about 1 hour 0
ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން: ދެ ވަަނަ މެޗުގައި މިރޭ ބޫޓާނާ ދެކޮޅަށް ބަދަލުތަކެއް ފެންނާނެ ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
about 1 hour 0
މިހާރު މާލޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި، ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި މިރޭ ބޫޓާނާ ދެކޮޅަށް ޓީމުން ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ.
ގްރޫޕް އޭގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުން ސްރީ ލަންކާ އަތުން 3-2 އިން ވަނީ ބަލިވެފަ އެވެ. އެ މެޗުގެ ފުރަަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއްގައި އޮތް ރާއްޖެ އަށް މެޗު ގެއްލުނީ ލަންކާ އިން ދެ ވަނަ ހާފުގައި ތިން ގޯލު ޖެހުމުންނެވެ.
ރާއްޖެ އަށް މުބާާރާތުގެ ގްރޫޕް ސްޓޭޖުގައި ދެން އޮތީ މިރޭ ބޫޓާނާ ކުޅޭ މެޗާއި ހުުކުރު ދުވަހު ހަވީރު ނޭޕާލާ ކުޅޭ މެޗެވެ.
ލަންކާ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، އުރްބާނީ ބުނީ އެ މެޗުތަކަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އޭގެ މައިގަނޑ ސަބަބަކީ، އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމާއި ހާލަތަށް ބަލައި ގެންނަ ބަދަލުތަކެއް ކަން އުރްބާނީ ފާހަގަކުރި އެވެ. އަދި، ނަތީޖާ ނެރުމަށްޓަކައި ކުޅުމުގެ ވަައްޓަފާޅި ނޫނީ ސްޓައިލަށް ބަދަލު ގެންނަން ވެސް ޖެހިދާނެ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
"މީގެ މާނަ އަކީ ފުރަތަމަ މެޗުގައި ކުޅުނު ކުޅުންތެރިންނަށް ފުރުސަތު ނިމުނީއެކޭ ނޫން. އަހަރެމެން އެބަޖެހޭ މި ކުޅުންތެރިންނަށް ވީހާވެސް ކުޅުމުގެ ފުރުސަތު ދޭން. އެ ފުރުސަތު ނުދީ ބޭނުން މިވާ މިސްރާބަށް މުޅި ޓީމު ނުގެންދެވޭނެ. ބަދަލު ގެންނައިރު މެޗުން މޮޅުވުމަށްޓަކައި ކުރަން ޖެހޭ ކަންކަަމަށް ވެސް އަހައްމިއްޔަތުކަން ދޭނަން،" އުރްބާނީ ބުންޏެވެ.
މި މުބާރާތުގައި ރާއްޖޭގެ ސަޕޯޓަރުން ޒުވާން ގައުމީ ޓީމަށް ހިތްވަރު ދިނުން ހުއްޓައިނުލުމަށް އެދި އުރްބާނީ ވަނީ މެސެޖެއް ދީފަ އެެވެ.
"ސަޕޯޓަރުންނަށް ދޭ އެންމެ މުހިންމު މެސެޖަކީ، ސަޕޯޓަރުން ޖެހޭނެއޭ މި ޒުވާން ކުދިންނަށް ހިތްވަރު ދޭން. މި ކުދިންގެ ކިބައިން ކުއްލިއަކަށް ބޮޑު ކަމެއް ހާސިލްކުރަން ޕްރެޝަރު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މިއީ، ޕްރޮސަސް އެއް. ވަގުތު ނަގާނެ ކަމެއް. މި މެޗުގެ ފަހު ހައެއް ނޫނީ ފަސް މިނިޓް ތެރޭގައި އެ ފެނުނީ، އެ ކުދިން ކުރާނެ ހިތްވަރު. އެ އަށް އަހަރެމެން އެހީވެދޭންވީ،" އުރްބާނީ ބުންޏެވެ.
ބޫޓާނުން ފުރަތަމަ މެޗުގައި 2-1 އިން ވަނީ ނޭޕާލް އަތުން ބަލިވެފަ އެވެ. މި ގްރޫޕްގައި މިއަދު ފުރަތަމަ މެޗުގައި، މިއަދު ހަވީރު ނޭޕާލާއި ލަންކާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވާނެ އެވެ. އަދި، ރާއްޖެ އާއި ބޫޓާން ކުޅޭ މެޗުން ބަލިވާ ޓީމެއް މުބާރާތުން ކެޓުމުގެ ފުރުސަތު ބޮޑެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment