about 1 hour 0
އަމަން ހަލީމް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތައް: ކުރީ ސަރުކާރާއި މި ސަރުކާރުން ވެސް ވަނީ މި ތަނުގެ ކުލި ކުޑަކޮށްފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
about 1 hour 0
ހިޔާ ފްލެޓުތަކުގެ ފިނިޝިން ޑިސްކައުންޓު ދޭން ވެގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބަދަލު ގެނައިއިރު، އަންނަ މަހުން ފެށިގެން ހިޔާ ފްލެޓެއްގެ ކުލި އަލުން 5،300ރ. އަށް ބޮޑުކުރާނެ ކަން ފްލެޓު ވެރިންނަށް އަންގައިފި އެވެ.
އެޗްޑީސީން ހިޔާ ފްލެޓުތަކުގެ ވެރިންނަށް ފޮނުވި ސިޓީއެއްގައި ވަނީ އަންނަ މަހުން ފެށިގެން ފްލެޓުތަކުގެ ޖުމްލަ އަގު ދައްކާ ހަލާސްކުރެވެންދެން ފްލެޓުތަކުގެ ކުއްޔަކީ 5,300ރ. ކަމަށެވެ. މިއީ މި ސަރުކާރުން ހިޔާ ފްލެޓެއްގެ ކުލި 3،984ރ. އަށް ކުޑަކުރުމުގެ ކުރިން ނަގަމުން އައި ކުއްޔެވެ.
ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ބާކި ހުރި އަދަދު ކޮންމެ މަހަކު އުނިކުރަމުން ދާނީ ވެސް މި ރޭޓުގައި އެވެ.
ހިޔާ ފުލެޓުތަކުގެ އެއްބަސްވުން ހެދީ މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކާ ގޮތަށެވެ. ނަމަވެސް، ގިނަ ޝަކުވާތަކަކާއެކު އެމްޑީޕީ ސަރުކާރުން ވަނީ މެއި 2023 ގައި، މަހު ކުލި 5،300ރ. އަށް ކުޑަކޮށްފަ އެވެ.
އޭގެ ފަހުން، ހިޔާ ފުލެޓުތައް ނިންމަން ދިޔަ ހަރަދު އަނބުރާ ދިނުމަށް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދުމަށް ހިޔާގެ ކޮންމެ ފުލެޓެއްގެ ޖުމްލަ ކުލިން 200،000ރ. އުނިކުރި އެވެ. އެއާއެކު އެ ފުލެޓުތަކުގެ ކުލި ވަނީ 3،984ރ. އަށް ކުޑަވި އެވެ.
ދެ އަހަރުގެ ކުލި މާފުކޮށްދޭން އެޗްޑީސީން ގެނައި ބަދަލުގެ ލުއި ލިބެނީ ގަވާއިދުން ކުލި ދައްކަމުން އައިސް، އެޗްޑީސީއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތް މީހުންނަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެ އަހަރު އެ ކުންފުންޏަށް ކުލި އާމްދަނީ ނުލިބޭ ގޮތަށް މި ދޫކޮށްލަނީ ވެސް ގަވާއިދުން ކުލި ދައްކާ މީހުންނެވެ.
މީގެ ސަބަބުން އެޗްޑީސީގެ ކޭޝްފްލޯއަށް ބޮޑު ތާށިކަމެއް އަންނާނެ އެވެ. އެޗްޑީސީއަށް ފްލެޓުތަކުގެ ލިބޭ ކުލި އާމްދަނީގެ ބޮޑު ބަޔަކީ ހިޔާ ފްލެޓުތަކުން ލިބޭ ކުއްޔެވެ.
އެޗްޑީސީން މިދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރި އެ ކުންފުނީގެ ދަރަންޏާއި ލިބެންޖެހޭ ފައިސާގެ ހިސާބުތަކުގައި އެ ކުންފުނިން ވަނީ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓުތައް ހިމެނޭހެންކުލިން އުނިކޮށްފައިވާ ފައިސާގެ ބަދަލުގެ ގޮތުގައި ދައުލަތުން އެޗްޑީސީއަށް 3.9 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.
އެޗްޑީސީގެ ބައެއް ވެރިން ވަނީ ކުންފުންޏަށް ގެއްލުން ވާނެތީ މި ބަދަލު ގެންނަން ދެކޮޅު ވެސް ހަދާފަ އެވެ. އެކަމަކު ފަހު ވަގުތު ސަރުކާރަށް ދީލާލައި އެ ބަދަލު ގެންނަން ބޯޑުން ވަނީ ނިންމާފަ އެވެ.
މިކަމާ ގުޅޭ ގޮތުން އަދަދު އަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނީ މިއީ ސީދާ ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެން ގެނައި ބަދަލެއް ކަމަށެވެ. މިހާތަނަށް މިކަމާ ގުޅިގެން އެޗްޑީސީ އާއި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
Comment