އިރާނުގެ ކަރަންޓު ވިއުގައަށް ހަމަލާދިނުމުގެ އިންޒާރު ފަސްކުރީ އިރާނުގެ އޮފިޝަލުންނާއެކު ކުރެވުނު މަޝްވަރާތަކަކަށް ފަހު ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑު ޓްރަމްޕު ވިދާޅުވުމާ ގުޅިގެން، އެފަދަ އެއްވެސް މަޝްވަރާއެއް ހިނގާފައި ނުވާ ކަމަށް ބުނެ އިރާނުން އެކަން ދޮގުކޮށްފި އެވެ.
ޔޫރަޕްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި ސީދާ މަޝްވަރާތަކެއް ހިނގާފައި ނުވި ނަމަވެސް، މިސްރާއި، ޕާކިސްތާނާއި އަދި ގަލްފުގެ ގައުމުތަކުން ދަނީ މެސެޖުތައް ބަދަލުކުރަމުންނެވެ.
ރޮއިޓާސްއަށް މައުލޫމާތު ދިން ޕާކިސްތާނުގެ އޮފިޝަލަކާއި އެހެން މަސްދަރަކާ ހަވާލާދީ އެ ނޫހުން ރިޕޯޓުކުރި ގޮތުގައި، ހަނގުރާމަ ހުއްޓާލުމާ ބެހޭ ސީދާ މަޝްވަރާތަކެއް މި ހަފުތާގެ ކުރީކޮޅު އިސްލާމްއާބާދުގައި ބޭއްވުމުގެ ފުރުސަތު އެބައޮތެވެ.
ޓްރަމްޕްގެ "ޓުރުތު ސޯޝަލް" ޕްލެޓްފޯމުގައި ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް "ފުރިހަމަ އަދި ޖުމްލަ ހައްލެއް" ހޯދުމަށް އެމެރިކާ އާއި އިރާނުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އިރާނުގެ ހަކަތައިގެ ނިޒާމަށް ހަމަލާދިނުމަށް ރާވާފައިވާ ރޭވުން ފަސް ދުވަހަށް ފަސްކުރައްވާފައިވާ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވުމާއެކު ހިއްސާގެ ބާޒާރު މައްޗަށް ގޮސް، ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށް ވުރެ ދަށަށް ވެއްޓުނެވެ.
ޓްރަމްޕު ފަހުން ނޫސްވެރިންނަށް ވިދާޅުވީ، އޭނާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ދަނބިދަރިފުޅު ޖެރެޑް ކުޝްނާ، އިރާނުގެ އިސް އޮފިޝަލަކާ އާދިއްތަ ދުވަހުގެ ރޭގަނޑާ ހަމައަށް މަޝްވަރާ ކުރެއްވި ކަމަށާއި، އެ މަޝްވަރާތައް ހޯމަ ދުވަހު ވެސް ކުރިއަށްދާނެ ކަމަށެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި އިރާނުގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވަނީ އެ ގައުމުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އެވެ.
ނަމަވެސް ގާލިބާފް 'އެކްސް' ގައި ވިދާޅުވީ އެމެރިކާ އާއެކު އެފަދަ އެއްވެސް މަޝްވަރާއެއް ހިނގާފައި ނުވާ ކަމަށާއި، އެއީ މާލީ ބާޒާރުތަކަށް ނުފޫޒު ފޯރުވުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.
"އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ބާއްވާފައެއް ނުވޭ. ފޭކް ނިއުސް ބޭނުންކުރަނީ މާލީ އަދި ތެލުގެ ބާޒާރު ކޮންޓްރޯލް ކުރުމަށާއި، އެމެރިކާ އާއި އިޒްރޭލު ތާށިވެފައިވާ ވަޅުގަނޑުން ސަލާމަތްވުމަށް،" އޭނާ ލިޔުއްވާފައިވެ އެވެ.
އޭގެ އިތުރުން، އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނީ އެމެރިކާގެ އަމާޒުތަކަށް އާ ހަމަލާތަކެއް ދެމުންދާ ކަމަށާއި، ޓްރަމްޕުގެ ވާހަކަތަކަކީ އެއްވެސް އަސަރެއް ނެތް "ނަފްސާނީ އޮޕަރޭޝަނެއް" ކަމަށެވެ.
އައިއާރުޖީސީއިން ހޯމަ ދުވަހުގެ ރޭ ވަނީ އިޒްރޭލުގެ ތެލްއަވީވާއި ޑިމޯނާގެ އިތުރުން އެމެރިކާގެ ބައެއް އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ހޯމަ ދުވަހު ޓްރަމްޕާ ވާހަކަ ދެއްކެވި ކަމަށާއި، ލުބުނާނާއި އިރާނަށް ދެމުންދާ ހަމަލާތައް އިޒްރޭލުން ކުރިއަށް ގެންދާނެ ކަމަށެވެ.
ނަމަވެސް، އިޒްރޭލުގެ މުހިންމު މަސްލަހަތުތައް ހިމާޔަތްކުރެވޭ ފަދަ އެއްބަސްވުމަކަށް ދިއުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕު ގަބޫލުކުރައްވާ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި އިރާނުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯރުމޫޒު ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އެ ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕު އެދުނު ނަމަވެސް، އިރާނުން ބުނަނީ އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތައް ހުއްޓާނުލަނީސް އެ ތަން ނުހުޅުވާނެ ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ފެށި މި ހަނގުރާމައިގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment