Advertisement

ސިޔާސީ ވަޒީފާތަކާއެކު އެޗްޑީސީގެ މަހު މުސާރައިގެ ހަރަދު 27 މިލިއަނުން 45 މިލިއަނަށް އަރައިފި

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު -- ފޮޓޯ: ރައީސް އޮފީސް


ސިޔާސީ ވަޒީފާތަކާއެކު އެޗްޑީސީގެ މަހު މުސާރައިގެ ހަރަދު 27 މިލިއަނުން 45 މިލިއަނަށް އަރައިފި

ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ސިޔާސީ މަގުސަދަށްޓަކައި ބޮޑެތި މުސާރަތަކުގައި ވައްދާ މުވައްޒަފުންގެ އަދަދު ގިނަވުމުގެ ސަބަބުން މުސާރައަށް ކުރާ ހަރަދު ގާތްގަނޑަކަށް 100 ޕަސެންޓު އިތުރުވެފައިވާ ކަމަށް އެ ކުންފުނީގެ ބައެއް އޮފިޝަލުން ބުނެފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެޗްޑީސީގެ ބައެއް މުވައްޒަފުން ބުނީ އެމްޑީޕީ ސަރުކާރު ނިމުނުއިރު އެ ކުންފުނީގެ މުސާރަ އާއި އިނާޔަތަށް މަހަކު ކުރާ ހޭދަ 27 މިލިއަން ރުފިޔާގައި ހުއްޓަސް، މިހާރު އެ އަދަދު 45 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

"މި ބަދަލުގެ މައިގަނޑު ސަބަބަކީ އިސް މަގާމުތަކަށް ގިނަ އަދަދެއްގެ މީހުން އައްޔަންކުރުން. އޭގެ ގިނަ މީހުން މި ވައްދަނީ ސިޔާސީ ގޮތުން، އަދި ބޮޑެތި މުސާރަތަކުގައި،" މި ނޫހާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.

މަސްދަރުތަކުން ތަފުސީލާއެކު ކިޔައިދިން ގޮތުގައި އެމްޑީޕީގެ ސަރުކާރު ނިމުނުއިރު އެ ކުންފުނީގައި ތިބީ 12 ޑިރެކްޓަރުން ކަމަށާއި ނަމަވެސް އެ އަދަދު މިހާރު 35 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. ކުރިން އެންމެ ހަތަރު މީހުން ތިބި ޑެޕިއުޓީ ޑިރެކްޓަރުންގެ މަގާމަށް މިހާރު 40 އަށްވުރެ ގިނަ މީހުން އައްޔަންކޮށްފައިވެ އެވެ.

އެޗްޑީސީގެ ޑިރެކްޓަރުންގެ މުސާރަ 54،000ރ. މަތީގައި އުޅޭއިރު ޑެޕިއުޓީ ޑިރެކްޓަރުންގެ މުސާރަ 45،000 ރ. އަށް އަރައެވެ. މީގެ އިތުރުން 34،000ރ. އުޖޫރަ ލިބޭ ގޮތަށް އެސިސްޓެންޓް ޑިރެކްޓަރުންގެ ގޮތުގައި 45 އަށްވުރެ ގިނަ މީހުން ވަނީ ނަގާފައި ކަމަށް ވެސް އަދަދު ނޫހަށް މައުލޫމާތު ދިން އޮފިޝަލުން ބުންޏެވެެ.

"މީގެ ތެރެއިން 90 ޕަސެންޓު ފަރާތްތަކަކީ އެޗްޑީސީގެ އެޗްއާރު ޕޮލިސީގެ ދަށުން މަގާމުގެ އިލްމީ އަދި އަމަލީ ތަޖުރިބާ ނެތް މީހުން،" އޭނާ ބުންޏެވެ.

"އެ މީހުން އައްޔަން ކުރަނީ އެމްޑީއަށް ލިބޭ ހާއްސަ ބާރެއްގެ ދަށުން ޕޮލިސީ އޯވަރައިޑް ކޮށްގެން."

ފެންވަރެއް ނެތި ހަމައެކަނި ސިޔާސީ ގޮތުން ގިނަ ބަޔަކު ވެރިންގެ ގޮތުގައި އައްޔަންކުރުމުގެ ސަބަބުން ޑިޕާޓްމަންޓްތަކުގައި އެތައް އަހަރެއް ވަންދެން މަސައްކަތްކުރި ގާބިލު އަދި ކިޔަވައިގެން ތިބި ފަރާތްތައް ބާކީވެ، މަސައްކަތް ކުރިމުގެ ޝައުގު ގެއްލި، ކުންފުނި ހިންގުމަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށް ވެސް މަސްދަރުތަކުން ބުންޏެވެ.

އެޗްޑީސީގެ އާދައިގެ ވަޒީފާތަކަށް މީހުން އިތުރުކުރުމުގެ ސިލްސިލާ ވެސް ފެށިފައިވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ. މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް މުނިސިޕަލް ޑިޕާޓްމަންޓަށް 25 މުވައްޒަފުން އަލަށް ނެރެފައިވެ އެވެ.

"މި މުވައްޒަފުންނަށްވެސް އިނާޔަތްތަކާއެކު އަތަށް ލިބޭ މުސާރަ އުޅެނީ 15،000ރ. އިން މަތީގައި،" އޮފިޝަލަކު ބުންޏެވެ.

މީގެ އިތުރުން 500 އަށް ވުރެ ގިނަ މުވައްޒަފުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނަށް ވީއްލާފައިވާ ކަމަށް ވެސް ވާހަކަ ދެއްކި މީހުން ކަށަވަރުކޮށް ދިނެވެ.