަށް އެންމެ ފަހުން އިންޓަނޭޝަނަލް ފުޓްބޯޅައިގައި ޓިމޯ ލެސްޓޭ ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. މިހާރު މި ދެ ޓީމުގެ ރޭންކިން އަށް ބަލާއިރު، ރާއްޖެ އޮތީ 173 ވަނައިގަ އެވެ. އަދި، ޓިމޯ ލެސްޓޭ އޮތީ 199 ވަނައިގަ އެވެ.
ޓިމޯ ލެސްޓޭގެ ފުޓްބޯޅަ ފެޑެރޭޝަން މިހާރު ހިންގުމާ ހަވާލުވެ އޮތް ލީޑަޝިޕުން އެ ގައުމުގެ ފުޓްބޯޅަ ރަނގަޅު މިސްރާބަށް ގެންދާނެ ކަމުގެ ޔަގީންކަން އޮތްކަން ފާހަގަކުރަމުން ޒީ ޕެޑްރޯ ބުނީ، ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް 23 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންތަކެއް ނަަގާފައިވާނެ ކަމަށެވެ. އަދި، ޓީމު އެކުލަވާލުމުގައި، އޭނާ ބޭނުންވާ ސިސްޓަމަށް ކުޅޭނެ ކުޅުންތެރިން ސްކޮޑުގައި ހިމަނަން އިސްކަންދިންކަން ޒީ ޕެޑްރޯ ވަނީ ފާހަގަކޮށްފަ އެވެ.
ގްރޫޕް އޭގެ ތިން ވަނަ ހޯދަން ޓިމޯ ލެސްޓޭ އަށް މާދަމާގެ މެޗު އެއްވަރުކޮށްލައިގެން ވެސް ފަރުޖައްސާލެވެން އެބައޮތެވެ. މާދަމާ އަށް ޓިމޯ ލެސްޓޭ އިން ޕްލޭން ހަދާނީ ޕޮއިންޓަކުން ފަރުޖައްސާލާ ވިސްނުމުގައިތޯ ސުވާލުކުރުމުން ޒީ ޕެޑްރޯ ބުނެފައިވަނީ، އަމާޒަކީ މެޗުން މޮޅުވުން ކަމަށާއި އެކަމަކު މެޗު ކުރިއަށްދާ ގޮތަކަށް ބަލާފައި ޕޮއިންޓަކުން ވެސް ނިންމާލުމަކީ ރަނގަޅު ގޮތްކަމަށް ފެންނަނަމަ އެ ގޮތަށް އެ ޓީމުގެ މަސައްކަތް ބަަދަލުކުރަން ފަސްނުޖެހޭނެ ކަމަށް ޒީ ޕެޑްރޯ ވަނީ ބުނެފަ އެވެ.
ގަލޮޅު ދަނޑުގައި މާދަމާ ހަވީރު ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗު ފަށާނީ 15:30 ގަ އެވެ.
Comment