ހުސްވެެފައިވާ ޕޮލިސް ކޮމިޝަނަރު (ސީޕީ) މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު އެ މަގާމަށް އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު (ޓޫފޯ) އަދި އަބްދުﷲ ޝަރީފް ކުރިމަތިލައްވައިފި އެވެ.
ސީޕީގެ މަގާމަށް ތިން ބޭފުޅުން ކުރިމަތިލައްވަފައި މިވަނީ އެ މަގާމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާލުމުންނެވެ. ސީޕީގެ މަގާމަށް ކުރިމަތިލާން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލުމުން އެއްވެސް މީހަކު ކުރިމަތިލައްވާފައެއް ނުވެ އެވެ.
މިވަގުތު ސީޕީގެ މަސްއޫލިއްޔަތު އަދާކުރައްވަނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ. ފުލުުހުންގެ ގާނޫނޫ އޮންނަ ގޮތުން، ޕޮލިސް ކޮމިޝަނަރު ރިޓަޔާ ކުރައްވައިފި ނަމަ، ނުވަތަ ވަކިކޮށްފި ނަމަ، އެ މަގާމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.
ޕޮލިސް ކޮމިޝަނަރަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަރުހާދު އާއި ޓޫފޯގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އޭގެއިތުރުން ޓޫފޯގެ މައްޗަށް މީގެ ކުރިން އެކި މައްސަލަތަކުގައި ފިޔަވަޅު އަޅާފައިވާކަން ވެސް ފާހަގަކުރެވެ އެވެ.
ސީޕީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހުގެ ތެރޭގައި ރިޓަޔާކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރައްވަން ނިންމެވީ ސީދާ ކީއްވެގެންކަން ހާމައެއް ނުކުރެ އެވެ.
ދެން އައްޔަނުކުރާ ޕޮލިސް ކޮމިޝަނަރު ވެގެންދާނީ މި ސަރުކާރުން އައްޔަނުކުރީ ތިންވަނަ ކޮމިޝަނަރަށެވެ ނަވީންގެ ކުރިން އެ މަގާމުގައި ހުންނެވީ އަލީ ސުޖާއު އެވެ.
އެޕްރީލް 26، 2025، ގައި ސުޖާއު އިސްތިއުފާ ދެއްވީ އާއިލީ ބައެއް ޒިންމާތަކުގެ އިތުރުން އޭޕްރީލް 18، 2025 ގެ ފަތިހު ހެންވޭރު އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ހާދިސާގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.
Comment