މޯލްޑިވްސް އިސްލާމިކް ބޭންކުގެ މައި އޮފީސް ހުންނަ އިމާރާތް
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އަށް މިދިޔަ އަހަރު ލިބުނު ބޮޑު ކާމިޔާބީއާއެކު، ހިއްސާދާރުންނަށް ބަހާ ފައިދާގެ ގޮތުގައި 129 މިލިއަން ރުފިޔާ ކަނޑައަޅައި، އެ އަދަދު ފާސްކުރުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެ ބޭންކުގެ ބޯޑުން މިއަދު ނިންމައިފި އެވެ.
މިއަދު ބޭއްވި ބޯޑު ބައްދަލުވުމުގައި 2025 ވަނަ އަހަރުގެ އޮޑިޓެޑް ފައިނޭންޝަލް ރިޕޯޓްތައް ފާސްކޮށްފައިވާއިރު، ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި 129 މިލިއަން ރުފިޔާއަކީ 2024 ވަނަ އަހަރާ އަޅާބަލާއިރު 26 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެއީ 25.81 ޕަސެންޓުގެ އިތުރުވުމެކެވެ.
މި ހުށަހެޅުން ފާސްވެއްޖެނަމަ، ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި 5.41 ރުފިޔާ ލިބޭނެއެވެ. މިއީ މިދިޔަ އަހަރު ހިއްސާއަކަށް ބެހި 4.58 ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
އެމްއައިބީން ބުނި ގޮތުގައި މިދިޔަ އަހަރަކީ އެ ބޭންކަށް މާލީ ގޮތުން ވަރަށް ކާމިޔާބު އަހަރެކެވެ. އަދި މި އަހަރަކީ ރާއްޖޭގައި އިސްލާމިކް ބޭންކިން ތައާރަފްކުރިތާ 15 އަހަރު ފުރޭ އަހަރުކަންވެސް ބޭންކުން ވަނީ ފާހަގަކޮށްފައެވެ. ޑިވިޑެންޑް ޕޭއައުޓް ރޭޝިއޯއަށް ބަލާއިރުވެސް މިއީ 35 ޕަސެންޓުގެ ކުރިއެރުމެކެވެ.
ފައިދާ ބެހުމާ ގުޅޭގޮތުން ބޯޑުން ނިންމާފައިވާ މި ހުށަހެޅުން ފައިނަލްކޮށް ފާސްކުރާނީ އަންނަ މޭ މަހު ބާއްވާ އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާ ގައެވެ.
މީގެ އިތުރުން، ރާއްޖޭގެ އިންކަމް ޓެކްސް ގާނޫނުގެ ދަށުން ނޮން-ރެޒިޑެންޓް ހިއްސާދާރުންނަށް 10 ޕަސެންޓުގެ ވިތްހޯލްޑިންގ ޓެކްސެއް ނެގިދާނެކަމަށް ބޭންކުން ވަނީ ބުނެފައެވެ. ނަމަވެސް، މިއީ ރެޒިޑެންސީ ސްޓޭޓަސް ޑިކްލެއާ ނުކުރާ ހިއްސާދާރުންނަށް އެކަނި ނެގޭ ޓެކްސަކަށްވާތީ، ވީހާވެސް އަވަހަކަށް އެ މައުލޫމާތު ހުށަހެޅުމަށް ބޭންކުން ވަނީ ހިއްސާދާރުންގެ ކިބައިން އެދިފައެވެ.
Comment