about 1 hour 0
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު
about 1 hour 0
ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުންދާތީ، މެލޭޝިޔާގެ ސިވިލް ސާވިސްގައި "ވޯކް ފްރޮމް ހޯމް" ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރުމުގެ އުސޫލު ތައާރަފްކުރުމާ އެކު، އަމިއްލަ ކުންފުނިތަކުންވެސް އެގޮތަށް އަމަލުކުރުމަށް ބޮޑުވަޒީރު އަންވަރު އިބްރާހީމް އިލްތިމާސްކުރައްވައިފި އެވެ.
ބުރާސްފަތި ދުވަހު ދެއްވި ހާއްސަ ބަޔާނެއްގައި އަންވަރު ވިދާޅުވީ، އިރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށެވެ. ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ 20 އިންސައްތަ ދަތުރުކުރާ މި މަގު ބަންދުވުމުން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
އެހެންކަމުން، މެލޭޝިއާ ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް މަރުހަލާތަކަކަށް ބަހާލައިގެން ހަމަޖައްސަމުންދާ ކަމަށާއި، ބޭންކުތަކާއި ބޮޑެތި ކުންފުނިތަކުންވެސް މިގޮތަށް އަމަލުކުރުމަށް ބޮޑުވަޒީރު ބާރުއެޅުއްވިއެވެ.
މި އިގުތިސާދީ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގޮތުން، ތެލުގެ ސަބްސިޑީއަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ މީހަކަށް މަހަކު ލިބޭ 300 ލިޓަރުގެ ކޯޓާ، އަންނަ މަހުން ފެށިގެން 200 ލިޓަރަށް މަދުކުރެވޭނެއެވެ. ނަމަވެސް، އާންމުކޮށް ގިނަ މީހުން ބޭނުންކުރަނީ 100 ލިޓަރު ކަމަށްވާތީ، 90 ޕަސެންޓު ރައްޔިތުންނަށް މި ބަދަލުގެ ސަބަބުން ދަތިތަކެއް ނުވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން އިރުމަތީ މެލޭޝިއަގައި ވަގަށް ޑީސަލް ބޭރުކުރުން ހުއްޓުވުމަށްޓަކައި، އެއްފަހަރާ އެޅޭނެ ލިޓަރުގެ އަދަދު 50 އާއި 150 ލިޓަރާ ދެމެދުގެ މިންވަރަކަށް ވަނީ ލިމިޓްކޮށްފައެވެ.
Comment