about 1 hour 0
about 1 hour 0
މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސީރިއަސް އަނިޔާއެއްވި ސްރީ ލަންކާގެ ގޯލްކީޕަރު، ޝާތިން ޝަހީދުގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އެ ޓީމުން ބުނެފި އެވެ.
ރާއްޖޭން ފުރަތަމަ ހާފުގައި 2-0 އިން ލީޑުކުރި މި މެޗުން ލަންކާ އިން ވަނީ ދެ ވަނަ ހާފުގައި ތިން ލަނޑު ޖަހައިގެން 3-2 އިން މޮޅުވެފަ އެވެ.
ލަންކާގެ ކީޕަރު، ޝާތިން އާއި ރާއްޖޭގެ ހަސަން ގައިސް މުހައްމަދު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، ޝާތިން ބޮލަށް ލިބުނު އަނިޔާއަކާ ހެދި ބަދަލުކުރަން ޖެހުނެވެ. އޭނާ ދަނޑުން ބޭލީ އަށިގަނޑުގަ އެވެ. ޝާތިން އަށް ފަރުވާ ދޭން ދަނޑުމަތީގައި ގިނަ ވަގުތުތަކަކަށް ގަޑި ހުއްޓާލަން ޖެހުނެވެ.
ލަންކާގެ ޓީމު ޑޮކްޓަރު، ޑރ. ސިތުމްއާ ހަވާލާދީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އާންމުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވަނީ، ޝާތިންގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން އިމަޖެންސީކޮށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާދޭން ފެށުނު ކަމަށެވެ. އަދި، އެކަށީގެންވާ ވަގުތުގެ ތެރޭގައި، ނިއުރޮލޮޖިސްޓަކަށް ދައްކައި، ޓެސްޓްތައް ހަދާފައިވާ ކަމަށެވެ.
ލަންކާ އިން ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ދެ ވަނަ މެޗުގައި މިއަދު ހަވީރު ނޭޕާލާ ދެކޮޅަށް ކުޅޭ މެޗުގައި ޝާތިން ނުކުޅޭނެ އެވެ. އަދި، އޭނާ އެނބުރި ދަނޑަށް ނެރުމުގައި، ބޮލަށް ލިބޭ އަނިޔާތަކުގައި ބަލަން ޖެހޭ ކޮންކަޝަން ޕްރޮޓޮކޯލްގެ ތެރެެއިން ކަންކަން ކުރަމުން އަންނަ ކަމަށް ޑރ. ސިތުމްއާ ހަވާލާދީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވެ އެވެ.
"ނުރައްކާތެރި ކަމެއް ނެތް، އޭނަ (ޝާތިން)ގެ ހާލަތު އަންނަނީ ރަނގަޅުވަމުން،" ލަންކާ ފެޑެރޭޝަނުން ބުނެފައިވެ އެވެ.
ޝާތިންގެ އެންމެ ފަހުގެ ޓެސްޓްތައް ހަދާފައިވަނީ، އިއްޔެ އެވެ. އަދި، އެ ޓެސްޓްތަކުން ހުރިހާ ކަމެއް ނޯމަލް ކަމަށް ލަންކާ ފެޑެރޭޝަނުގެ މީޑިއާ ބަޔާނުގައި ބުނެފައިވެ އެވެ.
Comment