about 2 hours 0
ލީވާން އަލީ ނާސިރު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ޑޮލަރު އަގުބޮޑުވުމުން އަދިވެސް އޭނާ ކުށްވެރިކުރަމުންދަނީ ކުރީ ސަރުކާރު -- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ޑޮލަރުގެ އަގު ތިރިކުރާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު ސައީދު ދެއްވިތާ ދެ އަހަރު ފަހުން ވެސް، ޑޮލަރު އަގު އުފުލިފައި ހުރީ ކުރީ ސަރުކާރާ ހެދި ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ޑޮލަރުގެ މައްސަލައަކީ ކުރީ ސަރުކާރުން މި ސަރުކާރަށް ވާރުތަވި މައްސަލައެއް ކަމަށާއި ހުރިހާ ގޯހެއް ހެދީ ކުރީ ސަރުކާރުން ކަމަށެވެ.
"ޑޮލަރުގެ އަގުގެ ވާހަކަ އަބަދުވެސް ދައްކާ ވާހަކައެއް ތިއީ ދެއްތޯ. އެހެން ނަމަވެސް ވަރަށް ފަރުވާތެރިކަމާ އެކު ރާއްޖޭގެ އިގްތިސޯދު މެނޭޖު ކުރަމުން މި ސަރުކާރުން ގެންދަނީ. އަޅުގަނޑުމެންނަށް ވާރުތަވި ބޮޑެތި މައްސަލަތައް،" ސައީދު ވިދާޅުވި އެވެ.
"ދެން މިހެން ދެންނެވީމަ އަޅުގަނޑުމެންނަށް ފާޑުވިދާޅުވާ ބައެއް ބޭފުޅުން ވިދާޅުވޭ އަބަދު ކުރީ ސަރުކާރޭ ތިކިޔަނީ. އެހެން ނުކިޔާވޭތޯ ވަރަށް މަސައްކަތް ކުރަން. ތި މައްސަލަ ފެށެނީ އެ ހިސާބުންނޭ. ކުރީ ސަރުކާރުން ފެށެނީ. އެ ގޯސް ހަދަން ފަށާފައި އޮތީ ކުރީ ސަރުކާރުން ކަމަށްވީމަ ކިހިނެއްތޯ ކުރީ ސަރުކާރޭ ނުބުނެ ތި ވާހަކަ ފައްޓާނީ."
ސައީދު މިހާރު މިހެން ވިދާޅުވަމުން ގެންދެވި ނަމަވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު، ލ. މާވަށުގައި ބޭއްވި ޖަލްސާއެއްގައި ސައީދު ވިދާޅުވީ ޑޮލަރުގެ އަގު 15 ރުފިޔާ 42 ލާރިއަށް ވުރެ ވެސް ބޮޑަށް ތިރި ކުރާނެ ކަމަށެވެ.
"ހަމައެކަނި އަޅުގަނޑުމެންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވިޔަސް ދިވެހި ރުފިޔާ ޑޮލަރުގެ ކުރިމަތީގައި 30-40 ޕަސެންޓް ވަރުގަދަވެގެންދާނެ. ކޮބައިތޯ ނަތީޖާއަކަށް ވާނެ ކަމަކީ. 15.42 އަކަށްވުރެ ވެސް ޑޮލަރު ރޭޓް ދަށަށް ދިޔުމެއް ނޫންތޯ މުސްތަގުބަލުގައި،" ސައީދު އެއިރު ވިދާޅުވެފައިވެ އެވެ.
ކުރީ ސަރުކާރުން ފައިސާ ޗާޕުކޮށް ރައްޔިތުންގެ މަޖިލީހުގެ ދެ ބައި-އިލެކްޝަން ކާމިޔާބުކުރުމަށް ބެޖެޓު ފޮތުގައި ނުޖަހާ ގިނަ ހަރަދުތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ފައިސާ ޗާޕުކުރުމުގެ ސަބަބުން ޑޮލަރުގެ މައްސަލަ ބޮޑުވި ކަމަށެވެ.
ޑޮލަރުގެ އަގު ތިރިކުރަން ކުރާ މަސައްކަތުގެ އެއްވެސް ނަތީޖާއެއް މިހާރު ނުފެނުނަސް މުސްތަގުބަލާ ގުޅުވާ ސައީދުގެ ވާހަކަ ދެއްކެވީ ވަރަށް އުއްމީދީ ކޮށެވެ.
އެ ގޮތުން ސައީދު ވަނީ ޑޮލަރުގެ މައްސަލަ ހައްލުކުރަން ކުރިން އެއްވެސް ސަރުކާރެއްގައި ކުރަން ނުކެރުނު ކަންކަން މި ސަރުކާރުން ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި، އޭގެ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ފެންނަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑޮލަރުގެ ކަޅު ބާޒާރުގައި ރެކޯޑު އަގަކަށް ޑޮލަރުގެ އަގު އުފުލިފައި ހުންނަތާ އެތައް މަސްތަކެއް ވޭތުވެފައިވާއިރު، އަގު އުފުލުނު ފަހުން އެއަށް ވުރެ ދަށަށް ނުދާ ކަން ފާހަގަކުރެވެ އެވެ. މިއަދުގެ ރޭޓުތައް ބެލިއިރު ވެސް ޑޮލަރެއް ގަންނަން ލިބެނީ 20.10ރ. އަށެވެ.
އިރާނު ހަނގުރާމައާ ގުޅިގެން ޓޫރިޒަމް ސިނާއަތަށް އަައިސްފައިވާ ހީނަރުކަމާއި، ހަކަތައިގެ އަގުތައް އުފުލު ދުނިޔޭގެ އިގުތިސޯދު އޮތް ނާޒުކު ހާލަތާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް ޑޮލަރުގެ އަގު ދާނީ މަތިވަމުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އަގުގެ މައްސަލައިގައި ފަހުން ލިބުނު މައުލޫމާތުގައި، ޑޮލަރުގެ އަގު ތިރި ކުރުމުގެ ވިސްނުން ސަރުކާރުން ނުވެސް ގެންގުޅޭ ކަމަށް ވަނީ އެނގިފަ އެވެ. ސަރުކާރުގެ ވިސްނުން ހުރީ ޑޮލަރުގެ އަގު ފްލޯޓު ކުރާށެވެ.
ޑޮލަރުގެ އަގު ފްލޯޓުކޮށްފި ނަމަ ކަޅު ބާޒާރުގައި ހުރި އަގަކީ ޑޮލަރުގެ އަގު ކަމުގައި ދާއިމީ ވުމުގެ ފުރުސަތު ބޮޑެވެ. ބައެއް ތަޖުރިބާކާރުން ބުނަނީ މިއީ ރަނގަޅެއް ކަމަށެވެ. ސަބަބަކީ ކަޅު ބާޒާރުގައި ހުންނަ ރޭޓަކީ އަސްލު މާކެޓު ރޭޓު ކަމަށް ވާތީ އެވެ. އަދި، މިގޮތަށް ހެދުމުން ޑޮލަރުގެ އަސްލު އަގު ހާމަވެ، އިގްތިސާދުގެ ހަގީގީ ބުންވަރު ވެސް އެނގިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
Comment