ލަންކާ އާއި ނޭޕާލް ކުޅުނު މެޗުގެ ތެރެެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
މާލޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ސްރީ ލަންކާ 1-0 އިން ބަލިކޮށް ނޭޕާލުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
ގްރޫޕް އޭގެ އެއް ވަނައިގައި ކުޅުނު ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާ އެކު ނޭޕާލް އޮތްއިރު، ދެ މެޗުން ތިން ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ ސްރީ ލަންކާ އެވެ. ތިން ވަނައިގައި އޮތްް ރާއްޖެ އާއި ހަތަރެއްގައި އޮތް ބޫޓާނަށް އެއް މެޗުން އަދި ޕޮއިންޓެއް ލިބިފައިނުވެ އެވެ. ބޫޓާނާއި ރާއްޖެ މިރޭ 20:30 ގައި ކުޅޭ މެޗު އެއްވަރުވެއްޖެނަމަ، ބާކީ މެޗެއް އޮއްވައި، ނޭޕާލް ސެމީ އަށް ދާނެ އެވެ. މި މެޗުން ރާއްޖެ ބަލިވެއްޖެނަަމަ، ކަޓާނެ އެވެ.
ސްރީ ލަންކާ އިން މި މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ރާއްޖެ އަތުން 3-2 އިން މޮޅުވި މެޗުގައި އަނިޔާވި ގޯލްކީޕަރު، ޝާތިން ޝަހީދުގެ ބަދަލުގައި، އެ މެޗުގައި ވެސް ފަހުން ގޯލު ބެލެހެއްޓި ކީޕަރު، ނަދާލް ސެނަޕްލާ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އޭނާ ވަނީ މިއަދު ނޭޕާލުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ.
މެޗު ފަށައިގެން ރަނގަޅު ކުުޅުމެއް ދައްކަމުން ދިޔަ ނޭޕާލުގެ ސުބާޝް ބަމް ފޮނުވާލި ބޯޅައެއް ހުރަސްދަނޑީގައި ޖެހިފައި ނުކުތްއިރު ރީބައުންސުން އެ ޓީމުގެ ކެޕްޓަން، ދަރުބެންދުރަ ކުންވާރު ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ވެސް ދަނޑިއަށެވެ.
ނޭޕާލަށް މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހައިދިނީ 24 ވަނަ މިނިޓްގައި މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސުބާޝް އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އޭނާ ވަނީ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ތިރީ ކަނަށް ފޮނުވާލައިފަ އެވެ. ސުބާޝް ފުރަތަަަމަ މެޗުގައި ބޫޓާން ކޮޅަށް ވެސް ގޯލު ޖަހައިފަ އެވެ.
އޭގެ އިރުކޮޅެއް ފަހުން، ނޭޕާލްގެ އޭރިއާތެރެއިން ލަންކާގެ ކެޕްޓަން، ހުސެއިން އަބްދުﷲ ފޮނުވާލި ބޯޅައެއް ގޯލާ ސީދާވާގޮތެއްނުވި އެވެ.
ދެ ވަނަ ހާފުގައި ނޭޕާލުން ކުރިއަށް ޖެހިގެން ކުޅެ، ގިނަ ފުރުސަތުތަކެއް ހޯދި އެވެ. އެ ގޮތުން، ސުބާޝް އާއި ދަރުބަންދުރަ ފޮނުވާލި ހަމަލާތައް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެެވެ. އެ ގޮތުން، ސުބާޝް ފޮނުވާލި ޝޮޓް އަރިމަތީގެ ދަނޑިއަށް އަމާޒުވިއިރު، ދަރުބެންދުރަ ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.
ރާއްޖެ އަތުން ދެ ގޯލު ފަހަތުން އަރައި މޮޅުވި ސްރީ ލަންކާ އިން މި މެޗުގައި ނޭޕާލް ކައިރީގައި ވެސް ފަހަތުން އަރައި ނަތީޖާއެއް ހޯދޭތޯ ލިބުނު ބޯޅަތަކުގައި ރަނގަޅަށް ކުޅުމަށް ފަހު، އެޓޭކްތަކެއް ކޮށްގެން ގޯލެއް ޖެހޭތޯ މަސައްކަތް ކުރި އެވެ. އެކަަމަކު، ނޭޕާލްގެ ޑިފެންސްލައިން ފެނުނީ ވަރަށް ރަނގަޅަށް އެކުގައި މަސައްކަތްކޮށް، ލަންކާގެ އެޓޭކަށް އައި ކުޅުންތެރިންނަށް ފުރުސަތު ނުދީ ކުޅެލިތަނެވެ.
Comment